“ބެނެފިޓްސް އޮވް ގޯވާ ލީވްސް ފޯރ ހެއަރ” ޖަހާފައި އިންޓަނެޓް ސާޗްކޮށްލަބަލާށެވެ. ހައިރާންވާހާ ގިނަ އާޓިކަލްތައް ފެންމަތިވާނެ އެވެ. އިސްތަށި ފޭބުން ކޮންޓްރޯލުކުރުމަށް އެވަރެއް ނެތް ވާހަކައެވެ. އިސްތަށިގަނޑު ވަރުގަދަކޮށްދޭ ވާހަކައެވެ. އިސްތަށިގަނޑު ދިގުކޮށްދޭ ވާހަކައެވެ.

ސުވާލަކީ ފޭރު ފަތުން އިސްތަށިގަނޑަށް ލިއްބައިދެނީ ކޮން ފައިދާތަކެއް ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟

ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ މައިގަނޑު އެއް ސަބަބަކީ ބޮލުގެ ހަންގަނޑުގެ ޞިއްޙަތު ރަނގަޅު ނުވުމެވެ. ފޭރު ފަތުގައި އެނަލްޖީޒިކް، އެންޓި-އިންފްލެމޭޓަރީ، އެންޓިމައިކްރޯބިއަލް އަދި އަދި އެންޓިއޮކްސިޑެންޓްގެ ޚާއްޞަ ސިފަތައް އެކުލެވިގެންވެއެވެ. މިއީ ބޮލުގެ ހަންގަނޑުގެ ޞިއްޙަތަށް މުހިންމު މާއްދާ ތަކެކެވެ. އެހެންކަމުން ފޭރުފަތަކީ ބޮލުގެ ހަންފޮޅުމަށް ފަރުވާ ލިއްބައިދޭ އެއްޗެކެވެ. ކުރިން ފާހަގަކުރި މާއްދާތަކުގެ އިތުރަށް، ފޭރު ފަތުގައި ވިޓަމިން-ބީ އާއި ވިޓަމިން-ސީ އެކުލެވިގެން ވުމުން، އިސްތަށީގެ ‘ފޮލިކްލްސް’ ތަކަށް ކާނާ ލިއްބައިދެއެވެ. މި ބައިތައް ލިބުމުން އިސްތަށިގަނޑު އަވަހަށް ދިގުކޮށްދެއެވެ.

މި ލިޔުމުގައި، އިސްތަށިގަނޑަށް ފަރުވާ ދިނުމަށް ފޭރު ފަތް ބޭނުންކުރާނެ ގޮތް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ބަޔާންކޮށްލެވޭތޯ އަހަރުމެން ބަލާނަމެވެ.

އިސްތަށި ފެޅުވުމާއި އިސްތަށިގަނޑު ދިގުކުރުމަށް ފޭރުފަތް ބޭނުންކުރުން

ބޮލުގެ އިސްތަށިގަނޑަށް ފޭރު ފަތް ބޭނުންކުރުމުން، އިސްތަށިގަނޑު މަޑުކޮށްދީ އޮފުކަމެއް ގެނެސްދެއެވެ. އިސްތަށިގަނޑު ބޯކޮށްދެއެވެ. ހަކީމީ ބައެއް ޝޭމްޕޫތަކުގައި ފޭތުފަތުގެ ތާސީރު ހިމަނާފައިވަނީ މިހެންވެގެންނެވެ.

ފޭރު ފަތުގެ ‘ހެއަރ ކެއަރ ސޮލިއުޝަން’ އެއް ތައްޔާރުކުރާނެ ގޮތް

މިއީ އިސްތަށި ފޭބުން ހުއްޓުވުމާއި އިސްތަށިގަނޑު ވަރުގަދަކޮށްދީ، އިސްތަށިގަނޑު ބޯކޮށްދިނުމަށް ހެދިދާނެ ‘ސޮލިއުޝަން’ އެކެވެ.

ބޭނުންވާނެ ތަކެތި:

މުށެއް ހައި ފޭރު ފަތް
އެއް ލީޓަރު ފެން
ކައްކާާނެ ތެއްޔެއް
ފުރޭންޏެއް

ތައްޔާރުކުރާނެ ގޮތް:

ތެއްޔަށް ފެންއަޅައި ކައްކާށެވެ. ފެން އެތި ތަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ފޭރު ފަތް އަޅައި ރަނގަޅަށް ކައްކާށެވެ. 20 ވަރަކަށް މިނެޓް ވާންދެން ކައްކަން ވާނެއެވެ.

ފެން އެތި ކެކުމުން، ކުޑަކޮށް ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވުމުން ފުރޭނިން ފުރާނާލާށެވެ.

ބޭނުންކުރާނެ ގޮތް:

ޝޭމްޕޫ ލައިގެން ރަނގަޅަށް ބޯ ދޮވެލައި ހިއްކާށެވެ. ކޮންޑިޝަނަރ އެއް ބޭނުންކުރާނެ ކަމެއް ނެތެވެ. އިސްތަށިގަނޑު އެއްކޮށް ހިކުމުން، ބައިބަޔަށް އިސްތަށިގަނޑު ބަހާލައި ފޭޭރު ފަތުން ކެއްކި ފެނުން މަސާޖުކުރާށެވެ. ބޮލުގެ ހަންގަނޑުގައި ރަނގަޅަށް ފެން ޖައްސައި މަސާޖުކުރަން ވާނެއެވެ. މިގޮތަށް 10 ވަރަކަށް މިނެޓް ވާންދެން މަސާޖުކޮށްލާށެވެ.

މިގޮތަށް މަސާޖުކުރާއިރު، އިސްތަށިތަކުގެ ބުޑުގައި ފެން ޖައްސަން ހަނދާންކުރަންވާނެއެވެ. މަސާޖުކުރުމަށްފަހު 02 ގަޑިއިރު ވާންދެން ބަހައްޓަން ވާނެއެވެ. އެއަށްފަހު ތާފަނާ ފެންފޮދަކުން އިސްތަށިގަނޑު ދޮވެލާށެވެ.

މަސާޖުކުރާނީ ކިހައި ވަރަކަށް؟

އިސްތަށި ފޭބުމުންގެ މައްސަލަ ކުރިމަތިވެފައި ވާނަމަ ހަފުތާއަކު ތިން ފަހަރު މިގޮތަށް މަސާޖުކުރަން ވާނެއެވެ. އިސްތަށި ފެޅުވުމާއި އިސްތަށިގަނޑު ދިގުކޮށް އޮފުކަން ބެހެއްޓުމަށް ބޭނުން ނަމަ، ހަފުތާ އަކު ދެ ފަހަރު ބޭނުންކުރިޔަސް ރަނގަޅުވާނެއެވެ.

ސަމާލުކަމަށް:

އިސްތަށިގަނޑުގައި މި ފެނުން މަސާޖުކުރަން ވާނީ ފެން ފޮދު ރަނގަޅަށް ހިހޫކޮށްލުމަށް ފަހު އެވެ.

މަސާޖުކޮށް ނިމިގެން، ބޯ ދޮވުމަށް ހޫނު ފެން ބޭނުން ނުކުރާށެވެ. ހޫނުފެން ބޭނުންކުރުމުން ބޮލުގެ ހަންގަނޑާއި އިސްތަށި ހިކި ކުރަކިވާނެއެވެ.

މަސްދަރު:
https://www.stylecraze.com/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.