ފިހާރައަށްވަދެ ނެޕީ ބޮޑި ގަނެގެން ނިކުމެވެސް ޒާޔާ އެތައް އިރެއް ވާންދެން ފިހާރަ ދޮރު މަތީގައި މަޑުކޮށްލިއެވެ. ކީއްވެ ކަމެއް ޚުދު ޒާޔާ އަކަށްވެސް ނޭނގެއެވެ. ދެލޯ ހޯދަން އެދޭ މީހާ ނުފެނުމުން ޒާޔާ މިސްރާބުޖެހީ ގެޔާއި ދިމާލަށެވެ.

“ހާދަ ލަސްވީ.” ރާއިދު ހުރީ ދޮރުމަތީގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލައެވެ. ޒާޔާ ލަސްވެގެންނެވެ.

“ފިހާރަ ތެރޭގައި ތަންކޮޅެއް މީހުން ގިނައީ. ކޮބާ ޒިޔަލް.” ޒާޔާ ނެޕީ ކޮތަޅު ރާއިދުއަށް ދިއްކޮށްލިއެވެ.

“މަންމައާއެކު ނިދައިފި. ހިނގާ ރޫމް ތެރެ ހަމައަކަށް އަޅުވާލަން ދަމާ.” ރާއިދު ޒާޔާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.

ކޮޓަރި ތެރެ ހަމައަކަށް އަޅުވާލެވުނު އިރު ހަވީރުވެއްޖެއެވެ. ޒާޔާ އާއި ރާއިދު ތިބީ މުޅިން ވަރުބަލިވެ މާނޭވާ ލެވިފައެވެ.

“ދަރިފުޅުމެން ނުވެސް ކަނީތަ؟” ފާއިޒާ ޒިޔަލް އުރާލައިގެން އައިސް ކޮޓަރިއަށްވަނެވެ. ފަހަތުން ޒާޔާގެ ދޮންބެ ޔަމަންވެސް އައިސް ވަނެވެ.

“ދެން ދާންވީ ކާން. ޒިޔަލް ކެއިތަ؟” ޒާޔާ ޒިޔަލް އުރާލަން އަތް ދިއްކޮށްލިއެވެ.

“މާމަ ކުއްޖެއް.” ޒިޔަލް ބޮޑާ ހާކާލީ ޒާޔާ ކައިރިއަށް ނުދާންވެގެންނެވެ. އެމަންޒަރު ބަލަން ރާއިދު ހުރީ ހިނިއައިސްފައެވެ.

“ހީވޭ ކަމެއްހެން. މިހާ އަވަހަށް މާމަ ކުއްޖަކަށްވީ. މާމަ އާއެކީ ކައިވެސްފީމޭ ދޯ ދޫނީ.” ފާއިޒާގެ މެޔާއިލައި ޒިޔަލް ބޮޑިކޮށްލިއެވެ.

“ރާއިދު. މިކޮޅުގަ ކުރާނެ މާގިނަ މަސައްކަތްތަކެއް ނުހުންނާނެ. ކައިރީގައި މިއޮތް ރިސޯޓަށް ދާންވީނު ވަޒީފާއަށް.” ޔަމަން ލަފާދިނެވެ.

“ރާއިދު ދާނީ މަހަށް ދޯ. އޭނަ ނިކަން ކުރާހިތްވާ ކަމެއް އެއީ. ދޮންބެމެން ދޯނިން މަހަށް ދާންވީނު.” ޒާޔާ އޭނާގެ ޚިޔާލު ފާޅު ކުރިއެވެ. ޒާޔާ ގެ ޚިޔާލަށް ރާއިދުވެސް ތާއީދު ކުރިއެވެ.

“މައްސަލައެއްނެތް. މިރޭ ނުވައެއް ޖަހާއިރު ފުރަން ރެޑީވޭ.” ޔަމަން ހިނިތުންވެލިއެވެ.

“މިރެޔޭ.” ޒާޔާ ދެބުމަ ގޮށް ޖަހާލިއެވެ.

“އާން. މިރޭ. ކޮންމެ ދުވަހަކު ރަށަކަށްވެސް ނާދެވޭނެ.” ޔަމަން ހީނގަތެވެ.

“ތެދެއް މަންމާ؟” ޒާޔާ ހުރީ ހާސްވެފައެވެ. އަމިއްލަ ރަށް ކަމުގައިވިޔަސް ރާއިދު އާއި ނުލައި އުޅެން ޒާޔާއަށް ވަރަށް އުނދަގުލެވެ.

“އެއީ ތެދެއް ދަރިފުޅާ. ދެން މަންމަމެންވެސް މިތިބީނު. ދުވަސްކޮޅަކުން ހޭނިދާނެ.” ފާއިޒާ ޒާޔާއަށް ވިސްނާދިނެވެ.

ހަވީރުގެ ފިނިފިނި ރޯޅިން މުޅި މާހައުލުވަނީ ގަނޑުކޮށްލާފައެވެ. އިރުގެ ހޫނުކަމެއްނެތެވެ. އުޑުމަތިވެސް އޮތީ ބަނަކޮށެކެވެ. ޒާޔާ އާއި ރާއިދު ޒިޔަލް ގޮވައިގެން ނިކުތީ ރަށުތެރެ ބަލައިލުމަށެވެ. ފެންނަ ކޮންމެ މީހަކަށް ޒާޔާ ހިނިތުންވެލި ނަމަވެސް ބައެއް މީހުންގެ ނަފްރަތުގެ ލޯތައް ޒާޔާއަށް ވަނީ އަމާޒުވެފައެވެ. ޒާޔާއަށް ނޭނގެނީ ސަބަބެވެ. އެންމެ ކުޑައިރުއްސުރެ ޒާޔާގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ފަންސަވީސް އަހަރުވިއިރުވެސް ޖަވާބެއް ނުލިބުނެވެ.

“ރާއިދު. ހީވަނީ ވިއްސާރަ އޮއްސާލަންހެން އެއުޅެނީ. ހިނގާ ގެޔަށް ދަމާ.” ޒާޔާ އުޑުމައްޗަށް ބަލައިލިއެވެ. ރާއިދު ޒިޔަލް އުރާލަމުން ބޯޖަހާލިއެވެ. ގެޔާއި ހަމައަށް ނުދެވެއެވެ. ވިއްސާރަ އޮއްސާލައިފިއެވެ.

“ރާއިދު ދޭބަލަ ދުވެފައި ޒިޔަލް ގޮވައިގެން. ވަރަށް ކައިރިއެއްނު. މިތާގަ ނެތް ނިވައި ވެލަން ވަންނާނެ ތަނެއްވެސް.” ޒާޔާ އޭނާގެ ހިނގުން ބާރުކޮށްލިއެވެ،

ރާއިދު ދުވެފައި ގޮސް ޖެހިގެން އޮތް ގޯޅި އަޅައިލިއެވެ.

ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ބާރު ގުގުރިއެއް ޖަހާލިއެވެ. ޒާޔާ ބިރުން ގޮސް އެތަނުގައި ހުރި ގެއެއްގެ ދޮރާށި ތެރެއަށް ވަނެވެ. ގުގުރަންޏާ ޒާޔާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

“މަންޖެ ހާދަ ދުވަހެއްކޮށްލާފަ ރަށަށް ތިއައީ.” މުސްކުޅި ފުރައިގެ މީހެއްގެ އަޑު ޖެހުމާއެކު ޒާޔާ ދިޔައީ ސިއްސައިގެންނެވެ. ރަށުގެ މަޝްހޫރު ބޮޑު ވިޔަފާރިވެރިޔާ ސުހާނެވެ. ބަލަހައްޓައިގެން ހުރިގޮތުންވެސް އޭނާގެ ހިތް ނިޔަތް ރަނގަޅު ނޫންކަން ޒާޔާ ދެނެގަތެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ގެޔާއި ދިމާއަށް ޒާޔާ ދުއްވައިގަތީ ވެހެމުންދިޔަ ބޯ ވާރެއަށްވެސް ބެލުމެއްނެތިއެވެ. ތެމިފޯވެގެން ގެޔަށް ދެވުނު އިރު ޒާޔާ ހުރީ މާނޭވާ ލެވިފައެވެ.

“ޒާޔާ. ދޭބަލަ އެއްޗެހި ބަދަލުކުރަން. އެހެން ނޫނީ ބަލިވެދާނެ.” ރާއިދު ހުރީ ޒިޔަލް އުރާލައިގެން ކޮޓަރި ދޮރުމަތީގައެވެ. ރާއިދު އަބަދުވެސް ޒާޔާ އާ ދޭތެރޭ ވަރަށް ވިސްނައެވެ. ޒާޔާ އާއި ޒިޔަލް އަކީ ރާއިދުގެ މުޅި ދިރިއުޅުމެވެ.

ހަވީރު ވެހެން ފެށި ވާރޭ ހުއްޓާނުލައެވެ. ހީކަރުވައިގެން ގޮސް ޒާޔާ ތުރުތުރު އަޅަމުންދެއެވެ. ފެންވަރައިގެން ނިކުތް ގޮތަށް ޒާޔާ މަޑުކޮށްލައިގެން ހުރީ ލޯގަނޑު ކުރިމަތީގައެވެ. އެއީ ޒާޔާގެ އާދައެވެ. އަމިއްލަ ސިފައަށް ބެލުމެވެ. ޤުދުރަތުން ދެއްވާފައިވާ ރީތި ސިފައަށް ފަޚުރުވެރިވުމެވެ.

“ރީއްޗޭ.” ދޮރު ހުޅުވާލާފައި ވަތް ރާއިދު އައި ގޮތަށް އައިސް ޒާޔާގެ ފުރަގަހުން ބައްދާލިއެވެ.

ފިނިވެގެން ގޮސް ތުރުތުރު އަޅަމުންދާ ޒާޔާ ރާއިދުގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސްވުމާއެކު ރާއިދުގެ މޭތެރެއަށް ބޮޑިވެގަތެވެ.

“ދަނީތަ؟ މިޔޮށް ވިއްސާރަ ރޭ ވެސް.” ޒާޔާ ރާއިދުގެ މޭމަތީގައި ތުންފަތް ޖައްސާ ބާރުކޮށްލިއެވެ.

ވިއްސާރަޔަސް ކަނޑުގަދައެއް ނޫނޭ. ޔަމަން ބުނީ ފުރާނެޔޯ. އެންމެ ވިހި މިނެޓް އިނީ. އެހެންވެ ބޭގް ޕެކް ކޮށްލަން މިއައީވެސް.” ޒާޔާގެ ލޯބިވެތި ފިރުމުންތަކުން ރާއިދުގެ ހިތްފުރިގެން ބަންޑުންވާން އުޅޭ ކަހަލައެވެ.

“ނަގާ ދީބަލަ ބޭގް.” ރާއިދު ޒާޔާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ނަމަވެސް ޒާޔާ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ސީދާ ރާއިދުގެ ލޮލަށް ބަލަހައްޓައިގެންނެވެ.

“ފާހާނާގަ ގެދޮރު އަޅަން ނޯވެ އަވަސް ކޮށްލި ނަމައެއްނު.” ރާއިދުއަށް ޒާޔާގެ ދެލޮލުން ފެންނަމުންދާ މަސްތީ އަސަރު ފާހަގަވިއެވެ. ޚުދު ރާއިދުވެސް ޒާޔާއަށް ބޭނުންވެއެވެ. އަދިވަކިން މިކަހަލަ ފިނިފިނި ރެއަކުއެވެ.

“ކޮބާ ރެޑީތަ؟” ޔަމަން ދޮރުގައި ޓަކި ޖަހާލުމާއެކު ޒާޔާ ސިހިފައި ދުރަށް ޖެހިލިއެވެ. ރާއިދު ދަބަސް ޕެކް ކޮށްލުމަށްފަހު ނިދާފައި އޮތް ޒިޔަލްގެ ކޮލުގައި ބޮސްދިނެވެ. އަދި ޒާޔާގެކޮލުގައި މަޑުމަޑުން ހިފާލުމަށްފަހު ޔަމަން އާއެކު ގެއިން ނިކުތެވެ.

ޒާޔާ ހުރީ ފެންކަޅިވެފައެވެ. ރުޅިވެސް އާދެވުނެވެ. ނަމަވެސް ރާއިދު އެދިޔައީ ޒާޔާއަށްޓަކައި ކަން ޒާޔާ ޤަބޫލުކުރެއެވެ.

އާ ދުވަހަކަށް ދުނިޔެއަށް އަލިވިލުނީ ސާފު ރީތިދުވަހެއް ގޮތުގައެވެ. ވިއްސާރައިގެ އެއްވެސް ކުލައެއްނެތެވެ. އުޑުމަތި ސާފެވެ. އިރުގެ އަލިން މުޅިދުނިޔެވަނީ ދިއްލިފައެވެ.

“ފާއިޒާއްތާ. ތެދެއް ޒާޔާ އައިއްސިތަ؟” ހަނޑޫ ދޮލަނގެއް ބޯމައްޗަށް ނަގައިގެން ހުރި ފާއިޒާ އެނބުރި ބަލާލީ ގޭގެ ދޮރާށި ހުޅުވާލި އަޑަށެވެ.

“އާން. އެބައުޅޭ ކޮޓަރީގަ.” ފާއިޒާގެ ދުފައި ރަތް ކޮށްފައިވާ ދަތްކޮޅު ދައްކާލަމުން  ކުރިމަތީގައި ހުރި ހައުލާ އަށް ފާއިޒާ ހީލިއެވެ.

ހައުލާ އަކީ ޒާޔާގެ ތިމާގެ ކުއްޖެކެވެ. ސުކޫލު ދައުރުގެ ގާތް އެކުވެރިއެކެވެ.

ފާއިޒާއަށް ޝުކުރު އަދާކުރަމުން ހައުލާ ދުއްވައިގަތީ ޒާޔާގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ޒިޔަލްގެ އަތުގައި ހިފައިގެން ޒާޔާ ވެސް ކޮޓަރިން ނިކުންނަނީއެވެ.

“ހޮއެ ހޮއޭ. ހާދަ ސަޅިއޭ މިހާރު.” ހައުލާ ޒާޔާގެ ގައިގައި އޮޅުލައިގަތެވެ.

“އޭ. މަ ވެއްޓި ދާނޭ.” ޒިޔަލް އާއި ޒާޔާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

“ވަރަށް ރުޅި. އަންގާވެސް ނުލައެއްނު އައިސްގެން އުޅޭއިރު.” ހައުލާ ތުން ދަމައިގެން ހުރެ ޝަކުވާ ކުރަން ފެށިއެވެ.

“ދެން ރުޅި ނާދެބަލަ ލަވް. ކިހާ ސަޕްރައިޒް ވެއްޖެތަ ފެނުނީމަ.” ޒާޔާ ހައުލާގެ އަތުގައި ހިފާލަމުން ހީނގަތެވެ.

“ރަނގަޅު ގަޑިއެއްގައޭ ތި އައީ. ހިނގާބަލަ އޮފީހަށް. ޒިޔަލް ސުކޫލަށް ވައްދަން ކަމަށް މިކޮޅަށް.” ޒާޔާ ޒިޔަލްގެ އަތުގައި ހިފައިގެން ގޮސް ފާއިޒާ ކައިރީގައި ބެހެއްޓިއެވެ.

“އެއްކޮށްތަ ތި ޗޭންޖްވީ މިކޮޅަށް.” ހައުލާއަށް އުފަލުގެ ކޮޅެއްނެތެވެ.

“މަންމާ. ޒިޔަލް ބަލައްޗޭ. އާދެބަލަ އަންހެނާ. ތިވާހަކަ ދެއްކިދާނެއެއްނު.” ޒާޔާ ހައުލާގެ އަތުގައި ހިފައި ދަމާލިއެވެ.

ވިއްސާރައިގެ އަސަރެއް ނެތަސް ރޭގައި ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައިވަނީ ހިސާބަކަށް ފެންހެދިފައެވެ.

“މި ރަށުގައި ނޫޅޭތަ ބިޓެއްވެސް.” ޒާޔާގެ ރާގުގައި ވަނީ ސަމާސާއެވެ.

“މިރަށު މީހަކާ ނުއިންނާކަށްނު މާދުރުން މީހަކާއި އިނީ. ރަށު މީހަކާއި އިން ނަމަ ގައިމު ރަށުގައި އުޅެވޭނެއެއްނު.” ހައުލާ ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

“ދެން ސާބަސް. އެއީ މަޖަލޭ. މިރަށަކު ނޫޅޭނެ މަށަށް ކަމުދާ މީހެއް.” ވާހަކައިގައި ތިބެގެން އޮފީހާއި ހިސާބަށް ދެވުނުއިރު ވެސް ޒާޔާމެންނަށް ނޭނގެއެވެ.

“ހިނގާބަލަ ވަންނަން.” ހައުލާ ޒާޔާ އާއި ވާހަކަ ދެއްކި ކަމުގައިވިޔަސް ޒާޔާގެ ނަޒަރު ސީދާވެފައި ހުރީ މަގުގެ އަނެއްފަރާތުގައި ސައިކަލްމަތީގައި މަޑުކޮށްލައިގެން އިން ޒުވާނާއަށެވެ. ފުރަގަސްދީގެން އިނަސް، ނަން ނޭނގުނަސް ޒާޔާއަށް އެއީ ކާކުކަން އެނގިއްޖެއެވެ.

ޒާޔާ ބަލަން ހުއްޓާ އޮފީސް ތެރެއިން ނިކުތް އަންހެން ކުއްޖެއް އެޒުވާނާގެ ސައިކަލް ފަހަތަށް އެރިއެވެ. ހަމައެކަނި އެރީކީވެސް ނޫނެވެ. އުނަގަނޑުގައި އަތް އަޅުވާލަމުން ކޮނޑުމަތީގައިވެސް ބޯއަޅާލިއެވެ.

“ޒާޔާ. ނުވަންނަނީތަ؟” ހައުލާގެ އަޑުން ޒާޔާ ސިހުނެވެ. ދެފަރާތަކަށް ބޯ ހޫރާލަމުން ޒާޔާ އޮފީސް ތެރެއަށް ވަންނަން ހިނގައިގަތެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޒާޔާއަކަށް ރަށުގެ އެމާހައުލު ކަމަކު ނުދިޔައެވެ. ރާއިދުވެސް ރަށަށް ނާންނަތާ ހަފްތާއެއްވީ އެވެ. ގުޅެނީ ދުވާލު ހަތަރު ދަމުން އެއްފަހަރުއެވެ. ހައުލާވެސް ވަޒީފާގައި އުޅޭތީ އާދެވެނީ ވަރަށް މަދުންނެވެ.

ފޫހިކަން އިންތިހާއެވެ.

ޒާޔާ ފޯނު ނަގައި ފޭސްބްކް ޕޭޖް ހުޅުވާލިއެވެ. އެޔާއެކު ޒާޔާ އަޖައިބުވެގެން ގޮސް އަނގަ ތަށްމިނަން ހުޅުވުނެވެ. މީ ޙަޤީޤަތް ހެއްޔެވެ؟ އެޒުވާނާގެ ފްރެންޑް ރިކުއެސްޓް އައިސްފައި އިނުމުން ޒާޔާ ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާޔާ އަށް ވެސް އެއީ ކާކުކަން ނޭނގޭއިރު އެޒުވާނާއަކަށްވެސް ޒާޔާއެއް ނޭނގޭނެކަން ޔަޤީނެވެ. ޒާޔާއަށް ކުރެވުނުހާވެސް ކަމަކީ ބަލަހައްޓައިގެން އިނދެވުމެވެ. ހަދާނެގޮތެއް ނޭނގިފައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް