ރޯހިތު ޝެޓީގެ “ސޫރިޔަވަންޝީ”ގައި ޚާއްސަ ފެނިލުމެއްގައި ހަރަކާތްތެރިވުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރް ސިންގއާއި ކެޓްރީނާ ކެއިފް އެކުގައި ލީޑް ރޯލުން ސްކްރީނުން ފެންނަން ތައްޔާރުވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ. ޚަބަރުތައް ބުނާގޮތުން މި ދެތަރިން އެކުގައި ފެންނާނީ ޑައިރެކްޓަރ ޒޯޔާ އަޚްތަރްގެ ކުރިއަށް އޮތް އަދި ނަން ހާމަނުކުރާ ފިލްމަކުންނެވެ.

ބޮލީވުޑްގައި ކޮންމެ އަހަރަކުވެސް އެތައް އާ ސްކްރީން ޖޯޑުތަކެއް ތަޢާރަފުކުރަމުން ދެއެވެ. އޭގެ ތެރެއިން ބައެއް ސްކްރީން ޖޯޑުތަކަކީ ބެލުންތެރިންނާއި ކްރިޓިކުންގެ މެދުގައި ވަރަށް މަޤުބޫލު ޖޯޑުތަކެކެވެ. އެގޮތުން އެންމެ ބަލާލަން ބޭނުންވާ އެއް ޖޯޑަކީ ރަންވީރާއި ކެޓްރީނާގެ ޖޯޑެވެ. އެންމެ ފުރަތަމަ ކަބީރްގެ ފިލްމު “83” އަށް ގެންނަން މަސައްކަތް ކުރީވެސް މި ދެތަރިން ކަމަށްވެއެވެ. ނަމަވެސް ފަހުން އެ ރޯލު ކުޅުނީ ދީޕިކާ ޕަޑުކޯންއެވެ.

ޚަބަރުތައް ބުނާގޮތުން ޒޯޔާ ވަނީ މި ދެ ތަރިންނަށްވެސް ފިލްމުގެ ވާހަކަ ކިޔައިދީފައެވެ. ދެ ތަރިންނަށް މި ފިލްމުގެ ވާހަކަ ވަރަށް ކަމުގޮސްގެން ފިލްމަށް އެއްބަސްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމަކީ “ދިލް ދަޅަކްނޭ ދޯ” އާއި “ގަލީ ބޯއީ” އަށްފަހު ޒޯޔާއާއެކު ރަންވީރް މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. އަދި މިއީ “ޒިންދަގީ ނާ މިލޭގީ ދޮބާރާ” އަށްފަހު ޒޯޔާއާއެކު ކެޓްރީނާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.