ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް އުގަންނައިދިނުމަށް ރާއްޖޭގައި ހިންގުނު ފުރަތަމަ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރީން ދަސްވެނިވެއްޖެއެވެ. މިއީ އަދަބިއްޔާތު ރީތިކުރުމުގެ ޢިލްމުތައް ކަމަށްވާ ބަޔާނީ ޢިލްމާއި، ބަދީޢީ ޢިލްމާއި، މަޢާނީ ޢިލްމާއި އަދި ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ޢިލްމެއްކަމުގައިވާ ކާފިޔާގެ ޢިލްމުގެ ބަހާތައް ހިމަނައިގެން ރާއްޖޭގެ ތާރީޚުގައި ވެސް ހިންގުނު ޅެންވެރިކަމަށް ޚާއްޞަ ފުރަތަމަ ކޯހެކެވެ.
މެއި 26 އިން ޖޫން 4 އަށް އޮންލައިންކޮށް ހިންގުނު މި ކޯހަކީ ޒާދު އެކެޑެމީއާ ގުޅިގެން ކުޅަދާނަ ޝާޢިރު އާދަމް ނަޞީރު އިބްރާހީމް ފަރުމާކޮށް އޭނާ ކިޔަވައިދެއްވި ކޯހެކެވެ. 55 ބައިވެރީން ހިމެނުނު މި ކޯހުގައި ރާއްޖޭގެ މަޝްހޫރު އެތައް ޝާޢިރުންނެއް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 45 ބައިވެރިޔަކު މި ކޯސް ފުރިހަމަ ކުރިއެވެ.
ކޯސް ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ބޭރުގެ އަދަބިއްޔާތު ތަހުލީލުކުރައްވައި އުނގަންނާ ދެއްވާ ބޭފުޅެއްކަމުގައިވާ ޑރ. އަޝްރަފު ޢަބްދުއްރަހީމެވެ. އޭނާގެ ވާހަކަފުޅުގައި މޮޅު ޅެންވެރީންގެ ޚިޔާލުތައް ބައްޓަން ކުރެވިފައި ހުންނަ ގޮތާއި އޭގެ ބޭނުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ޢައްލާމާ އިޤުބާލު ފަދަ މި ސަރަޙައްދުގެ މަޝްހޫރު އެތައް ޅެންވެރީންނެއްގެ ޅެންތަކުން މިސާލު ހުށަހަޅުއްވިއެވެ. އަދި އިހުގެ ރީތި ދިވެހި ބައެއް ޅެންތަކުން ވެސް މިސާލު ދައްކަވައިދެއްވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ވަނީ އާދަމް ނަޞީރު އިބްރާހީމްގެ ޅެންފޮތެއްކަމުގައިވާ “ކާއިނާތުގެ ހިލަން” މި ފޮތުގެ 2 ވަނަ އިސްދާރު އިލެކްޓްރޯނިކް ފޮތެއްގެ ގޮތުގައި ނެރެދެއްވައިފައެވެ.
ކޯސް ފަރުމާކުރައްވައި ކިޔަވައިދެއްވި މުދައްރިސެއްގެ ހައިސިއްޔަތުން އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މިއީ ވަރަށް އުންމީދީ ފެށުމެއްކަން ފާހަގަ ކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ މަޝްހޫރު އެތައް ޝާޢިރުންނެއް މި ކޯސް ފުރިހަމަކުރައްވައި އެ ބޭފުޅުންގެ އުފެއްދުންތަކަށް ބޮޑެތި ބަދަލުތަކެއް އައިތަން ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނުކަމެއްކަން ނަޞީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ކޯހުގައި ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅެއް ކަމުގައިވާ މަޝްހޫރު ޝާޢިރު ޢީސާ ޝަރީފު މި ކޯހުގެ ޓިއުޓޯރިއަލް ގަޑިތަކުގައި ބައިވެރީންނަށް ކިޔަވައިވެސް ދެއްވިއެވެ.
“ބައިވެރީންގެ ޝައުޤާއި ކޯހުގެ މުޤައްރަރުގައި ހުރި އުފެއްދުންތެރި އާ މަޢުލޫމާތާ ވަޒަން ކުރެވުމުން އަޅުގަނޑު ހަމަ ހިތަށް އެރީ ލެކްޗަރގަޑީގައި ދެއްވާ ފުން މަޢުލޫމާތަކަށް އަމަލީ ސިފަގެނައުމުގައި އަޅުގަނޑު ބައިވެރީންނާ އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރާ ނަމޭ. އެ ގޮތުން ކޯހުގެ ކޮންމެ ފިލާވަޅެއް ދަސްކުރުމަށް ލެކްޗަރ ގަޑިޔާއެކު ބޭއްވޭ ޓިއުޓޯޓިއަލް ހިމަނާލުމުން ޖުމުލަ ފަސްގަޑި އިރު ކޮންމެ ފިލާވަޅަކަށް ބައިވެރީން ހޭދަކޮށްފައިވާނެ. ވަރަށް ޝައުޤުވެރި.” އީސާ ވިދާޅުވިއެވެ.
“ދިވެހި ޅެންވެރިކަމާ ބެހޭ ގޮތުން ވާހަކަދެއްކޭ ވަރަށް ގިނަ ޖަލްސާތަކުގައި އަޅުގަނޑު ވެސް ބައިވެރިވިން. އެކަމަކު މި ކޯހުގައި މި ދަސްވި ކަންތައްތަކުގެ ވާހަކަ ދައްކާތީއެއް ހަމަ ގައިމު ވެސް އަޅުގަނޑު މީގެ ކުރިޔަކުން އަޑު އަހާފައެއް ނެތް. ވަރަށް މުހިންމު ކޯހެއް.” ސިފައިންގެ ވަރަށް ގިނަ ލަވަތައް ހައްދަވައިފައިވާ ސިފައިންގެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މަޝްހޫރު ޝާޢިރަކު ވިދާޅުވިއެވެ.
ޒާދު އެކެޑެމީން ހާމަކުރައްވާ ގޮތުގައި އެ މުއައްސަސާގެ އުންމީދަކީ މި ފަދަ ތަފާތު ގިނަ ޕްރޮގްރާމުތަކެއް ހިންގުމެވެ. އެ ގޮތުން ވާހަކަދެއްކުންތެރިކަމުގެ ޒަމާނީ އުކުޅުތައް ދަސްކޮށްދޭ ކޯސްތަކެއް ވެސް އެ އެކަޑަމީން ދަނީ އާދަމް ނަޞީރު އިބްރާހީމްގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!