ރާއްޖޭގެ ކުޅަދާނަ ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމްގެ އީ ޅެންފޮތެއް ނެރުއްވައިފިއެވެ. “ކާއިނާތުގެ ހިލަން” ގެ ނަމުގައި ތައްޔާރު ކުރެވިފައިވާ މި ފޮތަކީ 362 ޞަފުޙާގެ މައްްޗަށް އެކުލެވިގެންވާ ފޮތެކެވެ. އޭގެ ތެރޭގައި ދީން، ޤައުމު، ދިރިއުޅުން،  ލޯބި، އަދި ކުޑަ ކުދިން، ސަމާސާ އަަދަބު ފަދަ ދާއިރާތަކަށް ހެދިފައިވާ 250 އަށް ވުރެ ގިނަ ޅެން ހިމެނިފައިވެއެވެ.

ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް އުނގަންނައިދޭން ޒާދު އެކެޑެމީއާ ގުޅިގެން އާދަމް ނަޞީރު އިބްރާހީމް ހިންގެވި ކޯހުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ ޑރ. އަޝްރަފު ޢަބްދުއްރަޙީމެވެ.  ފޮތުގެ ޅެންވެރިކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އާދަމް ނަޞީރު އިބްރާހީމްގެ ޅެންތަކަކީ އަދަބީ ގޮތުން ވަރަށް ބުރަދަން ހެޔޮ އަގުހުރި މުތްތަކެއް ކަމަށެވެ. ފަހަކަށް އަައިސް ދިވެހި ޅެންތަކުން ނުފެންނަ އާ ޚިޔާލުތަކާއި އާ އުސްލޫބުތަކާއި އަދި ޅެންވެރިކަމުގެ ޚާއްޞަ ސިފަތައް އާދަމް ނަޞީރު އިބްރާހީމް އޭނާގެ ޅެންތަކުން ދައްކައިދެއްވާ ކަމަށެވެ. އެހެންކަމުން ނަޞީރުގެ ޅެންވެރިކަމަކީ ލޮލުން ކަރުނަ ހިލުވައިލުމުގެ ބާރު ލިބިފައިވާ ތޫނު ހަތިޔާރެއްކަމަށް ވެސް ޑރ. އަޝްރަފު ޢަބްދުއް ރަޙީމު ވިދާޅުވިއެވެ.

ފޮތާ ބެހޭ ގޮތުން މަޝްހޫރު ޝާޢިރު ޢީސާ ޝަރީފު ދެއްކެވި ވާހަކައިގައި ނަސީރުގެ ޚިޔާލުތައް އުފައްދަވައިފައި ހުންނަ އީޖާދީ ގޮތް ފާހަގަ ކުރެއްވިއެވެ. ވަރަށް އާދައިގެ ކަމެއް ވެސް ވަރަށް ތަނަވަސްކޮށް ވަރަށް މާނަ ހުރި ގޮތެއްގައި ހުށަހެޅުއްވުމަކީ ޅެންވެރިކަމަށް ނަޞީރުގެ ހުރި ޤާބިލްކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޅެންވެރިކަމަށް ޝައުޤުވެރިވާ ދަރިވަރުންނާއި އެ ފަދަ ފަރާތްތަކަށް މި ފޮތުގައިވާ ޚާއްޞަ ކަމަކީ ކޮބައިތޯ ދަންނަވާލުމުން ނަޞީރު ވިދާޅުވީ މިއީ 2017ވަނަ އަހަރު އިންޑިޔާގެ ޖައިޕޫރުގައި އޮތް ސާކު ޤައުތަކުގެ ޅެންވެރީންނަށް ޚާއްޞަ  ފެސްޓިވަލެއް މީގެ ހާޑުކޮޕީ ނެރެވިފައިވާ ފޮތެއްކަމަށާއި ނަމަވެސް އެ ފޮތާއި މި އީ ފޮތުގެ އެއް ތަފާތަކީ ޅެންވެރިކަން ރީތިކުރުމަށް ބޭނުންވާ ޢިލްމުތަކާ ބެހޭ ބައެއް ފިލާވަޅުތައް މި ލުއި ފޮތުގައި ހިމަނުއްވައިފައިވާނެ ކަމެވެ. އެހެން ކަމުން މިއީ ފޮތުގެ ދެވަނަ އިސްދާރެެވެ. މި ފޮތުގެ އެކި ޅެންތަކަށް ރާއްޖޭގެ ކުޅަދާނަ އެތައް ޝާޢިރުންނެއް ފާޑުވިދާޅުވެ ލިޔުއްވައިފައިވާ މަޒުމޫނުތަކެއް ހިމެނޭނެއެވެ. މި ގޮތުން ޢަބްދުﷲ ޞާދިޤު، އުތީމު އާދަމް ޢަބްދުއްރަޙުމާނު، ފަރެސް މުޙަންމަދު ޢާމިރު، ޝާހިދު ޙަލީމު، އަންވަރު އިބްރާހީމް، އަދި އަދަބީ އިލްމުގެ ދިރާސާތައް ކުރައްވާ ބޭފުޅުންކަމުގައިވާ އަލްއުސްތާޛު ޢަބްދުލް މުޢީދު ޙަަސަން، ޑރ. އަޝްރަފު ޢަބްދުއްރަހީމް އަދި ޑރ. މުޙަންމަދު ޤުބާދު އަބޫބަކުރު ފަދަ ބޭފުޅުންގެ ޅެމަށް ފާޑުވިދާޅުވުން މި ފޮތުގައި ހިމެނިފައިވެއެވެ.

ނަޞީރު ވިދާޅުވި ގޮތުގައި ފުރަބަންދުގައި ތިބޭ ތިބުމުގައި މި ފޮތް އީ ފޮތެއްގެ ގޮތުގައި ނެރެވުނީ ޅެމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުންނެވެ. އަދި ވަކިން ޚާއްޞަކޮށް އޭނާ ފަރުމާ ކުރެއްވި ޅެންވެރިކަމުގެ މަތީފެންވަަރުގެ ކޯހުގެ ބައިވެރީންނަށް ދެވޭ ޚާއްޞަ އެހީތެރިކަމެއްގެ ގޮތުން ވެސް މެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.