މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީ އަސްލެއް ނޫނެވެ.

މިއީ އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި ބިރުވެރި ހާދިސާއެކެވެ. މި ހާދިސާ ކިޔައިދެމުން ދިޔައިރު އޭނާގެ އަތުގެ އިސްތަށިތައް ކޮޅަށް ޖެހި ހީބިހި ނަގައިގެން ދިޔަ މަންޒަރު އަޅުގަނޑުގެ ލޮލުން ދުށީމެވެ. އޭނާއަށް ކުރެވުނު އިހްސާސްތައް އެހާމެ ބިރުވެރިއެވެ. އެހެންކަމުން އޭނާ ކިޔައިދިން ގޮތަށް މި ހާދިސާ ތިޔަ ކިޔުންތެރިންނަށް ހިއްސާކުރެވޭތޯ އަޅުގަނޑު މަސައްކަތްކޮށްލާނަމެވެ.

އެއީ 1993 ވަނަ އަހަރުގެ މެދެއްހާ ހިސާބެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 20 އަހަރެވެ. އަހަރެންނަކީ ހެލިކޮޕްޓަރުގެ ކެބިން ކުރޫއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އާންމުކޮށް ދަތުރުކޮށް އުޅެނީ އަތޮޅު ތެރެއަށެވެ. މިގޮތުން އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ސާފު ރީތި ދުވަހެކެވެ. އަހަރެންނާއި ބޯޓްގެ ކެޕްޓަނާއި އިންޖިނޭރާއި ތިންމީހުން ފަތުރުވެރިން ގޮވައިގެން އއ. ކަނދޮޅުދޫއަށް ދިއުމަށް ހުޅުލެއިން ފުރީމެވެ. ގާތްގަނޑަކަށް 30 މިނެޓްގެ ކުރު ރާސްތާއަކަށްފަހު އއ. ކަނދޮޅުދުއަށް ދެވިއްޖެއެވެ. ރަށަށް ދެވުނީ އެދުވަހު ހަވީރު 5:30 ހާއިރުއެވެ. އެރަށުގައި ކުޑަކުޑަ ހެލިޕޭޑެއް އޮވެއެވެ. ރަށަށް ހެލިކޮޕްޓަރު ޖެއްސުމާއިއެކު ކައިރި ރިސޯޓަކުން ފަތުރުވެރިން ބަލާ ލޯންޗެއް އައިސް އޮތެވެ. އެ ލޯންޗަށް ފަތުރުވެރިންނާއެކު ކެޕްޓަނާއި އަދި އިންޖިނޭރުވެސް އަރައިގެން ރިސޯޓަށް ހިނގައްޖެއެވެ. އެއީ، ހަވީރު ކުރާ މިފަދަ ދަތުރުތަކުގައި އެނބުރި ހުޅުލެއަށް ނުގޮސް ރޭގަނޑު އާންމުކޮށް މަޑުކުރަނީ ކައިރި ރިސޯޓެއްގައެވެ. ނަމަވެސް އަހަރެންނަކީ ފަޅުރަށަކަށް ގޮސްފިނަމަ އެރަށެއްގައި އޯވަނައިޓް ހަދަން އަބަދުވެސް އާދަވެފައި ހުންނަ މީހެކެވެ. އެހެންކަމުން އަހަރެން ހެލިކޮޕްޓަރުން ފައިބައިގެން އެކަނިމާއެކަނި ރަށުތެރެ ބަލާލަން ނިކުތީމެވެ.

ކަނދޮޅުދުއަކީ ފަޅު ރަށެކެވެ. ކުޑަކުޑަ ރީތި ރަށެކެވެ. މިރަށުގައި ޤުދުރަތީ ރީތި ދޮންވެލި ތުނޑިއެއް އޮވެއެވެ. އަރިއަތޮޅަށް ޚާއްޞަކޮށް މިރަށުގައި ހެލިޕޭޑެއް ހަދާފައި އޮވެއެވެ. އެހެންވެ މިރަށަކީ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ފަތުރުވެރިން ގޮވައިގެން ހެލިކޮޕްޓަރުގެ ދަތުރުތައް ކުރާ ރަށެކެވެ. އަދި ކައިރި ރަށްރަށުގެ މީހުން ޕިކުނިކު އައިސް މަޖާކޮށްލާ ރަށެއްގެ ގޮތުގައި މިރަށް ވަނީ ހަދާފައެވެ. މިގޮތުން މިރަށް ބެލެހެއްޓުމަށް އުމުރުން 40 ވަރަކަށް އަހަރުގެ ބަކުރު ކިޔާ މީހަކު ހުރެއެވެ. ބަކުރުބެ މިރަށުގައި ދިރިއުޅެނީ ފަނުން ގެގަނޑެއް އަޅައި ޓިނުން މަތި ހިޔާކޮށްގެންނެވެ. ގޭތެރެއިން ވަދެވޭގޮތަށް ފަނުން ވަޅު ގިފިއްޔެއް ހަދާފައި ހުރެއެވެ. ގޭގެ ބޭރުން ގާތްގަނޑަކަށް 20 ވަރަކަށް ފޫޓު ދުރުގައި ހުރި ގަހެއްގައި ބޮޑު އުނދޯއްޔެއް އެލުވާފައި ހުރެއެވެ. އަދި އެ ސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ކުކުޅު ގެންގުޅެން ވަރަށް ބޮޑު ކޮށްޓެއް އަޅާފައިވެއެވެ. މި ކޮށީގައި ގިނަ އަދަދެއްގެ ކުކުޅު ގެންގުޅެއެވެ. އެހެންކަމުން މިރަށަކީ އެދުވަސްވަރު ގިނަ އަދަދަކަށް ކުކުޅު އާލާކުރާ ރަށެއްކަން އެނގެއެވެ. ބައެއް މީހުން ސިފަކުރާގޮތުގައި އެދުވަސްވަރު މިރަށަކީ ބިރުވެރި، ނާމާން ރަށެކެވެ.

އަހަރެން ރަށުތެރެއަށް ނުކުމެ ހިނގަމުން ގޮސް މިރަށުގައި ހުންނަ ފަންގެގަނޑާއި އަރާ ހަމަވިތަނާ ބަކުރުބެ ގޭތެރެއިން ނުކުމެ އަހަރެންނަށް ގޮވާލިއެވެ. އަދި ގެއަށް ވަނުމަށް އެދުމުން އަހަރެން ބަކުރުބެއާއެކު އެގެއަށް ވަނީމެވެ. ގެއަށް ވަދެ ގޭތެރޭގައި ހުރި ބޮޑުއަށި މަތީގައި އިށީނދެލާ ހަމަޖެހިލީމެވެ. އަދި އަހަރެން މިކަހަލަ ރަށްރަށުގައި އޯވަނައިޓް ހަދާލަން ބޭނުންވާކަމަށް ބުނުމުން މިރޭ އެރަށުގައި މަޑުކުރުމަށް ބަކުރުބެ އެދުނެވެ. ނަމަވެސް ރަށުގެ ހަޤީޤަތް ބަކުރުބެ އަހަރެންނަށް އަންގައިދޭން މަސައްކަތްކުރިއެވެ. އަދި ބުންޏެވެ.

”ކޮއްކޯ! މިރަށުގައި މިރޭ މަޑުކުރި ނަމަވެސް މިރަށަކީ އެހާ ރަނގަޅު ރަށެއް ނޫން. މިއީ ވަރަށް ނާމާން ރަށެއް. ބޭބެވެސް އިރުއޮއްސުމާއެކު ގެއަށް ވަންނަގޮތަށް އިރުއެރުމުން ނޫނީ ބޭރަކަށް ނުނިކުންނަށް. ވަރަށް އަޑުއަޑު އިވޭނެ.”

ބަކުރުބެ މިހެން ބުނުމާއެކު އަހަރެން ބުނީމެވެ.

”އަހަރެން ބިރެއް ނުގަނޭ. ޖިންނި ޝައިތާނުންނަކީ އަވަލާ އެއްޗެއްކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. މީހުންވެސް ބުނޭ ނާމާން ރަށެކޭ މީ. އެކަމު އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. ކިހާ ރީތި މިރަށް.”

އަހަރެން މިހެން ބުނުމުން ޖިންނި ޝައިތާނުންގެ ކުޅިގަނޑު މިރޭ އަހަރެންނަށް ފެނިދާނެކަމަށް ބަކުރުބެ ބުންޏެވެ.

އަހަރެން ބަކުރުބެއާއި ވާހަކަދައްކަމުން ދަނިކޮށް ގޭތެރޭގައި ހުރި ރޭޑިޔޯއަކުން މަޣްރިބް ނަމާދު ބަންޤި ގޮވާއަޑު އިވިއްޖެއެވެ. އެހެންކަމުން ގިފިއްޔަށް ވަދެ ވުޟޫކޮށްލައިގެން ބަކުރުބެއާއެކު ގޭތެރޭގައި ނަމާދުކޮށްލީމެވެ. ނަމާދުކޮށް އަވަދިވެގެން އަނެއްކާވެސް ރަށުތެރެއަށް ނުކުމެލާ ހިތްވިއެވެ. އެހެންވެ ބަކުރުބެއާއެކު ރަށުގެ އަތިރިމައްޗަށް ނިކުތީމެވެ. އެރެއަކީ ކަޅުފޮއި ރެއެކެވެ. ނަމަވެސް އަހަރެމެން އަތިރިމައްޗަށް ނިކުތުމާއެކު މުޅި ރަށް އަލިވެއްޖެއެވެ. ހީވަނީ ސާދަވިލޭރޭގެ ހަނދުވަރެއް ދޭހެންނެވެ. އެހާމެ ރީތި ހަނދުވަރެކެވެ. އެކަމަކު ހަނދެއް ނުފެނެއެވެ. އަތިރިމައްޗަށް ނިކުތުމާއެކު ކުއްލިއަކަށް ރަށުގެ ކުރިމަތިން ފެނުނީ ފުރަމާލެއެވެ. ވަރަށް ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. އެއީ ހަމަ މާލެއެވެ. ދެވަނަ ދެތަނެއް ނޫނެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އެއްފަހަރާ އުތުރިއަރަން ފެށިއެވެ. މާލެއަކީ މިރަށާއި ވަރަށް ދުރު ރަށެކެވެ. މިއީ އެހެން އަތޮޅެކެވެ. ދެން މާލެ ފެންނަންވީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ދެފައި ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ. މުޅި ގައިގެ އިސްތަށިތައް ކޮޅަށް ޖެހިއްޖެއެވެ. ހިތުގައި ބިރުވެރިކަން އުފެދި ހާސްވެ ތުރުތުރު އަޅާގޮތް ވެއްޖެއެވެ. މިއީ ކިހާބޮޑު އަޖައިބެއް ހެއްޔެވެ؟ މިފަދަ ކަޅުފޮއި ރެއެއްގައި ހަނދުވަރު ދިނުމާއި މާލެ ފެނުން މީ ވަރަށް ބޮޑު އަޖައިބެކެވެ. ބަކުރުބެ ބުންޏެވެ. މިއީ މިރޭގެ އަލާމާތެވެ. ފަހުން ވާނެގޮތެއް ނޭނގެއެވެ. ހިނގާށެވެ. އެހެން ކިޔައި ބަކުރުބެ އަހަރެންގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި އަވަސްއަވަހަށް ގެއާއި ދިމާލަށް ހިނގައިގަތެވެ.

ގޭދޮށަށް ގޮސް އެތާހުރި ބޮޑު އުނދޯލީގައި ޖައްސާލީމެވެ. އިރުކޮޅެއްނުވެ، އަތިރިމަގުން ރަށުތެރެއަށް ބޮޑު ކަކުނި ބައިގަނޑެއް އަރައިގެން އަންނަތަން ފެނިއްޖެއެވެ. މަދަކާ ބައިވަރެއް ނޫނެވެ. ރަތްކުލައިގެ ބޮޑު ކަކުންޏެވެ. ކަކުނިތަކުގެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއްހެންނެވެ. އެ ކަކުނިތައް އެއްގަމަށް އަރައިގެން އައިސް އަހަރެމެން ތިބި އުނދޯލި ވަށާލިއެވެ. އަހަރެންނަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ހަޅޭއްނުލަވަން ބަކުރުބެ އެދުމުން އަނގައިން ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން ބަކުރުބެއާއެކު ކަކުނިތައް ހުރަސްކޮށް ގެއަށް ވަންނަން މަސައްކަތްކުރީމެވެ. އެހެންނަމަވެސް ގޭގެ ދޮރެއް ނުފެނެއެވެ. އެންމެފަހުން އަހަރެމެންގެ ލޯމަތިން ގެ ގެއްލި އަހަރެމެންނަށް ނިކުމެވުނީ ހެލްޕޭޑު ހަދާފައި އޮތް ސަރަހައްދަށެވެ. އޭރުވެސް މުޅި އެ ސަރަހައްދުގައި އޮތީ ރެދަންލާ ފުރިފައެވެ. އަހަރެމެން އައި ބޯޓުގައިވެސް ހީވަނީ ނިވިދިއްލީ އަޅާފައި އޮތްހެންނެވެ. މުޅި ސަރަހައްދުގައި ހުރި ރުއްގަސްތަކުގައިވެސް ވަނީ ރެދަން ލާފައެވެ. ހީވަނީ އަލިގަދަ ވޮށްތަކެއް ދިއްލާ އަޅާފައި ހުރިހެންނެވެ. މުޅި ސަރަހައްދު ވަނީ ކާޅު ގޮވާ އަޑާއި ތުނބުން ފުމޭ އަޑުފަށްގަނޑުން ގުގުމާލާފައެވެ. ބައެއްފަހަރު ނުފެންނަ ބަޔަކު އެތާ ނާޗަރަންގީ ކުޅޭހެން ހީވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރެދަންގެ އަސަރެވެ.

އެހެންކަމުން ކިޔުނު ހެޔޮއެއްޗެއް ކިޔައިގެން މަޑުމަޑުން އަނެއްކާވެސް ގެއަށް ދެވޭތޯ ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުއްލިއަކަށް ކުކުޅު ކޮށިތެރެއިން ކުކުޅުހާ ގޮވާ އަޑުފަށްގަނޑު އިވެންފަށައިފިއެވެ. ހީވަނީ އެ ކުކުޅުތަކަށް ބިރެއް ފެނިގެން އުޅޭހެންނެވެ. ކުކުޅު ކޮށްޓާއި ގެއާ އެހާ ދުރެއް ނުވާނެއެވެ. އެހެންވެ މަޑުނުކޮށް ދެމީހުން ގެއަށް ވަންނަން ގައިގަހުރި ބާރެއްލާފައި ދުއްވައިގަތީމެވެ. ”އުމްބަހަހާ..” ކުއްލިއަކަށް އަހަރެމެންނަށް ހުއްޓުން އެރިއެވެ. ބަކައްޓެއް ވަރަށް ބާރަށް ގޮވާލުމުންނެވެ. އޭރު ގެއާއި ދިމާ ކުރިމަތީގައި ކަޅު ބޮޑު ބަކައްޓެއް ފެންނަން އޮތެވެ. އޭތީގެ ދެލޯވެސް އެހާމެ ރަތެވެ. އެކަމަކު އެރަށަކީ ބަކަރި ގެންގުޅޭ ރަށެއްވެސް ނޫނެވެ. އަހަރެންގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. ހީވަނީ ދެންމެދެންމެ ވެއްޓިދާނެހެންނެވެ. މިފަދަ ބިރުވެރިކަމެއް އިހްސާސް ކުރެވޭނީ މިކަމުގެ ތަޖުރިބާކޮށްފައި ހުރި މީހަކަށެވެ.

ބަކުރުބެއަކީ ބިރުކުޑަ ކެރޭ ހިތްވަރުގަދަ މީހެއްކަމުން ބަކުރުބެގެ ހިތްވަރުން އަހަރެމެން ދެމީހުން ފަހަތަށް ޖެހިލައި އައިކޮޅު ނޫން އަނެއްކޮޅަށް ދުވެފައި ގޮސް ރަށުގެ އަތިރިމަތި ފަރާތު ތުނޑިއަށް ނިކުމެއްޖައީމެވެ. އޭރު މުޅި އެ ސަރަހައްދުގައިވެސް އޮތީ ރެދަންލާފައެވެ. ބިރުން ފިއްކަނޑައިގެން ގޮސްފިއެވެ. އެތާނގައި މަޑުކޮށްލައިގެން ދުލުން އައި ހެޔޮ އެއްޗެއް ކިޔަން ތިއްބާ އިރުކޮޅެއްނުވެ ވާރޭ ވެހެން ފަށައިފިއެވެ. ވާރޭ ވެހެން ފެށުމުން ވާރޭ ފެނުގެ ރަހަ ބަލައިފީމެވެ. ފެނުގައި ލަނީ މޫދު ލޮނު ރަހައެވެ. އެވަގުތު އެއީ އަސްލު ވާރޭއެއް ނޫންކަން އިހްސާސް ކުރެވުނެވެ. މާގިނައިރުތަކެއް ނުވެ ވާރޭ ހުއްޓިއްޖެއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެރޭ ސަލާމަތެއް ނެތްކަމަށް ވިސްނައި ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން އެތާނގައި ތިބީއެވެ. މިހެން ތިއްބާ އެރޭގެ 11 ޖެހިފަހުން މަޑުމަޑުން ރެދަންގެ އަސަރު ކެނޑެމުން ގޮސް އެއްކޮށް ކެނޑި މުޅި ރަށް އަދިރިވެއްޖެއެވެ. އެހެންކަމުން އަނެއްކާވެސް ގެއަށް ދިއުމަށް މަޑު ހިނގުމެއްގައި ހިނގަމުންގޮސް މިފަހަރު ގެއަށް ވަދެވިއްޖެއެވެ.

ގެއަށް ވަނުމާއެކު ދޮރު ލައްޕާ ރަނގަޅަށް މަކުޑި އަޅުވާލީމެވެ. އަދި ގިފިއްޔަށް ވަދެ ފައި ދޮވެލައިގެން އައިސް އެނދުގައި ޖައްސާލީމެވެ. ނަމަވެސް ބަކުރުބެއަކީ މިކަމުގެ ތަޖުރިބާ ހުރި މީހެއްކަމުން ބަކުރުބެ އެދުނީ ދެމީހުން އެރޭ ނުނިދައި ޤުރުއާން ޖަހައި ކިޔުނު ހެޔޮ އެއްޗެއް ކިޔަން ގޭތެރޭގައި ތިބުމަށެވެ. އެހެންކަމުން މިގޮތުގައި އެރޭގެ ވަގުތުތައް ގުނަމުން ދިޔައީމެވެ. ހެޔޮދުޢާ ކުރުމުގައެވެ. މިހެން ތިއްބާ ކުއްލިއަކަށް ގޭގެ ބިތްގަނޑު ތެޅެން ފަށައިފިއެވެ. ހީވަނީ ބާރު ވަޔާއެކު ބިތްގަނޑު ނައްޓާލަފާނެހެންނެވެ. ހަމަ އެއާއެކު ރަށުތެރެއިން ތަފާތު އެއްޗެހި ގޮވާ އަޑާއި، ފުރާޅު މައްޗަށް ބަންލާފައި އެއްޗެއް ޖެހޭ ބިރުވެރި އަޑުފަށްގަނޑުވެސް އިވެއެވެ. ދޭތެރެދޭތެރެއިން އަޑު މަޑުވި ނަމަވެސް ކުއްލިކުއްލިއަށް އަޑު ގަދަވެ ގޭގެ ބިތްގަނޑު ތެޅިލައެވެ. އަހަރެން އިންނަނީ ބިރުން ސިހިސިހިއެވެ. އޭރުވެސް އަހަރެން ތުރުތުރު އަޅައެވެ. މިކަމުން ސަލާމަތްވާނީ ކޮންއިރަކުންބާވައޭ ހިތަށްއަރައެވެ. ނަމަވެސް ކެތްތެރިކަމާއެކު މިގޮތުގައި އެރޭ ފަތިސްވަންދެން އަހަރެމެން ތިބީއެވެ.

ފަތިސްވެ އަލިވިލުމާއެކު އެ ބިރުވެރި އަޑުފަށްގަނޑު މުޅިން ކެނޑިއްޖެއެވެ. އެހެންކަމުން ނަމާދުކޮށްލައިގެން އަހަރެމެން ގެއިން ބޭރަށް ނުކުތީމެވެ. އޭރު އަހަރެމެން އެރޭ ތިބި އުނދޯލި ކައިރިން ފެނުނު ކަކުނިތައް ރަށުން ފައިބައިގެން ގޮސްފައިވާ ފިޔަވަޅުތައް ފެންނަން ހުއްޓެވެ. އިތުރު ނިޝާނެއް ރަށުތެރެއަކުން ފެންނާކަށް ނެތެވެ. އެހެންވެ ހިނގާދިޔަ ކަންތަކާ ފުންކޮށް ވިސްނާލީމެވެ. ބަކުރުބެ ބުނީ ހަމަ ތެދެކެވެ. އޭނާއަކީ ހިތްވަރުގަދަ އިންސާނެކެވެ. އެނޫން މީހަކުނަމަ ބިރުން ގޮސް އަމިއްލައަށް ރަށުންވެސް ފައިބައިގެން ދިޔައީހެވެ. އެދުވަހު އަހަރެން ބަކުރުބެ ބުނި ބަސް ތެދުކޮށް ޖިންނީންނަކީ އެކި ސިފަސިފައިގައި ފެންނަ އެއްޗެއްކަމާއި އަދި އެކަން ތަޖުރިބާކުރެވިއްޖެކަމަށް އެއްބަސްވީމެވެ. އަދި ދުވަހަކުވެސް މިރަށަށް އޯވަނައިޓަކަށް ދެނެއް ނާންނާނަންކަމަށް އަހަރެން ބުނީމެވެ. ނަމަވެސް މިވަރުގެ ކަންތައްގަނޑެއް މިރަށުގައި އުޅޭއިރު ބަކުރުބެ އެކަނި މިރަށުގައި ހުންނަނީ ކީއްވެތޯ ބަކުރުބެ ގާތު އަހާލީމެވެ. އަހާލުމާއެކު ބަކުރުބެގެ އިހްސާސްތައް އަހަރެންނަށް ކިޔައިދޭން ފެށިއެވެ.

ބަކުރުބެ މިރަށުގައި ހުންނަނީ އިތުރު މީހަކު މި ވަޒީފާގައި ހުރުމަށް ޖެހިލުންވެ ބިރުގަންނާތީއެވެ. ލިބުނު ވަޒީފާ ދޫކޮށްލަން އޭނަވެސް ބޭނުންނުވާތީއެވެ. އެ ފަޅު ރަށުގައި ބަކުރުބެ ހުންނަނީ ރަށް ބަލަހައްޓާށެވެ. ރަށް ބަލަހައްޓަމުން ކުކުޅު ގެންގުޅެނީއެވެ. ނަމަވެސް ކަޅުފޮއި ރެއެއް އައިސްފިނަމަ ފަތިހު ތެދުވެ ބަލާލާއިރު ގިނަ އަދަދެއްގެ ކުކުޅުތައް އޮންނަނީ ކޮށިތެރޭގައި މަރުވެފައެވެ. މިއީ ބަކުރުބެގެ ވާހަކައިން ތަންކޮޅެކެވެ. ބަކުރުބެގެ ވާހަކަތައް މިހެން ހުރުމުން އަހަރެންގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަދެއްޖެއެވެ. އެއީ ހަމަ ތެދެކެވެ. އަހަރެންނަށް ފެނުނީ ހުވަފެނެއް ނޫނެވެ. މިއަދު އެކަން އިހްސާސް ކުރެވިއްޖެއެވެ. ޖިންނި ޝައިތާނުންނަކީ އުޅޭ އެއްޗެއް ނަމަވެސް އެ މަޚްލޫޤުންގެ ފަރާތުން މިކަހަލަ ކަންކަން ފެންނާނެކަމަކަށް ކުރިން އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު އަހަރެންގެ ހަމަލޮލަށް މަންޒަރުތައް ފެނި އެކަން ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. މިހާރުވެސް އެރޭ އެ ފެނުނު މަންޒަރުތައް ހިތުގައި ބިންވަޅު ނެގި އާވެއާވެ ހުރެއެވެ. އެއީ ހަމަ ކަޅުފޮއި ރެއެއްގެ ޖިންނީންގެ ކުޅިވަރެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.