​އެވިޑް ކޮލެޖުގެ ފެކަލްޓީއޮފް ރިސާރޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން އޮންލައިން ވެބިނާރ ސީރީސްއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާރޗް އެންޑް އިނޮވޭޝަންގެ ޑީން އަލްފާޟިލާ ނާހީދު ރަޝާދު ވިދާޅުވި ގޮތުގައި މިސެމިނާރ ސީރީސްގެ މައިގަނޑު މަޤުޞަދަކީ މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާއި އަދި ކިޔަވައިދެއްވާ މުދައްރިސުންގެ ކިބައިގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، ޢިލްމީ ދިރާސާ ކުރުމުގައި މަޝްޢޫލުވެ އުޅުމަށް ލޯބިޖެއްސުމާއި އަދި މުޖުތަމަޢުގައި ޢިލްމީ ދިރާސާ ކުރުމުގެ ވައްޓަފާޅި އަށަގެނުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. މިވެބިނާރ ސީރީސްގެ ފުރަތަމަ ތިން ސެޝަން ބާއްވާނީ މި ޖޫން މަހުގެ 22، 23، އަދި 24 ގައެވެ. މިތިން ސެޝަނަކީ ވެސް އެވިޑް ކޮލެޖްގެ ސީއެސްއާރުގެ ދަށުން، ދިވެހިރާއްޖެއާއި ބައިނަލް އަޤުވާމީ އެކި ޤައުމުތަކަށް ހުޅުވާލެވިގެން، ބައިވެރިންގެ ފަރާތުން އެއްވެސް ފީއެއް ނެގުމެއްނެތި ހިލޭސާބަހަށް ބާއްވާ ސެޝަންތަކެކެވެ. ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ރެޖިސްޓަރކުރެއްވުމަށް މި ލިންކް ބޭނުން ކުރެއްވޭނެއެވެ.

https://forms.gle/3TzHEKrY4foeQwhY6

ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި، ޢިލްމީ ދިރާސާކޮށް ޝާއިޢު ކުރުމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިބާއްވާ ވެބިނާރގައި ތަޤުރީރު ކުރައްވާނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމުގައިވާ “ޔުނިވަރސިޓީ ސައިންސް މެލޭޝީއާ” ގެ ޕްރޮފެސަރ ޑޮކްޓަރ މުޙައްމަދު ކަމަރުލް ކަބިލާން އެވެ.

ޕްރޮފެސަރ ޑޮކްޓަރ ކަބިލާން އަކީ ޢިލްމީ ދިރާސާ ކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސްބޭފުޅެކެވެ. ގޫގުލް ސްކޮލާރގައި އެބޭފުޅާގެ ލިޔުންތަކަށް ނަކަލުކޮށްފައިވާ ޢަދަދު އުޅެނީ 1900 އާއި ގާތްކުރާ އަދަދަކަށެވެ. މީގެ އިތުރުން އެބޭފުޅާއަކީ މަޝްހޫރު ޖާރނަލްއެއް ކަމުގައިވާ “ބްރިޓިޝް ޖަރނަލް އޮފް އެޑިޔުކޭޝަނަލް ޓޭކްނޮލޮޖީ” ގެ އެޑިޓޯރިއަލް ބޯޑުގެ މެމްބަރެއްވެސް މެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ވެބިނަރ އަމާޒު ކުރެވިފައިވަނީ ހެދިފައިވާ ޕީ.އެޗް.ޑީ ތީސިސް، މާސްޓަރސް ޑިޒަރޓޭޝަން އަދި އެހެނިހެން ދިރާސާ ޕްރޮޖެކްޓްތައް ބައިނަލް އަޤުވާމީ ގޮތުން ފުންނާބު އުސް ޕިއަރ ރިވިއުޑް ޖާނަލް ތަކުގައި ޝާއިޢު ކުރުމުގައި ލިޔަންޖެހޭ އުޞޫލުތަކާއި އުކުޅުތައް އުނގަންނައި ދިނުމަށެވެ. ޒޫމް ބޭނުންކޮށްގެން އޮންލައިންކޮށް މިބޭއްވޭ ވެބިނަރ ސީރީސް އަކީ، ޢިލްމީ ދިރާސާ ކުރުމާއި އަދި މަޝްހޫރު ޖާރނަލްތަކުގައި ޝާއިޢު ކުރުމާއި ބެހޭ އަގުހުރި މަޢުލޫމާތު، ގިނަ ޢަދައެއްގެ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި އެވިޑް ކޮލެޖުން ހުޅުވައިލެވިފައިވާ ތަނަވަސް ފަހި ފުރުޞަތެކެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން އެވިޑް ކޮލެޖްގައި މަތީ ތަޢުލީމު ހާޞިލްކުރަމުން ގެންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.