އިނގެރޭސި ޕްރިމިއަރ ލީގުގެ ތައްޓަށް ވާދަކުރަން ބޭނުންނަމަ، ޓްރާންސްފަރ ބާޒާރުގައި ފީވެފަައި ހުރި އާފަލުތައް ގަތުމުން ދުރުވާން ޖެހޭކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަރ ސޯޝެއާ ބުނެފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑު ގައި ޒުވާން ކުޅުންތެރިން ގިނަކޮށް، ޓީމު އިތުރަށް ވަރުގަދަކުރުމަށް ޓަކައި، އެޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ސޯޝެއާ ވަނީ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ލެސްޓާ ސިޓީގެ ހެރީ މަގުއަޔަރ އާއި، ކްރިސްޓަލް ޕެލަސްގެ އާރޮން ވޭން ބިސާކާ އަދި ސްވަންސީގެ ޑެނިއަލް ޖޭމްސް އެޓީމަށް ގެނެސްފައިވެއެވެ. އޭގެ ފަހުން އައި ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސްޕޯޓިންގ ލިސްބަންގެ ބުރޫނޯ ފެނާންޑެޒް އާއި، ލޯނު އެއްބަސްވުމެއްގެ ދަށުން ޗައިނާގެ ޝަންޚާއީ ޝެންހުއާ އަށް ކުޅެމުން އަންނަ އޮޑިއޮން އިގާލޯ ވެސް ގެނެސްފައިވެއެވެ.
މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރަށް ކުލަބުތަކުން ތައްޔާރުވަމުން އަންނައިރު، ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުލަބުތަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ޓްރާންސްފަރ ބާޒާރުގައި ބޮޑެތި މުޢާމަލާތްތަކެއް ހިނގާނެކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް، ޓްރާންސްފަރ ޚަބަރުތައް ބުނާގޮތުގައި ބައެއް ކުލަބުތަކުން ކުޅުންތެރިން ގަތުމަށް އެއްބަސްވެ ލިޔެކިޔުންތައް ނިންމަމުން ދާއިރު، އަނެއްބައި ކުލަބުތަކުން އަންނަނީ ކުޅުންތެރިން ހޯދުމަށް ބިޑު ކުރަމުންނެވެ. އަދި، ބައެއް ކުލަބުތަކުން އަންނަނީ އެޓީމުން ޝައުގުވެރިވާ ކުޅުންތެރިންނަށް ފާރަލަމުންނެވެ.
އެގޮތުން ބޮރޫސިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި، ނަޕޯލީގެ ކަލިދޫ ކޫލިބަލީ އާއި، އަޔެކްސްގެ ވެން ޑީ ބީކަށް މެންޗެސްޓަރ ޔުނައިޓެޑުން ވެސް ފާރަލަމުންދާ ކަމަށް މަސްދަރުތައް ބުނެއެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ޝިވް ނަދަރު ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސޯޝެއާ ބުނެފައިވަނީ މުސްތަގުބަލުގައި އެކުލަބަށް އޭނާ ގެންނަން ބޭނުންވާ ކުޅުންތެރިން ގެންނަން ޖެހޭނީ ކުލަބުގެ ފިލޯސަފީގެ ތެރެއިން ކަމުގައެވެ. އޭނާ ބުނިގޮތުގައި އެކުލަބަށް ގެންނަ ކުޅުންތެރިންނަކީ އަޚުލާގު ރަނގަޅު ޚަރުދަނާ ބަޔަކު ކަމުގައި ވާންޖެހެއެވެ. ބާސްކެޓް ތެރޭގައި ފީވެފަައި އާފަލެއް އޮވެއްޖެނަމަ، ދެން ބާކީ ހުރި ރަނގަޅު އާފަލުތައް ވެސް ފީވެގެންދާނެ ކަމުގައި އޭނާ ބުނެފައިވެއެވެ.
“އަހަރެންނަކީ ޕްރޮފެޝަނަލެއްގެ ކަމުގެ އިހްސާސް އަހަރެންނަށް އޭރު ކުރެވުނު. އަދި، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމުގެ ޝަރަފު ލިބުމުން އެކަމުގެ ޚާއްސަކަން ވެސް އިހްސާސް ކުރެވުނު. އަހަރެންނަށް ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް އަހަރެންގެ ޓީމު ކުޅުންތެރިންނާއި، މެނޭޖަރަށް ނުދެވުނު ނަމަ، އަމިއްލަ ނަފްސަށް ބަލާލަން ވެސް އަހަރެންނަށް ނުކެރުނީސް. ޒުވާން ޓީމުން ގެންނަ ކުޅުންތެރިންނާއި، އެހެން ކުލަބުތަކުން ގެންނަ ކުޅުންތެރިންގެ ކިބައިން އަހަރެން ބޭނުމީ އެކަން ފެންނަން. ޕްރޮފެޝަނަލް ކަމާއި، ޚަރުދަނާ ކަން ހުންނަން ޖެހޭ. ސަބަބަކީ ބާސްކެޓް ތެރޭގައި ފީވެފަައި އެންމެ އާފަލެއް އޮތް ނަމަވެސް، ދެން ބާކީ ހުރި އާފަލުތައް ވެސް ފީ ކޮށްލާނެތީ”
ސޯޝެއާ ބުނެފައިވެއެވެ.
ސޯޝެއާ ކޯޗުކަމާ ހަވާލުވުމަށް ފަހު، މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނައިރު، ބައެއް ކުޅުންތެރިން އަންނަނީ އެފުރުސަތުގެ ބޭނުން ހިފައި، މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމުގެ ސްކޮޓް މެކް ޓޮމިނޭ އާއި، ބްރޭންޑޮން ވިލިއަމްސް އަދި މޭސަން ގްރީންވޫޑް ފާހަގަކޮށްލެވެއެވެ. ސޯޝެއާ ގަބޫލުކުރާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އެކެޑަމީން ގިނަ ކުޅުންތެރިންތަކެއް ފުރަތަަމަ ޓީމަށް އަދި ޕްރޮމޯޓު ވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި