10 ޖޫން 1977 ގައި އިންޑިއާގެ ވެސްޓް ބެންގާލްގެ ދުރްގާޕޫރްއަށް އުފަންވި އަމްރިކް ސިންގް (މީކާ ސިންގް) އަކީ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. މީކާއަކީ 6 ފިރިހެނުންގެ ޢާއިލާއަކަށް ނިސްބަތްވާ އެންމެ ހަގު މެންބަރެވެ. އޭނާގެ ބޭބެ ޑޭލަރ މެހެންދީ އަކީ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިއެކެވެ.

މީކާ ސިންގ ލަވަކިޔައި އަޑުއެހުންތެރިން ހިތް އުފާކޮށްދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. 1998 ވަނަ އަހަރުން ފެށިގެން މީކާގެ ލަވަތައް އާންމުންނާ ހަމައަށް އައިސްފައިވެއެވެ. ހިންދީ، ޕަންޖާބީ، ބެންގާލީ، ކަންނާޑާ، ޓެލުގޫ އަދި އެހެނިހެން ބަސްބަހުންވެސް މީކާ ލަވަ ކިޔާފައިވެއެވެ. މި ލިސްޓުގައި ހިމަނާލަނީ މީކާ ކިޔާފައިވާ ހިންދީ ލަވަތަކުގެ ތެރެއިން މަޝްހޫރު 10 ލަވައެވެ.

 

1. ތާކީ އޯ ތާކީ

ބައްޕީ ލަހިރީ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައަކީ ފިލްމު “ހިންމަތުވާލާ (2013)” އަށް ޝްރެޔާ ގޯޝާލްއާއެކު މީކާ ކިޔައިދީފައިވާ ލަވައެކެވެ.

 

2. އާނކް މާރޭ

ތަނިޝްކް ބާގްޗީ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައަކީ ފިލްމު “ސިމްބާ (2018)” އަށް ނޭހާ ކައްކަރްއާއި ކުމާރް ސާނޫއާއެކު މީކާ ކިޔައިދީފައިވާ ލަވައެކެވެ.

3. ހަވާ ހަވާ

ޕްރަކްރިތީ ކައްކަރްއާއެކު މީކާ ކިޔައިދީފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ގޯރަވް ރޯޝިންއެވެ. މިއީ ފިލްމު “މުބާރަކަން (2017)”ގެ ލަވައެކެވެ.

4. ޖުމްމޭ ކީ ރާތު

ޕަލަކް މުޗަލްއާއެކު މީކާ ކިޔައިފައިވާ މި ހިތްގައިމު ލަވައަކީ ފިލްމު “ކިކް (2014)”ގެ ލަވައެކެވެ. ހިމޭޝް ރޭޝަމްމިޔާ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައަކީ 2014 ވަނަ އަހަރު ނުކުތް އެންމެ މަޝްހޫރު އެއް ހިންދީ ލަވައެވެ.

5. ގަންދީ ބާތު

މިއީ 2013 ވަނަ އަހަރު ނުކުތް ފިލްމް “އާރް.. ރާޖްކުމާރް”ގެ ލަވައެކެވެ. ކަލްޕަނާ ޕަޓޯވަރީއާއެކު މީކާ ކިޔައިދީފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ޕްރިތަމްއެވެ.

6. ޗިންތާ ތާ ތާ

ސާޖިދު-ވާޖިދު މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައަކީ ފިލްމު “ރައުޑީ ރާތޯރް (2012)” އަށް ވާޖިދު ޚާންއާއެކު މީކާ ކިޔައިދީފައިވާ ލަވައެކެވެ.

7. ސުބާ ހޯނޭ ނާ ދޭ

ޕްރިތަމް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައަކީ ފިލްމު “ދޭސީ ބޯއީޒް (2011)”ގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ މީކާއާއެކު ޝެފާލީ އަލްވަރޭޒް، ބޮހޭމިއާ އަދި ޔޯ ޔޯ ހަނީ ސިންގއެވެ.

8. ދިންކާ ޗިކާ

އަމްރީތާ ކަކްއާއެކު މީކާ ކިޔާފައިވާ މި ލަވައަކީ ފިލްމު “ރެޑީ (2011)” އަށް ކިޔައިދީފައިވާ ލަވައެކެވެ. ދޭވީ ސްރީ ޕްރަސާދު މިއުޒިކް ތައްޔާރުކޮށްދިން މި ލަވައަކީވެސް ވަރަށް މަޝްހޫރުވި ލަވައެކެވެ.

9. ދަންނޯ

ޝަންކަރް-އެހްސާން-ލޯއީ މިއުޒިކް ތައްޔާރުކޮށްދިން މި ލަވައަކީ ފިލްމު “ހައުސްފުލް (2010)” އަށް ސުނިދީ ޗޯހަންއާއި ސާޖިދު ޚާންއާއެކު ކިޔައިފައިވާ ލަވައެކެވެ.

10. މޯޖާ ހީ މޯޖާ

ފިލްމު “ޖަބް ވީ މެޓް (2007)” އަށް މީކާ ކިޔައިދީފައިވާ މި ހިތްގައިމު ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ ޕްރިތަމްއެވެ.

މީގެ އިތުރުންވެސް މީކާގެ މަޝްހޫރު އެތައް ލަވައެއް އެބަހުއްޓެވެ. މީކާއަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.