“ކާކު އެގުޅަނީ މިގަޑީގަ؟” ޒީކްއަށް ފޯނަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ސަނާގެ ސުވާލެެއް އަމާޒުކޮށްލިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ.
“ޒީކް ފޯނު ނަގާބަލަ، އޭރުންނެންނު އެނގޭނީ ކާކު ކަމެއްވެސް!” އަނެއްކާވެސް ވާހަކަދެއްކީ ސަނާއެވެ. ނުދަންނަ ނަމްބަރުތަކަށް ޖަވާބުދިނުމަކީ ޒީކް އެއްގޮތަކަށްވެސް ކުރާކަމެއް ނޫނެވެ. އެހެންކަމުން ޒީކް ފޯނު ސައިލެންޓްކޮށްލިއެވެ. އަދި އަނެއް ފުށަށް ފޯނު ބާއްވާލުމަށްފަހު ސަނާގެ މޫނަށް ޒީކް ބަލާލިއެވެ. ސަނާގެ މޫނުމަތިން ފެންނަންހުރި ކުލަވަރުން އަދިވެސް ފޯނަށް ޖަވާބު ދިނުމަށް ބުނާކަހަލައެވެ. އަނެއްކާ އެގުޅަނީ ސަނާ ދަންނަ ނަމްބަރަކުން ނޫނީ ސަނާ ދަންނަ މީހެއްބާވައޭ ޒީކް ހިތާހިތުން ބުނެލެވުނެވެ.
ކައި ނިމުމާއެކު ޒީކް ތެދުވެގެން ހިނގައިގަތެވެ. ސަނާވެސް ފަހަތުން ހިނގައިގަތެވެ. ޒީކް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މާބޮޑަށް ލަސްވުމުންނެވެ. ސަނާ ނޫން އެހެން މީހެއްނަމަ މިރޭ ނުވެސް އައީހެވެ. ތިމާގެ ކުއްޖަކަށް ވެފައި އެއްގެއެއްގެ ކުއްޖެއް ފަދަ ކުއްޖަކަށް ސަނާ ނުވިނަމަ މިހާ ގިނަ ވަގުތު ބޭރުގައި ނުވެސް އުޅުނީހެވެ. އެހެން ނޫނަސް ރޭގަނޑު ބޭރުގައި އުޅުމަކީ ޒީކްގެ އާދައެއް ނޫނެވެ.
ކާރު ޕާކްކޮއްލުމަށްފަހު ޒީކް ގޭތެރެއަށް ވަނެވެ. އޭރު ޒީކްގެ މަންމަ ޒަރީނާ އިންތިޒާރުގައި ސިޓިންގ ރޫމުގައި އިނެވެ.
“މަންމަ ނުނިދަންތަ އަދި؟” މަންމަ ފެނުމާއިއެކު ޒީކް އަހާލިއެވެ.
“މިހާ ލަސްވީމަ އެހެންވެ ދަރިފުޅު އަންނަންދެން މަޑުކޮށްލީ، ދަރިފުޅު ކައިފިންތަ؟” ޒީކް ގެއިން ބޭރުގައި އުޅެނިކޮށް ޒަރީނާގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. ޒަރީނާގެ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ޒީކް އަކީ ހަމައެކަނި އެދެމަފިރިންގެ ހުރި ދަރިފުޅެވެ.
“ސަނާ އާއި ދެމީހުން ކައިގެން މިއައީ، މަންމަ ކައިފިންތަ؟” ޒަރީނާގައިގައި ބައްދާލަމުން ޒީކް އަހާލިއެވެ.
*****
އޮފީސްތެރެއަށް ވަދެގެން ދިޔަ ޒީކްގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހާވިލްއެވެ. ލައިގެން އިން މަޑު ފެހިކުލައިގެ ގަމީސް ހާވިލްއާއި ވަރަށް ގުޅެއެވެ. ހާވިލް ފެނުމާއިއެކު ޒީކްއަށް ހުއްޓުންއެރި ކަހަލައެވެ. ކަޅިޖައިހާނުލާ ހާވިލްއަށް ބަލަހައްޓައިގެން ހުރި ޒީކް ސިއްސުވާލީ ފަހަތުން އައި އާޝިޔާއެވެ. ޒީކްގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލަމުންނެވެ.
“އެކަމަކު އާޝިޔާ، ކިރިޔާ އެންނު ނުވެއްޓުނީ، ވެއްޓިއްޖިޔާ ކާކު މިތަނުން އަހަރެން ނަގައިދޭނީ.” އާޝިޔާއާއި ދިމާއަށް ޒީކް ބުނެލިއެވެ. އޭރުވެސް ޒީކްގެ ދެލޯ ހުރީ ހާވިލްއާއި ދިމާއަށެވެ. އެވަގުތު ހާވިލްއަށްވެސް އެދިމާއަށް ބަލާލެވުނެވެ.
“ހޫން، އެހެނޭ ވާނީ ދޮރުމަތީގަ ހުއްޓި ހުންނަންޏާ.” އާޝިޔާ ޒީކްއާއި ދިމާކޮށްލިއެވެ.
ޒީކް އިތުރަށް މަޑުނުކޮށް ސިޑިން އަރައިގެން މައްޗައްދިޔައެވެ.
މޭޒު މަތީގައި ހުރި ފޯނު ރިންގްވާން ފެށުމާއި އެކު ހާވިލް ފޯނުނެގިއެވެ. އައްސަލާމުއަލައިކުމް އޭ ބުނެ ޖަވާބު ދިނެވެ.
“ކޮބާ އާޝިޔާ؟” އެކޮޅުން ވާހަކަ ދެއްކީ ޒީކްއެވެ. ހާވިލްއަށްވެސް މިހާރު ޒީކްގެ އަޑު ވަކިކުރަން އެނގެއެވެ. ޖާދުވީ އަޑެއްގެ ވެރިއެކޭ ހާވިލްގެ ހިތަށްއަރައެވެ. އާޝިޔާއަށް ފޯނެއް، މިހެން ބުނެ ހާވިލް އާޝިޔާއަށް ފޯނުގެ އަތްގަނޑު ދިއްކޮށްލިއެވެ. އާޝިޔާ ހަލޯއޭ ބުނުމާއިއެކު ޒީކް އެދުނީ ސައިބޯންދިއުމަށެވެ. ހާވިލްވެސް ގޮވައިގެންނެވެ. ފޯނު ކަނޑައިނުލާ ހުރެ އާޝިޔާ ހާވިލް ކުރެން ސައިބޯން ދާނަންތޯ އެހިއެވެ. ހާވިލް ނޫނެކޭ ބުނެ ބޯހޫރާލަމުން ދެންމެ މިއައީ ގެއިން ސައިބޮއެގެން ކަމަށްބުންޏެވެ.
“ހާވިލް ނުދަމޯ!” އާޝިޔާ އެހެންބުނުމާއި އެކު ޒީކްގެ މޫޑް އޯފްވިއެވެ. ޒީކް އުންމީދުކޮށްގެން ހުރީ ހާވިލް ވެސް ދާނެކަމަށެވެ. އެބަ އަންނަމޭބުނެ ޒީކް ފޯނުބޭއްވިއެވެ. ހާވިލް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ޒީކްގެ ހިތުގައި ހާވިލްއަށް ހާއްސަ ކަމެއް ދެވިފައިވާހެން ޒީކްއަށް ހީވެއެވެ. އެކަމު މި ވީ ހުރިހާދުވަހު މާލޭގެ އެތަންމިތަނުން ރީތި ކިތަންމެ ފިރިހެން ކުދިންނެއް ޒީކްއަށް ފެނި ދިމާވެފައިވެސް އެބަހުރިއެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހު ހާވިލް ފެނުމާއިއެކުވެސް ބުނަންނޭނގޭ އިހްސާސްތަކެއް ޒީކްއަށް ކުރެވުނެވެ. އެއީ ކީއްވެ ކަމެއް ޚުދު ޒީކްއަށް ވެސް ބުނެދޭން ނޭނގެއެވެ.
ބޫޓުގެ ފުންނާބު ޖެހޭއަޑަށްް ހާވިލް ބަލައިލިއެވެ. އޭރު ޒީކް ސިޑިން ފައިބައިގެން ހުރެ އާދެއެވެ. ހާވިލް އިސްދަށަށް ޖަހާލިއެވެ. ޒީކްއާއި ދިމާއަށް ނުބަލަން ވެގެންނެވެ. ޒީކްގެ އަޑު ކެނޑުމާއިއެކު އަނެއްކާވެސް ހާވިލް ބަލާލިއެވެ. އޭރު ޒީކް ހުރީ ސިޑި މަތީގައި ފޯނަށް ބަލަހަށްޓައިގެންނެވެ.
“ހޫމްމމމމ.. ތިތަނުން ނުފޭބިފަތަ ތިހިރީ؟” އަޑުގެ ކޮޅަށް އާޝިޔާ ގޮވާލިއެވެ. އެ އަޑާއެކު ޒީކް ވެސް ސިއްސައިގެން ދިޔައެވެ. އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ.
“ހާދަ ފޯރި ގަދަ ދުވަހެއްހެން ހީވޭ، އަނެއްކާ ބުޅީގަ މަހެއް ގަތީތަ؟” އާޝިޔާ ދިމާކުރަން ފެށިއެވެ.
“ނޫނޭ، ތިކަހަަލަ ކަމެއް ނޫން، އެހެން ނޫނަސް އަހަރެން މީ ދެން ކާކު؟” ޒީކް ބޭނުންވީ ހާވިލްއަށް އެއްޗެއް އަންގާލުމަށެވެ. ޒީކް ހުރީ ހުސްކޮށްކަން ހާވިލްއަށް އަންގާލުމަށެވެ.
“ހިނގާބަލަ ދެން ސައިބޯން ދާން، ވަރަށް ބަނޑުހައިވޭއެބަ!” ޒީކްގެ ގޮހޮރު ވަޔާ ތަޅާ ކަހަލައެވެ.
“ތަންކޮޅެއް މުރާލިވެބަލަ، އަވަހާ ތެދުވެ ސައިބޮއެގެން އޮފީހަށް އަންނަނަމަ ތިހެން ނުވާނެ ދޯ؟” އާޝިޔާ އަދިވެސް ޒީކްއާއި ދިމާކުރަނީއެވެ.
“ތީއެންނު ތިހެން ހުންނަން ޖެހޭ ކަމަކީ، މިޒަމާނުގަ ފިރިހެންކުދިން ގަޔާވަނީ ގެވެހި މުރާލި އަންހެންކުދިން ދެކެ، ތިހެން ހުސްބަނޑާހުރެ އޮފީހަށް އަންނަ މީހަކާ ކާކު ބޭނުންވާނީ އިންނަން؟” އާޝިޔާ ބޮޑު ފަތިވަރެއް ދަމާލިއެވެ.
“ހިނގާބަލަ ދާން، ކެފޭއިން ބަނގާޅު ސޮރަކާ މަ އިނދެފާނަމޭ އޯކޭ އެންނު؟!!” ޒީކް ބޭނުންވީ ހިތްވަރު ގަދަކަން ދައްކާލުމަށެވެ. އެހެން ނަމަވެސް ހަގީގަތުގައިވެސް ޒީކްގެ ހިތާހިތުން އާޝިޔާ އެދެއްކި ވާހަކަތަކާމެދު ވިސްނާލެވުނެވެ. ފައިސާއަކީ ހުރިހާއެއްޗެއް ގަނެވޭނެ އެއްޗެއް ނޫނެވެ. ދިރިއުޅުމުގައި އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ދޭންޖެހޭނެއެވެ. ލޯތްބާއި އުފަލަކީ ފައިސާއިން ލިބޭ އެއްޗެއްނަމަ ހެނދުނުގެ އަރާމު ނިދި ނަގައިލާ ޒީކްވެސް އޮފީހަކަށް ދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ޒީކްގެ މައިންބަފައިންނަކީ މާލޭގައި ތިބި މުއްސަދިންގެ ތެރޭގައި ހިމެނޭ ބައެކެވެ.
ހަގީގަތުގައި ފައިސާ ހޯދުމަކީ ޒީކް ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ނަމަވެސް ޒީކް އޮފީހަށް ދަނީ ހިތްހަމަ ޖައްސާލުމަށެވެ. މައިންބަފައިންނަށް ބަރޯސާވެގެން މުޅި އުމުރު ހުސްކޮށްލަން ބޭނުން ނުވާތީއެވެ.
އާޝިޔާ ތެދުވެގެން ހިނގައިގަތެވެ. ޒީކް ބޭނުންވީ ލަދު ކަނޑާލާފައި ވިއަސް ހާވިލްއަށް ސައިބޯން ދިއުމަށް ދައުވަތު ދޭށެވެ.
“ހާވިލް ހިނގާބަލަ ސައިބޯން ދާން!” ހިތްވަރުކޮށްލާފައި ޒީކް ބުނެލިއެވެ. ހާވިލްއަށް އަނެއްކާވެސް އެކަންވީ ބޮޑު ކަމަކަށެވެ. ހާވިލް އަކީ ނިކަމެއްޗެއްކަން ހާވިލްގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އެހެން ނޫނަސް ގެއިން ސައިބޮއިގެން އަންނަނީ ވެސް އިތުރަށް ބޭރަށް ދާން ބޭނުން ނުވާތީއެވެ. ހާވިލް ފަދަ މީހަކަށް ވަޒީފާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ކަމުން އޮފީސް ގަޑީގައި ބޭރުގައި އުޅުމަކީ ހާވިލް ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ހާވިލް ޒީކްއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ހާވިލްގެ ލޮލުގައި އަޅއިގަތީ ސިޑިމަތިން ފައިބައިގެން އައިސް އައިސް ހުރި އޮފީހުގެ ވެރިޔާ ޒަމީރެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 މެއި 2021ވާހަކަސިހުރު – ކުރު ވާހަކަ
- 25 ޖޫން 2020ޚަބަރުހާވިލް – ހަވަނަ ބައި
- 17 ޖޫން 2020ވާހަކަހާވިލް – ފަސްވަނަ ބައި
- 11 ޖޫން 2020ވާހަކަހާވިލް – ހަތަރުވަނަ ބައި