ލާމު ޓުއާރ އިން އިސްނަގައިގެން ލާމު އަތޮޅު ޕޮރޮމޯޓް ކުރުމަށް މިއަހަރަށް ކަނޑައެޅި އިވެންޓް ތަކުގެތެރެއިން “ލާމުޓުއާރ ވިތު ސެލެބިރިޓީ” އިވެންޓް މިހާރު ދިމާވެފައި މިވާ ފުރަބަންދު ނިމުމަކަށް އައުމާއިއެކު ނުވަތަ ދަތުރު ކުރަން ހުއްދަ ހުޅުވާލާނަމަ (ބޮޑު އީދު) ގައި “ލާމުޓުއާރ އޮން ނިއު ނޯމަލް” މިނަމުގައި ލާމު ޓުއާރ އިން އަނެއްކާވެސް ތަފާތު އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

“ލާމުޓުއާރ ވިތު ސެލެބިރިޓީ” އިވެންޓަކީ ލާމު ޓުއާރ ޓީމުން އިސްނަގައިގެން 2019 ޑިސެމްބަރ 07 ވަނަދުވަހު ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭއްވުނު “ލާމު ގޮޅަރިހަ ކޭން” އިވެންޓް ބޭއްވުނު ފަދައިން ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކާއި ގުޅިގެން ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ އިވެންޓެއް ކަމަށް ލާމު ޓުއާރ އިން މުނިއަވަސް އަށް މަޢުލޫމާތުދެއެވެ.

“ލާމުޓުއާރ އޮން ނިއު ނޯމަލް” އިވެންޓް ގައި ލާމުގެ ރީތި ހުރިހާ ލޮކޭޝަން ތަކުގެ ފޮޓޯ ޝޫޓަކާއި، ފާހަގަކޮށްލެވޭ ތާރީޚީ ތަންތަނުގެ ފޮޓޯ ޝޫޓެއްގެ އިތުރުން ލާމު ގޮޅަރިހަ ރަހަބެލުމުގެ ހަރަކާތެއް ލާމުޓުއާރ ފޭސްބުކް ޕޭޖުން ލައިވް ކޮށް ގެނެސްދެވޭނެއެވެ.

ލ. މާންދޫގައި އޮންނަ ހިތްގައިމު ރުށްގަނޑު – ފޮޓޯ: ލާމު ޓުއަރ

މިގޮތުން، ލާމު އިޝްތިހާރު ކުރުމުގެ ގޮތުން 10 ޖޫން އިން ފެށިގެން ރާއްޖޭގެ މަޝްހޫރު ފަންނާނުން ވީޑިއޯ އިސްތިހާރު މިހާރުވަނީ ލާމުޓުއާރ މީސްމީޑިއާ ޕޭޖުތަކުން ގެނެސްދޭން ފަށާފައެވެ. މީގެ ދެ ރެއެއް ކުރިން ވަނީ އަރަމުން އަންނަ އެކްޓްރެސް މަރިޔަމް ޝިފާގެ ޚާއްޞަ ވީޑިއޯއެއް އެ ޕޭޖުން ގެނެސްދީފައެވެ. އެ ވީޑިއޯގައި ބުނާގޮތުން ޝިފާއާއި އެކު ލާމުޓުއާރ އަކަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ނުވަތަ ހެޔޮއެދޭ ފަރާތްތަކަށް ލާމަށް ދަތުރުކުރުމަށް ހިނގާނެ ޚަރަދަށް ދީލަތި އެހީއެއް، ނުވަތަ ވިޔަފާރި އިޝްތިހާރެއް ކުރައްވަން ބޭނުންފުޅުނަމަ އެކަމަށް ފުތުސަތު ހުޅުވިފައިވެއެވެ. އެންމެ ރަނގަޅު ހުށައެޅުމެއްލިބޭ ފަރާތްތަކަށް ލާމުޓުއާރ އަކަށް ޝިފާއާއި އެކު ބައިވެރިވުމަށް ފުރުސަތުދެވޭނެ ކަމަށްވެސް ލާމު ޓުއާރ އިން ބުނެއެވެ.

“ލޯތްބާއި އެކު ތިޔަފަރާތްތަކުން މިވީ ތަނުގައިވެސް މިފަދަ ކަންކަމުގަ ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ނިހާޔަތަށް ޝުކުރުވެރިވަން.” ލާމު ޓުއަރ އިން ހާމަކުރިއެވެ.

ލާމު ޓުއަރގެ މި އިވެންޓަށް އެހީތެރިކަމެއް ނުވަތަ ސުޕޮންސަރ ކުރެއްވުމަށް މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ލާމު ޓުއާރގެ 7385813 އަބުދު ﷲ ފައިސަލަށް އަނގަވައިދެއްވުމަށް އެދެއެވެ.

ފައިސާގެ އެހީތެރިކަމެއް ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 101 135663 7707 ބީއެމްއެލް އެކައުންޓަށް ޖަމާކޮށް 7385813 އަށް ސުލިޕް ވައިބާ ކޮށްދެއްވުމަށް ވެސް ލާމު ޓުއަރ އިން އެދެއެވެ.

އެކްޓްރެސް ޝިފާ ހުރީ ލާމަށް ދާން ތައްޔާރަށް

“ސްޕޮންސާރ ކުރާފަރާތުގެ ނަން / ލޯގޯ ނުވަތަ އެފަރާތަކުން ބޭނުންވާ ޕޮރަޑަކުޓެއް މިދުވަސްތަކުގައި ލާމުޓުއާރ ފޭސްބުކު ޕޭޖުން އަދި “ލާމުޓުއާރ އޮން ނިއު ނޯމަލް” އިވެންޓް ގެ ހުރިހާ ހަރަކާތެއްގައި ބެނާ ނުވަތަ ބޯޑްގައި ފެންނަން ހުންނާނެ. ހަމަ އެހެންމެ މެއިން ސުޕޮންސަރާއި ކޯ ސުޕޮންންސާރގެ އިޝްތިހާރު 6 މަސްވަންދެން ޕޭޖުގައި ޖަހައިދެވޭނެ. މީގެ އިތުރުން މިކަމާއު ގުޅިގެން އުފެއްދޭ ފޮޓޯ ވީޑިއޯ ގައި ހިމެނޭނެ” ބޮޑު ފޭން ބޭސް އެއް އޮތް ލާމު ޓުއާރ އިން ފާހަގަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.