ވޭތުވެ ދިޔަ އަހަރުގެ ކާމިޔާބު ބޮލީވުޑް ފިލްމު “ކަބީރް ސިންގ”އާ ހަމައަށް ކިއާރާ އަދްވާނީއަކީ ބޮލީވުޑްގައި މާ އާންމު ނަމެއް ނޫނެވެ. ޝާހިދު ކަޕޫރްއާއެކު ކުޅުނު އެ ފިލްމާއެކު އޭނާގެ ފިލްމީ ކެރިއަރު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދިނެވެ. ދެން އޭނާ ފެނިގެންދިޔަ “ގުޑް ނިއުޒް” އަކީވެސް އޭނާއަކީ ކުޅަދާނަ ފަންނާނެއްކަން ސާބިތުކޮށްދިން ފިލްމެކެވެ.

ކިއާރާއަކީ މިހާރު ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރެއިން އެންމެ ބިޒީ އެއް ތަރިއެވެ. މި އަހަރަށް ތާވަލުކޮށްފައި އޭނާގެ 4 ފިލްމެއް އެބައޮތެވެ. އެއީ “ލަކްސްމީ ބޮމްބް”، “އިންދޫ ކީ ޖަވާނީ”، “ޝޭރްޝާހް” އަދި “ބޫލް ބުލައްޔާ 2” އެވެ. އޭގެ ތެރެއިން “ބޫލް ބުލައްޔާ 2” ފިޔަވައި އަނެއް 3 ފިލްމުގެ މަސައްކަތް ވަނީ ނިމިފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިންޑިޔާގައި ފުރަބަންދު އިޢުލާނުކުރުމުން “ބޫލް ބުލައްޔާ 2” ގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ފުރަބަންދު އުވާލުމުން އެ ފިލްމުގެ ޝޫޓިންވެސް ފަށާނެއެވެ.

“އަހަރެން އަބަދުވެސް ކަރަން ގާތުގަ ބުނަން އަހަރެން ބޭނުމޭ އަހަރެން ކުޅޭ ކޮމެޑީއެއް ކަރަން ޑައިރެކްޓްކުރަން. އެއީ ވަރަށް މޮޅު މީހެއް. އޭނަގެ ލޯބީގެ ފިލްމުތަކުގައިވެސް ހެއްވާ މަޖާ ކަންތައްތައް ހިމެނޭ. އަދި އޭނަގެ ޓައިމިން ވަރަށް ފުރިހަމަ. އަހަރެން ބޭނުން ކަރަންގެ ކޮމެޑީއެއް ކުޅެލަން.”

ފިލްމީ ކެރިއަރުގައި މުހިންމު ރޯލެއް އަދާކުރި ކަރަން ޖޯހަރްއާ ބެހޭގޮތުން ކިއާރާ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.