ކަރީނާ ކަޕޫރްގެ އެންމެ ފާހަގަކުރެވޭ ރޯލަކަށް ވާނީ ކަރަން ޖޯހަރްގެ ފިލްމު “ކަބީ ޚުޝީ ކަބީ ޣަމް..” ގައި ކުޅުނު “ޕޫ” ގެ ރޯލުކަން ގައިމެވެ. އަދިވެސް އެވަރުގެ ރޯލެއް ކަރީނާއަށް ނުކުޅެވޭ ކަމަށް އޭނާގެ ގިނަ ފޭނުންވެސް ޤަބޫލުކުރެއެވެ.

“އަހަރެންނަށް އަދިވެސް ޕޫ ވަރުގެ ކެރެކްޓަރއެއް ނުކުޅެވޭ. ލަންޑަންގައި އަހަރެންނަށް ޕޫ އޭ ކިޔާފައި މީހުން ނުގޮވާ ގޮތަކަށް މަގުމަތީ ނުވެސް ހިނގޭ. ދަރިފުޅާ އެކީގަ ދާއިރުވެސް މީހުން އެހެން ގޮވާ. އެކަމަކު އަހަރެން ބޭނުމެއް ނޫން މީހުން އަހަރެންނަށް ޕޫ ގެ ނަމުން ގޮވަނީ ކީއްވެކަން ދަރިފުޅަށް އެނގޭކަށް.” ޗެޓު ޝޯއެއްގައި ވާހަކަދައްކަމުން ކަރީނާ ބުނެފައިވެއެވެ.

“ކަބީ ޚުޝީ ކަބީ ޣަމް..” ގައި ކަރީނާ ކުޅުނު ޕޫ ގެ ކެރެކްޓާއިން އޭނާ ވަނީ ޖެހިގެން އައި އަހަރު ބޭއްވި ހުރިހާ އެވޯޑް ހަފުލާއެއްގައި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.

“ކަބީ ޚުޝީ ކަބީ ޣަމް..” ގައި ކަރީނާގެ އިތުރުން ޝާޚް ރުކް ޚާން، ކާޖޮލް، ރިތިކް ރޯޝަން، އަމީތާބް ބައްޗަން، ޖާޔާ ބައްޗަން އަދި ޚާއްސަ ފެނިލުމެއްގައި ރާނީ މުކަރްޖީވެސް ހަރަކާތްތެރިވިއެވެ. މި ފިލްމަކީ 2001 ވަނަ އަހަރު ބޮލީވުޑް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.