އިންސާނުން ވާހަކަދެއްކުމަށް ބޭނުން ކުރާ ބަސްބަހުގެ ތެރެއިން މިހައިތަނަށް ދިރާސާކުރެވިފައިވާ ގިނަ ބަސްބަހުގައި އެއްގޮތް އުޞޫލުތަކެއް ނުވަތަ ހަމަތަކެއް ހުންނަ ކަމަށް ބަސްވާރުން ހާމަކުރައްވައެވެ. ހަމައެހެންމެ، އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ އަޑުގެ ނިޒާމުގައި ހިމެނޭ އަޑުތައް އެމުނި އެކުލެވި ލަފުޒުތައް އުފެދި އަޑުތައް ބުގިސްވެގެންދާއިރު، އެއްއަޑު އަނެއް އަޑާ ގުޅި ލާމެހިގެންދަނީ ބަހުގެ ޠަބީއަތުގައި ހުންނަ ވަކި ހަމަތަކަކާއި ވަކި އުޞޫލުތަކެއްގެ މަތިންނެވެ. މިގޮތުން ހުސްނޫނަކީ ނުވަތަ ނޯށު އަޑަކީ ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުސްނޫނު އިހުމާލުކޮށްލެވުމުން ހަމައެކަނި ބަދަލުވަނީ ލަފުޒު ކިޔާ ގޮތެއް ނޫނެވެ. ލަފުޒު ވެސް ބަދަލުވަނީ އެވެ.

އެހެންކަމުން މިމަޒުމޫނުގައި އަމާޒުކޮށްފައިވާނީ ފޯނީމަކީ ކޮބައިކަމާއި، އަދި ނޯށުގެ އަޑަކީ ދިވެހި ބަހުގެ ފޯނީމެއްތޯ ބެލުމަށެވެ. މިގޮތުން ދިވެހިބަހުގައި ހިމެނޭ ފޯނީމްތަކާއި އެންމެ ތިމާގެކަން ބޮޑު ސިންހަޅަބަހާއި ދެމެދުގައިވާ ފޯނީމުތަކުގެ ގުޅުމެއް ވާކަމަށް ބަހުގެ މާހިރުން ވިދާޅުވަމުންދާއިރު، މި މަޒުމޫނުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އުތުރާއި ދެކުނު އަދި މެދު ރާއްޖެ ތެރެއާއި ވެރިކަން ކުރާރަށް މާލޭގެ ޑާޓާ ހިމަނައިގެން ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމްތައް ބަލައި މިދެބަހުގައި ހުސްނޫނު އަޑުތައް އެތުރި ތަރުތީބުވަމުންދާގޮތާއި، ފޯނީމްތަކުގެ ސިފަތަކުގައި ހުރި ގުޅުންތަކަކީ ކޮބައިތޯ ބަލައި ދިވެހިބަހުގައި ހުސްނޫނަކީ ފޯނީމެއްތޯ ބެލުމުގެ މައްޗަށެވެ.

ފޯނީމަކީ ކޮބާ؟

ފޯނީމަކީ ލަފުޒުގެ މާނަ ބަދަލުކޮށްދޭ އަޑެވެ. އަދި ފޯނީމަކީ ގްރީކުބަހުގެ ލަފުޒެއްކަމަށްވާ ”ފޯނީމާ” އިން އުފެދިފައިވާ ލަފުޒެކެވެ. މާނައަކީ ވާހަކަދައްކަން ބޭނުންކުރާ އަޑުތަކެވެ. ފޯނީމުގެ ތަޢުރީފުގައި ޕީޓަރ ލެޑްފޯގެޑް (2006) ބަޔާންކުރައްވަނީ ދެ އަޑެއްގެ ސަބަބުން ދެ ލަފުޒުގެ މާނަ ފަރަގުކުރެވޭ ނަމަ އެ ދެ އަޑަކީ ދެ ފޯނީމު ކަމުގައެވެ. ހަމައެހެންމެ، ޓީ.ބާލަސުމްރަމާނިއަން (2004) ގެ ނަޒަރުގައި ފޯނީމަކީ އަޑުތަކުގެ ތެރެއިން ފަރަގުކުރެވޭ ފަދަ ޚާއްޞަ ސިފައެއް އެކުލެވިގެންވާ އަޑުތަކެވެ. މިސާލަކަށް؛ އިނގިރޭސިބަހުގައި ހިމެނޭ ‘’tap’’ އާއި ‘’tag’’ މާނަ ބަދަލުކުރަނީ /p/ އަދި /g/ ތަފާތުންނެވެ. ވީމާ، /p/ އަދި /g/ މިއީ އިނގިރޭސިބަހުގެ ދެ ފޯނީމެވެ. އެހެންކަމުން، ފޯނީމަކީ ބަހެއްގައި ހިމެނޭ އެންމެ އަޑެއްގެ ސަބަބުން އަބަހުގައި ހިމެނޭ ލަފުޒު، އެއް ލަފުޒު އަނެއް ލަފުޒާއި ނުވަތަ އެއް ޔުނިޓް އަނެއް ޔުނިޓުގެ މާނަ ބަދަލުކޮށްދޭ އަޑުތަކެވެ.

އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަހުގައި ހިމެނޭ ބަސްކޮށާރުގައިވާ ހުރިހާ ލަފުޒުތަކެއް އުފެދެނީ ފޯނީމުތައް ގުޅިލާމެހިގެންނެވެ. މިކަމަށް އިޝާރަތްކުރައްވާ ޕީޓަރ ލެޑްފޯގެޑް (2006) ހާމަކުރައްވަނީ ބަސްބަހުގައި ހިމެނޭ ލަފުޒުތައް އުފެދެނީ އެއް ފޯނީމަށްފަހު އަނެއް ފޯނީމު އަންނަ އުޞޫލުން ފޯނީމުތައް އަތުރާ ތަރުތީބުވެގެން ކަމުގައެެވެ. މިގޮތުން، ބޭނުންކުރާ ފޯނީމުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވޭ ކަމަށް މައިކް ޑެވަންޕޯޓް އާއި އެސް.ޖޭ.ހެނާޒް (1998) ހާމަކުރައްވައެވެ. އެއީ، ކޮންސަނަންޓް ފޯނީމާއި ވަވަލްސް ފޯނީމެވެ.
ދިވެހިބަހުގައި ހިމެނޭ ފޯނީމުތައް

ދިވެހިބަހުގައި ހިމެނޭ ފޯނީމުތައް ހޯދުމަށްޓަކައި ބޭނުންކޮށްފައިވާނީ ބަހަވީ ޢިލްމުގައި ފޯނީމުތައް ހޯދުމަށް ބޭނުންކުރާ އުޞޫލުތަކުގެ ތެރެއިން ދެ އުޞޫލެވެ. އެއީ، މިނިމަލް ސެޓާއި މިނިމަލް ޕެއަރޒްއެވެ. މިގޮތުން، ކޮންސަނަންޓް ފޯނީމުތަކުގެ ތެރޭގައި ހިމެނެނީ /l/ ،// ،/ʧ/ ،/v/ ،/b/ ،/f/،g/ /،/J/, /n/,/m/ ،/S/ ،/D/ ، އެވެ. މީގެއިތުރުން ދިވެހިބަހުގައި ހިމެނޭ ވަވަލް ފޯނީމުތަކުގެ ތެރޭގައި /a/A/U/u/e/E/o/O/i/I/ ފަދަ ފޯނީމުތައް ހިމެނެއެވެ.

ދިވެހިބަހާއި ސިންހަޅަ ބަހާއި ދެމެދުވާ އާއިލީ ގުޅުންތައް

ދިވެހިބަހާއި ގުޅޭގޮތުން ދިރާސާކުރައްވާފައިވާ ބަހަވީ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި ދިވެހިބަހަކީ އިންޑޯ އާރިޔަން އާއިލާއަށް ނިސްބަތްވާ، ސިންހަޅަ ބަހާއި ގުޅުންހުރި ބަހެއްކަމަށް ޔުމުނާ މައުމޫން (2002) ހާމަކުރައްވައެވެ. މި އާއިލާގެ މައި މޫ ގޮސް ގުޅެނީ އިންޑޯ ޔޫރަޕިއަން އާއިލާއަށެވެ. މީގެއިތުރުން، ސިންހަޅަބަހާއި ދިވެހިބަސް ހިމެނެނީ މޮޑަރން އިންޑޯ އާރިޔާން އާއިލާގެ ތެރޭގައި ހިމެނޭ އެންމެ ތިމާގެ ކަންބޮޑު ދެބަސްކަމުގައި ކަމަށް ސޮންޔާ ފްރިޓްޒް (2001) ހާމަކުރައްވައެވެ.

ސިންހަޅަބަހާއި ދިވެހިބަހުގެ ހިމެނޭ އެއްގޮތް ފޯނީމުތައް

ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކަށް ބަލާއިރު، ދެބަހުގައި ހިމެނޭ އެއްގޮތް ކޮންސަނަންޓް ފޯނީމުތަކުގެ މެނަރ އަދި ޕްލޭސް އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގ އެއްގޮތެވެ. މިގޮތުން، ދެބަހުގެ ތެރޭގައި ހިމެނޭ ހުރިހާ ލޭބިއަލް ) /f/,/v/,/m/,/b/,/p/ ) ފޯނީމުތަކާއި ހުރިހާ ނޭޒަލް ( N/P/,/n/,/m// ) ފޯނީމުތަކެއް އެއްގޮތެވެ. ހަމައެހެންމެ، ޕެލެޓަލް ސްޓޮޕްސް /ʤ/) އަދި /ʧ/،( ރެޓްރޮފްލެކްސް ސްޓޮޕްސް /D/ )އަދި /T/ ) އަދި ވީލާރިކް ސްޓޮޕްސް (/k/ )އަދި /g/)ގެ ގޮތުގައި ހިމެނޭ ހުރިހާ ފޯނީމުތަކެއް އެއްގޮތެވެ. އަދި އެލްވީލަރިކް ލެޓްރަލްގެ /l/ ))ފޯނީމާއި، ވީލަރިކް ޓްރިލްގެ /r/ ފޯނީމާއި ލޭބިއޯ ޑެންޓަލް ފްރިކަޓިވްގެ ދެ ފޯނީމުކަމަށްވާ /v/ އަދި /f/ އާއި ވޮއިސްލެސް އެލްވީލަރިކް ފްރިކަޓިވް /s/ އާއި ގްލޮޓަލް ފްރިކަޓިވްގެ ގޮތުގައި ހިމެނޭ /h/ އަދި ޕެލެޓަލް ވީލަރިކް ފްރިކަޓިވް އެއްކަމަށްވާ /s/، މިއީ ސިންހަޅަބަހާއި ދިވެހިބަހުގައި އެއް ސިފަތަކެއް ލިބިވާ އެއްގޮތް ފޯނީމުތަކެވެ. އެހެންކަމުން، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ހުރިހާ ފޯނީމުތަކަށް ބަލާއިރު ޖުމުލަ 18 ކޮންސަނަންޓް ފޯނީމާއި 8 ވަވަލް ފޯނީމުގައި ހިމެނެނީ އެއްސިފަތަކެއްކަން މި ދިރާސާއިން ފާހަގަކުރެވުނެވެ. އެހެންކަމުން، ބްރޫސް ޑީ. ކެއިން (2000) އަދި ވިލިހަމް ގައިގަރ (1919) ހާމަކުރައްވާ ފަދައިން ދިވެހިބަހާއި ސިންހަޅަބަހުގެ އަޑުތަކުގައި ގާތްގުޅުންތަކެއް ވާކަމަށް ހާމަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތެއްކަން ހާމަވެގެންދެއެވެ. އަދި ހަމަ އެހެންމެ ދިވެހި ބަހެކޭ އެއްގޮތަށް ނޭޒަލް ފޯނީމުތައް ސިންހަޅަ ބަހުގައިވެސް ވުމުން ދިވެހި ބަހާއި ސިންހަޅަ ބަހުގައި ނޯށުގެ އަޑު އެއްގޮތްކަން ހާމަވެއެވެ.

މީގެއިތުރުންވެސް ދިވެހިރާއްޖެއެކޭ އެއްފަދައިން ނޯށުގެ އަޑު ބޭނުންކޮށްގެން ލަފުޒުތައް ކިޔާ ޤައުމުތައް ހިމެނއެވެ. އޭގެތެރޭގައި މަޑަގަސްކަރަ، އެފްރިކާ، ޒެންޒިބާބް، ކޮރެއާ ފަދަ ޤައުމުތައް ހިމެނެއެވެ. ތިރީގައި މިވާ ޗާޓުގައި އޮރެންޖް ކުލައިން ފާހަގަ ކުރެވިފައިވަ މިވަނީ ދިވެހިރާއްޖެ އާއި އެއްގޮތަށް ފޯނީމްތައް ބޭނުންކުރާ ޤައުމުވެ. ހާއްޞަކޮށް ނޯށުގެ އަޑެވެ.

އެހެންނަމަވެސް ދިވެހި ބަހުގައި ހުސްނޫނަކީ ފޯނީމެއްތޯ ބެލުމަށް އިތުރަށް ދިރާސާކޮށްލަން ޖެހެއެވެ.

ދިވެހިބަހުގައި ހުސްނޫނުގެ ސަަބަބުން ލަފުުޒުގެ މާނައަށް ބަދަލު އަންނަ ނަމަ އެއީ ފޮނީމެއް ހެއްޔެވެ؟

ދިވެހި ބަހުގައި ނޯށަށް އަރުވާ ކިޔާތަންތަން ލިޔުމުގައި ފާހަގަކުރުމަށް ބޭނުން ކުރަނީ ” ހުސްނޫނު” (ނ) އެވެ. ދިވެހި ބަހުގެ ޤަވާއިދު ބުނާގޮތުން މި ހުސްނޫނު ބޭނުން ކުރެވެނީ ” ބާގޮދަޑި” މިއިން އަކުރެއްގެ ކުރީގައިކަމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (2011) ހާމަކުރައްވައެވެ. މިސާލަކަށް، އަނބު، އަނގަ، ބަނދި، ނޫނީ ދަނޑި މިގޮތަށެވެ. ދިވެހި ޢާއްމު ބަހުގައި މިކަން އޮތީ މިގޮތަށެވެ. އެހެންނަމަވެސް، ހުސްނޫނަކީ ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުސްނޫނު އިހުމާލުކޮށްލެވުމުން ހަމައެކަނި ބަދަލުވަނީ ލަފުޒު ކިޔާ ގޮތެއް ނޫނެވެ. ލަފުޒު ވެސް ބަދަލުވަނީ އެވެ. މާނަ ވެސް ބަދަލުވަނީ އެވެ.

އެހެންކަމުން ތިރީގައި މިވާ ތާވަލް 1 ގައި މިވަނީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އުތުރާއި ދެކުނު އަދި މެދު ރާއްޖެ ތެރެއާއި ވެރިކަން ކުރާރަށް މާލޭގައި ހުސްނޫނު ބޭނުންކުރާ ލަފުޒުތަކުގެ ތެރެއިން ބައެއް މިސާލުތަކެވެ. މި މިސާލުތަކަކީ މިރަށްރަށުުގެ އަހުލުވެރިންގެ ތެރެއިން އެރަށަކަށް ނިސްބަތްވާ ބައެއް ފަރާތްތަކާއި ކުރެވުނު އިންޓަވިއުތަކުގެ ތެރެއިން ހޮވާލެވިފައިވާ ލަފުޒުތަކެކެވެ.

ތާވަލް:1

މަތީގައިވާ ތާވަލް 1 ގައިވާ މިސާލުތަކަށް ބަލާއިރު ދިވެހި ބަހުގެ ރަސްމި ބަހުރުވައިގައި ނުވަތަ މާލޭ މީހުން ވާހަކަ ދައްކާ ބަހުރުވައާއި އުތުރާއި މެދު ރާއްޖެތެރޭގައި މީހުން ވާހަކަ ދައްކާ ބަހުރުވައިގައި ނޯށުގެ އަޑުތައް ހުންނަ ބަސްބަހުގައި ހުވަދޫ އާއި ފުވައްމުލަކު ބަހުރުވައިގައި ނޯށުގެ އަޑެއް ( ހުސްނޫނު) ބޭނުން ނުކުރާކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް؛ ދިވެހި ރަސްމީ ބަހުރުވައިގައި ” ކަނޑު، ކަނޑި، އަނބު، ފަދަ ބަސްބަސް ކިޔާއިރު ނޯށުގެ އަޑު ފާޅުވާއިރު އުތުރާއި މެދުރާއްޖެ ތެރޭގައިވެސް މި ބަސްބަސް ކިޔައި އުޅެނީ ނޮށުގެ އަޑު ބޭނުންކޮށްގެންނެވެ. ނަމަވެސް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިން ވާހަކަ ދައްކާއިރު މި ބަސްތައް ކިޔާއިރު ނޯށުގެ އަޑެއް ފާޅެއް ނުވެއެވެ. އެމީހުން މި ބަސްތައް ބޭނުންކޮށް އުޅެނީ ނޯށުގެ އަޑު ނުލައި ‘ ކަޑު، ކަޑި، އަބު’ މިފަދައިންނެވެ. އެހެންނަމަވެސް އައްޑޫ ބަހުރުވައިގައި ބައެއް ބަސްބަސް ކިޔާއިރު ނޯށުގެ އަޑު ފާޅުވެއެވެ. މިސާލަކަށް؛ ރަސްމީ ބަހުރުވައިން ” ކަނޑުމަސް (kanDumas) ކިޔާއިރު އައްޑުއަތޮޅު ހުޅުދޫ މީހުން ކިޔައި އުޅެނީ”ކަނޑިމަސް (kanDimas) ” މިހެން ފިލީގެ އަޑު ބަދަލުކޮށްގެންނެވެ. މާނައަށް ބަދަލު ނާންނަ ގޮތަށެވެ. ނަމަވެސް ރަސްމީ ބަހުރުވައިން މިސާލަކަށް: ” ކަނޑި، އަނބު، ބަނދި” މިބަސްތައް ކިޔާއިރު ހުވަދޫ އަދި ފުވައްމުލަކު ބަހުރުވައިން ނޯށުގެ އަޑު ނުލައި ”ކަޑި، ބަދި، އަބު” މިހެން ކިޔުމުން ލަފުޒުގެ މާނައަށް ބަދަލު އާދެއެވެ. އެހެނީ ދިވެހި ބަހުގައި ” ކަނޑި” މާނަ ކުރަނީ ހަތިޔާރެއްގެ ގޮތުގައެވެ. ކަޑި މާނަ ކުރަނީ އޮޑިދޯނި ފަހަރުގައި ލުމަށާއި ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. ވީމާ، ” ކަނޑި” ކިޔާއިރު ހުސްނޫނު ބޭނުންކޮށްފައި ”ކަޑި” ކިޔާއިރު ހުސްނޫނު ބޭނުން ނުކުރުމުން މާނައަށް ބަދަލު އާދެއެވެ. ހަމަ މިގޮތަށް ” އަނބު” މިއީ ދިވެހި ބަހުގައި މޭވާއަކަށް ކިޔައި ނަމެކެވެ. ނަމަވެސް ” އަބު” މިއީ މުޅިން އެހެން މާނައެއްގައި މިސާލަކަށް، ލަކުޑި ގަނޑެއްގެ ކޮޅު ހިމަކޮށް ބިންމައްޗަށް ޖަހާ އެއްޗެކެވެ. އަދި ” ބަނދި” މިއީ ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ” ބަދި ” މިއީ ރާވެރިން ރުކަށް އަރާއިރު ބޭނުންކުރާ އެއްޗެކެވެ. ވީމާ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބައެއް ބަސްބަހުގައި ހުސްނޫނު ބޭނުންކޮށްފައި އަނެއްބައި ހިސާބުތަކުގައި ހަމަ އެބަސް ކިޔާއިރު ހުސްނޫނު ބޭނުން ކޮށްފައި ނުވުމުން ލަފުޒުގެ މާނައަށް ބަދަލު އާދެއެވެ. ހަމައެހެންމެ ދިވެހި ރަސްމި ބަހުރުވައިގައި ހުސްނޫނު ބޭނުން ނުކޮށް ކިޔާ ބައެއް ލަފުޒުތަށް ހުވަދޫ އާއި ފުވައްމުލަކު ބަހުވައިގައި ހުސްނޫނު ބޭނުންކޮށްގެން ކިޔާތަން ފެނެއެވެ. މިސާލަކަށް، މަތީގައިވާ ތާވަލްގައިވާ ” ފާހަގަ، ހަގު” ފަދަ ލަފުޒުތަކަކީ ރަސްމި ބަހުރުވައިގައި ނޯށުގެ އަޑު ފާޅުނުކޮށް ކިޔާ ލަފުޒުތަކެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި މިލަފުޒުތައް ކިޔާއިރު ނޯށުގެ އަޑު ފަޅުވެއެވެ. ” ހަނގު، ފާހަނގަ” މިގޮތަށެވެ.

މީގެއިތުރުން ހީގަތުމާއި، ހިނިއުމާއި، ހީކެރުވުން މި ލަފުޒުތަކަކީވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިގޮތަށް ބޭނުންކުރަމުން އަންނަ ބަސްބަހެވެ. މިގޮތުން އުތުރުގެ ބައެއް އަތޮޅުތަކުގައި ”ހީގަތުން” ބޭނުންކޮށް އުޅެނީ ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުމަށެވެ. ހީކެރުވުމަށެވެ. މިސާލަކަށް “ފިނިގަދަކަމުން މުޅިން ހީގަނެއްޖެއެވެ.” މިއީ ހުނުމުގެ ވާހަކައެއް ނޫނެވެ. ދެކުނުގެ ބައެއް އަތޮޅުތަކުގައި ”ހީގަތުން” މުޅިން އެހެން މާނައެއްގައި ވެސް ބޭނުންކުރެއެވެ. އެއްޗެއް އޮޅުންބޮޅުންވުމަށެވެ. މިސާލަކަށް، ” ކަންވާރު އެއްޗަކަށް ނޯޅައި އުޅެން ހަދައިގެން މުޅިން ހީގަނެއްޖެއެވެ.” މިއީ ހީކަރުވާ ވާހަކައެއް ނޫނެވެ. އަދި ހުނުމާބެހޭ ވާހަކައެއްވެސް ނޫނެވެ. އެއްޗެއް އޮޅުންބޮޅުންވީ ވާހަކައެވެ. ނަމަވސް ދިވެހިބަސްފޮތް (2006) ގައި ”ހީގަތުން” މާނަކޮށްފައި ވަނީ ”ހީކެރުވުން” މި މާނައިގައެވެ. މި ލަފުޒުގައި އެހެން މާނައެއް ވެސް ނެތެއެވެ. ހީކެރުވުމުގެ މާނައެއް ކަމަށް ބަސް ފޮތް ބުނަނީ ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުން ކަމުގައެވެ. އެހެންވީމާ، ހީގަތުމުގެ މާނައާ މެދު އެއްވެސް ޝައްކެތް ނެތެވެ. ނަމަވެސް ”’ހީނގަތުން” މި ލަފުޒުގެ މާނައަށް ބަލާއިރު، ދިވެހިބަސްފޮތް (2006) ގައި ބަޔާންކޮށްފައިވަނީ ހީނގަތުމަކީ ކުއްލިއަކަށް ގަދަޔަށް ހުނުމެވެ. އެހެނީ ހުނުމަކީ އުފަވެރިކަމުގެ އަސަރު، އަޑާއެކު އަނގައިން ފާޅުކުރުމެވެ. ހީނގަތުމަކީ މިއީއެވެ.

މިގޮތުން ”ހީނގަތުން” މި ލަފުޒު ލިޔާއިރު ހުސްނޫނު ( ނޯށުގެ އަޑު) އިހުމާލްކޮށްލެވިއްޖެ ނަމަ މުޅިން އެހެން ލަފުޒަކަށް ބަދަލުވެގެންދާނެ އެވެ. ކިޔާ ގޮތާއި ލިޔާ ގޮތާއި މާނަ ވެސްމެ އެވެ. އެހެންވީމާ އެއީ މުޅިން އެހެން ލަފުޒެކަށްވެ ހިނިއަށްނަ ވާހަކަ ބުނުމުގެ ބަދަލުގައި ހީކަރުވާ ވަހަކަ ބުނެވޭގޮތް ވެދާނެ އެވެ. ވީމާ، ހުނުމުގެ މާނައިގައި “ހީގަތުން” ބޭނުމެއް ނުކުރެވޭނެއެވެ. އެ މާނައިގައި ބޭނުންކުރެވޭނީ ހީނގަތުމެއެވެ. އެހެންވީމާ، ހީގަތުމާއި ހީނގަތުމަކީ ތަފާތުކޮށްކިޔޭ މުޅިން ދެ މާނައެއް ދޭހަވާ މުޅިން މުސްތަޤިއްލު ވަކި ދެ ލަފުޒުކަން އަޅުގަނޑުމެންނަށް އެބަ އެނގެއެވެ.

ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކުގެ ވަޒީފާއަކީ، އެ އަޑުތައް “އިއްވަން” ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް “ނެރެވޭނޭ” ގޮތެއް ނޯންނާނެއެވެ.

މީގެއިތުރު މިސާލަކަށް، ވިލިނގިލި އާއި ހޯނޑެއްދޫ ފަދަ ރަށްރަށުގެ ނަންނަން ކިޔާއިރު ނޯށަން އަރުވައި ކިޔަން ޖެހުނަސް، އެ ދެނަން ލިޔާއިރު (ލިޔުމުގައި) ހުސް ނޫނު ނޯންނަ ނަމަ އެ ދެ ރަށުގަ ނަން ކިޔަން ޖެހޭ ގޮތް ނޭނގޭ މީހަކަށް އެ ދެނަން ރަނގަޅަށް ކިޔާކަށް ނޭނގޭނއެވެ. މިގޮތުން ކުރީގެ އަދބީ ލިޔުންތަކަށް ބަލާއިރު ހުސް ނޫނު ލިޔަން ޖެހެނީ މައިގަނޑު ދެ ސަބަބަށްޓަކައެވެ. އެއީ ހުސްނޫނު ނުލިޔެފި ނަމަ، އަކުރާއި ފިލި އެއް ގޮތަށް ޖަހަންޖެހޭ ލަފުޒުގެ ތެރެއިން ނޯށަށް އަރުވައި ކިޔަން ޖެހޭ ލަފުޒާއި ނޯށަން ނާރުވައި ކިޔަންޖެހޭ ލަފުޒެއް ނަމަ މި ފަދަ ދޭދޭ ލަފުޒުގެ މާނަ ދޭހަވުމަށް ދަތިވުމެވެ. އެހެންކަމުން ކަނޑި، ކަނޑު، ފަދަ ލަފުޒުލަފުޒުގައި ހުސްނޫނު ލިޔަން ޖެހޭނީ އެ ލަފުޒު ކިޔާއިރު ނޯށަން އަރުވައި ކިޔަން ޖެހޭތީ އެވެ. މާނަ ދޭހަކުރަން ފަސޭހަކުރުމަށްޓަކައެއް ނޫނެވެ. މިސާލަކަށް ހަނޑު ކަނޑިއަކާއި ހަނގުރާމަކުރަން ގެންގުޅޭ ކަނޑިއެއްގެ ވާހަކަ ލިޔުނަސް ހަމަ އެ 2 “ކަނޑީގައި” ވެސް ހުސްނޫނު ލިޔަންޖެހޭނެ އެވެ. ނަމަވެސް އެއީ މާނައިގެ ގޮތުން ވަރަށް ތަފާތު ދެ “ކަނޑި” އެކެވެ. “ހަނޑޫ ކަނޑީ”ގައިވާ ކަނޑި އަކީ ވަކި މިންވަރަކަށް ކިޔާ މަމެކެވެ. ކިލޯގްރާމާއި ޓަނު ވެސް ކިޔާ ފަދައިންނެވެ. ލާއްސާއި ނާޅިވެސް ކިގާ ބީދައިންނެވެ. ނަމަވެސް ހަނގުރާމަކުރަން ގެންގުޅޭ ކަނޑި އަކީ ހަތިޔާރެކެވެ. އެކަމަކު މާނަ ތަފާތުކުރާންވެގެނެ އެއިން އެއްވެސް ލަފުޒަކުން ހުސްނޫނު އުންޏެއް ނުކުރެވޭނެ އެވެ. އެހެންވީމާ ހުސްނޫނު ލިޔަންޖެހެނީ ނޯށަން އަރުވައި ކިޔަންޖެހޭ ތަންތާނގައިކަން އެބަ އެނގެއެވެ. މާނަ ތަފާތު ކުރާކަށް ނޫނެވެ. އަދި މާނަ އޮޅި ދާނެތީއެއްވެސް ނޫނެވެ.

ކޮންމެއަކަސް އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަހުގައި ހިމެނޭ ބަސްކޮށާރުގައިވާ ހުރިހާ ލަފުޒުތަކެއް އުފެދެނީ ފޯނީމުތައް ގުޅިލާމެހިގެންނެވެ. ފޯނީމަކީ ލަފުޒުގެ މާނަ ބަދަލުކޮށްދޭ އަޑެވެ. މިގޮތުން ދިވެހިބަހާއި ސިންހަޅަ ބަހުގައިވެސް އެއްގޮތް މޯފީމްތައް ހުންނަކަމާއި، މިގޮތުން ލަފުޒު ކިޔުމުގައި ނޯށުގެ އަޑުތަކުގައިވެސް އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އަދި ދިވެހިބަހުގައި ހުސްނޫނަކީ ނޯށުގެ އަޑުކަމަށް ވާއިރު، ދިވެހިރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދިވެހި ރަސްމީ ބަހުރުވައިގައި ހުސްނޫނު ބޭނުންކޮށްފައި ހުންނަ ލަފުޒުތަކުގައި ދެކުނުގެ ބައެއް އަތޮޅުތަކުގައި އެ ލަފުޒުތައް ކިޔުމުގައި ހުސްނޫނު ބޭނުންކޮށްފައި ނުވުމުން ލަފުޒުގެ މާނައަށް ބަދަލު އާދެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ދިވެހިބަހުގައި ހުސްނޫނަކީ ފޯނީމެކެވެ. ސަބަބަކީ ދިވެހިބަހުގައި ނޯށުގެ އަޑު (ހުސްނޫނު) ގެ ސަބަބުން ލަފުޒު ނުވަތަ ބަހުގެ މާނައަށް ބަދަލު އަންނާތީއެވެ.

ރިފަރެންސް
– ބްރޫސް ޑީ. ކެއިން. (2000). ދިވެހި (މޯލްޑިވިއަން): އަ ސިންކޮރޮނިކް އެންޑް އަ ޑައިކޮރޮނިކް ސްޓަޑީ.”ޕީއެޗްޑީ ޑިޒަރޓޭޝަން.” (ރަށް ނޭގޭ): ފެކަލްޓީ އޮފް ދަ ގްރެޖުއޭޓް ސްކޫލް އެންޑް ކޯނެލް ޔުނިވަރސިޓީ
– އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު. ( 2012، ޑިސެމްބަރ 24).ހީގަތުމާއި ހީނގަތުން. ނެގީ؛http://liyuntherin.org / ން.
– ވިލްހަމް ގައިގަރ. (1919). މޯލްޑިވިއަން ލިންގުއިސްޓިކް ސްޓަޑީޒް. ކޮލަންބޯ: ގަވަރަނމެންޓް ޕްރެސް.
– މައިކް ޑެވަންޕޯޓް އާއި އެސް. ޖޭ. ހެނަޒް. (1998). އިންޓްރޮޑިއުސިން ފޮނެޓިކްސް އެންޑް ފޮނޮލޮޖީ. ލަންޑަން: ހޮޑަރ ހެޑްލައިން ގްރޫޕް.
– ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2006). ބަސްފޮތް 2006 . މުސައްނިފް
– ސޮންޖާ ފްރިޒް. (2001). ދަ ދިވެހި ލޭންގްއޭޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޯރިކަލް ގްރެމަރ އޮފް މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓްސް. ޖަރމަން:
– ޓީ. ބާލަސުބްރަމާނިއަން. (2004). އަ ޓެސްކްޓް ބުކް އޮފް އިންގްލިޝް ފޮނެޓިކްސް ފޯރ އިންޑިއަން ސްޓުޑެންޓް. ނިއު ދިއްލީ: ރަޖިވް ބެރި ފޯރ މެކްމިލިއަން އިންޑިއާ ލޓޑ.
– ޔުމުނާ މައުމޫން. (2002). އަ ޖެނަރަލް އޯވަރ ވިއު އޮފް ދިވެހި ލެންގުއޭޖް. މާލެ : ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރ.
– ޕީޓަރ ލެޑްފޯގެޑް. (2006). އަ ކޯސް އިން ފޮނެޓިކްސް، (ފަސްވަނަ އިސްދާރު). ޔޫއެސް އޭ: ހަ ރކޯޓް ބްރޭސް ޕަބްލިޝާ.

އެޕެންޑިކްސް

ދިރާސާކުރުމަށް ރެކޯޑް ކުރެވިފައިވާ އިންޓަވިއުތައް

1- ފުވައްމުލަކު ޒުވާނަކާ މާލޭ މާރުކޭޓް ސަރަހައްދުން ދިމާވެގެން ކޮށްފައިވާ އިންޓަވިއު އެއް.

ސުވާލު: ފުވައްމުލަކުގައި ދަނޑު ހައްދައި އުޅެނީ ކިހިނަކުންތޯ؟

ފުވައްމުލަކު ޒުވާނާ: ދަޑު ހައްދަ އުޅެނީ، އަބު، ކަނަހަ، ފޭރު، ކުންނާރު

ސުވާލު: އެތަކެތި މާލެ ގެންނަން ހަދަނީ ކިހިނެއް؟

ފުވައްމުލަކު ޒުވާނާ: އާއްމުކޮށް ގެންނަނީ ކަޑަމަގެ ބޯޓެއްގަ. ދެދުހަވާ ވަރު ނަގަނީ.

ސުވާލު: ވިލިނގިލީގަ ބަނދަރު ކުރޭތަ އާންމުކޮށް އަންނައިރުގަ؟

ފުވައްމުލަކު ޒުވާނާ: ބައެއް ފަހަރު ހުވަދޫ އަތެޅެ މަޑުކުރަންނެނަ ބައެއް ރަށްރަށުގަ.
ވިލިގިލީގަވެސް ބައެއް ފަހަރު މަޑުކެރަން.

ސުވާލު: ދެން މާލެ އައިސް މާރުކޭޓަށް އެއްޗެހި ބާލާއިރުގަ ފާހަގަކޮށްލެވެނީ ކޮންކަހަލަ ކަންތައްތަކެއް؟ ތަކެތި ބޭލުމުގަ އަނެއްހެން މީހުން ތަކެތި ގަނޭބާއޭ؟

ފުވައްމުލަކު ޒުވާނާ: އާއްމުކޮށް މާލެ ގެނައިތަނަށް ހަމަ އެއްޗެތި ވިކޭ. ރަށަށް ގެނައި އެއްޗެތި. ދޮންކޭލު، ކަރާ، އެއްޗެތި އާއްމުކޮށް ވިކޭ.

ސުވާލު: ދެން މި ހަގު މީހުންތައް އާންމުކޮށް މިއުޅެނީ މިކަމުގަ؟

ފުވައްމުލަކު ޒުވާނާ: އާއްމުކޮށް މިއަންނަނީ ހަމަ ދުވަހައި އުމުރު މީސްމީހުން މިއަންނަނީ.

ސުވާލު: ރޯގާ ކަންތައް ތިރަށުގަ އުޅެނީ ކިހިނަކުންތޯ؟

ފުވައްމުލަކު ޒުވާނާ: ރޯނގާ އިނީ ދުވަސް ދުވަސް ކަޑަ ހަމަ.

2- ހުވަދޫ އަތޮޅު ތިނަދޫ ކުއްޖަކާ ކޮށްފައިވާ އިންޓަވިއުއެއް

ސުވާލު: މާރާމާރީ ހިންގަން ބޭނުންކުރަނީ ކޮންކަހަލަ އެއްޗެއް؟

ތިނަދޫ ޒުވާނާ: މާރާމާރީ ހިންގަން ބޭނުން ނުކެރެ ކަންނޭގެ އެއްވެސް ވަރަށް އެއްތެއް؟ ކަޑި މިކަހަލަ އެއްތެތި. އެކަމަކު ފަރަށް ފަހަކުން ހިގި މާރާމާރީއަކު ކުއްތަކުންގާތު ވައްޅި ބޭނުންކުރެފަ އެބަހުއްޓި އެ ކުންތަކެއް ހަގުރާމަ ކުޓެފައި.

ސުވާލު: ދެން މިސާލަކަށް ތިރަށުން ކަނޑުމަގުން މާލެ އަންނަން ކިހާވަގިތެއް ނަގާނެ؟

ތިނަދޫ ޒުވާނާ: ގާތްގަނޑަކަށް ނަގަންނެ ދެދުވާ ނަގަންނެ ދެރެއަ ނަގަންނެ ރެއާ ދެދުވާ ނަގަންނެ ކަޑުމަތީ.

ސުވާލު: ދެން އާންމުކޮށް ކަނޑުމަތީގަ ދިމާވާ ހާދިސާތައް ނުވަތަ ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަން ކިހިނެއްތޯ؟

ތިނަދޫ ޒުވާނާ: ކަޑުމައްތޭ ރައްކާތެރިކަން ވަރަށް ރަގަޅޭ ބުނަންނު. ބޯޓް ވަރަށް ޒަމާނީ ގޮތަކަށް ހަދައި ފައި ބުނަންނު. ކޮންމެ މީހަކު ވަނަސް ނިދަން ތަންތަނާ އެއްޗެތި ހުންނާނެ ހަދައިފަ.

ސުވާލު: މީގެއިތުރުން އާންމުކޮށް ތިރަށްރަށުގަ ދަނޑުވެރިކަންކޮށް އުޅެނީ ކިހިނެއް؟

ތިނަދޫ ޒުވާނާ: ދަޑުވެރިކަން ކެރަންނު ކާރަތާ އޮންނާނެ ފަޅުރަޓެއް. ގަމާއޮ އެރަޓަށް ކިޔަންނު. އެރަޓުގަ އާއްމުކޮށް އޮންނާނެ އޮޅުއަލަ. ދެން މަދުމަދުން އެހެން ބާވަތްތައްވެސް މިހާ ހަދައު އުޅޭތަން ދަޑުތައް ވަކިން ބިލަށް ނަގައިގެން އެތަންތާ ކަރާއި، ބަންޑާއި، ކެރެޓާއި މިކަހަލަ ފާޑުފާޑުގެ އެއްޗެތި ހަދައުތަ.

ސުވާލު: ދެން އިހުޒަމާނުގަ މީހުން ބަނދި، ކާ އެކަހަލަ އެއްޗެހި ހަދާތަ؟ މިކަހަލަ ކަންތަައްތައް ކޮށް އުޅޭތަ ރަށުގަ އާންމުކޮށް މިހާރުވެސް.

ތިނަދޫ ޒުވާނާ؛ ތިކަހަލަ އެއްވެސް ކަމެއް މިހިނެއް ނުކުރެތާ. ދިވެހި ދުވަހާ ފާހަގަ ކެރަން ވެލަން އެއްކުރެ ހުންނަ އެއްޗެތި ހުރެދާނެ. އެކަމު ބަދި މިކަހަލަ އެއްޗެތި ހަދައި ނޫޅެ.

3- އައްޑުއަތޮޅު ހުޅުދޫ އަންހެނަކާއި ކޮށްފައިވާ އިންޓަވިއުއެއް

އައްޑޫ އަންހެނާ: އަފިރިންގެ ރަށަކީ ވަރަށް މަސްވެރިކަން ރަގަޅޭ އަބަދުވެސް ވަރަށް ކުރީ ޒަމާނުއްސުރެވެސް. ދެން އެނަށް އަފިރިންގެ ރަށަކީ އެނަށް ދަނޑަވެރިކަމަށް އެހައި ކުރިއަރާފައިވާ ރަށެއް ނޫން. މި އެޅެއަލަ އެކަނި.

ސުވާލު: ދެން ކަނޑުމަހުގެ މަސްވެރިކަމުގަ.

އައްޑޫ އަންހެނާ: ކަނޑިމަސް ހަމަ ވަރަށް ކުރީއްސުރެ ވަރަށް ގިނަ ކުރިއެރުނުތައް ހޯދަތަނުކަމަށްވޭ.

ސުވާލު: ދެން އެ މަސް ކަނޑުމަގުން މާލެ ގެންނަންނީ ކިހިނެއް؟

އައްޑޫ އަންހެނާ: ކުރިން އައްޑޫ މީހުން މަސްބާގެން މި ހިއްކައިގެން އެ ހިފައިގެން ކޮޅުބަށް. މާލެއަކަށް ނޭރެށިއެ،

ސުވާލު: ފަހުން މާލެއަށް ދަތުރުކުރަން ފެށި ހިސާބުން މާލެއަށް އެތެރެކުރަން ފެށި ހިސާބުން މާލެއަށް އެތެރެކުރަނީ ކިހިނެއް؟

އައްޑޫ އަންހެނާ: މިކޯ މާލެއަށް އެތެރެނުކުރަތާ. މިކޯ ހަމަ ބޯޓްފަހަރަށް ކިރަނީ.

ސުވާލު: ދެން ކަނޑުމަގުން ދަތުރުކުރާއިރު ކިހާވަގުތެއް ނަގާތަ؟

އައްޑޫ އަންހެނާ: ކަނޑުމަގުން މާލެއަށް ތިންރޭ ތިން ދުވާ. އެއީވެސް ދޭތެރެ ދޭތެރެއިން . މިކޯ ބޮޑުކަޑަކީ ހުރަސް ކުރާކަނޑަށް. މިސާލަކަށް އައްޑޫ ކަނޑަކީ ވަރަށް ބޮޑު ކަނޑަށް. ބޮޑުކަނޑަގައި ދަތުރުކުރާއިރު ހަމަ މަޑުކުރާށިއަ ރަށްރަށުގަ. ހުވަދޫ ކަނޑަކީވެސް ވަރަށް ބޮޑު. ހުވަދޫ ކަނޑަށްވެސް ކައިރި ރަށްރަށަށް މަދުކުރާށި. އެދޭތެރެއަކު އެެއްވެސް ރަށެއް ނުފެނޭހެ. ގަދަ ދުވަސްވަރެއްނަމަ ވިއްސާރައަށް ބަލާފަ މޫސުމަށް ބަލައިފަ އުޅެއި.

4. ހއ.މާރަންދޫ ކުއްޖެއްގެ އިންޓަވިއު

ދަނޑުވެރިކަމަކީ އުތުރަ އާންމުކޮށް ކޮށްއުޅޭ މަސައްކަތެއް. ހާއްސަކޮށް ދެވަނަ ބޮޑުހަނގުރާމައަށްފަހު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފަ. ދަނޑުހެއްދުމުގަ އާންމުކޮށް ހައްދާ އުޅޭ ބާވަތްތަކަކީ ދަނޑިއަލުވި، ކައްޓަލަ، ބަރަބޯ، ބަނބުކެޔޮ، މިވާވަތުގެ އެއްޗެހި އާންމުކޮށް ހައްދައި އުޅެނީ. އެހެންނަމަވެސް މީގެއިތުރުންވެސް ވަރަށް ގިނަ ބާވަތްތައް ހައްދާ އުޅޭ. ދެން މިއިއްޗިހި އާންމުކޮށް އެއްރަށުން އަނެއް ރަށަށް ގެންގޮސް އުޅެނީ ކަނޑުމަގުން. ކަނޑުމަގުން ގެންގޮސް ހަދާއިރުގަ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި އެއްޗެހި ތާޒާކަމާއެކު އެއްރަށުން އަނެއް ރަށަށް ނުގެންދެވޭކަން. އެހެންވީމަ، ކުރިމަގުގަ ދަނޑުވެރިކަން ކޮށްްގެން އުފައްދާ އެއްޗެހި އެއްރަށުން އަނެއްރަށަށް ގެންދިއުމަށްޓަަކައި ވައިގެ މަގު ބޭނުންކުރެވޭނެކަމަށް ދަނޑުވެރިމާބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފަ. އެހެންވީމާ ކުރިމަގުގަ ކޮންމެ ރަށަކަށްވެސް ދަނޑުވެރިކަން ކޮށްގެން ލިބޭ ތަރުކާރީ އާއި މޭވާ ފަސޭހަކަމާއެކު އެއްރަށުން އަނެއް ރަށަށް ގެންދެވޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން.

5- ފ. ފީއަލީ މީހެއްގެ އިންޓަވިއު

ކަންނެލި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިޞާދުގަ މިހާރު ވަރަން މައްޗަށް ގެންގޮސްފައިވާ މަސައްކަތެއް. މިކަމުގަވެސް އެންމެ ކުރީގަ އުޅެނީ މެދުރާއްޖެތެރެ ރަށެއް. އެމީހުންގެ އެ ހުނަރުވެރިކަން ވަރަށް ބޮޑަށް މުޅި ރާއްޖޭގަ ވަނީ ބަލައިގެންފަ. ކަންނެލި ބޭނުމަށްޓަކައި ކަންނެލި ބަނޑުވެސް ހުރޭ ވަރަށް ބޮޑަށް އެމީހުން ކަންނެލި ނަގާފަ އޭގެ ގޮރު ހުންނާނެ ގެނެސްފަ. ބައެއް ފަހަރު ރައްޓެހިންނަށްވެސް ދީ އުޅޭނެ. އެހެންވީމަ، ކަންނެލި ބާނާއިރުގަ އޭގެ ދާވަނި ކަހަލަ އެއްޗެހީގަވެސް ހުންނާނެ ނަގާފަ. ބޮޑެތި ކަންނެލި ވެއްޖެއްޔާ ނަގަން ހިފާލާނި ދާވަނީގަ. އެހެންވީމަ، ކަންނެލީގެ މަސްވެރިކަން ދަޖުރިބާ ހޯދުމުގެ ގޮތުން އެހެން ރަށްރަށުންވެސް ރަށުގެ މީހުން ގާތުން މަޢުލޫމާތު ހޯދާ އެ ލިބިގަނެ އެހޯދަމުން ދަނީ. އެހެންވީމާ ބޮޑުކަންނެއްޏާ، ޕާޓޭ ކަންނެލި މިއީ ވަރަށް ބޮޑަށް އެމީހުން ދޫމަތީ ބަހެއް. ދެން މާކަނޑަށް ނިކުމެ ބޭރު ހިސާބުގަނޑުގަ އެމީހުން މި މަސް ބާނަމުން ދަނީ. ހާއްޞަކޮށް މަލިކު ފެންނަ ހިސާބު ވަރަށް ކައިރިއަށްދޭ. ބޯޑަރު ހުރަސްކޮށް މާކަނޑު މީ ވަރަށް ފުންކަނޑެއް. ވަރަށް ބޮޑެތި ކަންނެލި ބާނާ ހަދާ. ދެން ރަށަށް ގޮއްސަ ރަށުގަ ވަރަށް ދަނޑުވެރިކަންވެސް އޮވޭ. ދެން މަސްވެރިކަމާ ދަނޑުވެރިކަމާ، ދެން އަންހެނުން ކަނޑިކި ލައިގެން އުޅޭނެ މި ކަންނެލީގެ މަސްވެރިކަން ކުރިއަށް ގެންދިއުމާ ކަންކަމުގަ. ދެން އަސްލު އަހަރެމެން ރަށުގަ އަނބުވެސް ހުންނާނެ. އަނބުގަސްވެސް ހުންނާނެ. އަނބު މޫސުމުގަ އަނބުވެސް ވަރަށް ބޮޑަށް ލިބޭނެ. ވަރަށް ފުދުންތެރިކަން އޮންނަ ތަރައްޤީ ވެފައިވާ ހިސާބުގަނޑެއް. އެމީހުން ވަރަށް ރަގަޅަށް ފައިސާ ހޯދާފަ، އެ މަސައްކަތްތަކުން ލިބޭ އާއްމުދަނީން ފުދިގެން އުޅޭ ބައެއް ދެން އެއީ. ދެން ދޯނި ފަހަރުވެސް، ބޮޑެތި ދޯނި ފަހަރު އޮންނާނެ ހަމަ ކަންނެލި މަސްވެރިކަމަށް ބޭނުންކުރާ ސަތޭކަ ފޫޓް ސަތޭކަ ފަސް ފޫޓް. ހަމަ ފައިބަރު ދޯނިފަހަރު އޮންނާނެ.
………….

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.