ބައިސްކޯފުން ޕްރޮޑިއުސްކޮށް ބައިސްކޯފު އެޕުން ދައްކަމުން އަންނަ ފާތިމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް ”ހުވާ“ގެ ސީޒަން 2 ގެ 20 އެޕިސޯޑު ދެއްކުމައްފަހު ސީޒަން ބްރޭކް ނަގަން ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަޑުކުރުމަށް ކަމާބެހޭ އެންމެހާ އިދާރާތަކުން އަންގަމުންދާ މި ދަނޑިވަޅުގައި ގޭގައި ތިބުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، ރާއްޖޭގެ ފުރަތަމަ އަދި އެންމެ ކާމިޔާބު ވެބްސީރީޒް ”ހުވާ“ ދެއްކުން ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ލޮކްޑައުންގެ މުއްދަތު ދިގުލައިގެން ގޮސް “ހުވާ” ގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ވަނީ ދަތި ތަކަކާއި ކުރިމަތިވެފައެވެ. މިފަދަ ސަބަބު ތަކަކާއި ހުރެ ހުވާ ސީރީޒް ގެ “މިޑް ސީޒަން ފިނާލޭ” އަވަސް ކުރަން ޖެހުނީ ކަމުގައި ނަހޫ ބުންޏެވެ. ނަމަވެސް މާ ލަސްތަކެއް ނުވެ “ހުވާ” ދައްކަން ފަށަން މަސައްކަތްކުރާ ކަމަށާއި ތާރީޚެއް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށްވެސް ނަހޫ ބުންޏެވެ. “ހުވާ 02“ ގައި 80 އަށް ވުރެން ގިނަ އެޕިސޯޑް ހިމެނޭ އިރު، ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.
ބެލުންތެރިންގެ ހިތުގައި މިހާރު އުފެދޭނެ އެއްމެ ބޮޑު ސުވާލަކަށް ވާނީ ޝައުނާ (ރިޝަފާ) އަދި ނާޒިމް (ފައިސަލް) ގެ ދިރި އުޅުމަށް ދެން ވާނެ ގޮތަކާއިމެދުއެވެ. “ހުވާ” ސީރީޒް އިން ރިޝްފާ ދެން ފެންނާނެތޯއާމެދު ބެލުންތެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
“ހުވާ”ގެ ދެވަނަ ސީޒަންގައި ކިތަންމެ ނިކަމެތި ގޮތެއް ވާންވެސް ތައްޔާރަށް ހުރި ކަމަށް އެ ސީރީޒްގެ ފުރަތަމަ ސީޒަންގައިވެސް އެންމެ ހާލުގައި އުޅުނު ކެރެކްޓާ ދެއްކި، ހުނަރުވެރި ފަންނާނު އާމިނަތު ރިޝްފާ މީގެ ކުރިން އޭނާގެ ފޭސްބުކް ސްޓޭޓަސް އެއްގައި ބުނެފަައިވެއެވެ.
“އުފާވެރި ދިރިއުޅުމަށް ކުރި ކުޑަކުޑަ އުއްމީދު، ތި އަނދިރިކަމުން ސަލާމަތްކުރަން އުޅެއުޅެ ގޮތްހުސްވެއްޖެ…. އަހަރެންގެ މާޒީގައި ކުރެވުނު ކުށެއް، ވަލު ޖަނަވާރެއް ޝިކާރަ ފަހާ ދުވާހެން އަހަރެންގެ ފަހަތުން … ކިތަންމެ ނިކަމެތިގޮތެއް ވާންވެސް ހަމަ ރެޑީ. ތިބާ އަށް ހަމައެކަނި ފެންނާނީ އަހަރެންގެ ހިނިތުންވުން، އަހަރެންގެ ރުއިމެއް ނުފެންނާނެ … ހުވާ-02“ ރިޝްފާގެ ފޭސްބްކްގައި ޖަހާފައިވާ ސްޓޭޓަސް ގެ ޖުމްލަ މާނައިގައި ބުނަނީ މިހެންނެވެ.
ހުނަރުވެރި ގިނަ ތަރިންތަކެއް ހިމަނައިގެން ބައިސްކޯފުން ގެނެސްދޭ ”ހުވާ“ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސީރީޒެކެވެ. ”ހުވާ“ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބްސީރީޒްއެވެ. ހުވާ ޑައިރެކްޓްކުރަނީ ފައިސަލް އާއި ނަހޫގެ އިތުރުން ޔޫއްޕެއެެވެ.
އަންނަ ހަފުތާއިން ފެށިން “ހުވާ” ސީރީޒް ނުފެނުނު ކަމުގައިވިއަސް ބައިސްކޯފުގެ މަގްބޫލު ސީރީޒް “އެހެނަސް” ސީޒަން 02 އަންނަ ހުކުރުވިލޭރޭ ޕްރިމިއާ ކުރާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.