ޒާޝާ ގޮވައިގެން ނީމް ދިޔައީ ރަސްފަންނަށް ހިނގާލާށެވެ. ހަފުތާ ބަންދުގެ ކޮންމެވެސް އެއްދުވަހެއްގައި ދަރިފުޅު ގޮވައިގެން ހިގާލަން ދެވޭތޯ ނީމް ކޮންމެހެންވެސް ބަލައެވެ. އޮފީހުގެ ބުރަ މާހައުލުން ނިކުމެ ދަރިފުޅާ އެއްކޮށް ހޭދަކުރާ ކޮންމެ ވަގުތަކީވެސް އެ ދަރިފުޅު އުފާވާނޭ ކަހަލަ ވަގުތަކަށް ހެދޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ.
“މަންމީ …. މަންމީ … ކޮއްކޮ މިތަނުން ޝެލް ކޮޅެން ހޮވަންތަ؟” އުމުރުން އެންމެ 3 އަހަރުވީ ޒާޝާ ގެ ތުއްތު ތުއްތު އަޑުން އޭނާގެ މަންމަ ގާތުން ހުއްދައަށް އެދުނެވެ.
“ލައްބަ މަންމިގެ ދޫނީ … އަވަހަށް ހޮވާ… އަން .. މި ބޭގަށް އަޅާ….” ނީމް ވަރަށް ލޯބިން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ.
ޒާޝާ ފެންނަ ހިސާބު ޖޯލީގައި ނީމް އިށީނެވެ. ޒާޝާ ޒާޝާގެ އަތުގައި އޮތް ކޮތަޅަށް ގޮނޑުދޮށުން ތަފާތުގެ ވައްތަރުގެ ރިނދަލި އަޅަމުން ދިޔައެވެ. ނަމަވެސް އޭނާގެ ސަމާލުކަން ދަމައިގަތީ އެތަނަށް ރިނދަލި ހޮވަން އައި އެހެން ކުއްޖަކަށެވެ. އެކުއްޖާއާއި މަންމައާއި ބައްޕަ އުޅެމުން ދިޔަ އުފާވެރި މަންޒަރުން އެ ކުޑަކުޑަ ޒާޝާއަށް ވެސް އޭނާގެ ބައްޕަ ނެތް ކަމުގެ ހިތާމަވެރި އިހުސާސް ކުރެވުނެވެ. ނީމް އާއި ހަމަޔަށް ޝަކުވާ ހިފައިގެން ދިޔައެވެ. ނަމަވެސް ނީމް ކޮންމެސް ގޮތަކުން މަޢުޟޫ ބަދަލުކޮށްލިއެވެ.
“މާމާ….. މާމާ….” ގެޔަށް ވަދެވުމާއެކު ޒާޝާ އޭނާގެ މާމަ ބަދޫރާ އުގަން ވަދެ ބޮނޑިވެލިއެވެ. ނީމް އައިގޮތަށް ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހުމަށް ފަހު އެދުމައްޗަށް ވެއްޓިގަތެވެ. ބާލީސް ފޯވަންދެން ރުޔެވެ. ހުއްޓައި ނުލާ ވިސްނެނީ ޒާޝާ އަށް ދޭނެ ޖަވާބަކާމެދުއެވެ. އެއްވެސް ކަމެއް ވިސްނޭ ވަރަށް ވުރެ އެއީ މާ ތުއްތު ކުއްޖެކެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަކުރަން ޖެހޭނެއެވެ.
ނީމް ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ތަޅައިގެން އަޑަށެވެ. ޓިޝޫއަކުން މޫނު ފޮހެލުމަށް ފަހު މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ނީމްގެ މަންމަ ބަދޫރާއެވެ. ބަދޫރާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ނީމް ދޮރު ލެއްޕިއެވެ. ނީމްގެ ހިތުގައި ބަދޫރާއަށް ނަފްރަތު ނޫން އެހެން އެއްޗެއް ނުވެއެވެ. ޚުދު ބަދޫރާއަށް ވެސް އެކަން އެގެއެވެ. ނަމަވެސް ބަދޫރާ ކޮންމެ ހާލެއްގައި ނީމް ގާތުގައި އުޅެގެންވެސް އޭނާގެ މާފު ހޯދަން ބޭނުންވެއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް ޒާޝާގެ އުމުރުން 17 އަހަރުވެއްޖެއެވެ. ނީމް އަދިވެސް ހުރީ ޒާޝާއަށް ހުސްވެގެންނެވެ. ޒާޝާގެ އެއްވެސް ކަމެއް އެހެން މީހަކާ ހަވާލު ނުކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން ދިޔައީ ނީމް އަށް ލިބޭ އެއްޗަކުންނެވެ. ރަގަޅު ވަޒީފާއެއް ލިބިފައި ހުރުމަކީ ނީމް އަށް މިހާ ހިސާބަށް އާދެވުނު މައިގަނޑު ސަބަބެވެ.
“މަންމާ… ކޯއްޗެއްތަ ކާން ހުރީ .. ވަރަށް ބަނޑު ހައި……” ކޮލެޖް ނިމިގެން ގެއަށް އާދެވުމާއެކު ޒާޝާ ނީމްގާތު އެހިއެވެ.
“އެހެންނުވާނީ…. ދަރިފުޅު ކައިރީ މަންމަ ބުނަން ދޯ ހެނދުނު ރަގަޅަށް ސައިބޮއެގެން… ލަންޗް ބޮކްސް ހިފައިން ދާށޭ” ނީމް ހިތް ހަމަ ނުޖެހުނެވެ.
“އެކަމަކު މަންމަ ބުންޏަކަސް ….. އަހަންނަކަށް ނުކެރޭނެ ލަންޗު ބޮކްސް ގެންދާކަށް… މީ ކުޑަކުއްޖެއް ނޫނޭ މިހާރު…. އެހެން ނޫނަސް ހުރިހާ ކުދިން ދަނީ ކެންޓީނަށް…..” ޒާޝާ ބޮޑާ ހާކަން ފެށިއެވެ.
“ހުއްޓާލާ .. ޒާޝާ… އެހެންކުދިން އުޅޭހާ ގޮތަކަށް ޒާޝާއަކަށް ނުޖެހޭ އުޅޭކަށް.. މާ ބޮޑާ ހާކަންޏާ ގޭގަ ހުރޭ ކޮލެޖަށް ދާނެ ކަމެއް ނެތް!” ނީމް ރުޅިގަދަވިއެވެ. ޒާޝާ ނުވެސް ކައި ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
“މަންމަ ކީއްވެތަ އަހަރެން އެހާ ހިފަހައްޓަނީ.. އަހަރެންގެ އެއްވެސް ރައްޓެއްސެއްވެސް ނެތް… އެހެންކުދިން ނިކުމެ އުޅޭހެން ކުޅެލާ މަޖާކޮށްލަން އަހަރެންވެސް ބޭނުން… އަހަރެން މީ އެހާ ގޯސްކޮން އުޅޭ ކުއްޖަކީތަ؟…” ޒާޝާ ފެންކަޅިވެ ހުރެ އަމިއްލަ ނަފްސާއި ސުވާލު ކުރަމުން ގެންދިޔައެވެ.
ނީމް އޮފީހުގައި ހުރެފައި ގެއަށް އައީ ޒާޝާ ފޯނު ނުނަގައިގެންނެވެ. ޒާޝާ ސިޓިންގް ރޫމްގައި ޓީވީ ބަލަން އިނެވެ. “ދަރިފުޅާ .. މަންމަ ކިހާ ވަރަކަށް ގުޅައިފިން… ކީއްވެތަ ފޯނު ނުގަނީ؟” ނީމް އައިސް ސޯފާގައި އިށީނެވެ.
“ފޯނު އައިކަން ނޭގެނީދޯ… މަންމަ މިއައީ ބިރުން ވީ ގޮތެއް ނޭގޭތީ..” ނީމްވާހަކަ ދެއްކިއެވެ.
“މަންމަ ކީއްވެތަ އެހާ ބިރެއް ތި ގަންނަނީ.. މިތާ ނޫޅޭ ދޯ އަރާކާއެއްޗެއް… އަހަރެންނަށް ހީވަނީ ޖަލެއްގަ އުޅެވޭހެން… މަންމަ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރަން މިޖެހެނީ… ކޮން ކުށެއް ކޮށްގެންތަ އަހަރެން ގައިދީއަކަށް ހަދައިގެން ތި ގެންގުޅެނީ…. އަހަރެން މީ ބައްޕަ ނެތް ކުއްޖެއްވީމަ ތަ؟” ޒާޝާގެ ބަސްތަކުން ނީމްއަށް ހީވީ އޭނާގެ ހިތަށް މީހަކު ތޫނު ޚަންޖަރެއް ޖެހި ހެންނެވެ. އެމަންޒަރު ބަލަން ފެންކަޅިވެފައި ބަދޫރާ ހުއްޓެވެ. ނީމްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށިއެވެ.
“ދެން މިނޫން ކޮން ގޮތެއް އަހަރެންނަށް އޮތީ….. މަންމަ ބޭނުމެއް ނޫން … މަންމަ އަށް ވީހެން….” ނީމްގެ ވާހަކަ އެހާ ހިސާބުން ހުއްޓާލިއެވެ.
“މަންމަ އަށް ކިހިނެއްވީ؟.. ” ޒާޝާ ހައިރާންވެފައި ސުވާލުކުރިއެވެ. ނީމް ލޮލުން ކަރުނަ ފޮހެލާފައި ގަދަކަމުން ހިނިތުން ވެލިއެވެ.
“ކަމެއް ނުވޭ ދަރިފުޅާ!” ނީމް ހިމޭން ވެލިއެވެ. އަދި ކޮޓަރިއަށް ދިއުމަށްޓަކައި ތެދުވިއެވެ.
“މަންމަ ބުނަން ތިއުޅެނީ މަންމަ ކުރި މުޑުދާރު އަމަލު އަހަރެން ވެސް ކޮށްފާނެއޭތަ؟… ބައްޕަ ނެތް ކުއްޖަކަށް އަހަރެންވެސް ބަލިވެ އިދެފާނޭތަ؟” ޒާޝާ ގެ ބަސްތަކުން ނީމްގެ ހިތް ކުދިކުދި ވިއެވެ. ދެފައިން ވާގި ދޫވެ ތަށިމުށިގަނޑު މަތީ ދެކަކޫ ޖެހުނެވެ.
“ޒާޝާ!!” ބަދޫރާ އަށް ނުހުރެވިގެން އައިސް ޒާޝާގެ ކޯތާފަތްމަތީ ބާރަށް ޖެހިއެވެ.
“އެއީ ޒާޝާގެ މަންމައޭ.. ހިތަށް އައިހާ އެއްޗެއް ތިކިޔަނީ..” ބަދޫރާ އަށް ރޮވެން ފެށުނެވެ. އަދި އެހާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވައިގެން އުޅުނު ހަޤީގަތް ކިޔައިދޭން މަޖުބޫރުވިއެވެ.
“ދަރިފުޅާ… ޒާޝާ މާމައަށް މާފުކުރޭ.. މިހުރިހާ ކަމެއްވެސް ވީ މާމަގެ ސަބަބުން… ބައްޕަނެތް ކުއްޖެއްގެ ގޮތުގައި ދަރިފުޅު ދުނިޔެއަށް އުފަންވުމާއި … މަންމަ އެހާލުގައި އުޅެން ޖެހުނީ މާމަގެ ނުބައި ކަމުން….”
“ދަރިފުޅާ … ދަރިފުޅުގެ މަންމަ… އެ މަންމަގެ އިއްފަތްތެރިކަން ….. މާމަ ކުއްޔަށް ދިނީ ހިލޭ ފިރިހެނުންނަށް..!!” ބަދޫރާ ގިސްލަ ގިސްލާފައި ރޮމުން ޒާޝާއަށް ކިޔައިދިނެވެ. “ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ ދަރިފުޅު އަހަރެން ކުއްޔަށް ދިނީ… އެ މަންމަ އަކަށް ނުވެސް އެގޭނެ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއްވެސް…….” ބަދޫރާ އަށް ރޮވޭ ވަރުން ވާހަކަ ދެއްކުނީ ކިރިޔާއެވެ.
ޒާޝާ އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ.
“މަންމާ.. އަހަރެންނަށް މާފުކުރޭ….އެހެން މީހަކު ކުރި ކުށެއްގެ އަދަބު އަހަރުމެން ދެމައިންނަށް މި ލިބުނީ… ދެން ވީކަމެއް ނުވާ ކަމަކަށް ނުވާނެ…. ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރާނީ… އަހަރެންނަށް އެނގޭ މަންމަ އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަން…” ޒާޝާ ނީމް އަށް ހިތްވަރު ދިނެވެ.
“މާމާ.. މާމައަށް ހެޔޮ ވިސްނުން ދެއްވާށި…” ޒާޝާ ލޮލުން ކަރުނަ ފޮހެލުމަށްފަހު ނީމް ގޮވައިން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް
Nice
Story