މުނިއަވަސް އިން އިންތިޒާމުކޮށްގެން ނިމިދިޔަ ރަމަޟާން މަހު ބޭއްވި ”މުނިއަވަސް، ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގެ ނަތިޖާތައް ހާމަކޮށްފިއެވެ. ”މުނިއަވަސް، ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގެ ފަޚްރުވެރި 01ވަނަ ޙާޞިލްކުރީ ނ. ހޮޅުދޫ ބަނަފުސާގޭ އަކްމަލް އަޖްވަދު ޢަލީ އެވެ.

އުމުރުން 07 އަހަރާާއި 12 އަހަރުގެ އުމުރުފުރާއަށް އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން 02ވަނަ ޙާސިލްކުރީ ކ. ކާށިދޫ، ފާގަތި / ޝެޒާ ސާޖިދު ސަމީރު އެވެ. 03ވަނަ ޙާޞިލްކުރީ ރ. މީދޫ، ވެޔޮގޭ ޢަބްދުﷲ ޝަހުދާން ޢަބްދުއްޝަހީދު އެވެ.

މި މުރާތާގައި ބައިވެރި ކުރި 159 ވީޑިއޯގެ ތެރެއިން މުނިއަވަސް ފޭސްބްކް ޕޭޖްގައި ޝާއިޢުކުރި އަސްލު ޕޯސްޓަށް އެންމެ ގިނަ ލައިކްސް، ޝެއާޒް ލިބުނު ވީޑިއޯވެސް ވަނީ ހޮވާފައެވެ. މި ވަނަ ޙާޞިލްކުރީ ގދ. ތިނަދޫ މާތިލަ، ޔޫސުފް ކިޔާން އަޒްލީމް އެވެ.

މި މުބާރާތުން 01 ވަނައަށް ހޮވުނު ދަރިވަރަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް، 02 ވަނައަށް ހޮވުނު ދަރިވަރަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް އަދި 03 ވަނައަށް ހޮވުނު ދަރިވަރަށް 1000 ރުފިޔާގެ ފައިސާގެ އިނާމެެއް، މުބާތުގެ ސްޕޮންސަރުންގެ ދީލަތި އެހީއާއެކު މުނިއަވަސް އިން ދޭނެއެވެ.

މީގެ އިތުރުން މުނިއަވަސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރި ވީޑިއޯތަކަށް އެންމެގިނަ ލައިކްސް އާއި ޝެއާރ ލިބުނު ދަރިވަރަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެއެވެ.

މި މުބާރާތުގައި ދަރިވަރުން ކިޔަވަން ކަނޑައެޅި މުޤައްރަރަކީ ކީރިތި ޤުރުއާންގެ ފަހު ދެފޮތް ކަަމަށްވާ 29 ފޮތާއި 30 ވަނަ ފޮތުން އެ ދަރިވަރަކ ުބޭނުން ހިސާބަކުންނެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ 2016 ވަނަ އަހަރު ޕީއެސްއެމް އިން ބޭއްވި ”ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުން“ ފަޚްރުވެރި 01 ވަނަ ޙާޞިލްކުރެއްވި އާދަމް ނަޞީމް ގެ އިތުރުން ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. މި ދެބޭފުޅުންނަށާއި މުބާރާތުގައި ބައިވެރިވެލެއްވި ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި ވަކިން ޚާއްޝަކޮށް، މި މުބާރާތުގެ ވީޑިއޯތަކަށް ލައިކް އަދި ޝެއާރ ދެއްވި އެންމެހާ ބޭފުޅުންނަށް މުނިއަވަސް ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުއަދާކުރެއެވެ.

މީގެ އިތުރުން މި މުބާރާތް ސްޕޮންސާކޮށްދެއްވުމުގެ އިތުރުން މުބާރާތުގެ އެންމެހައި ކަމެއް ވަރަށް ގާތުން، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިލައްވައި، މެދުނުކެނޑި ބެއްލެވި ’އިއްޔާ ރެކޯޑްސް“ އާއި ”ޑީބީ ރެކޯޑްސް“ އިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.