ރާއްޖެއިން އިތުރު 30 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 30 މީހުން ފައްސިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި ބަނގުލަދޭޝްގެ 13 މީހުންނާއި ނޭޕާލް މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިވަނީ 2065 އަށް އަރާފައެވެ. އޭގެ ތެރޭގައި ބަނގުލަދޭޝްގެ 1087 މީހުންނާއި، 726 ދިވެހީންނާއި، އިންޑިޔާގެ 192 މީހުންނާއި، ނޭޕާލްގެ 29 މީހުންނާއި، ސްރީލަންކާގެ 11 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުން އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1540 މީހުން ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ ނިޔާވެފައެވެ. އަދި ކަރަންޓީނުގައި 356 މީހުން ތިބިއިރު، 362 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.