ކެތްތެރިކަމެއްނެތި ދީމާ ޔުނާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީ ޔުނާން ބުނާނީ ކީކޭ ކަން ޚިޔާލަށްވެސް ގެންނަން ނޭނގޭ ހާލުގައެވެ.

“މި ކައިވެނި ކުރަން ބޭނުންވަނީ ސިއްރުން.” ޔުނާން އަދިވެސް ހުރީ ދީމާ އަށް ފުރަގަސްދީގެންނެވެ.

“ކީކޭ؟ ތި ބުނީ؟” ދީމާ ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަން ހުއްޓެވެ.

“އިޝާ ބޭނުން ވެދާނެ ބޮޑު ޕާޓީއެއް ބާއްވާ ނޫނީ ރައްޓެހިން ގެނެސް ހަދަން. އެކަމަކު އެގޮތް އަހަރެން ބޭނުން ނޫން ވާހަކަ މިބުނީ.” ޖިންސްގެ ޖީބަށް ދެއަތް ޖަހާލަމުން ޔުނާން ދީމާ އާއި ދިމާއަށް އެނބުރުނެވެ.

“ތީ ކޮންކަހަލަ ޝަރުތެއް.” ކޮޓަރިތެރެއަށް ވަދެގެން އައި ޔާސިރުގެ އަޑަށް ދީމާ އާއި ޔުނާން އަށް ބަލަައިިލެވުނީ އެއްފަހަރާއެވެ. ކުއްލިއަކަށް އެތަނަށް ޔާސިރު އައުމުން ޔުނާން ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

“ދަރިފުޅުގެ އެކަނި ދިރިއުޅުމެއް ނޫނެއްނު ތީ. އަލަތު ކައިވެނި ކުލަގަދަކޮށް އެންމެން ފާހަގަ ކުރަން ބޭނުންވަނީ. އެކަމަކު ދަރިފުޅުގެ ވިސްނުން ތި ހުރި ގޮތުން އަޖައިބުވެއްޖެ.” ޔާސިރު މަސައްކަތް ކުރީ ލޯބިން ޔުނާން އަށް ވިސްނައިިދޭށެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ޔާސިރު ބޭނުންވެއެވެ.

ދީމާ އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާއި ބަލާލައެވެ. ހުއްޓުމެއްނެތި ސާހިލް ގުޅަމުންދާތީއެވެ. ގޭތެރޭގެ ކަންތައްތަކާއި ހެދި ދީމާ އަށް ނުދެވިގެން ދީމާ އެހުރީ ރުޅިގަނޑު ފިއްތާލައިގެންނެވެ.

“މީ އަޅުގަނޑު ބޭނުންވާ ގޮތް. އެހާ ދެއްކުންތެރިކަމެއް އަޅުގަނޑު ބޭނުމެއްނޫން.” ޔުނާން ހުރީ ގޮތުގައެވެ. މުޅި ރަށަށް މަޝްހޫރު ރަންޑިއަކާއި ކައިވެނި ކުރާކަށް ޔުނާން ބޭނުމެއްވެސް ނޫނެވެ. ނަމަވެސް މަންމައަށްޓަކައި، މަންމަ އެދުނީތީ ޔުނާން އެހުރީ ކައިވެނި ކުރަން ތައްޔާރަށެވެ. އެންމެންނަށް ސިއްރުންނެވެ.

ޔުނާންގެ ޖަވާބުން ޔާސިރު ރުޅި އައިސްގެން ހިނގައިގަތެވެ. ޔުނާންގެ ގޮތްދޫނުކުރާ މިޒާޖު ޔާސިރު އަށް އެނގޭތީ ދެބަސްވުމަކަށް ދާކަށް ޔާސިރު ބޭނުން ނުވީއެވެ. ފުރުސަތުގެ ބޭނުން ހިފަމުން ދީމާވެސް އެދަނޑިވަޅުގައި އޭނާގެ މަންޒިލަށް ދިއުމަށް އަވަސްވެގަތެވެ.

 

ޖީބުގައި އޮތް ފޯނު ނަގައި ސާހިލް އަށް ދެފަހަރަކު ޔުނާން ގުޅާލިއެވެ. ނަމަވެސް އެތައް އިރަކު ރިންގްވުމަށްފަހު އަންގަނީ ޖަވާބެއްނުދޭ ކަމުގައެވެ. ސިކުނޑިއަށް ބަރުބޮޑުވި ވަގުތު ޚިޔާލެއް ހޯދާލާނެ މީހެއް ނެތުމުން ޔުނާންގެ ބޮލުގައި ރިއްސަން ފެށިއެވެ. އެއްވެސް ހުރަހެއްނެތި ބިޔަ ހަށިގަނޑު އެނދު މަތީގައި ދަމާލަމުން ޔުނާން އޮށޯވެލިއެވެ.

 

ދުވާލުގެ ރަން އަލި މޫނަށް އެޅުމާއެކު ޔުނާން ދެލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. ފުންމައިގެން ތެދުވެ ފާހާނާއާއި ދިމާއަށް ޔުނާން ދުއްވައިގަތީ ގަޑިޖެހެން ވިއްސަކަށް މިނެޓަށް ކައިރިވެފައި ހުރީމައެވެ.

ތައްޔާރުވެ ނިމިގެން ސިިޑިންވެސް ޔުނާން ފޭބީ ދުވެފައެވެ.

“ދަރިފުޅާ ޔުނާން.” ޔާސިރުގެ އަޑު އެހާ ގާތުން އިވުމުން ޔުނާން އަށް ހުއްޓެވުނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ސިޓިންގްރޫމަށް ގޭގެ އެންމެން ޖަމާވެފައި އޮތެވެ. ނިހާން އާއި އިޝާ ވެސް ތިއްބެވެ.

“ދެ ދުވަސް ތެރޭގައި ކައިވެނި ކުރަން އިޝާ ބޭނުންވަނީ. ޔުނާންގެ ޝަރުތާވެސް އިޝާ އެއްބަސް.” ޔާސިރު އަތުގެ އިޝާރާތުން އިށީންނުމަށް ޔުނާން އަށް އަންގާލިއެވެ.

“ދެދުވަސް ފަހުންނޭ.” ދުލުން ބޭރުކުރަން ބޭނުންވި ލަފްޒުތައް ހިތުގެ އެއްކަނުގައި ހަރުލާފައި އޮތީއެވެ. ދުލާއި ހަމައަށް އަންނަން ނުކުޅެދިފައި ކަހަލައެވެ. ދެދުވަސް ތެރޭގައި ޔުނާންގެ ދިރިއުޅުމުގެ ނިޔާ ކަނޑައަޅަން ހެޔޮ ވާނެ ބާއޭ ޔުނާންގެ ހިތަށް އެރިއެވެ.

“މިވަގުތު އިޝާ ގެންދާނަން. ދެދުވަސް ފަހުން މިލްކު ވާނެއެއްނު އެއްކޮށް.” ނިހާންގެ ސަމާސާ ރާގުން ޔާސިރު އާއި ދީމާ ހީލިއެވެ.

“ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާފަ ގުޅާލާނަން. ޕާޓީއެއް ނުބޭއްވިޔަސް ބޭރު ޤައުމަކަށް ގޮސްލަންވާނެއެއްނު.” ޔާސިރު ސޯފާއިން ތެދުވެ ނިހާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ޑޭޑް. އަޅުގަނޑަށް ވަޒީފާ ހަމަޖެހުނުތާ ހަފްތާއެއްވެސް ނުވެ ޗުއްޓީއެއް ނުލިބޭނެ. ތިން މަސް ފަހުން ވިޔަސް ދެވިދާނެއެއްނު.” ޔުނާން ލޮލުގެ ހިމަކަޅިން އިޝާ އަށް ބަލައިލިއެވެ. އެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެންނަން ހުއްޓެވެ.

“ތެދެކޭ ޔުނާން އެބުނީ. އެހާ އަވަސް އަރުވާލާނެ ކަމެއްނެތޭ.” ޔުނާންގެ ހިތުން ޖާގަ ހޯދުމަށްޓަކައި އިޝާ މަސައްކަތް ކުރަމުން ދާ ކަހަލައެވެ. އިޝާ ޔުނާންގެ މޫނަށް ބަލައިލީ ޔުނާން އިޝާ އަށް ޝުކުރުގެ ނަޒަރުން ބަލާލާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް ގަޑި ޖެހެނީ ކަމަށް ބުނެ ޔުނާން އަވަސް އަވަހަށް އެތަނުން ދިޔައީއެވެ.

 

ޔުނާންގެ މުޅި ދުވަސް ހަރާބުވި ކަހަލައެވެ. އާވާރާއެއް ފަދައިން މުޅި ތަނުގައި ޔުނާން ކޮޅުކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ބޮލުގެ ތެރޭގައި ކަމީލާ ނޫން ދެވަނަ މީހެއްނެތެވެ. މި ހުރިހާ ކަމެއް މިވަނީ ހަމަ ކަމީލާގެ ސަބަބުންނެވެ. ކަމީލާ އޭނާގެ ދިރިއުޅުމާއި ބޭނުން ގޮތަކަށް ކުޅެނީއެވެ. އޭނާގެ އިޙްސާސްތަކާއި ކުޅުމަކީ ކަމީލާ އަށް ލިބޭ ހިތްހަމަޖެހުމެވެ. ޔުނާން ހިތާއި ހިތުން ހުރިހާ ރުޅިއެއް ބާލަމުން ދިޔައީ ކަމީލާ އަށެވެ.

މޭޒު މަތީގައި އޮތް ފޯނު ރިންގް ވިތަނާ ޔުނާންގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައެވެ.

“ވަދެބަލަ. ފްރީކޮށް މި އިނީ.” ޔުނާން ފޯނު މޭޒުމަތީގައި ބާއްވާލިއިރު ސާހިލް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

“ކަލެއަށް އަދި ކިރިޔާތަ ގުޅަން އެނގުނީ.” ހިތްހަމަ ނުޖެހިފައި ހުރިވަރުން ފުރަތަމަވެސް ޔުނާންއަށް ކުރެވުނީ ޝަކުވާއެވެ.

“ހުން ވައްތަރުވެގެން ނިދިފައި އޮތީ. އަނެއްކާ ކަމެއް ގޯސްވީތަ؟” ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ރޫތަކާއެކު ސާހިލްގެ ދެލޯ ކުޑަކޮށްލިއެވެ.

“ގޯސްވެ ނިމިއްޖެ. ދެން ނުކުރެވޭނެ އެއްކަމެއްވެސް.” ޔުނާން ކަރުއެލުވާލަމުން ގޮޑިއަށް ވެއްޓިގަތެވެ. ސާހިލް ހުރިގޮތަށް ކަޅިވެސް ޖަހައިނުލާ ބަލަހައްޓައިގެން ހުއްޓެވެ. ޔުނާން އެހާ މާޔޫސް ވާންވީ ކީއްވެކަން ނޭނގިފައެވެ.

“ދެ ދުވަސް ފަހުން ކައިވެނި. އަދި ކިރިޔާ މަށަށް މި އެނގުނީ. އެވެސް ރަންޑިއަކާ.” ޔުނާން އަމިއްލަ ނަފްސަށް މަލާމަތް ކޮށްލިއެވެ.

“ޔުނާން އާ ބަސް ނުބުނަންދެން ޑޭޓެއް ހަމަޖައްސާކަށް ނުވާނެއެއްނު. ދެން މަނާ ކުރަންވީނު ތި ކައިވެންޏަށް.” ސާހިލް ބޭނުންވީ ޔުނާން އަށް ހިތްވަރުދޭށެވެ.

“އަހަރެން ރުހުން ދިނިން. އެކަމަކު ދެދުވަސް ފަހުންވީމަ ހާދައަވަހޭ.” ޔުނާން ސާހިލްގެ މޫނަށް ބަލައިލީ މޮޅިވެރިކަމާއި އެކުގައެވެ.

“އަދި އެއްފަހަރު ބައްޕަމެންނާއި ވާހަކަ ދައްކާލަންވީނު.” ސާހިލް ރަނގަޅު ޚިޔާލެއް ދިނެވެ. ޔުނާން ބޯ ޖަހާލި ނަމަވެސް އެކަމެއް އޭނާ އަކަށް ނުކުރެވޭނެއެވެ. ސާހިލްއަށްވުރެ ބޮޑަށް ޔާސިރުގެ ގޮތް އެނގޭނީ ޔުނާން އަށެވެ. ފިކުރުތަކުން ފޯވެގެން ހުރި ޔުނާން ސާހިލްގެ ފަހަތުން ނިކުތީ ގެޔަށް ދިއުމަށެވެ.

 

އަލަތު ކައިވެނީގެ ހުދުކުލައިގެ ޖަރީ ހެދުމުގައި އިޝާ އެނދުމަތީގައި އިނެވެ. ޔުނާންގެ އިންތިޒާރުގައެވެ. ބޭނުންވި ގޮތަށް ކައިވެނި ކުރެވުނަސް އަދި ޔުނާންގެ ފަރާތުން އެއްފަހަރު ނަމަވެސް ކައިވެނީގެ އުފާ ހޯދަން އިޝާ އަށް މަޖުބޫރެވެ. ކޮށްފައިވާ ފާފައަށް ފަސްއަޅާ ފޮރުވުމަށްޓަކައި އިތުރު ގޮތެއް ނެތެވެ. ބައްޕައަށް އެނގިއްޖެއްޔާ އިޝާ މަރާލާނެއެވެ. ރާއްޖެއިން ބޭރަށް އެކަނި އެބޯޝަން ހަދާކަށް ނުދެވޭނެއެވެ. ނިހާން އިޝާ އެކަނި ނުފޮނުވާނެތީއެވެ.

“ދީމާ. އަދިވެސް އެ ޔުނާން ގެޔަށް ނާންނަނީތަ؟” ބަދިގެ ފަރާތުގައި ކައްކަން ހުރި ދީމާއަށް ޔާސިރު ގޮވާލިއެވެ.

“ކީކޭ ދެން ބުނާނީ. މިހާރު ދެގަޑި އިރު ވީ ވިއްޔަ. ހަމަ މިރޭތަ ޔުނާންއަށް މުހިއްމުކަމެއް ދިމާވަން ޖެހުނީ.” ދީމާގެ ޖަވާބެއް ނައުމުން ޔާސިރު ބަދިގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ.

“ދެން ނޭނގެ. ޔާސިރުވެސް މާ އަވަސް އަރުވާލީ ވިއްޔަ. ރޯދަމަހެއްގަ ވިއްޔަ ތި ކައިވެނިވެސް ކުރުވީ.” ދީމާ ދެއަތުން  ފެން ފޮޅަމުން ޔާސިރުއާ ކުރިމަތިލިއެވެ.

“ގުޅާބަލަ މިހާރު ޔުނާން އަށް.” ޔާސިރުގެ ރާގު ގައިވަނީ އަމުރުވެރިކަމެވެ.

“އަހަރެން މިހުރީ ގޭގައޭ.” ފަހަތުން ޔުނާންގެ އަޑުއިވުމުން ޔާސިރު ސިހުނެވެ. މަންމަ މެން ދެއްކި ހުރިހާ ވާހަކައެއް ގެ އަޑުވެސް ޔުނާން އަށް އިވުނެވެ. ޔާސިރު ދީމާގެ މޫނަށް ބަލާލަމުން ހިނގައިގަތެވެ. ޔުނާން ދެކެ ހިތްހަމަ ނުޖެހިގެންނެވެ.

“ދިރިއުޅުމެއް ފެށިފަ ތިހުރީ މިހާރު ދަރިފުޅާ. ފިރިމީހާގެ ޒިންމާ ނަގާ އަނބިމީހާގެ ޙައްޤުތައް އަދާކޮށްދިނުމަކީ ދަރިފުޅުގެ ވާޖިބެއް.” ޔުނާން ހިނގައިގަތީ ދީމާ ވާހަކަ ދައްކަ ދައްކާ ހުއްޓައެވެ. މަންމައަށް އިޙްތިރާމް ނުކުރުމުގެ ގޮތުންނެއް ނޫނެވެ. ފަހަރުގައި މަންމަ ހިތުގައި ޖެހޭ ފަދަ އެއްޗެއް ބުނެވިދާާނެތީއެވެ. މިވަގުތު ޔުނާންގެ ހިތުގެ ހާލު އެނގޭނީ ހަމަ އެކަނި ޔުނާން އަށެވެ.

 

ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ޔުނާން މަޑުޖެހިލިއެވެ. އަމިއްލަ ކޮޓަރިއަށް ވަންނަން ވެސް މިއަދު ޔުނާން ފަސް ޖެހެނީއެވެ.

މޫނުގައި ދެއަތް އުނގުޅާލަމުން ޔުނާން ދޮރު ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެނދުމަތީގައި އިށީނދެލައިގެން އިން އިޝާއެވެ.

ކިތަންމެ ބޭނުންނޫނަސް މިއަދު ޔުނާން އިޝާ އާއި ކުރިމަތިލާން ޖެހެއެވެ. އިޝާ އަކީ މިއަދު ޔުނާންގެ އަނބިމީހާއެވެ. ޔުނާން އަކީ އިޝާގެ ހައްޤެކެވެ.

މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނދެލިއިރުވެސް ޔުނާންގެ ނިތްކުރިމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ކޮޓަރި ތެރެ އޭސީގެ ފިނިން ގަނޑުވެފައި ވާއިރުވެސް އޭގެ އެއްވެސް އަސަރެއް ޔުނާންއަށް ކުރާ ހެނެއް ހިއެއްނުވެއެވެ.

“އަހަރެން-“

“އިނގޭ ލޯބި ނުވާކަން. އަދި އެކަކު އަނެކަކަށް ދަސްކުރަން ޓައިމް ބޭނުންވާނެކަންވެސް. އެކަމަކު ވީ އާ މެރިޑް ނައު. އެއްފަހަރު ނަމަވެސް މި ގުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެވިދާނު.” ޔުނާން ބުނަން އުޅުނު ވާހަކަ މެދުކަނޑާލުމަށްފަހު އިޝާ ވާހަކަ ދައްކަން ފެއްޓިއެވެ. އޭރުވެސް އިޝާ އިނީ އިސްޖަހައިގެންނެވެ.

ޔުނާން އިޝާގެ އިސްޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލިއެވެ. ރީތި މޭކަޕެއް ކޮށްލާފައިވުމުން  އިޝާ ފެންނަލެއް ނިކަން ރީއްޗެވެ. ހިނދުކޮޅަކަށް ނަމަވެސް އިޝާގެ ރީތިކަން ޔުނާންގެ ހިތުގައި ކުރެހެމުން ދިޔައެވެ.

“ޔުނާން.” އިޝާ އިސްއުފުލާލަމުން ޔުނާން އާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޔުނާން ހުރީއެވެ. އެ އަތުގައި ހިފަން ޔުނާން ބޭނުން ނުވިޔަސް މިއަދު ޔުނާން އަށް މަޖުބޫރެވެ. އިރުކޮޅެއް ވަންދެން އިޝާގެ މޫނަށް ބަލަން ހުރުމަށްފަހު ޔުނާން އިޝާގެ އަތުގައި ހިފާލިއެވެ.

ހަމަ އެސިކުންތުގައި އިޝާ އަވަސް އަވަހަށް ޔުނާންގެ ގައިގައި އޮޅުލައިގަތެވެ. ޔުނާން އިޝާގެ ހަށިގަނޑު އޭނާގެ ދެއަތުން ވަށާލިއެވެ. ޔުނާންގެ މޭތެރޭގައި މޫނު ފޮރުވައިގެން އޮތް އިޝާ ހިތްހަމަޖެހުމުގެ ނޭވާ އެއްލިއެވެ. ޔުނާންގެ ހަރަކާތްތައް މިހާރު ކުރިއަށް އެދަނީ އިޝާ ބޭނުންވާ ގޮތަށެވެ. ހުރިހާ ހާސްކަމެއް ފިލުވާލަމުން އިޝާގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ.

 

“އޭތް ދީމާ. ބޮޑެތި ކަންތައްތައް ކޮށް ނިންމާލާއިރު އަންގާލުމެއްވެސް ނެތް ތަ؟” ހެނދުނު ހެނދުނާއި ޒުބޭދާގެ އޭނާގެ އަނގަ ގަނޑު ތަޅުވަމުން އައިސް ދީމާ މެންގެޔަށް ވަނެވެ. އެވަގުތު ދީމާ ހުރީ ބަގީޗާގައި ހުރި ގަސްތަކަށް ފެންދޭށެވެ.

“ކީކޭތަ ޒުބޭދާ ތި ކިޔަނީ.” ފަރުވާކުޑަ ގޮތަކަށް ދީމާ އަހާލިއިރުވެސް ޒުބޭދާ ކިޔަން އެއުޅެނީ ކީކޭކަން ދީމާ އަށް އެނގެއެވެ.

“ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތޭ. ދެކުނީމޭ ރޭގައި ގާޟީ ޙަސަން ފަރީދް ތިގެއިން ނިކުމެގެން ދަނިކޮށް. މާ ސިއްރު ސިއްރުން އުޅުނަސް މަށަކަށް ސިއްރަކުން ނުވާނެ އިނގޭ އެއްކަމެއްވެސް.” ލައިގެން ހުރި ހައުސްކޯޓް ނަގައި އަރުވާ ޖަހާލަމުން ޒުބޭދާ މޭ ފުއްޕާލިއެވެ.

“ސާބަސް ޒުބޭދާއަށް. އެއީ ޔާސިރުގެ ރައްޓެއްސެކޭ. މިތާ ކައިރީ ގެޔަކަށް އައިއްސަ މިގެޔަށްވެސް ވަދެލީއޭ.” ދީމާ ޒުބޭދާ އަށް ހިނިތުންވެލަމުން ފެން ހޮޅީގެ އިސްކުރު ބާރުކޮށްލިއެވެ.

“ހޯ ހޯ. މަށަށް އޮޅުވާލަން ނޫޅޭ. މަގޭ މި ސިކުނޑިއަކަށް އޮޅުވައެއްނުލެވޭނެ. ދެނެހުރިން ޔުނާންގެ ކައިވެނި އިޝާ އާ ކުރެވުނުކަން. އެކަހަލަ ކަންތަކެއް ސިއްރެއް ނުކުރެވޭނޭ. މިދަނީ ސުރުޚީ އަޅާލަން އެންމެންނަށް.” ޒުބޭދާ ދެއަތް ހޫރުވާލި ގޮތުން ހީވީ ނަށާލި ހެންނެވެ. އިތުރު އެއްޗެއް ދީމާ ބުނުމުގެ ކުރިން ޒުބޭދާ އެގެއިން ނިކުތެވެ.

 

ދުވަސްތައް މާޒީ ވަމުންދެއެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް އިޝާ އަކީ ބާ ފޮތިގަނޑެއްކަން ޔުނާން ދެނެގަތެވެ. ނަމަވެސް ކައިވެނިވެސް ކުރެވިއްޖެއެވެ. ޔުނާން މަސައްކަތް ކުރަމުން އެދަނީ ދިރިއުޅުން އާ ރާސްތު ކުރެވޭތޯއެވެ. ނަމަވެސް އިޝާގެ އަސްލު ކުލަ ޔުނާން އަށް ފެންނަމުންދިޔައެވެ. ޔުނާން އޮފީހަށް ދާއިރުވެސް އިޝާ އޮންނަނީ ނިދާފައެވެ. ހޭލާ ގޮތަށް އިޝާ އުޅެނީ އުޅޭނެ ތާކުއެވެ. އޮފީހުން ޔުނާން ގެއަށް އަންނައިރުވެސް އިޝާ ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރަނީ ރައްޓެހިންނާއި އެކުގައެވެ. ޔުނާންގެ ލޯބިވެސް އިޝާ ބޭނުންވީ ކައިވެނީގެ ފުރަތަމަ ރޭގައި ކަހަލައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިޝާގެ ކައިވެންޏަކީ އިޝާގެ ފާފަ ފޮރުވުމަށްޓަކައި އިޝާ ބޭނުންކުރި ހަތިޔާރެވެ. ހުރިހާ ކަމެއްވެސް ދަނީ އިޝާ ބޭނުންވާ ގޮތަށެވެ.

 

ފިނިފިނި ރެއެކެވެ. އާޖެންޓް ކޭސް އެއްގައި ހޮސްޕިޓަލްގައި އަވަދިނެތި އުޅުމަށްފަހު ޔުނާން ނިމުނުއިރު ވަރަށް ލަސްވެއްޖެއެވެ. ނަމަވެސް ޔުނާން ހާހެއް ނުވެއެވެ. ކިތަންމެ ލަހުން ދިޔަސް އަދި ގެޔަށް ނުދިޔަސް ޔުނާން ލަސްވެގެން ގެއަށް ނައިސްގެނެއްް އިޝާއެއް ނޫޅޭނެއެވެ. މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ދުއްވާ އެއްޗެއްވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. ޔުނާން ސައިކަލަށް އަރާ ސްޓާޓްކޮށްލިތަނާ ނޭފަތުގައި ޖެހުނީ މަޑުމަޑު މީރުވަހެކެވެ. އެވަސް ޔުނާންއަށް އަލެއް ނޫނެވެ. މީގެ ކުރިންވެސް ޔުނާންއަށް އެވަސް ވަނީ ދުވާފައެެވެ.

“ޔުނާން” ރޮއެފައިވާ އަޑެއް ކަންފަތުގައި ޖެހުމާއެކު ޔުނާން ތެޅިގެންފައި ބަލާލިއެވެ. އެ އަޑު ޔުނާން އަށް އޮޅޭނެ ހެއްުޔެވެ؟ ދެލޯ ފަދަ ލޯބިވާ ކަމީލާގެ އަޑު ކޮންމެ ތަނަކުން އިވުނަސް ޔުނާންއަށް އެނގޭނެއެވެ.

“މެރީ ކުރީތަ؟ އަހަންނަށް އިންތިޒާރުވެސް ޔުނާން އަށް ނުކުރެވުނު.” ކަމީލާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ބުދެއްހެން ބަސް ހުއްޓިފައި ޔުނާން ހުއްޓެވެ. އެންމެންނަށް ސިއްރުކޮށްފައި އޮތް ކަމެއް ކަމީލާ އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

“ޔުނާން އަހަރެން ބޭނުމެއްނޫންތަ؟” ހިތުގެ އަޑިން އަހަރެން މީ ޔުނާންގެ އަނބިމީހާއޭ ބުނީމެއްނު.” ކަމީލާ ޔުނާންގެ އަތުގައި އަތް ޖައްސާލިއެވެ. އެވަގުތު ޔުނާން އަށް ތެޅިގަނެވުނެވެ. ޔުނާންއަށް ހީވީ އޭނާގެ އަތުގައި އަލިފާން ޖެއްސިހެންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް