ވާޑާ ބްރޭމަން ގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ވިދިވިދިގެން އަށްވަނަ ފަހަރަށް ބަޔާން މިއުނިކުން ބުންޑަސްލީގާ ކާމިޔާބުކޮށްފިއެވެ.

ވާޑާ ބްރޭމަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ބަޔާންގެ ހުނަރުވެރި ފޯވާޑު ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ ބުންޑަސްލީގާގެ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ކުރި 31 ވަނަ ގޯލެވެ. އަދި، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލެވަންޑޮވްސްކީ ޖުމުލަ 46 ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ބަޔާން އިން އުފެއްދި ނަމަވެސް، ވާޑާ ބްރޭމަން އިން ވެސް މި މެޗުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ.

ވާޑާ ބްރޭމަން ގެ ޑިފެންޑަރު މިލޮސް ވެލިކޮވިޗަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި ބަޔާންގެ އުންމީދީ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް އަށް ދެވަނަ ރީނދޫ ކާޑަކާ އެކު، ރަތް ކާޑެއް ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. ބުންޑަސްލީގާގެ މި ސީޒަނުގައި ބަޔާން އަށް ބާކީ ދެ މެޗު އޮތް ނަމަވެސް، މި މެޗުން މޮޅުވުމުން އެޓީމަށް ވަނީ ލީގު ކަށަވަރުވެފައެވެ. މިއީ އެޓީމު ބުންޑަސްލީގާ ކާމިޔާބު ކުރި 30 ވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

ބުންޑަސްލީގާގެ ތާވަލަށް ބަލައިލާއިރު، 32 މެޗު ކުޅެގެން ހޯދި 76 ޕޮއިންޓާއެކު ބަޔާން މިއުނިކް އެއްވަނައިގައި އޮތްއިރު، 31 މެޗުން 66 ޕޮއިންޓު ހޯދައިގެން ދެވަނައިގައި އޮތީ ބޮރޫސިއާ ޑޯޓްމަންޑެވެ. 31 މެޗުން 62 ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އާރުބީ ލިޕްޒިގް އޮތްއިރު، 59 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ބޮރޫސިއާ މޮންޗެންގްލަޑްބެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.