“ކަސޯޓީ ޒިންދަގީ ކޭ” އަކީ އިންޑިޔާގެ އެންމެ މަޤުބޫލު އެއް ޓީވީ ސިލްސިލާއެވެ. ދެހާހުގެ ކުރީކޮޅު ހަމަ މި ނަމުގައި ގެނެސްދިން ސިލްސިލާގެ ރީބޫޓެއްގެ ގޮތުގައި މުޅިން ތަފާތު ވާހަކައަކާއެކު ގެނެސްދިނަސް މަޤުބޫލުކަން ކުޑައެއް ނޫނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިންޑިޔާ ފުރަބަންދަކަށް ދިޔުމުން ޕަރްތު ސަމްތާންއާއި އެރިކާ ފަނަންޑޭޒް ލީޑް ރޯލު ކުޅޭ މި ސިލްސިލާގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ނަމަވެސް ފުރަބަންދަށް ދިން ލުޔާއިއެކު މިމަހު 26 ގައި ޝޫޓިންގ ފަށަން ތައްޔާރުވަމުން ދާއިރު، މިހާރު މިވަނީ މި ސިލްސިލާގެ މުހިންމު އެއް ކެރެކްޓާ “މރ. ބަޖާޖް” ގެ ރޯލު ކުރިން ކުޅުނު ތަރި ބަދަލުވާ ވާހަކަ ފެންމަތިވެފައެވެ.

ކަރަން ސިންގ ގްރޯވަރ (ކ) އަދި ގޯރަވް ޗޯޕްރާ (ވ)

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ކުރިން އެ ރޯލު ކުޅުނު ކަރަން ސިންގ ގްރޯވަރ ވަނީ މިދުވަސްވަރު އަލުން ޝޫޓިންއަށް ނުދާން ނިންމާފައެވެ. ކަސޯޓީގެ ޓީމުން އޭނައާއި އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމުންވެސް އަލިމަގެއް ފެނިފައި ނުވާތީ މިހާރު ވަނީ އެ ރޯލު “ސަންޖީވަނީ 2” ގެ ތަރި ގޯރަވް ޗޯޕްރާއަށް ހުޅަހަޅާފައެވެ. އަދި އެ ރޯލު އޭނައަށް ވަރަށް ކަމުގޮސްފައި ވީނަމަވެސް އޭނަ އަދި އާނބަސް ނުބުނާކަމަށް ވެއެވެ. ނަމަވެސް އޭނަ ވަނީ އޭނަ އެ ރޯލު ޤަބޫލުކޮށްފާނެކަމުގެ އިޝާރާތެއް ދީފައެވެ.

“ތިކަމާ ބެހޭގޮތުން އަދި އެއްޗެއް ބުނެވޭކަށް ނެތް. އެއީ އަދި ހަމަ ވާހަކަ ދެކެވެމުން ދަނީ. އެއްވެސް ކަމެއް ފައިނަލެއް ނުވޭ. ފުރަތަމަ ބާލާޖީ ޓެލެފިލްމްސް އިން ވަކި ގޮތެއް ހާމަކުރުމުގެ ފަހުން އަހަރެން އެއްޗެއް ބުނުން ރަނގަޅުވާނީ.” ގޯރަވް ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.