މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަޙްމަދު އިޤުބާލް (އައިކިއު) ގެ “އައިކިއު ޕްރޮޑަކްޝަންސް” އާއި “އާރް ޓޫ ޒީ” އަދި “އާރް ސްކޮޔާޑް” ގުޅިގެން އުފެއްދި “އެހެނަސް 2” މިރޭ ބައިސްކޯފުން ދައްކަން ފަށާނެވެ. މިއީ އައިކިއުގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ..” ގެ މައްޗަށް އުފައްދާފައިވާ ވެބް ސީރީޒެކެވެ.
މިއީ ބައިސްކޯފުން މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް ވެބް ސީރީޒެވެ. ވަރަށް ޝައުޤުވެރި ގޮތަކަށް “އެހެނަސް” ގެ ފުރަތަމަ ސީޒަން ނިންމާލާފައިވާއިރު ދެވަނަ ސީޒަން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބެވެ. 10 ވަރަކަށް ދުވަސް ކުރިން ދެވަނަ ސީޒަންގެ ޓްރެއިލާ އާންމުކުރުމާއެކުވެސް ބެލުންތެރިންގެ ކެތްތެރިކަން ކޮޅުންލިއެވެ.
ހަނގާކުރުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ރަނޑު, ޒުވާން ފިރިހެނެއްގެ ވާހަކަ ކިޔައިދޭ މި ސީރީޒްގެ ފުރަތަމަ ސީޒަންއެކޭ އެއްގޮތަށް ދެވަނަ ސީޒަންގެ ޓްރެއިލާއިންވެސް ފެނުނު ގޮތުގައި ކުރިއަށް ހުރި ވާހަކަތައް ވަރަށް ޝައުޤުވެރިވާނެއެވެ.
މި ވެބް ސީރީޒްގެ އެންމެ ޚާއްސަ ކަމަކީ ގިނަ އަދަދެއްގެ އާ ތަރިންތަކެއް މީގައި ހަރަކާތްތެރިވުމެވެ. ފުރަތަމަ ސީޒަން ބެލި ގިނަ މީހުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ފާޑުކިޔުންތަކެއް މި ސީރީޒަށް ލިބިފައިވެއެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެން ވާނެ ގޮތެއް ބެލުމަށް ކެތްތެރިކަން ކުޑަވެފައި ތިބިއިރު މި ސީރީޒްގެ ސްކްރީން ރައިޓަރ އައިކިއު ބުނެފައިވަނީ “ސީޒަން 2” ގެ ކޮންޓެންޓްގެ ގާތްގަނޑަކަށް %80 އަކީ މުޅިން އާ ބައެއް ކަމަށެވެ. ވާހަކައިގައި ނުހިމެނޭ 3 ކެރެކްޓަރއެއް އިތުރުކޮށްލުމުން މުޅި ސީރީޒް ފެންނާނީ ވާހަކައާއި ވަރަށް ތަފާތުކޮށް ކަމަށްވެސް އައިކިއު ބުނެފައިވެއެވެ.
މުޙައްމަދު ވިޝާލް (ރޯމަން)، ފާޠިމަތު ޝަރާ އާދަމް، ޢާއިޝަތު ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، މުޙައްމަދު މަނިކު، އަޙްމަދު ޝާރިފް، އާމިނަތު ސިލްނާ، މުޙައްމަދު ޔުނާން، ފާޠިމަތު ރިހްލާ (ރިހޫ)، ޢަލީ ނަދީހް (ޗަންނަ)، އާމިނަތު ޝަމާނާ، މަރިޔަމް ވަޙީދާ (ޔަމް) އަދި މަރިޔަމް ޙަލީމް ހަރަކާތްތެރިވާ މި ސީރީޒްގެ ދެވަނަ ސީޒަނުން އަލަށް ފެންނާނެ ތަރިންގެ ތެރޭގައި ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް އަދި އަލަށް ތަޢާރަފުކުރާ އަޒްމަން ޢަބްދުﷲ އާއި އާމިނަތު ޝުހާ ހިމެނެއެވެ. އަދި ވަރަށް ޚާއްސަ ރޯލަކުން ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫޤްވެސް ފެންނާނެއެވެ.
“އެހެނަސް” ގެ ފުރަތަމަ ސީޒަނާއި ޚިލާފަށް ދެވަނަ ސީޒަންގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނެޓާއި 40 މިނެޓާއި ދެމެދު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ 21:30 ގައި ބައިސްކޯފުން ދައްކާނެއެވެ. އިންތިޒާރުކޮށްލައްވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”