ކޮރޯނާ ވައިރަހާ ގުޅިގެން އަންނަ އަހަރަށް ފަސްކުރި “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް 11 ޖޫން 2021 ގައި ފެށުމަށް ޔުއެފާ އިން ނިންމައިފިއެވެ.

ޔުއެފާގެ މުބާރާތްތަކާ ބެހޭގޮތުން ނިންމުންތައް ނިންމުމަށް މިއަދުގެ ވަގުތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ޔުއެފާ އިން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 11 ވަނަ ދުވަހުން ފެށިގެން ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ފުޓުބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ކަމަށް ޔުއެފާ އިން ބުނެފައިވެއެވެ. އަންނަ އަހަރަށް މުބާރާތް ފަސްކުރި ނަމަވެސް، މުބާރާތުގެ ނަމާއި، މުބާރާތް ބާއްވާ ގައުމުތަކަށް ބަދަލެއް ނުގެންނަން ވެސް ޔުއެފާ އިން ނިންމާފައިވެއެވެ.

މުބާރާތް ހުޅުވާ މެޗުގައި އިޓަލީގެ ރޯމްގައި 11 ޖޫން 2021 ވާ ހުކުރު ދުވަހު ބައްދަލުކުރާނީ އިޓަލީ އާއި ތުރުކީ އެވެ. މުބާރާތުގެ ސެމީފައިނަލާއި، ފައިނަލް ކުޅުމަށް ނިންމާފައި ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އަދި ހަމައެހެންމެ، އިނގެރޭސިވިލާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޔޫރޯގެ 60 ވަނަ މުބާރާތް ފާހަގަ ކުރުމުގެ ގޮތުން ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް މީގެކުރިން ޔުއެފާ އިން ވަނީ ނިންމާފައެވެ. އެގޮތުން މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނެދަލޭންޑްސްގެ އެމްސްޓަޑެމް، އަޒަރުބައިޖާންގެ ބަކޫ، ސްޕެއިންގެ ބިލްބާއޯ، ރޫމޭނިއާގެ ބުކަރެސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޑެންމާކްގެ ކޯޕަންހޭގަން، އަޔަލޭންޑްގެ ޑަބްލިން، ސްކޮޓްލޭންޑްގެ ގްލާސްގޯ، އިންގްލެންޑްގެ ލަންޑަން، ޖާމަނީގެ މިއުނިކް، އިޓަލީގެ ރޯމް އަދި ރަޝިޔާގެ ސެއިންޓް ޕީޓަސްބާގު ގައެވެ. މުބާރާތުގެ ސެމީ ފައިނަލް އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ގުރޫޕް “އެފް” އަށެވެ. ”ގްރޫޕް އޮފް ޑެތް“ ގެ ގޮތުގައި ބެލެވޭ މި ގުރޫޕުގައި ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ އިތުރުން، މުބާރާތް ދެފަހަރު ހޯދާފައިވާ އެންމެ ފަހުގެ ރަނަރަޕް ފަރަންސޭސިވިލާތް އަދި، މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެންމެ ކާމިޔާބު ޓީމު ޖަރުމަނުވިލާތެވެ.

ގުރޫޕް އޭ: އިޓަލީ، ސްވިޒަލޭންޑް، ތުރުކީ، ވޭލްސް

ގްރޫޕް ބީ: ބެލްޖިއަމް، ރަޝިއާ، ޑެންމާކް، ފިންލޭންޑް

ގުރޫޕް ސީ: ޔޫކުރޭން، ނެދަލޭންޑްސް، އޮސްޓްރިއާ، ޕްލޭއޮފް ގެ ގުރޫޕް ޑީ ( ޖޯޖިއާ، ބެލަރޫސް، ނޯތް މެސެޑޯނިއާ ނުވަތަ ކޮސޯވޯ ) ނުވަތަަ، ގުރޫޕު އޭ (ބަލްގޭރިއާ، ހަންގޭރީ، އައިސްލެންޑް ނުވަތަ ރޫމޭނިއާ ) އިން މޮޅުވާ ޓީމު

ގުރޫޕް ޑީ: އިންގްލެންޑް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޕްލޭއޮފް ގެ ގުރޫޕް ސީ  ( ނޯވޭ، ސާބިއާ، ސްކޮޓްލޭންޑް ނުވަތަ އިޒްރޭލް ) އިން މޮޅުވާ ޓީމު

ގުރޫޕް އީ: ސްޕެއިން، ޕޮލެންޑް، ސްވިޑަން، ޕްލޭއޮފް ގެ ގުރޫޕް ބީ (ބޮސްނިއާ އެންޑް ހާޒަގޮވީނިއާ، ނޮދަން އަޔަލެންޑް، ސްލޮވާކިއާ ނުވަތަަ، ރިޕަބްލިކް އޮފް އަޔަލެންޑް) އިން މޮޅުވާ ޓީމު.

ގުރޫޕް އެފް: ޖާމަނީ، ފްރާންސް، ޕޯޗުގަލް، ޕްލޭއޮފް ގެ ގުރޫޕް އޭ (ބަލްގޭރިއާ، ހަންގޭރީ، އައިސްލެންޑް ނުވަތަ ރޫމޭނިއާ ) ނުވަތަަ، ގުރޫޕު ޑީ (ޖޯޖިއާ، ބެލަރޫސް، ނޯތް މެސެޑޯނިއާ ނުވަތަ ކޮސޯވޯ) އިން މޮޅުވާ ޓީމު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.