އިޓާލިއަން ކަޕުގެ ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު، ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ހަވަނަ ފަހަރަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްފިއެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭގެ މެޗަށް ނަޕޯލީން ނިކުތީ އެޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު ޑޭވިޑް އޮސްޕީނާ ސަސްޕެންޝަން ގައި ހުރުމުގެ ސަބަބުން ރިޒާވް ކީޕަރު އެލެކްސް މެރެޓަށް ފުރުސަތު ދީގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ގާތްގަނޑަކަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގިނަ ހަމަލާތައް އުފައްދާފައިވަނީ ނަޕޯލީން ކަން ފާހަގަކޮށްލެވެއެވެ. ނަޕޯލީން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޔުވެންޓަސްގެ ލެޖެންޑު ކީޕަރު ބުފޮން ވަނީ ހުށިޔާރުކަމާ އެކު، ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ޖެހި ޕެނަލްޓީ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ދިފާއުކުރިއިރު، އެލެކްސް ސަންޑްރޯ ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. ޔުވެންޓަސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އަދި އާރޮން ރަމްސޭ އެވެ.

ނަޕޯލީން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައިވާއިރު، ޕެނަލްޓީތައް ޖެހީ ލޮރެންޒޯ އިންސިނޭ، މަޓެއޯ ޕޮލިޓާނޯ، ނިކޯލާ މެކްސިމޮވިޗް އަދި، އަރެކް މިލިކެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ނަޕޯލީން ކާމިޔާބުކުރި ފުރަތަމަ މުބާރާތް ކަން ފާހަގަކޮށްލެވެއެވެ. އޭސީމިލާންގެ ލެޖެންޑް ގަަޓޫސޯ ގެ ކޯޗުކަމުގެ ދަށުން ނަޕޯލީން އިޓާލިއަން ކަޕް ކާމިޔާބުކުރުމުން އެ ކުލަބުގެ ރައީސް އައުރެލިއޯ ޑި ލޯރެންޓިސް ބުނެފައި ވަނީ ގަޓޫސޯ މުޅި ޓީމު އެކުވެރިކޮށް، އެއްބައިވަންތަ ބައެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ.

“އަހަރެންނަށް އުޅެވުނީ ވައިގެ ތެރޭގަ. ގަޓޫސޯ އައި ފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އެންމެން އޭނާ ވަށައިގެން އެކުވެރިކަމާ އެއްބައިވަންތަކަމާ އެކު ނަޕޯލީ ކުރިއެރުވުމަށް އަތުގުޅާލައިފި.”

ރާއި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ނަޕޯލީގެ ރައީސް އައުރެލިއޯ ޑި ލޯރެންޓިސް ބުންޏެވެ.

އިޓާލިއަން ކަޕް ކާމިޔާބުކުރުމަށް ފަހު، މީޑިއާތަކާ ވާހަކަދައްކަމުން ގަޓޫސޯ ބުނެފައިވަނީ ކޯޗުކަމުގެ ވަޒީފާ އަދާކުރާ ކޮންމެ މީހަކުވެސް އެ ވަޒީފާ އަށް އިޙުތިރާމް އަދާކުރާން ޖެހޭނެކަމަށާއި، އޭނާ ބައެއްފަހަރު ރުޅިގަދަ ވަނީ ވެސް އެކަމަށް އޮންނަ ލޯތްބާއި، ޝައުގުވެރިކަން ބޮޑުވުމުން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ބުރަކޮށް މަސައްކަތް ކުރުމުން ކާމިޔާބު ހާޞިލުވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.