އާންމު ގޮތެއްގައި ކެއްކުމާއި ކޭކު އެޅުން ފަދަ މަސައްކަތުގައި އަންހެނުން ހަރަކާތްތެރިވި ނަމަވެސް، ފިރިހެނުން ވެސް މި ދާއިރާއިން ދަނީ ފެންނަމުންނެވެ. އެގޮތުން ހދ. މަކުނުދުއަށް އުފަން މުޙައްމަދު އަގީލް (ގީލް) މިދަނީ މި މަސައްކަތަކީ ފިރިހެނުންނަށް ވެސް ކުރެވޭނޭ މަސައްކަތެއްކަން ސާބިތު ކޮށްދެމުންނެވެ.

“އެންމެ ފުރަތަމަ އަވަށްޓެރިއަކު ބޭނުންކުރާ ކޭކު ޑެކަރޭޝަން ޓޫލްސް ގެނެސްގެން ކްލާސްކުއްޖެއްގެ ބާތުޑޭއަށް ކޭކެއް ޑެކަރޭޓްކުރީ. އޭގެ ފަހުން ވަރަށް ރިކުއެސްޓް ލިބޭ ކޭކު އަޅަން.”

ގީލް ބުންޏެވެ.

ގީލް އަޅާފައިވާ ކޭކެއް

މަންތާ އެއަރގެ ކެބިން ކުރޫއެއްގެ ވަޒީފާ އަދާކުރަމުންވެސް، ވަގުތު ހޯދައިގެން އަގީލް މިއަޅާ ކޭކުތަކަކީ ވަރަށްވެސް ރީތި ކޭކުތަކެކެވެ.

ވަޒީފާގައި އުޅެމުންވެސް މިކަހަލަ ބުރަ މަސައްކަތެއް ކުރާކަށް އަގީލަކަށް އެއްވެސް އުނދަގުލެއް ދައްޗެއް ނެތްކަމަށް އޭނާ ބުންޏެވެ.

“މިސާލަކަށް މާދަމާ ހަވީރަށް ނިންމަން ޖެހޭ ކޭކެއް ވިއްޔާ ރޭގަނޑު ކޭކް ފިހެފަ ބާއްވަނީ. ދެން ފަތިހު ތެދުވެ ޑިއުޓީއަށް ދާންވާއިރަށް ޑެކަރޭޓްކޮށް ހަވާލުވެސް ކޮށްފަ ދަނީ.”

ގީލް ބުންޏެވެ.

ގީލް އަޅާފައިވާ ކޭކެއް

ގީލް ބުނާގޮތުގައި މި މަސައްކަތަކީ ވަކި ޖިންސަކަށް ޚާއްސަ މަސައްކަތެއް ނޫނެވެ.

“ޚާއްސަކޮށް ފިރިހެންކުދިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ކަމެއް ނެތިފަ ނުތިބޭށޭ. އަމިއްލައަށް ދަސްކޮށްގެން ނަމަވެސް މަސައްކަތް ކުރާށޭ. މިއީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކޭ.”

މި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެކުވެރިންނާއި، ކަސްޓަމަރުންގެ ސަޕޯޓު ކަމުގައި އަގީލް ބުންޏެވެ.

“ވަރަށް ސަޕޯޓް ލިބޭ އެންމެންގެވެސް، ރައްޓެހިންނާއި އަދި ކަސްޓަމަރސްގެވެސް، މި މަސައްކަތްކޮށްގެން އަދި ދުވަހަކުވެސް ބުލީއެއް ނުކުރޭ، ނެގެޓިވް ކޮމެންޓެއް ނުލިބޭ.”

އޭނާ ބުންޏެވެ.

ގީލް އަޅާފައިވާ ކޭކެއް

ކޭކު އެޅުމުގެ އިތުރުން އޭނާ މިހާރު ދަނީ މި މަސައްކަތް ދަސްކުރަން ބޭނުންވާ ކުދިންނަށް ކޯސްތައް ވެސް ހިންގަމުންނެވެ. އެގޮތުން މިހާރުވެސް 4 ރަށެއްގައި މިކޯސް ހިންގާފައި ވާނެކަމަށާއި އަދި، މިއިން ކޮންމެ ރަށަކުންވެސް ރަނގަޅު ތަރުހީބެއް ލިބުނު ކަމުގައި އަގީލް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.