ޝާރިފްއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒާޔާ ޝާރިފް ދިއްކޮށްލި އަތުގައި ހިފިއެވެ.
“އަރާބަލަ ސައިކަލް ފަހަތަށް.” ޝާރިފް ހިނިތުންވެލިއެވެ.
“ނުކެރޭނެ. މީހަކަށް ފެނިއްޖެއްޔާ ޔޯ.” މަގުގެ ދެފަރާތަށް ޒާޔާ ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ޝާރިފް ނުބުންޏަސް ޒާޔާ ހުރީ އެސައިކަލްގެ ފަހަތަށް އަރާ ހިތުންނެވެ. ޝާރިފްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ކޮނޑުމަތީގައި ބޯ އަޅާލާ ހިތުންނެވެ.
“އަރާބަލަ ދެން.” ޝާރިފް އަނެއްކާވެސް އެދުނެވެ. ޒާޔާ ބޯޖަހާލަމުން ޝާރިފްގެ ސައިކަލް ފަހަތަށް އެރިއެވެ. ރަށުގެ މަގުތަކުގައި އެއްވެސް އަލިކަމެއްނެތެވެ. ބައެއް ގޭ ގޭގައި ދިއްލިފައިވާ ބޮކިތަކުން މަގުމައްޗަށް އެޅިފައިވާ ފަނޑުއަލިކަން ފިޔަވައެވެ. ޝާރިފް ސައިކަލް މަޑުކޮށްލީ ބީޗް ކައިރިއަށެވެ. އެ ހިތްފަސޭހަ މާހައުލުގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑާއި ޖެހެމުންދާ ވައިރޯޅިއާއެކު ގަސްތައް ހެލިލާ އަޑު ފިޔަވައި އެއްވެސް އަޑެއް ނީވެއެވެ. ޝާރިފް ހިނގަމުން ގޮސް އަތިރިމަތީގައި ހުރި ގަހެއްގެ ކައިރީގައި މަޑުކޮށްލިއެވެ. ފަހަތުން ޒާޔާވެސް ގޮސް ހުއްޓުނެވެ.
“ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުމެއްނު. ދެން ދައްކަންވީނު. މިއޮތީ މީޓްވެފައެއްނު.” ޒާޔާ ވާހަކަ ދެއްކީ ދުރު ބަލަހައްޓައިގެން ހުރެއެވެ. ސަބަބަކީ ޝާރިފްގެ ނަޒަރު ސީދާ ޒާޔާއަށް ހުއްޓިފައި ހުރުމެވެ. ނަމަވެސް ޝާރިފް އެއްވެސް ވާހަކައެއް ނުދައްކާ ކޮޅުކޮޅަށް ހިނގަންފެށިއެވެ. އިރުއިރުކޮޅާ އަތުގައި އޮތް ސިގެރޭޓް ތުބުގައި ޖަހާ ދަމާލައެވެ.
އަނެއްކާ މީ އިންސާނެއް ހެއްޔެވެ؟ ޖިންނިއެއް ނޫންބާއެވެ. ޝާރިފްގެ ހަމަހިމޭންކަމުން ޒާޔާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ.
“އޭތް.” ޒާޔާއަށް ޝާރިފްގެ ނަމުން ގޮވާލާކަށް ނުކެރުނެވެ.
“މަށަށް ޒާޔާ ފެނުނޭ ކުރިންވެސް.” އަތުގައި އޮތް ސިގެރޭޓްބުރި އެއްލާލަމުން ޝާރިފް ވާހަކަދައްކަން ފެށިއެވެ.
“ކޮންތާކުން؟” ޒާޔާ އަށް ލިބުނީ ހައިރާންކަމެވެ.
“ތި ގޭ ކައިރިން. ފެނިގެން ވާހަކަ ދައްކާ ހިތްވީ. ހީވެސް ނުކުރަން ޒާޔާ މަށާއި ވާހަކަ ދައްކާނެކަމަކަށް.” ޝާރިފްގެ ވާހަކަތައް ޒާޔާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ޒާޔާ ހުރީ އަޑުއަހާށެވެ. ޝާރިފްގެ ލަފްޒުތަކުން ޒާޔާގެ ހިތުގައި އާވިންދުތަކެއް ޖަހަމުންދާ ކަހަލައެވެ. އެހެން ފިރިހެނުންނާއި ޝާރިފްއާއި ތަފާތެވެ. ބުނެދޭން ނޭނގެނީ ކިހިނެއްކަމެވެ. ނަމަވެސް ޝާރިފް ތަފާތެވެ. ވާހަކަ ދައްކާ ގޮތެވެ. އަޅާލާގޮތެވެ. ކަންކަމުގައި ވިސްނާގޮތެވެ.
ޖެހިގެން ހުރި ގޭގެ ގޯތި ތެރެއިން މީހަކު ވާހަކަ ދައްކާ އަޑުއިވުމާއެކު ޒާޔާ ސިހުނެވެ.
“މީހަކު އެބައުޅޭ. އަނެއްކާާ މިތަނަށްތަ އެ އަންނަނީ.” ރުކެއްގެ ނިވަލަށް ޖެހިލަމުން ޒާޔާ ކުރިމަތީގައި ހުރި ގޭގެ ގޯތިތެރެއަށް ބަލަހައްޓައިގެން ހުއްޓެވެ. އެގޭގެ މަގުފާރު ރާނާފައިވާލެއް ތިރިކަމުން އެގޭގެ ގޯތިތެރެ އޮންނަނީ ހާމައަށް ފެންނާށެވެ.
“މީހަކު އެބަހުރިތަ؟” ޒާޔާގެ ފަހަތުގައި ޝާރިފް ހުއްޓިލިއެވެ. ގައިގައި ޖެހޭ ނުޖެހޭ ހިސާބު ކައިރީގައެވެ. ޒާޔާ ދެލޯ މަރާލީ ޝާރިފްގެ ހޫނު ނޭވާތައް ޒާޔާގެ ކޮނޑުމައްޗަށް އެޅެން ފެށުމުންނެވެ. ކުރެވެންފެށި އާދަޔާޚިލާފް އިޙްސާސްތަކަކީ މީގެ ކުރިން ދުވަހަކުވެސް ޒާޔާއަށް ވީ ގޮތެއްނޫނެވެ.
ޝާރިފްގެ ހޫނު ތުންފަތް ކޮނޑުގައި ޖެހުމާއެކު ޒާޔާއަށް ތެޅިގަނެވުނެވެ. އަދި ހަމައެވަގުތު ޒާޔާ ވަގުތުން ޝާރިފްއާ ދުރަށް ޖެހުނެވެ.
“ސޮރީ.”ޝާރިފް އިސްޖަހާލިއެވެ. ކުރެވުނު ކަންތަކުން ޝާރިފް ދެރަވެ ލަދުގަތް ކަހަލައެވެ.
“ވަރަށް ލަސްވެއްޖެ. ދެން ދަނީ.” ޒާޔާ އަކަށް ޝާރިފް ދެކެ ރުޅިއެއް ނާދެވުނެވެ. އެކަމާއި ޚުދު ޒާޔާ ވެސް ހައިރާންވިއެވެ. ސަބަބަކީ މީގެ ކުރިން ޒާޔާ ނުރުހޭ ފާޑަކަށް މީހަކު ބަލާލިކަމުގައިވިޔަސް އެމީހަކަށް ޒާޔާ އޭގެ ރައްދުދެއެވެ. ދެވަނަ ފަހަރަށް ޒާޔާ އާއި ދިމާއަށް ބަލާލަން ނުކެރޭވަރު ކޮށްލައެވެ. ނަމަވެސް މިފަހަރު އެހެން ނުވީ ކީއްވެ ހެއްޔެވެ؟
“ރުޅިއައީތަ؟” ޝާރިފް ޒާޔާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ޝާރިފްގެ ކެރޭ ކަމާމެދު ޒާޔާ ހުރީ ކޮސްވެފައެވެ. ނަމަވެސް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޒާޔާ ދުއްވައިގަތެވެ. އެތަނުގައި އިތުރަށްމަޑުކުރަން ޒާޔާ ބޭނުން ނުވީއެވެ.
“ދަރިފުޅު ކޮންތާކުން؟ ޒިޔަލް މިހާރު ނިދިއައިސްގެން ގޮސް ހަލާކުވަނީ އެޔޮށްގެން.” ޒާޔާ ގެއަށް އައިއިރު ފާއިޒާ ގޭގެ ފެންޑާ ތެރޭގައި ޒިޔަލް އުރާލައިގެން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ހައުލާމެން ގެއިން. ހާދަ އަނދިރިއޭ މަގުތައް؟” ޒާޔާ ބޭނުންވީ މަންމަ އިތުރު ސުވާލެއް ކުރުމުގެ ކުރިން މައުލޫޢު ބަދަލުކޮށްލާށެވެ.
“އަނދިރިވާނު. މަގުތައް. މިރަށުގެ ޅަ ފިރިހެން ކުދިންނަށް އުނދަގޫވާނެ މަގުތައް ދިއްލިފައި ހުންނަންޏާ.” ޒިޔަލް ޒާޔާއަތަށް ދެމުން ފާއިޒާ ހިނގައިގަތީ ބަދިގެ ފަރާތަށެވެ.
ބާލީސް ފައިމައްޗަށް ލައިގެން ޒިޔަލް ބާލީސް މަތީގައި ބާއްވާލައިގެން ނިންދަވަން އިން ޒާޔާ އިރުއިރުކޮޅަކާ ހިނިތުންވެލައެވެ. ކުޑަ އިރުކޮޅެއް ކުރިން ހިނގި އެހާދިސާއިން ޒާޔާ އުފާވަނީ ކީއްވެކަން ޒާޔާއަކަށް ނޭނގެއެވެ. ޝާރިފް ޒާޔާގެ ހިތުން ޖާގަ ހޯދާލިލެއް ކިހާ މޮޅުހެއްޔެވެ؟ ހަމައެކަނި ޝާރިފްގެ އަނގައިން ބޭރުވި ލަފްޒުތަކެކެވެ. ޒާޔާގެ ހިތުގެ އެންމެ ފުނުގައި އެހުރިހާ ލަފްޒުތަކެއް ފޮރުވިއްޖެއެވެ. ދުވަހަކުވެސް ފިލައިގެން ނުދާވަރަށް ޝާރިފްގެ އެނަން ހިތުގައި ލިޔެވިއްޖެއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުންނެވެ.
ނިދާފައި އޮތް ޒިޔަލް ބާއްވާލުމަށްފަހު ޒާޔާ އެނދުގައި ބުރަކަށި ޖައްސާލިއެވެ. ފޯނު މަތިން ހަނދާންވީ ދެނެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނު ނަގަން ޒާޔާ އަށް ތެދުވެވުނީ ފުންމައިގެންނެވެ.
ޝާރިފްގެ ވިއްސަކަށް މިސްކޯލް އިނެވެ. މާފަށް އެދި އެތައް މެސެޖްތަކެއް ހުއްޓެވެ. ޒާޔާ ވަގުތުން ޝާރިފްގެ ނަމްބަރަށް ގުޅާލިއެވެ.
އެއް ރިންގުން ޝާރިފް ފޯނު ބިޒީކޮށްލިއެވެ. ޒާޔާގެ ކޯލެއްގެ އިންތިޒާރުގައި އިން ކަހަލައެވެ.
ޒާޔާ ފޯނަށް ޖަވާބު ދިނުމާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ޝާރިފްގެ މޮޅިވެފައިވާ އަޑެވެ. ޝާރިފް މާފަށް އެދުނެވެ.
ޝާރިފްގެ އެ އަމަލުން ޒާޔާގެ ހިތަށް ލިބުނީ އުފަލެކެވެ. މާފަށް އެދެންވީ ކީއްކުރަން ހެއްޔެވެ؟
“ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.” ޒާޔާ ވާހަކަ ދެއްކީ ހިތާއި މުޅިން ދެކޮޅަށެވެ. ހަޤީޤަތަކީ ޝާރިފްގެ ބީހުން ޒާޔާ އަށް ކަމުދެއެވެ. ހިތްއެދެނީވެސް ޝާރިފްގެ އުނގު ތެރެއަށްވަނުމަށެވެ.
ޒާޔާ ނިދީވެސް ފަތިސްވަންދެން ޝާރިފްއާއި ވާހަކަ ދައްކަން އޮތުމަށްފަހުގައެވެ. އެތަކެއް މަލެއް ފޮޅުވާ އުޑުމަތީގައި ފިޔަޖަހަމުންދާ އެތައް ތަރިއެއް ބިމަށް ބޭލުމަށްފަހުގައެވެ. ޝާރިފްގެ ދުލުން ބޭރުކޮށްލާ ކޮންމެ ވާހަކައަކުން ޒާޔާ ހެއްވާލައެވެ.
ފޯނުގެ އެލާމްގެ އަޑުން ޒާޔާގެ މެރިފައިވާ ދެލޯ ހުޅުވުނެވެ. އެހައި ލަހުން ނިދާފައި އެހާ އަވަހަށް ހޭލުމުން ޒާޔާގެ މޫނުމަތިން ފެންނަމުންދަނީ ނިދީގެ އަސަރެވެ. ޒިޔަލްގެ ތުބުގައި ބުއްފުޅި ޖައްސާލުމަށްފަހު ޒާޔާ ކޮޓަރިން ނިކުތެވެ. ޒިޔަލް ސުކޫލަށް ދިޔުމުގެ ކުރިން ސައިތައްޔާރު ކުރުމުގައި މަންމައަށް އެހީވާށެވެ.
“މަންމަ ސައިހަދާ ނިންމާލީތަ؟” ފާއިޒާ ކާމޭޒުމަތީގައި ގޮށި ޖަހާލިތަން ފެނިފައި ޒާޔާ އެހިއެވެ.
“އާން. ސައިބޯންވީނު. ޒިޔަލް ހޭނުލާތަ؟” ފާއިޒާ ހަނޑޫ ދޮލަގަށް ހަނޑޫ އަޅަން ފެށިއެވެ.
“އާން ނުހޭލާ. މިދަނީ އެފަރާތަށް ކުނި ކަހާލަން.” ޒާޔާ ހިނގައިގަތެވެ.
ދުވަހުގެ ގިނަ ވަގުތު ހޭދަވީ ޝާރިފްގެ ޚަބަރެއް ނުވެއެވެ. ޝާރިފްގެ ޚަބަރެއް ނުވެ އިރުކޮޅެއްވިޔަސް ޒާޔާގެ ހިތެއް ހަމައެއް ނުޖެހެއެވެ. ކީއްވެ ހެއްޔެވެ؟ މީ ލޯބި ހެއްޔެވެ؟ ނޫނީ ކޯޗެއް ހެއްޔެވެ؟ ފޯނު ނަގާ ދެތިން ފަހަރަކު ޝާރިފްގެ ފޯނަށް ގުޅާވެސް ލެވިއްޖެއެވެ.
“ދަރިފުޅާ. އެސޮރު ބަލާ ދާ ގަޑިވެސް ޖެހެނީއެއްނު.” ޖޯލީގައި ޝާރިފްގެ ޚިޔާލުތަކުން ސިކުނޑި ފުރާލައިގެން އޮތް ޒާޔާ ސިއްސުވާލީ ފާއިޒާގެ އަޑެވެ. މޫޑް އޮފްވެފައި ވާ ހާލު ބައިސްކަލަށް އަރާ ޒާޔާ ދުއްވާލީ ޒިޔަލް ބަލައެވެ.
ބެލް ޖަހަންދެން ސުކޫލް ކައިރީގައި ޒާޔާ މަޑުކޮށްލައިގެން ހުއްޓެވެ. އެހެން މީހުންނާއި އެކަހެރިކޮށް ވަކިންނެވެ.
“ޒާޔާ. ޒިޔަލް ބަލާ އައިއްސަތަ؟” ހައުލާ ޒާޔާ ފެނިގެން އެތަނަށް އައިސް ހުއްޓުނެވެ.
“ހޫމް. ހައު ތި އުޅެނީނު ދައްކާވެސް ނުލާ.” ޒާޔާގެ ރާގުގައި ހުރީ ފޫހިކަމެވެ.
“ހާދަ ލޯބިން އުޅޭ ދެކުދިން ނޭ ދޯ. މިރަށުގެ ޒުވާން ޖޯޑްތަކަށް ހުރި މިސާލެއް އެއީ.”
ހައުލާ އާއި ޒާޔާ އަށް އެފަހަރާ ބަލާލެވުނީ އެތަނުގައި ތިބި އަންހެންވެރިންގެ އަޑުންނެވެ. އެމީހުން.ގެ ލޯތައް ހުއްޓިފައިވާ ދިމާއަށް ޒާޔާ ބަލާލުމާއެކު ޒާޔާއަށް މުށް ކަވާލެވުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.