ނޯޓް: މިއީ ޙަޤީޤީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމަކީ އަސްލެއް ނޫނެވެ.

އަހަރެންނަކީ ނޫރާއެވެ. އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކީމެވެ. އަހަރެން މި ކިޔައިދެނީ އަހަރެންގެ މާޒީއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. ބައްޕައާއި މަންމައަކީވެސް މާލޭގެ ގެދޮރުވެރިންނެވެ. ނަމަވެސް ޖެހުނު މައްސަލަގަނޑެއްގައި ބައްޕައާއި މަންމަ އަރާރުންވެ ބައްޕަ، މަންމަ ވަރިކުރިއެވެ. މަންމަ ވަރިކުރުމަށްފަހު ބައްޕަ، ބައްޕަގެ ގެއަށް ބަދަލުވިއެވެ. އަހަރެން އުޅެނީ މަންމަގެ ގާތުގައެވެ. މަންމައަކީ ކައުންސެލިންގ ދޭ މީހެކެވެ. ގޭގައި އުޅެނީ މަންމައާއި އަހަރެން އެކަންޏެވެ. މި ކިޔައިދެނީ އަހަރެންގެ ޙަޤީޤަތެވެ. މިއީ ޙަޤީޤީ ވާހަކައެކެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. އަހަރެންގެ އުމުރުން 12 އަހަރު ވެއްޖެއެވެ. ބައްޕަވެސް އެހެން މީހަކާއި އިނދެގެން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. ބައްޕައާއި ބައްދަލުވަނީވެސް ވަރަށް މަދު ފަހަރެއްގައެވެ. އަދި މަންމަ މިހާރު އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެންނެވެ. މަންމައަކީ އޮފީހަށް ދާން ނޫނީ މާގިނައިން ބޭރަށް ގޮސް އުޅޭ މީހެއް ނޫންކަމުން އެމީހާ މަންމައާއި ބައްދަލުކޮށް ހަދަނީ މިގޭގައެވެ. އަހަރެންގެ ކުރިމަތީގައެވެ. އެއީ ނިޒާރު ކިޔާ އަހަރެންގެ ބައްޕަ އުމުރުގެ ފިރިހެނެކެވެ. ބަލާބެލުމަށް ވަރަށް ހިތްހެޔޮ މީހެކެވެ. ނަމަވެސް ހިތާމައަކީ މަންމަ ފަދަ ހެޔޮވިސްނޭ ކައުންސެލިންގ ދޭ މީހަކަށް އެމީހާގެ ހިތް ނިޔަތް އެހާ ބޮޑަށް ސާފުވެފައި ނެތުމެވެ. އަދި މަންމައަށް އެމީހަކު ދެކެ އިންތިހާއަށް ލޯބިވެވުމެވެ. މަންމަ މި މީހާއާއި ރައްޓެހިވެގެން އުޅޭއިރު މި މީހާ މުޅިންހެން އުޅެމުންދަނީ އަހަރެމެންގެ ގޭގައެވެ. ތަފާތު ވައްތަރުގެ ޗޮކްލެޓާއި ލުއި ކާނާވެސް އަހަރެންނަށް ގެނެސްދެއެވެ. އަދި މަންމައާއިއެކު ޒަވާޖީ ޙަޔާތެއް ފަށަންކަމަށް ބުނެ މި މީހާ މަންމައާއިއެކު ލޯބީގެ ގުޅުން ހިންގަމުންދެއެވެ. އަދި ފަހަކަށް އައިސް މި މީހާ ނިދަނީވެސް މަންމަގެ ކައިރީގައެވެ. މަންމައާއި އަހަރެންނާއި ދެމީހުން ނިދަނީ އެއް ކޮޓަރީގައިކަމުން މަންމަ ނިދުމުން މި މީހާ އަހަރެންނަށް ބިރު ދައްކައި އަހަރެންނާއި ބެހި ހަދައެވެ. އަދި މަންމައާއިއެކު  ކޮޓަރިތެރޭގައި އެ ކުރާ ހުރިހާ ކަމެއްވެސް އަހަރެންނަށް ފެނެއެވެ. ނިދާކަމަށް ހަދައިގެން ކެތްކޮށްލައިގެން އަހަރެން އޮންނަނީއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. މި މީހާގެ ނިޔަތަކީ މަންމަ ނިދުމުން އަހަރެންނާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމެވެ. މިކަން މަންމައަށް އަހަރެން ސިއްރު ކުރީ މަންމަގެ ދިރިއުޅުން ހަލާކުވެދާނެތީއެވެ. ނަމަވެސް އެއްދުވަހަކު އަހަރެން ސްކޫލުން ގެއަށް އައިސް ގޭގައި އެކަނި ރޯން އިންދާ މަންމަ އޮފީހުން އައެވެ. އަދި ރޮނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. މަންމަގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. އަދި މަންމަ ރައްޓެހިވެގެން އުޅޭ މީހާ އަހަރެންނާއި ބެހެނީ ކަމަށް ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ. އެމީހާ އަހަރެންނަށް ކޮށްފައިވާ ކަންތައްތައް ލިޔުމަކުން ހާމަކުރުމަކީ އަހަރެންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އަހަރެން މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކޮށް މި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މިވާހަކަތައް އަޑުއަހާފައި މަންމަ ވަރަށް ރުޅިއައެވެ. އަދި އެމީހާއާއި ގުޅައި ދެން ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެކަމަށާއި، ތިކަހަލަ ވިޔާނުދާ މީހުންނާއެކު ގުޅިގެން ނޫޅެވޭނެކަމަށް ބުނެ އެމީހާގެ ކައިރިން މަންމަ ސަލާމަތްވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަ އަނެއްކާވެސް އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅުނެވެ. މިފަހަރު އެއީ ސިރާޖު ކިޔާ މީހެކެވެ. މި މީހާވެސް ކަންތައް ކުރަމުން އައީ ކުރިން މަންމަ ރައްޓެހިވެގެން އުޅުނު ނިޒާރު ކަންތައް ކުރަމުން އައި ގޮތަށެވެ. ސިރާޖުވެސް މަންމައާއި ލޯބީގެ ގުޅުން ހިންގަމުން ދިޔައީ އަހަރެންގެ ކުރިމަތީގައެވެ. ނުވިތާކަށް މަންމަ ގޭގައި ނޫޅޭ ގަޑިތަކުގައި އަހަރެންނާއެކުވެސް ގަދަކަމުން ގުޅުން ހިންގައެވެ. މަންމައަށް މިކަން އެނގުމުން ސިރާޖުއާއި މަންމަ ގުޅުން ކަނޑާލިއެވެ. ނަމަވެސް މަންމަ ރައްޓެހިވާ ކޮންމެ މީހަކާއެކު ގޭތެރޭގައި ލޯބީގެ ގޮތުން މަންމަ ގުޅުން ހިންގާތަން ބަލާކަށް އަހަރެންނަކަށް ކުޅަދާނައެއް ނުވިއެވެ. މިގޮތުގައި ދުވަސްތައް ގުނަމުންގޮސް އަހަރެންގެ އުމުރުން 17 އަހަރު ފުރިއްޖެއެވެ. މަންމަ އެކި ފަހަރު އެކި މީހުންނާއި ރައްޓެހިވެގެން ގޭތެރޭގައި ކުރަމުންދާ ކަންތައްތަކާއިމެދު ފުންކޮށް ވިސްނާލެވުނެވެ. އަދި މިކަމާއި ވިސްނާ ވަރަކަށް ދުވަހެއް ދުވަހަކަށް އަހަރެން ދިޔައީ މަންމަ މަތިން ފޫހިވަމުންނެވެ. ގޭގައި އުޅޭހިތެއް ނުވެއެވެ. މަންމައަށްވެސް އަހަރެންނަށް އަންނަމުންދާ ބަދަލުތައް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ދުވަސްކޮޅަކަށް ވިލިމާލެއަށް ބަދަލުވާށެވެ. މިވާހަކަ މަންމަ ގާތު ބުނުމުން މަންމަ އަހަރެން ވިލިމާލެއަށް ދިއުމަކަށް ދެކޮޅެއް ނަހަދައެވެ. އެއީ ވިލިމާލޭގައި މަންމަގެ ރައްޓެހިން ތިބުމާއެކު އެއިން މީހެއްގެ ކައިރީ އަހަރެން ހުންނަ ވާހަކަ ބުނުމުންނެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. އަހަރެން ވިލިމާލެއަށް ބަދަލުވި ދުވަހު އަހަރެން ނީޝާއަށް ގުޅީމެވެ. އަދި މަންމައަށް މިކަން ނާންގައި ނީޝާއާއިއެކު އޭނަ ހިފައިގެން އުޅޭ ކޮޓަރިއަށް އަހަރެން ބަދަލުވީމެވެ. ނީޝާއަކީ އަހަރެންގެ ކުޑައިރުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަދި ކުލާސްމޭޓެކެވެ. ނަމަވެސް ނީޝާއަކީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެކެވެ. ނަމަވެސް އަހަރެންގެ މަންމަ އަހަރެންގެ ޙާލު ބަލައިލަން އެއްފަހަރުވެސް ނުުގުޅައެވެ. އަދި ހޯދާކަށްވެސް ނޫޅެއެވެ. އުޅެނީ ކޮންތާކުތޯވެސް ބަލައެއް ނުލައެވެ. މަންމަ އަހަރެންދެކެ ލޯބިވާނަމަ އަހަރެން އުޅޭނޫޅޭގޮތްވެސް ބަލާނެތާއެވެ. އަހަރެން މިކަމާ މާބޮޑަށް ވިސްނަން ފެށުމުން ނީޝާ އަހަރެންނަށް ހިތްވަރުދީ ހަދައެވެ. އަދި ނީޝާ އަބަދުވެސް އެހީވާނެކަމަށް ބުނެ މަޖާކޮށްލައި ނީޝާ އުޅޭގޮތަށް އުޅުމަށް ހިތްވަރުދެމުން ދިޔައެވެ. އޭނާއަކީ ޒުވާން އެތައް ފިރިހެން ކުދިންނާއެކު ޖިންސީ ގުޅުން ހިންގައިގެން ފައިސާ ހޯދާ އަންހެނެކެވެ. އަހަރެން ނީޝާއާއިއެކު އުޅެން ފެށުމުން ނީޝާ ކުރާ ހުރިހާ ކަމަކާއި އަހަރެންނަށް ގަޔާވެވުނެވެ. އަދި އެއީ ފޫހިފިލާކަމެއް ކަމަށް ހީކޮށް ނީޝާގެ ބަހަށް ހެއްލި އަހަރެންވެސް ނީޝާ އުޅޭގޮތަށް ހަށިވިިއްކައިގެން ފައިސާ ހޯދަން ފެށީމެވެ. އަދި ލިބޭ ފައިސާއިން މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިވެސް ކުރަން ފެށީމެވެ. މިކަން ކުރަން ފެށުމުން އަހަރެންނަށް ގިނަ ފައިސާތަކެއް ލިބުނެވެ. ގިނަ ރައްޓެހިންނާއެކު ގިނަ ވަގުތު ބޭރުގައި އުޅެން ފެށުމުން ހީވީ މުޅި ދުނިޔެ އަހަރެންނަށް ހިތަކަށް ލިބުނުހެންނެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދެއެވެ. އަހަރެންގެ މަންމަ އަހަރެން ހޯދާކަށް ނޫޅެއެވެ. އަހަރެން ނެތުމުން މަންމައަށް، މަންމަ އެކުރާ ކަންތައް ކުރުމަށް ފަސޭހަވާނެތީ ކަންނޭނގެއެވެ. ނުވިތާކަށް ބައްޕަވެސް އަހަރެން ހޯދާކަށް ނުޅެއެވެ. އަހަރެން މަގުމައްޗަށް ނިކުންނަން ޖެހުނީވެސް މަންމަގެ ސަބަބުންނެވެ. އަހަރެންނަށް މިއަދު އެ ކޮތަރު ކޮށްޓެއްްފަދަ ގެއަށްވުރެ މާލޭގެ މަގުމަތިވެސް މާ ރަނގަޅުކަމަށް ހީކުރެވުނެވެ. ގޭގައި އުޅުނުއިރު ގަދަކަމުން ގުޅުން ހިންގުމުގެ ސަބަބުން މިއަދު މިވަނީ އެކަމަށް ހޭނިފައެވެ. ދެވި ހިފާފައެވެ. ޖެހޭ ކޮންމެ ފިރިހެނެއްވެސް މިއަދު އަހަރެންނަށް ކަމުދާން ފެށިއެވެ. ދޮނެއް ކަޅެއް ވަކި އުމުރެއް ނެތެވެ. މިއީ ގޭތެރެއިން އަހަރެންނަށް އުނގެނި ދަސްވި ފިލާވަޅުތަކެވެ. މިހާރު އަހަރެންނަށް 80 އަށްވުރެ ގިނަ ފިރިހެނުންނާއެކު އެކި ފަހަރު މަތިން ވާނީ ގުޅުން ހިންގިފައެވެ. މިއީ އަހަރެންނަށް ލިބުނު ނަސީބެކޭ ބައެއްފަހަރު ހިތަށް އަރައެވެ.

މިގޮތުން އެއްދުވަހަކު އަހަރެންނާއި ނީޝާއާއި ދެމީހުން ކޮޓަރީގައި ތިއްބައި މަންމަ އަހަރެންނަށް ގުޅިއެވެ. އަދި މަންމަ ވަރަށް ރުޅިއައިސް ހުރެ އަހަރެން މިހާރު އުޅެމުން މިދާ ގޮތުގެ ވާހަކަ ދެއްކިއެވެ. ވަގުތުން ގެއަށް އަންނަން އަހަރެންނަށް އިންޒާރު ދިނެވެ. ނަމަވެސް މަންމަގެ އެ ބަހަށް އަހަރެން ގުޑައެއް ނުލަމެވެ. މަންމަ ދައްކާ ވާހަކަތަކަކީ މިއަދު އަހަރެންނަށް ބޭކާރު ވާހަކަތަކަކަށް ވިއެވެ. މަންމައަކީ ކައުންސެލިންގ ދޭ މީހަކަށްވެފައި މަންމަ އެ ދިން ކައުންސެލިންގ ސަބަބުން މިއަދު އަހަރެން މިވަނީ މަގުފުރެދިފައެވެ. އަހަރެން ދެނެއް ގެއަކަށް ނުދާނަމެވެ. މިހެން ބުނުމުން މަންމަ ރުޅި އައިސްގެން ފޯނު ކަނޑާލިއެވެ.

އެކުވެރިންނެވެ. އަހަރެން އުޅެމުންދާ ގޮތުގެ ވާހަކަތައް މަންމައަށް ކިޔައިދިނީ މަންމަގެ ގާތް ރައްޓެއްސެކެވެ. އަދި މިކަމާ މަންމަ ލަދުގަތީ މަންމައަކީ ކައުންސެލިންގ ދޭ މީހަކަށްވެފައި މަންމަގެ ދަރި މިހާލަތަށް ދިއައީ މަންމަގެ ސަބަބުންކަން މަންމައަށް އިހްސާސް ކުރެވިގެންނެވެ. އަހަރެން މިގޮތަށް މާލެތެރެއަށް ގިނަވެގެން އުޅޭނެކަމަކަށް އަސްލު މަންމަ ހިތަކަށްވެސް ނާރާނެއެވެ. ނަމަވެސް މިއަދު އަހަރެން މިވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައެވެ. ސިނގިރޭޓް ބުއިމަކީ އަހަރެންގެ ދިރިއުޅުމުގެ ކާނާއަކަށް ވެފައެވެ.

އޭގެ އެއްދުވަސް ފަހެވެ. ބައްޕަ އަހަރެންނަށް ގުޅިއެއެވެ. އަދި ބައްޕަ ކައިރިއަށް ހުޅުމާލެއަށް ބަދަލުވުމަށް ބުންޏެވެ. އަހަރެންނަކީ ކުޑައިރުއްސުރެވެސް ބައްޕަދެކެ ބިރުގަންނަ މީހަކަށް ވުމުން ބައްޕަގެ އެދުމަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަދި މަންމަ މިވާހަކަތައް ބައްޕަ ކައިރީ ދައްކައިގެން ބައްޕަ އަހަރެން ގެންދާނެކަން ކުރިންވެސް ވަނީ އެނގިފައެވެ. ބައްޕަ އަހަރެންނާއި ވާހަކަ ދެއްކި ގޮތުން ބައްޕަ އަހަރެން އުޅެމުން މިދާ ގޮތާއިމެދު ވަރަށް ރުޅިއައިސްފައި ހުރިކަން އެނގުނެވެ. އަދި އަހަރެން އުޅޭ ތަން ބުނުމުން ބައްޕަ އަހަރެން ބަލައި އައެވެ. އަދި ހުޅުމާލޭގައި ބައްޕަ އުޅޭ ގެއަށް އަހަރެން ގެންދިޔައެވެ. ގެއަށް ގެންދިއުމަށްފަހު ބައްޕަ އަހަރެންނަށް ވަރަށް ނަސޭޙަތް ދިނެވެ. އަދި މިގޮތަށް އުޅުމުން ބަދުނާމުވެ މީހާ ދެދުނިޔޭން ގެއްލި ނިމިދާނެކަމަށްވެސް ބުނެ ބައްޕަ ނަސޭޙަތް ލައިދިނެވެ. ބައްޕަ ވަރަށް އަސަރާއި އާދޭހާއިއެކު އެ ދިން ނަސޭޙަތް އަޑުއަހައި އަހަރެންނަށް ރޮވުނެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ވިޔާނުދާ ގޮތަކަށް ނޫޅޭނެކަމަށް ބައްޕަގެ ކައިރީ އަހަރެން ވަޢުދުވީމެވެ. އަދި ރަނގަޅު މަގު އިޚުތިޔާރު ކުރީމެވެ. އެހެންކަމުން ބައްޕަ ގަސްތުކުރީ އަހަރެން ކޮލެޖަކަށް ފޮނުވައިގެން އިތުރަށް ކިޔަވައިދިނުމަށެވެ. އެކުގައި އުޅުނު ރަައްޓެހިންނާއި އެއްގޮތަކަށްވެސް ގުޅުން ނުބޭއްވުމަށް ބައްޕަ ނަސޭޙަތްތެރިވިއެވެ.

ނަމަވެސް އަހަރެން ކޮލެޖަށް ދާން ފެށުމުން މަދުން ނަމަވެސް ކުރީގެ ރައްޓެހިން އަހަރެން މަގުމަތިން ފެންނައިރަށް ހުއްޓުވައި ހައްލައިލަން މަސައްކަތް ކުރެއެވެ. ބައެއްފަހަރު އެމީހުންގެ ބަހަށް ހެއްލޭގޮތްވެއެވެ. އެހެންނަމަވެސް ބައްޕަގެ ނަސޭޙަތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާލެއް ބޮޑުކަމުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމީހުންނާއި ދުރުވެވޭތޯ ބަލަމެވެ. އަދި ކުލާހުގައި އުޅޭ އުޅުމުގައިވެސް އެއްވެސް ކުއްޖަކަށް އަހަރެންގެ މާޒީ ކިޔައެއް ނުދެމެވެ. ސަބަބަކީ އަހަރެންގެ މާޒީ އެނގި ކުލާސް ކުދިން އަހަރެންނާއި ދުރުވެއްޖެނަމަ އަހަރެން ބާކީވެދާނެތީއެވެ.

އެކުވެރިންނެވެ. ކުއްލިއަކަށް މިގޮތަށް އުޅުން ބަދަލުކުރަން ޖެހުމުން އަހަރެންނަށް ވަރަށް އުނދަގޫވެއެވެ. ބައެއްފަހަރު މަސްތުވެލާން ރައްޓެއްސަކާ ގުޅާލާ ހިތްވެސް ވެއެވެ. ނަމަވެސް އެ ފޯނު ނަންބަރުތައް ވަނީ ފޮހެލާފައެވެ. މިހާރު ގެންގުޅެނީ އާ ނަންބަރެކެވެ. ކުލާސް ނިންމާލާފަ ގެއަށް ދާ މަގުމަތީގައި ވަގަށް ނަމަވެސް ސިނގިރޭޓެއް ހޯދައިގެން ބޯލެވެއެވެ. އެއީވެސް ވަރަށް މަދު ފަހަރެއްގައެވެ.  ބައްޕަމެންނަށް ވަގަށެވެ. ސިއްރުންނެވެ. ނަމަވެސް މިއަދު މިއިން އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. އެކަންކަން ކިތަންމެ ކުރާ ހިތްވިޔަސް މިއަދު އަހަރެންގެ ޢަޒުމަކީ އެ މާޒީއާއި ދުރަށް ދިއުމެވެ. މަސްތުވާތަކެއްޗާއި ދުރުހެލިވެ، އަލުން އާ ޞަފުޙާއެއް ފެށުމެވެ. ކިޔަވައިގެން މޮޅު މީހަަކަށްވެ ބާއްޖަވެރި ދިރިއުޅުމެއް އުޅޭނެ މަގެއް ހޯދުމެވެ. މިއަދު އަހަރެންނަށް ހެޔޮޮވިސްނުނީތީ ﷲ އަށް ޝުކުރު ކުރަމެވެ. ބައްޕައާއި ދިމާނުވިނަމަ މިއަދުވެސް އަހަރެން އުޅެން ޖެހުނީހީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ޖަލުގެ ތޭރިތަކުގެ ދަށުގައެވެ. ވިޔާނުދާ ހަޑިމުޑުދާރު އަޅަކަށް ވެފައެވެ. ބައްޕައަށް މިއަދު އަހަރެން ފަށްފަށުން ޝުކުރުވެރިވަމެވެ. ވިސްނައިދިނީތީއެވެ. ނަމަވެސް އަހަރެންގެ ހިތަށް އަބަދުވެސް އަރާ އެކައްޗެއް އެބައޮތެވެ. މިފަދަ އަންހެނަކު މުޖުތަމައުން ބަލައިގަންނާނެ ހެއްޔެވެ؟ އަހަރެންނަށް އެނބުރި އާދެވޭނެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ތިޔަ ކިޔުންތެރިންނަށް ހުޅުވާލަމެވެ.

(ނިމުނީ)

ނޯޓު: ގިނަ ފަހަރަށް މިފަދަ ހާދިސާތައް މެދުވެރިވަނީ މައިންބަފައިންގެ އިހުމާލުން ދަރިންނަށް ދޭންވާ ލޯތްބާއި އަޅާލުންް ނުލިބުމުގެ ސަބަބުންނެވެ. މިވާހަކަ ތިޔަ ކިޔުންތެރިންނާއި ހިއްސާ މި ކޮށްލީ މުޖުތަމަޢުގައި ހިނގާ މިފަދަ ވިޔާނުދާ ޢަމަލުތަކުން ޢިބުރަތެއް ހާސިލުކޮށްދިނުމުގެ މަޤުޞަދުގައެވެ. އަދި މުޖުތަމައުގައި ހިނގާ މިފަދަ ވަބާތަކުން އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތްކުރުމުގެ ހެޔޮ ނިޔަތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.