ރީތިކޮށް ކީރިތި ޤުރުއާން ކިޔެވުމަކީ މުސްލިކަމަށް ލިބޭނެ އެންމެ ބޭނުންތެރި އެއް ހުނަރެވެ. އެ ހުނަރުވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ލިބޭ ފުރުޞަތަކީވެސް ލިބޭ ކުޑަ ނިޢުމަތެއް ނޫނެވެ. މުނިއަވަސް އިން މިދިޔަ ރަމަޟާން މަހު ބޭއްވި އޮންލައި ޤުރުއާން މުބާރާތުގެ ފަޚްރުވެރި އެއްވަނަ ހޯދި އަކްމަލް އަޖްވަދު ޢަލީ އަކީ ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވާ ކުއްޖެކެވެ. އަމިއްލަ ކިޔެވުން، ފޯނަށް ރެކޯޑްކޮށްގެން އަޑުއެހުމަކީވެސް އަކްމަލް ކުރަމުން އަންނަ ކަމެކެވެ.

އަކްމަލްގެ ކިޔެވުން، ފެންވަރު ރަނގަޅުކޮށް ރެކޯޑިންއެއް ހެދުމަކީ އަކްމަލްގެ އިތުރުން އޭނާގެ މައިންބައިފައިންވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަޖައްސައިދިނުމަށް ”މުނިއަވަސް، ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ ވަރަށް ފަޚްރުވެރިކަމާއެކު ސްޕޮންސަރކުރި “އިއްޔާ ރެކޯޑްސް” އިން ތިބީ ތައްޔާރަށެވެ. “އިއްޔާ ރެކޯޑްސް”ގެ މި އިސްނެގުމާއި ހުށައެޅުން ވެގެންދިޔައީ މުނިއަވަސްގެ ޓީމަށްވެސް ލިބިގެންދިޔަ ސަޕްރައިޒަކަށެވެ. ވީއިރު، މިކަން އަކްމަލް އާއި އޭނާގެ މަންމަމެންނަށް އަދި މާބޮޑު ސަޕްރައިޒަކަށް ވާނެކަން ގައިމެވެ.

“މީ ހަމަ އަލަށް އެކަހަލަ ފުރުޞަތެއް ލިބުނީ. އަޅުގަނޑުވެސް ވަރަށް އުފާވި އެވާހަކަ ބުނީމަވެސް.”

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އުފެއްދުންތަކެއް ނެރެފައިވާ “އިއްޔާ ރެކޯޑްސް”ގެ ސީއީއޯ އުލްޔާ މުސްތާޤް، އަކްމަލްގެ މަންމައަށް ގުޅައި އަކްމަލްގެ އަޑުން ‘ޖުޒުލް އަންމާ’ ނުވަތަ އަންމާ ފޮތުގެ އޯޑިއޯ ރެކޯޑިންއެއް ހަދައިދޭން ބޭނުންވާކަމަށް ބުނުމުން އަކްމަލްގެ މަންމަ އަށް ކުރެވުނު އިހްސާސް މުނިއަވަސް އާ ހިއްސާކުރިއެވެ.

“ދެން އަސްލުގަ ވަރަށް އުފާވި އެކަހަލަ ފުރުޞަތެއް ލިބުނީމަ، ވަރަށް ހިތްހަމަޖެހޭ އެކަހަލަ ފުރުޞަތެއް ލިބުނީމަ. އަކްމަލް އަކީ ޤުރުއާނަށް ވަރަށް ކުޑައިރުން ފެށިގެން ވަރަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއް. ދެން މި ފުރުޞަތު ލިބުނީމަ އަސްލު ކުއްޖާވެސް (އަކްމަލް ވެސް) ވަރަށް ބޮޑަށް ހިތްހަމެޖެހިފަ ހުރީ.” އިއްޔާ ރެކޯޑްސްގެ ހުށައެޅުމާމެދު ނުހަނު އުފަލުންހުރި އަކްމަލްގެ މަންމަ ބުންޏެވެ.

އަކްމަލްގެ މަންމަ ހުރީ ކޮވިޑް-19ގެ ކަންތައްތައް ހަމައަކަށް އެޅި، ތަންތަނަށް ގޮސް އުޅެވޭގޮތް ވުމުން، އިއްޔާ ރެކޯޑްސް އާއެކު މަސައްކަތްކުރުމަށް ތައްޔާރަށެވެ.

އަކްމަލްގެ މަންމަ ބުނީ މިފަދަ ފުރުޞަތުތައް ވީހައިވެސް ގިނައިން ކުދިންނަށް ލިބުމަކީ އެކުދިންގެ ހުނަރުތައް ކުރިއެރުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. ”މުނިއަވަސް، ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ ކުރިއަށްދިޔަ ގޮތާއި މެދުވެސް އަކްމަލްގެ މަންމަ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. މުނިއަވަސް އާއި “އިއްޔާ ރެކޯޑްސް” އިން މި މުބާރަތަށް ކުރި މަސައްކަތާއި ހޭދައަށްޓަކައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަކްމަލްގެ މަންމަ ޝުކުރުއަދާކުރެއެވެ.

“ވަރަށް ގިނަ މުބާރާތްތަކުގަ ބައިވެރިވެގެން އަކްމަލް ވަނަ ހޯދާ، އެކަމަކު ދުވަހަކުވެސް މިކަހަލަ ފުރުޞަތެއް އަދި ނުލިބޭ. މީ ހަމަ އަލަށް އެކަހަލަ ފުރުޞަތެއް ލިބުނީ، އަޅުގަނޑުވެސް ވަރަށް އުފާވި އެވާހަކަ އެބޭފުޅުން ދެންނެވީމަ.” އިއްޔާ ރެކޯޑްސް އިން ދިން ފުރުޞަތާމެދު ޝުކުރުވެރިވަމުން އަކްމަލްގެ މަންމަ ބުންޏެވެ.

“އިއްޔާ ރެކޯޑްސް”ގެ ފައުންޑަރ މުސްތާޤް އާއި ސީއީއޯ އުލްޔާ އަކީ މި ރެކޯޑް ލޭބަލް އުފެއްދުމަށްފަހު، ހުވަފެން ދެކެމުން އަންނަ އެކިއެކި ފަންނުތަކުގެ މީހުންގެ ހުވަފެނުގައި ކުލައްޖައްސައިދިނުމަށް އަތުކުރި އޮޅާލައިގެންތިބި ދެބަފައިންނެވެ.

އިއްޔާ ރެކޯޑްސް”ގެ ފައުންޑަރ މުސްތާޤް އާއި ސީއީއޯ އުލްޔާ

އަކްމަލް އަށް ދިން މި އަގުހުރި ފުރުޞަތާާމެދު އިއްޔާ ރެކޯޑް އިން ދެކޭގޮތްވެސް ހޯދާލީމެވެ.

“އަކްމަލްގެ ކިޔެވުން އަޑުއިވިފަ ހަމަ ރޮވުނު. އެހާ ކުޑަކުއްޖެއް އެހާ ރީތިކޮށް ކިޔަވާތީވެ ލިބުނު އިނާމަކީ އެއްޗެއް ނޫން. އެއަށްވުރެ ބޮޑަށް އަކްމަލް ޑިޒާރވްވާކުރޭ. އެގޮތުން ނިންމީ އޭނަގެ ކިޔެވުން ޕްރޮފެޝަނަލް ލެވެލްގަ ރެކޯޑްކުރަން އޭނާއަށް މި ފުރުޞަތުދޭން. އަދި މީގެ އިތުރަށް އަކްމަލްއަށް އަޅުގަނޑާ، އިއްޔާ ރެކޯޑްސްއާ ޑީބީ ރެކޯޑްސްގެ ހުރިހާ އާޓިސްޓުންގެ ފަރާތުން ފައިސާގެ ހަދިޔާއެއްވެސް ދޭން.” އިއްޔާ ރެކޯޑްސް އާއި ޑީބީ ރެކޯޑްސްގެ ފަރާތުން މުސްތާޤް ހާމަކުރިއެވެ.

ޤުރުއާން މުބާރާތުގެ ސްޕޮންސަރކަން ކުރުމުގެ އިތުރުން، މުބާރާތް ކުރިއަށްދިޔައިރު، ކޮންމެ ދުވަހަކުހެން އިއްޔަ ރެކޯޑްސް އާއި ޑީބީ ރެކޯޑްސް އިން މުބާރާތް ހިނގަމުންދާގޮތް ވަރަށް ކައިރިން ބަލަމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މުނިއަވަސް އިން ބާއްވަން އިޢުލާނުކޮށްފައިވާ މަދަހަ މުބާރާތްވެސް ސްޕޮންސާކޮށްފައި ވަނީ އިއްޔާ ރެކޯޑްސް އިންނެވެ. މަދަހަ މުބާރާތުގެ ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ހަމަ ގައިމުވެސް އިއްޔާ ރެކޯޑްސް އިން ގިނަގުނަ ފުރުޞަތުތަކެއް ދޭނެކަން ޔަޤީނެވެ.

އަކްމަލްގެ ހުވަފެނުގައިި ކުލަޖެހި، ޖުޒުލް އަންމާގެ ސޫރަތްތައް، އަކްމަލްގެ އަޑުން އަހައިލުމަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.