ދިރިއުޅުމަކީ ހީނުކުރާ އެތައްކަމަކާއި ކުރިމަތިވާ ދަތުރެކެވެ. ނަމަވެސް ކުރިމަތިވާ ކޮންމެ ކަމަކާއި އެކު ވެސް ކުރިއަށް ދިއުމަކީ ހިތްވަރު ގަދަ މީހުންގެ ގޮތްކަން ސާބިތު ކޮށްދޭ އެތަކެއް ބަޔަކު އުޅޭކަން މިއީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. އެގޮތުން އުމުރުން 39 އަހަރުގެ ދިމްނާ ފާކިރަކީ ދިމާވި ކިތަންމެ ގޮންޖެހުމަކުން ހިތްވަރާއި އެކު ކުރިއަށް ގޮސް، މިއަދު ހުރިހާ މައިންނަށްވެސް ހުރި ލާމަސީލު މިސާލެކެވެ. 3 އަހަރުގެ ލޯބިވާ އަމިއްލަ ދަރިފުޅަށް ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސް ކުރަމުން، އެހެން މީހުންނަށް ވެސް ދަރިން ތަރުބިއްޔަތު ކުރުމާއި އަދި އެކަމާ ގުޅޭ އެތައް ކަމަކުން އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ މީހެކެވެ.
ދިމްނާ އަކީ އުމުރުން އެއް އަހަރުގައި މަންމަ ނިޔާވުމާއި އެކު، އަމިއްލަ އާއިލާ ކައިރީގައި ދިރިއުޅެމުންދިޔަ މީހެކެވެ. އަމިއްލަ “އިންސްޕިރޭޝަން” އަކީ އަމިއްލަ ދޮންތަ ކަމުގައި ދެކެމުން އަންނަ ދިމްނާ ބުނާ ގޮތުން ދަރިން ތަރުބިއްޔަތު ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މައިންނަށް ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ ގޮތުން މައުލޫމާތު ދީ “ޓްރެއިންނިން ސެޝަން” ތައް ބެއްވުމަށް ޝައްގުވެރިވި ސަބަބަކީ ދިރއުޅުމުގައި ދިމާވި ދަތިތަކާއި، ގޮންޖެހުންތަކެވެ.
އަމިއްލަ ފިރިމީހާ އަކީ އެންމެ ބޮޑު “ސަޕޯރޓު” ކަމުގައި ދެކޭ މި ހިތްވަރުގަދަ ކަނބަލަކީ 1999 ފެށިގެން 2012 ހަމައަށް “ގާލް ގައިޑް” ގައި އުޅުނު މީހެކެވެ. އަދި އެތަނުންވެސް އެތައް ގޮންޖެހުން ތަކެއް ކުރިމަތިވެ އެކަމާ ދުރަށް ދިޔަ ނަމަވެސް އެކަމުގެ ނިމުމަކީ އެތައް ރަނގަޅު ކަމެއްގެ ފެށުން ކަމުގައި މިއަދު މިވަނީ ސާބިތު ވެގެން ގޮސްފައެވެ. މުނިއަވަސް އާ ވާހަކަ ދައްކަމުން އޭނާ ބުނީ އެދުވަހު ބަޔަކު އޭނާ ފަހަތައް ޖައްސާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ހިތްވަރު އެލުވާ ނުލާ ކަމަށާއި އަދި، އެދުވަހު އޭނާ އެގޮތަށް ކަންތައް ކުރިނަމަ މިއަދު އެންމެންގެ ލޯތްބާއި އެކު މިހިސާބަށް ނާދެވޭނެ ކަމަށެވެ.
ދިމާވި ހުރިހާ ކަމަކަށް ހިނިތުންވުމަކާއި އެކު ކުރިމަތިލަމުން އަންނަ ދިމްނާ އަކީ 2012 ވަނަ އަހަރުން ފެށިގެން “ސްކިލް ޓްރެއިނިންގ ސެންޓަރ” ގެ ނަމުގައި ތަނެއް ހުޅުވައި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެކެވެ. އަދި އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް، އެކި ކަހަލަ ޕުރޮގްރާމްތައް ހިންގާ ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފަސް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ދަރިފުޅު ނައުޝީން ލިބުމުން ހުރިހާ ވަގުތެއް ދަރިފުޅަށް ދޭން ބޭނުންވާތީ އަމިއްލަ ގެއެށް “ސްކިލް ސެންޓަރ” ގެ ކުދިން ގެނައުމަށް ނިންމީ ކަމަށެވެ. އަދި އެ ނިންމުމަކީ އެންމެ ބޮޑު އަދި ގޮތެއް ނިންމަން އެންމެ އުނދަގޫވި ނިންމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އެތައް ކަމަކަށް ރިޢާޔަތް ކުރަން ޖެހޭތީ ކަމަށާއި އަދި، އެކުދިންގެ ބެލެނިވެރިން ވިސްނާނެ ގޮތެއް ނޭންގޭތީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ހުރިހާ ކަމެއް ރަނގަޅަށް ގޮސް މިއަދުވެސް އެ މަސައްކަތުގައި ކުރިއަށްދާ ދިމްނާ ބުނީ އޭނާގެ އެ ނިންމުމާއި މެދު، “ރިގްރެޓް” ނުކުރާ ކަމަށެވެ.
މި ހުނަރުވެރި މަންމަ އަކީ ދަރިފުޅުގެ ހުރިހައި ކަމެއް އަމިއްލަ އަށް ކުރަމުން އަންނަ މީހެކެވެ. އޭނާގެ ދަރިފުޅުގެ ކުޅޭ އެއްޗެހި ހެދުމުން ފެށިގެން ދަރިފުޅު ލާ ހެދުން ފެހުމަކީވެސް އޭނާ އަމިއްލަ އަށް ކުރާ މަސައްކަތް ކަމަށް އޭނާ ކިޔައިދިނެވެ. އަދި ދަރިފުޅު އެންމެ ވަގުތު ކޮޅަކަށްވެސް އެކަނި ދޫކޮށް ނުލައި ހުރިހައި ވަގުތެއްވެސް ދަރިފުޅާއި އެކު ހޭދަކުރާ ދިމްނާ ބުނީ ދަރިފުޅު އުމުރުން އެއް އަހަރު ވީއިރުވެސް “ސްކްރީން” ނުދައްކާ ކަމަށެވެ. އަދި ހުރިހައި ކަމެއްވެސް ކިޔައިދީ ދަސް ކޮށްދެމުން ދަނީ އަމިއްލަ އަށް ކަމަށާއި، މިހާރު ދަރިފުޅު އުމުރުން ތިން އަހަރު ވީއިރު، ދިވެހިންނާއި އިނގިރޭސިން އެއްޗެހި ކިޔަން އެނގޭ ކަމަށާއި އަދި ޤުރުއާން އަންމާ ފޮތުގެ 18 ސޫރަތް ހިތުދަސް ކޮށްފައިވާ ކަމަށް އޭނާ އިތުރަށް މުނިއަވަސް އަށް ކިޔައިދިނެވެ.
ދަރިފުޅަށް ދެވޭނެ އެންމެ “ބެސްޓް” ދޭން އަބަދުވެސް ބޭނުންވާ ކަމަށް ބުނާ ދިމްނާ އަކީ މި ހުރިހާ ކަމެއްގެ އިތުރުން ބެލެނިވެރިންނަށް ޚާއްސަކޮށްގެން މިކަމާ ގުޅޭ މައުލޫމާތުތައް ދިނުމުގައި އަދިވެސް ސާބިތުވެ ހުރި މީހެކެވެ. މިކަމާއި ގުޅޭ އޭނާ ގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށް “ނައުޝީން ބުކްސް އެންޑް ޓޯއިސް” ގެ ނަމުގައި ފޭސްބުކް ޕޭޖެއްވެސް ވަނީ ހަދާފައެވެ. އަދި މިހާރުވެސް އަމިއްލަ އަށް ވާހަކަ ފޮތްތައް ހެދުންފަދަ ކަންކަން ކުރާ ދިމްނާ އަކީ ރަށް ރަށުގައި ވެސް އެކި ކަހަލަ ޕުރޮގްރާމުތައް ހިންގާ މީހެކެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި މި ދުވަސް ކޮޅުގެ ގޮތުން ދެން “އެޑިއުކޭޓު” ކުރުމުގެ ޕުރޮގްރާމުތައް ކުރިއަށް ގެންދަން ދުވަސް ކޮޅަކަށް ޖެހޭނީ ފޭސްބުކް މެދުވެރިކޮށް ކަމަަށެވެ. ނަމަވެސް މީގެއިން އެއްވެސް ކަމެއް ހުއްޓާނުލާނެ ކަމަށާއި، މިހާރު މީހުން ދޭ އެއްބާރުލުމާއި އެކު އަބަދުވެސް މީހުން ހޭލުންތެރި ކުރުވުމާއި، އެހީތެރިވުމުގައި ދެމިހުންނާނެ ކަމަށް ދިމްނާ ބުންޏެވެ.
މިހާރު މީހުންގެ ތެރޭގައި ވެސް ދިމްނާ އަކީ އެހެން މީހުންގެ ލޯތްބާއި އެއްބާރުލުން ލިބިފައިވާ މީހެކެވެ. އަދި އެ ކަންތައްތަކަށް ހެކި ދެނީ އޭނާ ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ލިބިފަ ހުރި އެކި އެވޯޑުތަކެވެ. އެގޮތުން 2015 ވަނަ އަހަރު ޔޫތު މިނިސްޓްރީގެ ފަރާތުން ބޭއްވި “ޔޫތު އެވޯޑްސް” ގެ ދަރުމަވެރިންގެ ބައިން އެވޯޑު ލިބުނު ހަމައެކަނި އަންހެނަކީ ދިމްނާ އެވެ. އަދި 2016 ވަނަ އަހަރު “ޖޭ.ސީ.އައި މޯލްޑިވްސް” ގެ ފަރާތުން “ހިޔުމަނިޓަރިއަން އެންޑް ވޮލެންޓަރީ ލީޑަރޝިޕް” ގެ ދާއިރާއިން ހޮވި ދިހަ “އައުޓްސްޓޭންޑިން ޔަންގް ޕަރސަން” ގެ އެވޯޑު ވެސް ލިބިފައިވާ ދިމްނާ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމުގެ ދާއިރާއިން “ރިވެލި އެވޯޑު” ވެސް، ލިބިފައިވާ ފަރާތެކެވެ. މިހާރު ރާއްޖޭގެ ގާލް ގައިޑު އެސޯސިއޭޝަނާ ދުރުވި ނަމަވެސް، ދިމްނާ އަކީ ހަތް ޤައުމެއްގެ “ފްރެންޑް އޮފް ގައިޑް” އެކެވެ. އަދި، އެކި ގައުމުތަކަށް ޒިޔާރަތްކޮށް “ގައިޑް އެސޯސިއޭޝަން” ތަކާއި ގާތްގުޅުމެއް ބާއްވައި، އެ އެސޯސިއޭޝަން ތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ މީހެކެވެ. މީގެ އިތުރުން ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އަދިވެސް ގައިޑުގެ އެކި މަޢުލޫމާތު ދިމްނާ ފޯރުކޮށްދެމުން ދާއިރު، އޭނާ އަކީ ސްކޫލުތަކަށް ވެސް ގައިޑު ގެ މަޢުލޫމާތު ދިނުމުގައި ދެމި ހުރި ހީވާގި ފާރާތެކެވެ.
ދިރިއުޅުމުގެ ހުރިހާ ދަތިތަކަކާ އެކުވެސް ކުރި އަރަމުން އަންނަ ދިވެހި މައިންނަށް ހުރި މިސާލެއްގެ ގޮތުގުގައި ގިނަ ބަޔަކު ދެކެމުންދާ ދިމްނާ ކުރިއަށް ދިއުމުގެ ސިއްރަކީ އޭނާގެ “ވިލް ޕަވަރ” ކަމަށް އޭނާ މުނިއަވަސް އަށް ކިޔައި ދިނެވެ. ކޮންމެ މީހަކީވެސް “ގިފްޓެޑް” މީހެއް ކަމަށް އޭނާ ބުނަމުން، އޭނާ ބުނީ ހިތްވަރާއި އެކު ކުރިއަށް ދިއުމުން އެންމެ ނުވާނެހެން ހީވާ ކަންކަވެސް ވާނަމަކަމަށެވެ. އަދި އަބަދުވެސް މިކަމުގައި ދެމި ހުންނާނެ ކަމުގެ އުންމީދުގައި ހުރި ކަމަށް އޭނާ ބުންޏެވެ. މުނިއަވަސް ގެ ފަރާތުން ދިމްނާ އަށް އެދެނީ އިތުރު ކުރިއެރުމާއި ފާގަތިކަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.
You are an inspiration to us all. Keep up the good work.
I love her spirit. She ddnt give up guiding after all tht happened. Wish I could be like her. I ddnt like tht pkace as there were so many things unfair things there n she fought for our rights. Love her n guiding. Thank you dhimie miss