އިންޑިޔާގެ ބޮލީވުޑްގައި އޮތް ތަފާތުކުރުމުގެ ބަލިމަޑުކަން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައާއި އަދި މީޑިއާ ތެރޭގައި ވަރަށް ބޮޑަށް އެބަ އޮތްކަމަށް، މަޤްބޫލު އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) ބުނެފިއެވެ.

މިދިޔަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ހާސިލްކޮށްފައިވާ މުހައްމަދު ރަޝީދު (ދަރާ) މިހެން ބުނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝުޝާންތު އަމިއްލައަށް މަރުވި ހާދިސާއާއި ގުޅިގެން ބޮލީވުޑްގައި މިކަމުގެ ބަހުސެއްގެ ހުޅުރޯވެފައިވާ ރޯވުމަށް އިޝާރާތްކުރަމުންނެވެ.

އިތުރު ތަފްސީލެއް ރަޝީދު ހާމަކޮށްފައި ނުވިޔަސް، ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އެކިއެކި މަސްދަރުތަކުން ޝުޝާންތުގެ މަރާ ބެހޭގޮތުން ގެނެސްދޭ ޚަބަރުތައް ރަޝީދުގެ ފޭސްބްކް އެކައުންޓުގައާއި ފިލްމީ ތަރިން ހިމެނޭ ވައިބަރު ގްރޫޕެއްގައި އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރަޝީދު އާއްމުކުރަމުން އަންނަ ލިންކްތަކަށް ބަލާއިރު، ބޮލީވުޑްގައި ތަރިން ތަފާތުކުރުމާއި ބައެއް ތަރިން ގިއްގަޅުވާލުމަށް ނުފޫޒުގަދަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަކޮށްފައިވެއެވެ. އެފަދަ ގިނަ ރިޕޯޓްތަކުގައި ބުނާގޮތުން ނުފޫޒާއި ބާރުގަދަ ފިލްމީ ޕްރޮޑިއުސަރުން، ޑައިރެކްޓަރުން އަދި ބައެއް ތަރިންގެ ފަރާތުން އާދައިގެ ތަރިންނަށް ކުރިމަތިކުރުވާ ކަންކަމަށް ވަރަށް ތަފުސީލުކޮށް ބަލާލާފައިވެއެވެ.

ބޭރުފުށުން ފެންނަ ފެނުމަށް ޖަވާހިރެއްގެ ދިހުން އަރާ ބޮލީވުޑްގެ ފިލްމު އިންޑަސްޓްރީއަކީ ކިސަޑުން ފޯވެފައިވާ ދަލެއްގެ ސިފައިގައި ސިފަކޮށްފައިވެއެވެ. މިގޮތުން ނުފޫޒުގަދަ ފިލްމީ ތަރިއެއް، ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރެއްގެ އޯގާވެރި އަތެއްގެ އެންމެ ފިރުމުމެއް ނެތި ތިމާގެ އަމިއްލަ މަސައްކަތުން ކުރިއެރުމަށް މަސައްކަތްކުރާ ތަރިންނާ މެދު އިހާނެތިކޮށް ހިތުމަށް އެނގިގެންނާއި ނޭނގި ނަމަވެސް ގެންގުޅޭ ތަފާތުކުރުންތަކެއް ފާހަގަކުރެއެވެ. އެފަދަ ބައެއް ކަންކަމަށް ބަލައިލާނަމެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ ‘ދަރާބެ’ އެ އިޝާރާތްކުރާ ކަންކަން ބޮލީވުޑްގެ މި ރިޕޯޓްތަކުން ފެންނަ އިރު، މިކަންކަން ދިވެހި ފިލްމު އިންޑަސްޓްރީން ވެސް ފެންނަކަމީ ހިތި ހަޤީޤަތެކެވެ.

‘ދިވެހި ފިލްމު އެވޯޑްސް 9″ ގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ރައީސްގެ އަތްޕުޅުން ރަޝީދު ހަވާލުވަނީ – ފޮޓޯ: ރައީސް އޮފީސް

1- ނެޕޮޓިޒަމް

ނެޕޮޓިޒަމް އަށް ބޭނުންކުރާނެ ދިވެހި ލަފުޒެއް އަޅުގަނޑުގެ ކޮށި ސިކުނޑިއަށް ނޭނގޭތީ އެ ލަފުޒުގެ މާނައަށް ބަލާލާނަމެވެ. މާނައިގެ ޚުލާސާއަށް ބަލާލާާއިރު އެއީ ބާރާއި ނުފޫޒުން މަޤާމު، ފުރުޞަތު އަދި އެވޯޑްފަދަ ތަކެތި ހޯދައިދިނުން ކަމަށް ބެލެވެއެވެ.

ނެޕޮޓިޒަމްގެ ސަބަބުން ބޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި ރެނދެެއް އަޅާފައިވާކަމަށް ފާހަގަކުރެވެއެވެ. މިގޮތުން ހުނަރުން ފުރިފައިވާ އެތަކެއް ފަންނާނުންނެއްގެ މޫނުމަތީގައި އެތިފަހަރެއް ޖަހައި އިންޑަސްޓްރީން ބޭރުކޮށްލާފައި ވާކަން ފާހަގަކުރެވެއެވެ. މިކަމަށް މީޑިއާއެއްގައި ދީފައިވާ މިސާލެއްގައި ބުނަނީ ކިޔެވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ތޫނުފިލި އަދި މޮޅު ކުއްޖަކަށް އެންމެ ފަހު ވަގުތުގައި އިމްތިހާނު ހެދުމުގެ ފުރުޞަތުވެސް ނުދީ ހޯލުން ބޭރުކޮށްލާއިރު، ޓީޗަރު ނުވަތަ ހެޑްމާސްޓަރުގެ ދަރިފުޅު އިމްތިހާނުވެސް ނުހަދައި ހުއްޓާ ފާސްކޮށްދިނުމުން، އެއްކަލަ މަސައްކަތްކުރި ކުއްޖާ މާޔޫސްވާނެ މާޔޫސްވުމަށް އިޝާރާތް ކުރަމުންނެވެ. ފިލްމު އިންޑަސްޓްރީގައިވެސް މި ބީދައިން ކަންކަން ހިނގާކަމީވެސް ފެންނަމުންދާ ހަގީގަތެކެވެ. އެއްވެސް އޮޑިޝަންއެއް ވެސް ނެތި، މޫނަށް، ހަސަބަށް ނުވަތަ ނަސަބަށް ބަލާލާފައި ބޮޑެތި ފިލްމުތަކުން ބައެއް ތަރިންނަށް ފުރުޞަތު ދޭތަން އާދެއެވެ. ނަމަވެސް ގަދަ އަޅައި މަސައްކަތްކުރަމުން އަންނަ ހުނަރުން ފުރިފައިވާ ތަރިން، އެއް ސްޓޫޑިއޯ އިން އަނެއް ސްޓޫޑިއޯއަށް ސަލާންޖަހަމުން ހިނގާކަމީވެސް ދިވެހިންވެސް ދަންނަ ހަޤީޤަތެކެވެ.

2- ދެފުށް ދެގޮތްވުން

މަޝްހޫރު ބައެއް ޕްރޮޑިއުސަރުންނަކީ މުއްސަނދިންނެވެ. އެމީހުންގެ ވިސްނުން އަދި އެއަށްވުރެންވެސް މުއްސަންޖެވެ. އެމީހުން ދެކޭގޮތުން އެއީ ފިލްމީ ދުނިޔޭގެ ރާޖާއިންނެވެ. ދެން ބާކީ ތިބި މީހުންނަކީ ސޫތްޕަކަށް ވުރެންވެސް ނިކަމެތި ބައެއްކަމަށް އެފަދަ ޕްރޮޑިއުސަރުން ޤަބޫލުކުރެއެވެ.

މިސާލަކަށް އަޔުޝްމަން ކުރާނާއަށް ބަލައިލަމާ ހިނގާށެވެ. އޭނާ މި އިންޑަސްޓްރީގައި ފައިހަމަކޮށްލަން މަސައްކަތްކުރި ދުވަސްވަރު، ކަރަން ޖޯހަރުގެ އޮފީސް ނަންބަރު ދީފައި ‘ކަލޭގެ ކެރިއަރު ސެޓްވެއްޖޭ، ދެން ކަލޭ ކުރިއަރައިގެން ދިއުމަށް އެކަކަށްވެސް ހުރަހެއް ނޭޅޭނޭ، ދަރްމާ ޕްރޮޑަކްޝަނުން އަޔުޝްމަން ކުރާނާ ތަޢާރާފްކުރާނޭ’ ބުނެ ހުވަފެން ދެއްކިއެވެ. ކޮންމެއަކަސް ކަރަން ދިން ނަންބަރަށް އޭގެ އަނެއް ދުވަހު އަޔުޝްމަން ގުޅިއެވެ. އޮފީހުން ބުނީ ކަރަން އޮފީހުގައި ނެތްކަމަށެވެ. އޭގެ އަނެއް ދުވަހުވެސް އަޔުޝްމަން ގުޅިއެވެ. އެދުވަހު ބުނީ ކަރަން ބިޒީކަމަށެވެ. ތިންވަނަ ފަހަރަށް ގުޅުމުން ލިބުނު ޖަވާބަކީ ‘އަހަރުމެން މަސައްކަތް ކުރަނީ ހަމައެކަނި ތަރިންނާ އެކުގައި’ ކަމަށެވެ.

އަޔުޝްމަން ކުރާނާ އަދި ކަރަން ޖޯހަރް

ނަމަވެސް އަޔުޝްމަންގެ އަމިއްލަ މަސައްކަތުން ދާއިރާގައި ފައިތިލަ ސާބިރުކޮށް މަޝްހޫރުވުމުން ކަަރަންގެ ޝޯއަކަށް ދަޢުވަތުދީގެން ގެންގޮސް އެ ޝޯތެރެއިން ކަރަންގެ ފިލްމަކުން ފުރުޞަތު ދިނެވެ. ނަމަވެސް ހެމުންހެމުން އަޔުޝްމަން އެ ފުރުޞަތަށް އިންކާާރުކުރިއެވެ. މީގެ ސަބަބު، ވިސްނާ ބަޔަކަށް އެނގޭނެއެވެ. މީގެ މާނައަކީ ތަރިއެއް ބޭނުންކޮށްގެން ފިލްމަށް ފައިދާ ނުވާނެހެން ހީވާނަމަ އެފަދަ ތަރިންނަކީ ސައިތަށްޓެއްގައި ޖައްސާފަ އިންނަ މެއްސެއް ފަދައިން ޕްރޮޑިއުސަރުން އެފަދަ ތަރިން ފަހާލާނެއެވެ. ނަމަވެސް ވިކޭ ނަމެއް ލިބިފައިވާ ތަރިއެއް ނަމަ، މެހި ޖެއްސި ސައިތަށިވެސް އެއްވެސް ޖެހިލުމެއް ނެތި އެފަދަ ޕްރޮޑިއުސަރުން ބޮއެލާނެއެވެ.

3- މީޑިއާ

މީޑިއާގެ ވާހަކަ ފާހަގަކޮށްލެވެނީ ހަދަހަދައިގެން ޚަބަރު ގެނެސްދޭ ގެނެސްދިނުމަށެވެ. ނުވަތަ ގޮސިޕް ޚަބަރު ގެނެސްދޭ ގެނެސްދިނުމަށެވެ. މިސާލަކަށް

ޖިމަށް ދިޔަ އިރު ކޮންމެވެސް ތަރިއެއް ގެންދިޔައީ ކޮން ކުލައެއްގެ ފެންފުޅިއެއްކަން އެނގޭތަ؟‘ ނުވަތަ

‘ކޮންމެވެސް ތަރިއެއް ފުރަތަމަ ފަހަރަށް މިއަދު ތަށި ދޮވެފި!‘ ނުވަތަ

ޑައިރެކްޓަރ އަމްޖޭގެ އަންހެނުން އޭނާއަށް ބޯކުރި ބަނބުކެޔޮ ކައްކައިދީފި!

ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) މިހައިތަނަށް 52 ފީޗާ ފިލްމުގެ އިތުރުން ޑްރާމާ އާއި ޑްރާމާ ސީރީޒްތަކެއް ހަދާފައިވޭ

މިފަދަ ސުރުޚީތަކުން ޚަބަރު ހަދާ ނޫސްތަކާއި މީޑިއާތައް ވެސް އެބަހުއްޓެވެ. ނަމަވެސް މިފަދަ ޚަބަރުތައްވެސް ގިނަ ފަހަރަށް ބޮލީވުޑްގައި އަންނަނީ ނަމުގެ ފަހަތަށް ‘ކަޕޫރު’ ލިބިފައިވާ ތަރިންނަށްކަން ފާހަގަކޮށްލެވެއެވެ. ފަހަރުގައި ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް ކޮންމެވެސް ސަބަބަކާ ހުރެ މިފަދަ ‘ގޮސިޕް’ތައް ހިމެނޭ ޚަބަރު ލިޔާ މީޑިއާތަކާއި ފޭސްބްކް ޕޭޖްތައްވެސް ހުރެދާނެއެވެ.

ދެން އޮތީ ޓާގެޓްކޮށްގެން ބައެއް ތަރިންގެ އަގު ވައްޓައިލުމަށް ކުރާ މަސައްކަތެކެވެ. މިކަން ކުރުމަކީ ރާވައިގެން، ޚަރަދުވެސް ކޮށްގެން ހިންގާ ޖަރީމާއެކެވެ. ރާއްޖޭގައިވެސް މިއީ ނުހިނގާ ކަމެކޭ ދެންނެވެން އޮތްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

މީޑިއާތަކުން ފިލްމީ ފަންނާނުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ތުހުމަތުގެ އިނގިލި ދިއްްކުރެވޭއިރު، މިއީ ފަހަރުގައި ޙަޤީޤަތަކަށްވެސް ވެދާނެއެވެ.

މުނިއަވަސް އަށްވެސް ދާދިފަހުން މި ތުހުމަތުކޮށްފައިވާކަން މިތަނުގައި ފާހަގަކޮށްލާނަމެވެ. ނަމަވެސް މުނިއަވަސް އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަކޮށްގެން 2018 އިން ފެށިގެން ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން އެކެވެ. މުނިއަވަސްގައި މަސައްކަތްކުރާ އެންމެން މަސައްކަތްކުރަނީ ހިލޭސާބަހަށެވެ. އެއްވެސް މާލީ މަންފާއެއް، އުޖޫރައެއް ނެތް ގޮތަށެވެ. ހަމަ އެހެންމެ މުނިއަވަސް އިން ‘ފޭވަރ ކުރާނެ’ ވަކި ތަރިއެއް، ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއް ނުހުންނާނެއެވެ. މުނިއަވަސް އިން ގެންގުޅޭ މައިގަނޑު ސްޓޭންޑަކީ އުފައްދަމުން އަންނަ އުފެއްދުންތައް ޕްރޮމޯޓްކުރުމެވެ. ދައްކަމުން އަންނަ ޝޯތައް ޕްރޮމޯޓްކުރުމެވެ. އަލަށް ނުކުންނަ ފަންނާނުންނާއި ކުރިއަރަން މަސައްކަތްކުރާ ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. ތަރިންގެ ޒާތީ ވާހަކަތައް މަދުކޮށް، އުފެއްދުންތަކަށް އަމާޒުކޮށް ތަރިންގެ ވާހަކަ ދެއްކުމެވެ. މިކަމުގެ ތެދުދޮގު ވަޒަންކޮށްލެވުމަށް މުނިއަވަސްގެ ޚަބަރުތައް ސާރޗްކޮށްލައްވައިގެން ހޯއްދެވޭނެއެވެ

– ދިވެހި ފިލްމީ ދާއިރާގެ މަދު ބަޔަކު މުނިއަވަސްއަށް ކުރާ ތުހުމަތު

ލިޔުމުގެ މައިގަނޑު މައުޟޫއިން ބޭރު ވާހަކައަކަށްވެސް ވެދާނެއެވެ. ނަމަވެސް، މުނިއަވަސްއިން ވަކިބަޔަކު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާކަމަށް ދިވެހި ފަންނާނުންގެ ތެރެއިން މަދު ބޭފުޅުންކޮޅެއް ތުހުމަތުގެ އިނގިލި ދިއްކުރާކަން ފާހަގަކޮށްލެވިފައި ވާތީ އެކަމަށް އެއްޗެއް ދަންނަވާލާނަމެވެ.

* މުނިއަވަސް އަށް އޮންލައިން މީޑިއާ ޕާޓްނަރުކަން ލިބޭ އުފެއްދުންތަކަށް އިސްކަން ދެވޭނެއެވެ. ސަބަބަކީ މުނިއަވަސް އަށް މަންފާއެއް ލިބޭ އެންމެ މުހިންމު މަގަކީ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރުން ކަމަށް ވުމެވެ. އެވެސް މާލީ މަންފާއެއް ނޫނެވެ.

* އެ ދުވަސްވަރެއްގައި ޝޫޓްކުރަމުން އަންނަ ފިލްމެެއް، ލަވައެއް ނުވަތަ ސީރީޒެއްގެ ޚަބަރުތައް ގެނެސްދިނުމަކީ މުނިއަވަސް އިން އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ. އެއީ ކޮން ބަޔަކު ކުރާ މަސައްކަތެއްތޯ ބެލުމަކީ މުނިއަވަސް އިން ގެންގުޅެފައިވާ ނުވަތަ ގެންގުޅޭނެ އުސޫލެއް ނޫންކަން، މުނިއަވަސް އުފެދުނީއްސުރެން ރިލީޒްވި ލަވަ، ފިލްމު އަދި ސީރީޒްތަކުގެ ޚަބަރުތަކަށް ބަލައިލުމުން ހެކިދޭނެއެވެ.

* މުނިއަވަސް އާ ގިނައިން ޚަބަރު ހިއްސާކުރިވަރަކަށް ގިނައިން ޚަބަރު ގެނެސްދިނުމަކީވެސް އަޅުގަނޑުމެންގެ ސިޔާސަތެކެވެ. ވަކިން ޚާއްޞަކޮށް ޚަބަރު ލިޔެގެން ފޮނުއްވުމަކީ އެކަމަށް އިތުރު ބާރެއް ލިބޭ ކަމެކެވެ.

* ފިލްމެއް، ސީރީޒެއް ނުވަތަ ލަވައެއް އުފެއްދުމުގެ، ރިލީޒްކުރުމުގެ މަޢުލޫމާތު މުނިއަވަސް އަށް، ހިއްސާކުރުމުން އެ ޚަބަރެއް އަވަހަށް ގެނެސްދެވޭނެއެވެ. ހިއްސާ ނުކުރިޔަސް، މުނިއަވަސްގެ އަމިއްލަ އިސްނެގުމަށްވެސް މިފަދަ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ޚަބަރު ގެނެސްދިނުމަކީ ވެސް މުނިއަވަސްއިން ކޮށްފައިވާ އަދި ކުރަމުން އަންނަ ކަމެކެވެ.

* ނަމަވެސް، ފިލްމީ ދާއިރާގެ ފަންނާނުން ސިޔާސީގޮތުން ކުރާ ކަންކަމުގެ ޚަބަރު ގެނެސްދިނުމަކީ މުނިއަވަސް އިން ކުރާނެކަމެއް ނޫނެވެ. ހަމަ އެހެންމެ ތަރިންގެ “ގޮސިޕް ޚަބަރު” ނުވަތަ ޒާތީ ޑައިރީ ހިމެނޭ ވާހަކަތައް ގެނެސްދިނުމުގެ ސިޔާސަތެއްވެސް މުނިއަވަސް އިން ނުގެންގުޅޭނެއެވެ. މި ދެންނެވިފަދަ ޚަބަރެއް ނުގެނެސްދީގެން އެކަމުގެ ޖަޒުބާތުގައި ޖެހި، މުނިއަވަސްއަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އެކަން ކުރާ ފަރާތެއްގެ އިޚްތިޔާރުގައިވާ ކަމެކެވެ.

އެނބުރި މައުޟޫއަށް

ތެދެކެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް ތަފާތުކުރުން އޮތް ކަމަށް ޤަބުޅުކުރާން ޖެހެއެވެ. ބައެއް މީޑިއާތަކުންވެސް އެ ތަފާތުކުރުން ގެންގުޅޭކަން އެއީވެސް ޙަޤީޤަތެއް އޮތް ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް ދިވެހި ފަންނާނުންނަކީ އެފަދަ ތަފާތުކުރުންތަކަށް ފިސާރި ކެރިގެން ކުރިމަތިލަމުން އަންނަ ބައެއްކަން ފަންނާނުން އަންނަނީ ސާބިތުކޮށްދެމުންނެވެ. މިސާލަކަށް އަޅުގަނޑު ނަގާހިތްވަނީ ސުނީތާ ޢަލީ (ސުނީ)އެވެ.

އެހެން މިސާލުތައްވެސް ނެގެން އެބަހުއްޓެވެ. ލިސްޓެއް ނުލިޔުނަސް، ދިވެހި ފަންނާނުންނަކީ މާޔޫސްވެ، ފިނޑި އަމަލެއް ހިންގާނެ ބައެއް ނޫންކަން އަންނަނީ ޢަމަލާއި ބަހުން ސާބިތުކޮށްދެމުންނެވެ. ފަންނާނުންގެ މަސައްކަތުގައި އެހީތެރިވުމަށް މުނިއަވަސް އިން ތިބޭނެކަމުގެ މެސެޖް ތަކުރާރުކޮށްލަމުން ފުލުސްޓޮޕެއްގެ އެހީ ހޯދައި އަޅުގަނޑުގެ އިނގިލިތަކަށް ތަސައްލީއެއް ހޯދާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.