ޙަޔާތަކީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ރާސްތާއަކަށް ވާއިރު، ރަޙުމަތްތެރިކަމުގެ ގުޅުމަކީ އޭގެ ތެރެއިން އެންމެ މާތް އެއް ގުޅުމެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އެކުގައިވާ އެއް ބަޔަކީ ރަހުމަތްތެރިންނެވެ. ކޮންމެ ހިތާމައަކާއި އުފަލެއްގައި ދިރިއުޅުމުގެ ހުސްކަން ފިލުވައިދޭން ތިބޭ މިބުނާ ރަހުމަތްތެރިންނަކީ ޙަޔާތުގެ ބޮޑު ބަޔަކަށް ވެދެއެވެ. ހަމަ މިފަދައިން ދިމާވިތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިރިއުޅުމުގެ ބޮޑު ބަޔަކަށް ވެގެންދިޔަ އަދި އަބަދަށްޓަކައި ދެމިގެންދާން ބޭނުންވާ ރަހުމަތްތެރި ގުޅުމެއްގެ ގޮތުގައި ދެކޭ މާތް ރަހުމަތެރިކަމުގެ ގުޅުމެއް އަހަރެންގެވެސް ވެއެވެ. އަދި އޭނާއަކީ ޙަޔާތުގައި ދެން ތިބި އެހެން އެއްވެސް މީހަކާއި ނުބައްދަލު މީހެކެވެ. އަދި އަހަރެންގެ ދިރިއުޅުމުގައި އޭނާގެ އަހަންމިއްޔަތުކަން ދުވަހަކުވެސް ލަފްޒުތަކުން ބަޔާން ނުކުރެވޭނެއެވެ. ނަމަވެސް މިއަދު އަހަރެންގެ މަޤުސަދަކީ މިއީއެވެ.

ލޯބިވާ ރަޙުމަތްތެރިޔާއެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ތި ރަހުމަތްތެރިޔާ އަހަރެންގެ ދިރިއުޅުމަށް އައީ ދިރިއުޅުމުގެ އެތައް ފަޅުކަމެއް ފިލުވައިދެމުންނެވެ. ދިރިއުޅުމަށް އެތައް އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދިން ތި ރަހުމަތްތެރިޔާއަކީ އަހަރެންގެ ޙަޔާތުގެ އެންމެ މުހިންމު އެކަކެވެ. އަހަރެންނަކީ މާގިނަ ރަހުމަތްތެރިން ގެންގުޅޭ މީހަކަށް ނުވާއިރު، ތި އެކުވެރިޔާގެ މަޤާމެއް އެހެން އެކަކަށްވެސް ނުދެވޭނެއެވެ. އެކުވެރިކަމުގެ ގުޅުމަށް އަހަރެންގެ ބަރޯސާ ގެއްލިފައި ވީއިރު، އެ ހުރިހާ ކަމެއް ބަދަލުކޮށްލައި ދިރިއުޅުމަށް މުޅިން އާ، ހެޔޮ އަދި ރަނގަޅު ބަދަލުތަކެއް ގެނެސްދިން ފަރާތަކީ ތީއެވެ. ދުނިޔޭގައި ހަޤީގަތުގައިވެސް ހެޔޮއެދޭ، ހިތުގެ އަޑިން ލޯބިވާ އަދި އަބަދުވެސް ދެގޮތެއްނުވެ ކައިރީގައި ވާނެ މީހުން އަދިވެސް އުޅޭކަން ސާބިތުކޮށްދިން ފަރާތަކީވެސް ތީއެވެ. ކުރެވޭ ކުށްތަކަށް މަޢާފުކުރަމުން ކަނޑެއްހާ ބޮޑު ހިތެއް ގެންގުޅޭ އަދި އަބަދުވެސް ލޯތްބާއި އަޅާލުމާއެކު އަހަންނާއި އެކުގައިވާ މީހަކީ ތި ރަޙުމަތްތެރިޔާއަށް ވީއިރު، އަހަރެންނަަށް ތިޔަށްވުރެ ރަނގަޅު އެހެން އެކުވެރިޔަކު ނުލިބޭނެކަން މިއަދު އެނގެއެވެ.

މި އެކުވެރިކަމުގައި ވޭތުވެދިޔަ ދުވަސްތަކަކީ ހަމައެކަނި އުފަލާއި ހިނިތުންވުމުގެ ދުވަސްތަކެއް ނޫނެވެ. ހިތް ބޭނުންނުވާ ގޮތަށް އެތައް ކަމެއް ވީއިރު، އަދި މި އެކުވެރިކަމުގެ ގުޅުން އެތަކެއް ދަތިތަކަކުން ކަޑައްތު ކުރިއިރުވެސް، މިއަދުވެސް އަހަރެންގެ ހިތުގައި ތި އެކުވެރިޔާއަށްޓަކައި ވަނީ ނިމުމެއް ނެތް ލޯތްބެވެ. ތި އެކުވެރިޔާއަކީ އަހަރެންނަށް ރަނގަޅު މަގާއި ރަނގަޅު ގޮތް ކިޔައިދޭން ދެގޮތެއްނުވެ ހުންނަ މީހެކެވެ. އެގޮތުން ހެއްދެވި ފަރާތް ﷲ ސުބްހާނަހޫ ވަތަޢާލާ އާ ކައިރިވާން ނަސޭހަތްތެރިވާ އަދި ކައިރި ކުރުވި މީހަކީ އަހަރެންނަށް ވަރަށް ހެޔޮއެދޭ މީހަކަށް ނޫނީ ނުވާނެއެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހައި ކަމެއްގައި އަމިއްލަ ކަންކަމަށް ނުބަލައި އަހަރެންނާއިއެކު ވާ މީހަކީ އަހަރެންނަށް ވަރަށް ބަލާ މީހަކަށް ނޫނީ ނުވާނެކަންވެސް ގައިމެވެ. އަދި އަހަރެން ކުރާ ކަންކަމުގައި ހުރިހާ ކަމަކަށް އެއްބާރުލުން ނުދީ އެންމެ ރަނގަޅު ގޮތް ކިޔައިދޭ މީހަކީ އަހަރެންނަށް ވަރަށް ހެޔޮއެދޭ މީހަކަށް ނޫނީ ނުވާނެކަންވެސް އަހަރެންނަށް ޔަޤީނެވެ. އަދި މިބުނި މީހަކީ ތި އެކުވެރިޔާ ކަމުގައި ވީއިރު އަހަރެން ދުވަކުވެސް ތި އެކުވެރިޔާ ދޫކޮށްފައި ދާނީ ކިހިނެއް ހެއްޔެވެ؟

ތި އެކުވެރިޔާއަކީ އަހަރެންގެ ދިރިއުޅުމުގައި އުފާ ފާގަތިކަން ދަމަހައްޓައިދޭ އެއް ސަބަބެވެ. ކޮންމެ ދުވަހަކު ދިމާވާއިރުވެސް ހުސްވުމެއް ނެތް ވާހަކަތަކާއި، ކަމެއް ނެތި ވަގުތުތުތައް އެކުގައި ހޭދަކުރާ ކުރުމަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ މިއަދާއި ހަމައަށްވެސް ކަން ހިނގަމުން އަންނަ ގޮތެވެ. ތި ރަޙުމަތްތެރިޔާއާއިއެކު ހޭދަކުރެވޭ ވަގުތުތައް ދާގޮތެއް ނޭނގޭކަމީ މިއަދުވެސް އަހަރެންގެ ހަނދާނުގައި ހުންނަ ކަންކަމެވެ. އަދި މިހާތަނަށް ދިމާވި ކޮންމެ ކަމެއްގައިވެސް އެކަކު އަނެކެއްގެ ހިތްވަރު ކަމުގައި ބަލައިގެން ހުރިހާ ކަމަކާއި ކުރިމަތިލަމުން މިހިސާބަށް އާދެވުމަކީ އަހަރެން މިއަދު އުފާކުރާ ކަމެކެވެ. ތި އެކުވެރިޔާއަކީ އަހަރެންގެ ހިތްވަރު ކަމުގައި ދެކެނީ ފަޚުރުވެރިކަމާއި އެކުގައެވެ. ސަބަބަކީ ތިފަދަ ހިތްވަރުގަދަ، ހިތްތިރި އަދި ހިތްހެޔޮ ދެވަނަ ފަރާތެއް އަހަރެންނަށް ވަކި ނުލިބޭނެތީއެވެ. ތި އެކުވެރިޔާގެ ކޮންމެ ކަމަކީ އަހަރެން އެކަންކަމަކަށް ލޯބިކުރާ ކަންކަމެވެ. އަދި ތިފަދަ ދެވަނައެއްނުވާ އެކުވެރިޔާއަށް ލިބޭ ކޮންމެ އުފަލަކީ އަހަރެންގެ އުފާކަމުގައި ދެކޭނަމެވެ. ލިބޭ ކޮންމެ ކުރިއެރުމަކާއި ކާމިޔާބަކަށް ފަޚުރުވެރި ވާނަމެވެ. ލިބޭ ކޮންމެ ދެރައެއްގައި އަބަދުވެސް ތި އެކުވެރިޔާއާއެކު ވާނެކަމީ އަހަރެން ތި އެކުވެރިޔާ ގާތުގައި މިއަދު ވާ ވަޢުދެކެވެ.

އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެކަކު ކަމުގައިވާ ފަރާތަކީ ދެވަނައެއް ނުވާ ތި އެކުވެރިޔާއެވެ. ދުވަހަކުވެސް ތިއަށްވުރެ މުހިންމު ދެވަނަ އެކުވެރިއެއް އަހަރެންގެ ދިރިއުޅުމުގައި ވާކަމަކަށް ނުދެކޭނަމެވެ. ސަބަބަކީ ތިއަށްވުރެ ވަކި ރަނގަޅު ރަޙުމަތްތެރިއަކު ނުވެސް ވާނެތީއެވެ. އަދި އަހަރެންގެ ހިތުގައި ތި އެކުވެރިޔާއަށް ދެވިފައިވާ މަޤާމު ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެތީއެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް މެދުވެރިވިޔަސް، މި ގުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވެ އެންމެ ގާތް ރަޙުމަތްތެރިންގެ ގޮތުގައި އަބަދުވެސް ލެއްވުމަކީ އަހަރެންގެ އުންމީދެވެ. އަދި ހިތުގެ އެންމެ އަޑިން އަބަދުވެސް ކުރެވޭ ނިމުމެއް ނެތް ދުޢާއެވެ. ތި ލޯބިވާ އެކުވެރިޔާއަށް ދުނިޔޭގެ ހުރިހައި އުފަލެއް ލިބުމަށް އަބަދުވެސް އަހަރެން ދުޢާކުރަމެވެ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަން އަބަދުވެސް ތި ލޯބި ރަޙުމަތްތެރިޔާއަށް އެދެމެވެ. އަބަދު ނުބެނެވުނު ކަމުގައިވިޔަސް، އަހަރެން އަބަދުވެސް ތި އެކުވެރިޔާދެކެ އިންތިހާއަށް ލޯބިވާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.