މިކަމަކީ ދިވެހިންގެ މި މުޖުތަމަޢުގައި މިހާރު އާންމުވެފައިވާ ބޮޑު އަދި އެހާމެ ހިތާމަވެރި ކަމެކެވެ. ވަކި އުމުރުފުރައެއް ނެތި އަދި މި އަނިޔާ ލިބޭ މީހުންގެ ކުށެއް ނެތި ހިންގޭ ލާއިންސާނީ ޢަމަލެކެވެ. މިވަރުން މި ދެކެވެނީ ކޮން ކަމެއްގެ ވާހަކަކަން ހުރިހާ ދިވެހިންނަށްވެސް އެނގޭނެކަން ގައިމެވެ. ސަބަބަކީ މީހަކަށް މިހާ ކުޑަ މިންވަރަކުން ނޭނގޭވަރަށްވުރެ މާބޮޑަށް ދިވެހިންގެ ތެރޭގައި މިކަން އިތުރުވެފައި ވާތީއެވެ. ނަމަވެސް މިކަން ކުރާ ފަރާތްތަކަށް ޙައްޤު އަދަބު ލިބެން ޖެހޭއިރު، އެކަން ނުކުރެވި އަދި މުޖުތަމަޢު ދެކޭގޮތުން ގިނަ ފަހަރަށް މިކަމުގެ ޝިކާރައަކަށްވާ މީހުން ބެދެން ނުޖެހޭ ލަދެއްގައި ބެދޭކަމީ މިއަދު ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. މި ދެކެވެނީ މިއަދު އާންމުވެފައިވާ ޖިންސީ ގޯނާތަކުގެ ވާހަކައެވެ.
މިހާތަނަށް އައިއިރު މިކަހަލަ ކިތަންމެ މައްސަލައެއް ފެނިފައިވާކަން މީ މިއަދު ޤަބޫލުކުރަން ޖެހޭ ލަދުވެތި އަދި އެހާމެ ހިތަށް އުނދަގޫ ޙަޤީޤަތެކެވެ. ޚާއްސަކޮށް ފަހަކަށް އައިސް މިކަން އަތުނުޖެހޭނެހެން ހީވާ މިންވަރަށް އިތުރުވެފައިވާކަން ދޭހަކޮށްދޭ އެތައް މައްސަލަތަކެއް މިދަނީ ފެންނަމުންނެވެ. ނަމަވެސް ދެން މިއަށްވުރެ ހިތަށް އުނދަގޫވާ ކަމަކީ މިކަހަލަ އަނިޔާ ދޭ ރަޙުމެއް ނެތް މީހުންނަށް މިކަން ކުރުމުގެ ޙައްޤު އަދަބު ނުދެވޭކަމެވެ. މިކަމުގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުންވެސް ބޮޑުތަނުން މިކަމަށް އިހުމާލުވެވޭކަން ދޭހަކޮށްދެނީ މިކަހަލަ ކޮންމެ ލަދުވެތި ޢަމަލެއް ކުރާ މީހުންނަށް އެއްވެސް ކަހަލަ އަދަބެއް ނުލިބި ފަސޭހަކަމާއިއެކު ދޫކޮށްލެވޭތީއެވެ. އަދި މިކަަމަކީ ކިތަންމެ ދެރަ ކަމަކަށްވިޔަސް މިހެން މިކަން ވާކަމީ މުޅި ޤައުމު މިކަމަށް ހެކިވާ ކަމެކެވެ.
މިކަމާއި ގުޅިގެން ދިވެހި ރައްޔިތުންގެ ވާހަކަ ދައްކާނަމަ މިކަމުންވެސް ކުރިމަތިލާން ޖެެހެނީ މާޔޫސްކަމަކާއެވެ. ބޭނުމެއް ނެތް ހުރިހައި ކަމަކާއި ބެހޭގޮތުން އަޑުގަދަކޮށްފައި ވާހަކަ ދެކެވޭއިރު މިކަހަލަ ލާއިންސާނީ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޖިންސީ ގޯނާގެ އެކި ކަހަލަ މައްސަލަތަކާއި ބެހޭގޮތުން އަޑު އުފުލެނީ މަދު ބަޔަކަށެވެ. ޚާއްސަކޮށް އިޖުތިމާއީ ވިއުގަތަކުގައި ވަމުންދާ ކަންކަމުން އެކަން ސާފުވެގެންދެއެވެ. އެކި މީސްމީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ހުއްޓާނުލައި މަލާމަތް ރައްދުވާ ގޮތަށް ވާހަކަ ދެއްކެއެވެ. ބަލާ ފިލްމެއްގައި އުޅޭ މީހެއްގެ ރީތިކަމާއިމެދު ބަހުސްތަކެއް ކުރެވެއެވެ. އެންމެ ފަހުންވެސް ފެނިގެން ދިޔައީ މެސިމޯއަކާއި ދިވެހިން އެކަކު އަނެކަކަށް ބަހުސްކުރަމުން ދިޔަ މަންޒަރެވެ. އަދި މީގެ އިތުރުން “ފިޓް ފާޒިލް ގިވްއަވޭ” ގައި ހިނގައިދިޔަ އެތައް ކަމަކާއި މިހާރުވެސް މީހުން ވަރުބަލިކަމެއް ނެތި ހޯދައި ވާހަކަ ދައްކަމުންދާކަން އިޖުތިމާޢީ ކޮންމެ ވިއުގައެއް ހުޅުވާލުމުން އެނގިގެންދެއެވެ. އަދި މި ދަނޑިވަޅަކީ ކުއްޖަކު ރޭޕު ކުރި މީހަކު، ކުރި ކުށަކީ ބޮޑު ކުށެއްގެ ގޮތުގައި ނުދެކޭތީ އޭނައާ ދޭތެރޭގައި ދަޢުވާނުކޮށް ދޫކޮށްލެވުނުކަމަށް ޚަބަރުތައް ފެތުރެން ފެށި ވަގުތެވެ. ނަމަވެސް މިކަމާ ކަންބޮޑުވެ ވާހަކަދެއްކޭ މީހުން އަތުން ގުނާލެވޭހާ މަދުއިރު ބޭނުމެއް ނެތް، ކޫސަނި ކަންތައްތަކާއި މީހުންގެ ތެރޭގައި ނަފުރަތު އުފެދޭ ކަންކަމުގައި ވާހަކަދައްކާ މީހުން ގުނާ އަދަދު ނުކުރެވޭހައި ގިނައެވެ.
ކުށެއްނެތި މިކަހަލަ ހުރިހައި އަނިޔާތަކަކާއި އެކިފަހަރު މަތިން ކުރިމަތިލާން ޖެހޭ ކުޑަކުދިންނާއި މީހުން ކިތަންމެހާވެސް ގިނައެވެ. ކުރާނެ އަސަރާއި އަޅާނެ ވޭން އަންދާޒާ ކޮށްނުލެވޭނެކަން މިއަދު ޔަޤީނެވެ. އަމިއްލަ ގޭގައި، އަމިއްލަ މީހުންގެ ފަރާތުން މިކަންކަމާއި ކުރިމަތިލާން ޖެހެނީ ކިތައް މީހުންނަށްކަން މިއަދު އެހެން މީހުންނަށް ދެނެނުގަނެވޭނެކަން ޔަޤީނެވެ. މިގޮތަށް ހަލާކުކޮށްލެވެނީ މައުސޫމު ކިތައް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ދިރިއުޅުންކަން މިއަދު އަންދާޒާ ކޮށްލެވޭބާއެވެ؟ މިކަން ކުރާ މީހުންނަށް އަދަބު ނުދެވޭތާނގައި މިކަމުގެ ޝިކާރަައަކަށްވާ މީހުންނަށް ލަދުވެތިކަމުގައި ބެދެން ޖެހި އެކަން ބޮލުގައި އަޅައިގެން އެހެން މީހުންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭ މީހުންގެ ހިތުގެ އާދޭސް އިވެނީ މިއަދު ކިތައް މީހުންނަށްބާވައެވެ؟ ހިތެއް އޮންނަ ކޮންމެ މީހަކަށް މިކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްބާއެވެ؟ މިހިރީ މިއަދު ކޮށްލަން މުހިންމު ސުވާލުތަކެވެ.
އަހަރެމެން، އަވަށްޓެރި އިންޑިޔާގައި ޖިންސީ ގޯނާ އިތުރުވަމުންދާކަމުގެ ވާހަކަ ހުއްޓާނުލައި ދައްކާއިރު، މި ދިވެހި ޤައުމު މިހާރު ވަމުން މިދަނީ ދެވަނަ އިންޑިޔާއަށްކަން މިވަނީ ދެނެގަންނަން އުނދަގޫވެފައެވެ. މިވާހަކަ ދައްކާނެ މީހުންވެސް މިދަނީ މަދުވަމުންނެވެ. ހަމަ މިގޮތައް އިންސާފު ޤާއިމުކޮށްދޭން ޖެހޭ ފަރާތްތަކުން މިކަމަށް އިހުމާލުވަމުން ދާކަންވެސް މިދަނީ ސާބިތުވަމުންނެވެ. އިންސާފު ޤާއިމު ނުކޮށްދެވުމުގެ ސަބަބުން މިކަހަލަ ކިތަންމެ މައްސަލަތަކެއް އިތުރުވުމުގެ މަގު ފަހިވެގެން ދާކަންވެސް މިއަދު އެބަ ޔަޤީންވެއެވެ. މިކަމަކީ ހިތާމަ ހުރި އަދުލު އިންސާފު ޤާއިމުކޮށްދެވެން ޖެހޭ ކަންކަމަށް ވާއިރު މި ދިވެހި ޤައުމުގައި މިކަން ވާނީ ކޮން ދުވަހަކުކަމާއިމެދު ކުރެވެމުން ދަނީ ނިމުމެއް ނެތް ސުވާލުތަކެކެވެ. އަދި މިކަންތައް ކުރާ މީހުންނަށް ދެވެން ޖެހޭ ސަޒާ ދެވި މި ކުރެވޭ ޖިންސީ ގޯނާތަކުގެ މައްސަލަތައް މަދުކުރެވުމަކީ އަދި އެއްކޮށް ފޮހެލުމަކީ މިއަދު ކޮންމެ ދިވެއްސެއް ސާފު ހިތަކުން ހިތާމައާއިއެކު ކުރަން ޖެހޭ ދުޢާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.