ހަތް އަހަރަށް ފަހު، ކުޅުންތެރިޔަކު ހެދި ހެޓްރިކަކާ އެކު، ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 ގެ ނަތީޖާއަކުން މެންޗަސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު އެ ކުލަބު ދޫކޮށް ދިޔަ ފަހުން މިހާތަނަށް ހަތް އަހަރު ވެފައިވާއިރު، އިނގެރޭސި ޕްރިމިއަރ ލީގުގައި އެ ކުލަބުގެ ކުޅުންތެރިޔަކު ހެޓްރިކެއް ހަދާފައި ނުވެއެވެ. އެ ކުލަބުން އެންމެ ފަހުން ހެޓްރިކެއް ހަދާފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ރޮބިން ވެން ޕާސީ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ހޯދާފައެވެ. މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކުރީ އެންތަނީ މާޝިއަލް އެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު މެންޗެސްޓަރ ޔުނައިޓެޑުގެ ދެވަނަ ގޯލުވެސް ޖަހައިދިނީ ފުރަތަަމަ ގޯލުވެސް ކާމިޔާބުކޮށްދިން މާޝިއަލް އެވެ. މާޝިއަލް މި ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އާރޮން ވޭން ބިސާކާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މާޝިއަލް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 74 ވަނަ މިނެޓުގައި ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މުޅި މެޗުގައި ވެސް މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ޝެފީލްޑް ޔުނައިޓެޑަށް ހަމަލާއެއް ފޮނުވާލެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޝެފީލްޑް ޔުނައިޓެޑުން މި މެޗަށް ނުކުތީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޖޯން އީގާން ސަސްޕެންޑުވެފައި ހުރުމުގެ ސަބަބުން އޭނާ ނުލައެވެ. އަދި، އެޓީމުގެ ހުނަރުވެރި ކީޕަރު ޑީން ހެންޑަސަން އަކީ މެންޗެސްޓަރ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ކުޅުންތެރިއެއް ކަމުން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް އޭނާ ނޭރުވޭތީ ޝެފީލްޑް ޔުނައިޓެޑުން މި މެޗަށް ނުކުތީ ރިޒާވް ކީޕަރާ އެކުގައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 31 މެޗުން 49 ޕޮއިންޓު ހޯދައިގެން މެންޗެސްޓަރ ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. މި މެޗުން މޮޅުވުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް އެ ޓީމު ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.