“ހާދަ ލޯބިން އުޅޭ ދެކުދިން ނޭ ދޯ. މިރަށުގެ ޒުވާން ޖޯޑްތަކަށް ހުރި މިސާލެއް އެއީ.”
ހައުލާ އާއި ޒާޔާ އަށް އެއްފަހަރާ ބަލާލެވުނީ އެތަނުގައި ތިބި އަންހެންވެރިންގެ އަޑުންނެވެ. އެމީހުންގެ ލޯތައް ހުއްޓިފައިވާ ދިމާއަށް ޒާޔާ ބަލާލުމާއެކު ޒާޔާއަށް މުށް ކަވާލެވުނެވެ.

ދިލާއާއި ޝާރިފް ސައިކަލްގައި އެކަކު އަނެކަކާއި ހީ ސަމާސާ ކުރަމުންދާ މަންޒަރު ފެނިފައެވެ. ކީއްވެ ހެއްޔެވެ؟ ދެތިން ދުވަހަކު ވާހަކަ ދައްކާލާ ބައްދަލުވެލަމަކުން ޒާޔާގެ ޙައްޤަކަށް ޝާރިފް ވާންވީ ކީއްވެ ހެއްޔެވެ؟ ޝާރިފް އަކީ މީހެއްގެ ފިރިއެއްކަން ޒާޔާއަށް އެނގޭއިރު ޝާރިފް އޭނާގެ އަނބިމީހާ އާ އެކީގައި ފެނުން މައްސަލައަކަށް ޒާޔާއަށް ވާންވީ ކީއްވެ ހެއްޔެވެ؟ ޚުދު ޒާޔާއަކީވެސް މީހެއްގެ މިލްކެކެވެ. ސިކުނޑި ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެކީ ޒާޔާ އިސްޖަހާލީ ފެންކަޅިވެފައިވާ ދެލޯ އެއްވެސް މީހަކަށް ނުދައްކަން ކަހަލައެވެ. 

“ބެލް ޖެހީނު އެ.” ބެލް ޖެހިކަން ވެސް ޒާޔާއަށް ރޭކާލީ ހައުލާ ބުނީމައެވެ. 

“އަންނައްޗޭ ހަވީރު.” ޒާޔާ ހައުލާއަށް ހިނިތުންވެލީ ގަދަކަމުންނެވެ. 

ގެޔަށް އައި ގޮތަށް ޒިޔަލް އަށް ކާން ދިނުމަށްފަހު ޒާޔާ ޒިޔަލް ނިންދެވި އެވެ. ކޮންމެ ދުވަހަކުވެސް މެންދުރުގެ އެގަޑީގައި ޒިޔަލް ނިދާނެއެވެ. 

ނިދިފައި އޮތް ޒިޔަލް ކައިރީގައި މޫނުމަތީގައި ބާލީސް އަޅައިގެން ޒާޔާ އޮތީއެވެ. ކާ ހިތްވެސް ނެތެވެ. 

ފޯނަށް މެސެޖެއް އައި ތަނާ ޒާޔާ ފޯނު ނެގިއެވެ. 

ޝާރިފް ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ލިޔެފައި އޮތެވެ. ނަމަވެސް ޒާޔާ ބޭނުމެއްނޫނެވެ. ޖަވާބުގައި ޒާޔާ ލިޔެލިއެވެ. 

“ތި ހާ އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކު މަށާއި ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ.”

ޒާޔާ މެސެޖް ފޮނުވާލުމަށްފަހު މިނެޓެއް ނުވެ ޝާރިފް ޒާޔާގެ ފޯނަށް ގުޅިއެވެ. 

ދެތިން ފަހަރަކު ރިންގުވިތަނާ ޒާޔާ ފޯނަށް ޖަވާބު ދިނީ ޝާރިފް ގުޅާތަން ބަލަން އެތައް އިރަކު އޮތުމަށްފަހުގަ އެވެ. 

“ކޮން ކަމަކާތަ ރުޅި އައިސްގެން ތިއުޅެނީ.” ޝާރިފްގެ އަޑު ފުރަތަމަވެސް ކަންފަތުގައި ޖެހުމާއެކު ޒާޔާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ މިއަދު ދިލާ އާއި ޝާރިފް އުޅުނު ގޮތެވެ. 

“ނުވޭ ކަމެއް.” ޒާޔާ ފަރުވާކުޑަ ޖަވާބެއް ދިނީ ޝާރިފް ކައިރީގައި އެވާހަކަ ދައްކާނެ ގޮތެއް ނޭނގިގެންނެވެ. ޒާޔާ އެވާހަކަ ޝާރިފް ކައިރީގައި ދައްކާނީވެސް ވަކި ކޮން ހައްޤަކުން ހެއްޔެވެ؟ 

“އަހަރެން ބޭނުން މީޓް ކޮށްލަން. ހަމައެކަނި ވާހަކަ ދައްކާލަން.” ޒާޔާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. 

“ކޮންތާކުން.” ބޭނުން ނުވިޔަސް ޝާރިފްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. 

“ކޮންމެވެސް ތާކުން. ދެމީހުން އެކަނި. އެއްވެސް މީހަކަށް ނުފެންނަ ތާކުން.” ޝާރިފް ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ. 

“އެކަންޏޭ. ނުފެންނަ ކޮންތަނެއް.؟” ޒާޔާ އަކަށް ޝާރިފް ބުނަން އެއުޅެނީ ކީކޭ ކަމެއް ނަގައެއް ނުގަނެވުނެވެ. 

“މި ބުނީ- ތި ކޮޓަރިން ވިޔަސް އޯކޭ އޭ.” ޝާރިފް ގެ ގޮތެއް ނެތްކަމެވެ. އައި ރުޅިން ޝާރިފް އާ ދިމާއަށް ހަޅޭލަވައިގަންނަން ޒާޔާގެ ހިތަށް އެރިއެވެ. 

“ދުވަހަކުވެސް ތިކަމެއް ނުވާނެ.” ޝާރިފްގެ ކަންފަތް މައްޗަށް ފޯނު ކަނޑާލަމުން ޒާޔާ ފޯނު ނަގާ ބިންމައްޗަށް ހޫރާލިއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ޝާރިފް ގުޅި އިރުވެސް ޒާޔާ އަޅާވެސްނުލިއެވެ. ގޯސްކޮށް ނުވިސްނުމަށް އެތައް ފަހަރަކު މެސެޖުން ޝާރިފް އެދުނެވެ. ޝާރިފް އެގޮތަށް ބުނީ ދެމީހުންނަށް ރަނގަޅަކަށް ކަން ޝާރިފް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެއްވެސް ގޯސް ނިޔަތެއް ނެތް ކަމަށް ބުނެ އެތަކެއް މެސެޖްތަކެއް ފޮނުވިއެވެ. 

 

ޒާޔާއަށް ރޮވެނީއެވެ. ޒާޔާގެ ހިތުގައި ޝާރިފްއާއި ދޭތެރޭ އެއްވެސް ގޯސް ނިޔަތެއްނެތެވެ. އަދި ދުވަހަކު ޝާރިފް އަށް ދެރައެއް ލިބޭކަށްވެސް ޒާޔާ ނޭދެއެވެ. ވީ އިރު ޝާރިފް އެހާ ކަޑަކޮށް ޒާޔާއާއި ދޭތެރޭގައި ވިސްނަންވީ ކީއްވެ ހެއްޔެވެ؟ ވަގުތީ އުފަލެއްގައި ޒާޔާ ހިއްސާކުރަންވީ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޝާރިފްގެ ނަޒަރުގައި ޒާޔާ އަކީ ތުންފުއްސެއް ހެއްޔެވެ؟ ދެލޮލުން އޮހެމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ޒާޔާ ފޯނު ނެގިއެވެ. ޝާރިފްގެ މެސެޖްތަކާއި ކޯލްތައް އަދި ފޯނުން ޝާރިފްގެ ނަމްބަރު ވެސް އެއްކޮށް ފޮހެލިއެވެ. ހިތުގައި އަޒުމް ކަނޑައެޅީ ދުވަހަކުވެސް ދެން ޝާރިފް ގެ އެ ޖާދުވީ ލަފްޒުތަކުގެ ފޮނިކަމުގައި އަލުން ނުޖެހުމަށެވެ. 

 

 

 

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ޒާޔާ އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ. ނަމަވެސް ރަތް ވެފައިވާ ޒާޔާގެ ދެލޯ ފެނުނު ކޮންމެ މީހަކަށްވެސް ޒާޔާ އެހުރީ ވަރަށް ގަދަޔަށް ރޮއެފައި ކަން އެދެލޮލަށް ބަލާލުމުން އެނގޭނެއެވެ. 

“ބޭބީ. ސަޕްރައިޒް.” ކޮޓަރި ތެރެއަށް ރާއިދުވަނީ ހެވި ދިލިފައި ހުރެއެވެ. ކޮނޑުގައި އޮތް ދަބަސް އެނދުމަތީގައި ބެހެއްޓުމަށްފަހު އެންމެ ފުރަތަމަވެސް ރާއިދު ބޮސް ދިނީ ނިދާފައި އޮތް ޒިޔަލްގެ ކޮލުގައެވެ. 

“ނެތް ތަ މަށަށް.” ޒާޔާ ހިނިތުންވެލަމުން މަސައްކަތް ކުރީ ރާއިދު ގެ އެހީގައި ޝާރިފް ގެ ހަނދާންތަކާއި ދުރުވާށެވެ. 

“ކީއްވެތަ ޒާޔާގެ ފޯނަށް ނުގުޅެނީ.” ރާއިދު ޒާޔާގެ އަތުގައި ހިފާ ގަޔާއި ކައިރިއަށް ދަމާލިއެވެ. 

“ނޭނގެ. ހައު ވެސް ބުނެފި ތިހެން. މިތަނަށް އުރީދޫ ނެޓްވޯކް ދަށީ ކަންނޭނގެ. ހިނގާ ނަމްބަރ ޗޭންޖްކޮށްލަން.” ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން ޒާޔާ ދިޔައީ ޝާރިފްއާއި ދުރަށް ދާނެ މަގު ކޮށަމުންނެވެ. 

ރާއިދު ބޯޖަހާލުމުން ޒާޔާ އަދި ވަކިން ބޮޑަށް ރާއިދުގެ މޭތެރޭގައި ބޮޑިވެގަތެވެ. 

 

 

ވަޔާއި ޖެހިލާ ބާރު ރޯޅިތަކުން ގަސްތައް ނަށަމުން ދިޔައިރު ޒާޔާ ހުރީ ޒިޔަލް ގެ އަތުގައި ހިފައިގެން ގޭގެ ދޮރުމަތީގައެވެ. 

“ތަނަކަށް ދާންތަ؟” ރާއިދު އެތަނަށް އައިސް ހުއްޓުނެވެ. 

“އާން. ނުބުނެވޭތަ؟ ހައުލާ ބުނެގެން ބޭރަށް ގޮސްލަން ވެގެން. ހިތަށް އެރި ޒިޔަލް ގޮވައިގެންނޭ ދާނީ.” ޒާޔާ މަގުގެ ދެކޮޅަށް ބަލާލީ ހައުލާ ފެނޭތޯއެވެ. 

“ދަރިފުޅު ދާނީ ޑެޑީ އާއެކީ ސައިކަލް ދުއްވާލަން ދޯ؟ ޒާޔާ ދޭބަލަ ހައު އާއެކު. ޒިޔަލް ހަވާލުކޮށްބަލަ މަށާ.” ރާއިދުގެ ވާހަކަ ރަނގަޅަށް ނުނިމެނީސް ޒިޔަލް ރާއިދުގެ ފައިގައި ހިފައި އޮޅުލައިގަތެވެ. 

ރާއިދު ޒިޔަލް ގޮވައިގެން ސައިކަލް ދުއްވާލުމުން ޒާޔާ ހިނިތުންވެލަމުން އަތް ހޫރާލިއެވެ. 

 

އެތައް އިރެއްވީއިރުވެސް ހައުލާގެ ޚަބަރެއް ނުވުމުން ޖީބުގައި އޮތް ފޯނު ޒާޔާ ނެގީ ހައުލާއަށް ގުޅާށެވެ. އެވަގުތު ކަންފަތުގައި ޖެހުނު ސައިކަލްގެ އަޑުން ޒާޔާ އަށް ބަލާލެވުނެވެ. ޝާރިފްގެ ސައިކަލްގެ އަޑުވެސް މިހާރު ޒާޔާއަށް ފާހަގަކުރަން އެނގެއެވެ. އޭރު ޝާރިފް ސައިކަލްގައި ޒާޔާ އާއި އަރާ ހަމަވަނީއެވެ. ޒާޔާ ބަލާލި ވަގުތު ޝާރިފް ވެސް ހުރީ ޒާޔާއަށް ބަލަހައްޓައިގެންނެވެ. 

ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ޒާޔާ ގެ ހިތުގެ ތެޅުން އަވަސްވާން ފެށި ކަމުގެ އިޙްސާސް ޒާޔާ އަށް ކުރެވުނެވެ. 

އެވަގުތު ކުރިމަތީގައި އޮތް ގޯޅިން ދުވެފައި އައި ހައުލާ އެއީ ޒާޔާގެ ނަސީބޭ ޒާޔާގެ ހިތަށް އެރިއެވެ. ފަހަރުގައި ޝާރިފް ޒާޔާ އެކަނި ހުއްޓާ ފެނުމުން ވާހަކަ ދައްކާލަން އައިސްދާނެ ކަމަށް ޒާޔާއަށް ހީކުރެވުނީމައެވެ. 

“ސޮރީ. ލަސްވީމަ. މި ޝޯލް ގަނޑެއް އަޅަން ނޭނގިގެން. ބަލާބަލަ މީތިގަނޑު އޮތް ގޮތް.” ހައުލާ އޭނާގެ ބޮލުގައި އޮޅާފައި އޮތް ޝޯލްގެ ކަނަށް ދަމާލިއެވެ. 

“ހިނގާ ދާން.” ޒާޔާ ހައުލާގެ އަތުގައި ހިފައިގެން ހިނގައިގަތީ ޝާރިފް އާ ދިމާއަށް ބަލާވެސްނުލައެވެ. 

ބީޗާއި ދިމާއަށް ޒާޔާ މެން ހިނގާފައި ދިޔައިރުވެސް ޝާރިފް ފަސްފަހަތުން އަންނަ ކަން ޒާޔާ އަށް އެނގެއެވެ. ޝާރިފްގެ ސައިކަލްގެ އަޑު އިވޭތީއެވެ.

 

 

އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ހައުލާ އާއި ޒާޔާ އިށީނދެލިއެވެ. އޭރުވެސް އަތިރިމަތީގައި އެތައް ބަޔަކު ހަވީރު ފިންޏަށް އައިސް ތިއްބެވެ. 

“ހާދަ ފާޑަކަށް ތި އިންނަނީ.” ޒާޔާގެ ހިމޭންކަން ހައުލާ އަށް ފާހަގަވިއެވެ.

“ފާޑަކަށްތަ މި އިންނަނީ. ފޫހިކަމުން މިކޮޅުގަ އަސްލު.” ޒާޔާގެ ހިތުގެ ހާލު އެއްވެސް މީހަކާއި ހިއްސާ ކުރާކަށް ޒާޔާ ބޭނުމެއްނޫނެވެ. ކުރިޔަސް އެންމެން ކުއްވެރިކުރާނީ ޒާޔާއެވެ. 

“އަބަދު ގޭގަ އޮންނަންޏާ ފޫހިވާނެދޯ. ބޭރު ތެރެއަށްވެސް ނިކުމެ އުޅެބަލަ ރާއިދު ނެތަސް.” ހައުލާގެ ވާހަކައަށް ޒާޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. ހަމައެކަނި ހިނިތުންވެލީއެވެ. 

ހައުލާ އެ ހާމަކުރީ ރަނގަޅުވާހަކައެއްކަން ޒާޔާ ޤަބޫލުކުރެއެވެ. ނަމަވެސް ހިތުގައި ރޯވެއަނދަމުންދާ އަލިފާނުގެ ހުޅުގަނޑަކަށް ބަދަލެއް ނާދެއެވެ. 

“ނުހުރެޔޭ ރައްޓެއްސެއްވެސް. ހައު އެކަނި. ރައްޓެހިން ހޯދަން ވީ އުމުރުގަ މާލޭގަ ހުރީމަ ހުރިހާ ރައްޓެހިންތައް އެތިބީ މާލޭގަ.” ޒާޔާ ދެރަވެ ކަރުއެލުވާލިއެވެ. 

“މަ ވެސް މި ހުރީނު.” ހައުލާ ޒާޔާގެ އަތުގައި ހިފިއެވެ.

“ތީ އޮފީހުގައި ނުލާހިކު ބިޒީކޮށް އުޅޭ މީހެއް. ވީކެންޑް ގަ އެކަނި ފްރީ ވަނީވެސް. ރާއިދު ހުންނާނެނަމަ އަޅެ.” އަތިރިމަތީގައި ހުރި ފިހާރަ ކައިރީގައި ހުރި ޝާރިފް ޒާޔާގެ ލޮލުގައި އަޅައިގަތެވެ. 

“ހިނގާ ދާން.” ޝާރިފް ބަލަން ހުރިތަން ފެނިފައި ޒާޔާ ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދާށެވެ. ޒާޔާ ހިނގައިގަތުމުން އިތުރު ސުވާލެއްނުކޮށް ހައުލާވެސް ޒާޔާ އާއިއެކު ހިނގައިގަތެވެ. 

 

“ކޮބާ ޒިޔަލް؟” ގެޔަށް ދިޔައިރު ރާއިދު އާއި ޔަމަން އަދި ފާއިޒާ ހަމަޖެހިލައިގެން ޖޯލީގައި ޖައްސާލައިގެން ތިބިތަން ފެނިފައި ޒާޔާ އަހާލިއެވެ. 

“ސައިކަލްގައި އިނދެ ނިދައިފި. އެހެންވެ އެހާ އަވަހަށް ގެއަށް މިއައީވެސް.” ރާއިދު އޮޅުންފިލުވައިދިނެވެ. 

“ރާއިދު ވަރަށް ގުޅިޔޭ ދަރިފުޅަށް. ހިނގާ ސައިބޯންދަމާ އެންމެން.” ފާއިޒާ ތެދުވެގެން ހިނގައިގަތީ ކާގެ އާއި ދިމާއަށެވެ.

“އަސްލުތަ؟ ނޭނގެ ގުޅި ކަމެއް.” ޖިންސް ޖީބުގައި އޮތް ފޯނު ނަގާ ޒާޔާ ބަލާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޝާރިފްގެ މިސްވެފައި ހުރި ކޯލްތަކެވެ. ވަގުތުން ކޯލް ލޮގް އިން ޝާރިފްގެ ކޯލްތައް ޑިލިޓް ކުރުމަށްފަހު ރާއިދު އާއި ޖެހިގެން ހުރި ޖޯލީގައި ޒާޔާ އިށީނދެލިއެވެ. 

“ދޮންބެ ކޮން އިރަކުންތަ މަށާއި އެކީ އުޅޭނެ ދޮންބެދައްތަ އެއް މިގެޔަށް ގެންނަނީ؟” ޒާޔާގެ ވާހަކައިން ޔަމަން އާއި ރާއިދު ހީނގަތެވެ. 

“މަލާމަތް ކުރާނެ ކަމެއްނެތޭ. އަސްލު ވާހަކައެކޭ މިބުނީ.” ޒާޔާ ތުން ދަމާލިއެވެ. 

“ތި ކަމާ އެބައުޅެމޭ. އެކަމަކު ޒާޔާ ކޮއްކޮ ތީ މާދަންވެސް މިތަނުން ދާން ހުރި މީހެއްނު.” ޔަމަން ހެމުން ހެމުން ބުނެލިއެވެ. 

“ޒާޔާ ދެން ނުދާނަން ދޯ. މަންމަ ކައިރީގައި ހުންނާނީ ދޯ.” ކާގެއިން ނިކުތް ފާއިޒާ އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ. ޒާޔާއަށް ބަލާލެވުނީ ރާއިދުގެ މޫނަށެވެ. ރާއިދު އެރަށުގައި ނޫޅޭނެކަން ޒާޔާއަށް އެނގެއެވެ. 

“ދެން ހިނގާ ސައިބޯން ދަމާ ދޯ. ތި ވާހަކަ ދައްކާނީ ދޮންބެ ދައްތައެއް މިގެޔަށް ގެނައި ދުވަހަކުން.” ޒާޔާ ރާއިދުގެ އަތުގައި ހިފައިގެން ތެދުވިއެވެ. 

 

 

ރީތި ހަނދުވަރެެއް ދީފައި އޮތް ރެއެކެވެ. ޒާޔާ ހުއްޓިލައިގެން ހުރީ ކުޑަ ދޮރު ކައިރީގައެވެ. ފުން ޚިޔާލަކަށް ގެއްލިފައެވެ. 

“ވަރަށް އަވަހަށް ނިކުމެބަލަ ބޭރަށް. ހަމަ މިހާރު. ބަލާލަބަލަ އުޑުމައްޗަށް. ވަރަށް ރީތި ދޯ.” ކަންފަތުގައި ތަކުރާރުވަމުން ދިޔައީ ޝާރިފްގެ އަމިއްލަ ދުލުން ބޭރުކޮށްފަ ހުރި ލަފްޒުތަކެވެ. އެތައް ފަހަރަކު އެރީތި ހަނދު ޝާރިފް ޒާޔާއަށް ދައްކާފައިވެއެވެ. އެ ހަނދު ހެކިކޮށް އެތަކެއް މެސެޖްތަކެއް ޒާޔާއަށް ރައްދުކޮށްދީފައިވެއެވެ. 

“އަޅެ. އަހަރެން މިސްވާ ވަރަށް އޭނަ އަހަރެން މަތިން މިސްވާނެބާ؟” ޒާޔާ އަށް ސުވާލުކޮށްލެވުނީ އަމިއްލަ ހިތާއެވެ. ނަމަވެސް ޖަވާބު ނޭނގޭ ސުވާލެކެވެ.

ފިނި ފިނި ދެއަތެއް ޒާޔާ އުނަގަނޑު ވަށާލުމާއެކު ޒާޔާ ދިޔައީ ސިއްސައިގެންނެވެ. 

“ކޮން ޚިޔާލެއްގަ؟” ރާއިދު ޒާޔާގެ އިސްތަށިގަނޑުން ވަސްބަލާލިއެވެ.

“ހިނގާ މާލެ ބަދަލުވާން. ނޫނީ ރާއިދު ކޮންމެ ދުވަހަކު ރަށަށް އާދެވޭކަހަލަ ޖޮބަކަށް ދާންވީނު.” ޒާޔާ އަދިވެސް ހުރީ ފުރާ ފުރިހަމަ ވެފައިވާ ހަނދަށް ބަލަހައްޓައިގެންނެވެ. 

“ދުރުގަ ހުންނަން އެހާ އުނދަގުލީތަ؟ މާލެ ގޮސްގެން އަދި މިވަގުތަށް ވަރަށް ދަތިވާނެއެއްނު. ވަޒީފާވެސް ދޫކޮށްލާފައެއްނު މިއައީ.” ރާއިދު ހުރީ އުފަލުންނެވެ. ޒާޔާ ރާއިދުއަށް އެހާ އަޅާލާތީއެވެ. ރާއިދު ކައިރީގައި ބަހައްޓަން ޒާޔާ ބޭނުންވާ އަސްލު ސަބަބު އެނގޭ ނަމަ ރާއިދު އުފަލެއް ނުވީސްކަން ޔަޤީނެވެ. 

ޒާޔާ އެއްޗެއް ނުބުނެ ހުރީއެވެ. އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ޒާޔާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. 

ކުއްލިއަކަށް ރާއިދު ޒާޔާ އަތްމައްޗަށް ނަގާ އުފުލާލުމާއެކު ޒާޔާ ހިނިތުންވެލިއެވެ.

“މަށަށް އިނގޭ ތިހެން ހަނދާނެކަން ކުރިންވެސް.” ރާއިދުގެ އެ އަމަލަކީ ޒާޔާއަކަށް އާ ކަމެއް ނޫނެވެ. ނަމަވެސް ތަފާތުވީ ޒާޔާގެ އުޅުމެވެ. ރާއިދުގެ އެކަހަލަ ކޮންމެ ސަމާސާއަކުން ހެވި ދިލިފައި ހުންނަ ޒާޔާގެ މޫނުމަތިން އުފާވެރިކަމެއް ފެންނަން ނެތީމައެވެ. 

“ކިހާ ދުވަހެއް ދުރުގަ ހުންނަތާ. އެހެން ނޫނަސް ޒާޔާ ފެންނަން ހުރިއްޔާ މިހެން ވާނެކަން އެނގޭނު.” ރާއިދު ބޮކީގެ އަލި ފަަނޑުކޮށްލުމާއެކި ޒާޔާ ރާއިދުގެ މޭތެރެއަށް ބޮޑިވެގަތެވެ. 

 

 

ދުވަސްތައް މާޒީގެ ސޮފްޙާތަކަށް ގެއްލެމުންދެއެވެ. ޒާޔާގެ ހިތުގެ ރިހުމަކަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ޝާރިފް ގުޅީމާ ވެސް ފޯނަށް ޖަވާބުދެއެވެ. ނަމަވެސް ޝާރިފްގެ އެދުންތަކަށް ޒާޔާ އައީ ނޫނެކޭ ބުނަމުންނެވެ. 

އެއްދުވަހެވެ. ގޭގައި އެއްވެސް މީހެއް ނޫޅެއެވެ. ޒާޔާ ޝާރިފް އާ ވާހަކަދައްކަން އޮތީ ގޭގެ ޖޯލީގައެވެ. 

“ދިހަ ފޫޓް ދުރުގައި ހުރެވެންޏާ ތި ދައްކާ ވާހަކައެއް އަޑުއެހިދާނެ. އަދި ދައްކާފަ ވީ ހާ އަވަހަކަށް ދާން ޖެހޭނެ.” އެންމެ ފަހުން ޝަރުތެއް ކަނޑަ އެޅުމަށްފަހު ޒާޔާ ޝާރިފްއާ ބައްދަލުކުރަން އެއްބަސްވިއެވެ. 

ޒާޔާގެ އަމިއްލަ ކޮޓަރީގައެވެ.

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝާރިފްގެ ކޯލަކަށް އިންތިޒާރުކޮށްގެން ހުރި ޒާޔާ ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ.

މި ކުރެވެނީ ރަނގަޅުކަމެއް ބާއޭ ޒާޔާގެ ހިތަށް އަރަމުންދިޔައެވެ. 

ޝާރިފް ބުނި ގޮތުން އޭނާ ކޮޓަރީގައި ބައްދަލުކުރަން ނިންމީ ޒާޔާއާއި ދޭތެރޭގައި ވިސްނާފައެވެ. މީހަކަށް ފެނި ޒާޔާ ބަދުނާމު ވެދާނެތީއެވެ. 

ފޯނުގެ ރިންގް ގެ އަޑަށް ޒާޔާ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ދޮރު ހުޅުވާލިއެވެ. 

އެވަގުތު ޝާރިފް ކޮޓަރި ތެރެއަށް އަވަަސް އަވަހަށް ވަނެވެ. ޒާޔާ ދޮރު ތަޅުލަމުން ޝާރިފްއާ ދިމާއަށް އެނބުރިލިއެވެ.

 

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް