ހާވިލް ސިހިގެންގޮސް ބަލާލިއެވެ. އެވަގުތު ކާރު ކައިރިން ބާރު ސްޕީޑްގައި ސައިކަލެއް ދިޔައެވެ.
“މަގުގެ ދެކޮޅު ބަލާފަ ދޮރު ހުޅުވާނީ އިނގޭ، އެހެން ނޫނީ ފަހަތުން އަންނަ ވެހިކަލް އޮންނާނީ އައިސް ޖެހިފަ، އަހަރުމެން ކިތަންމެ ބަލައިގެން އުޅުނަސް އެންމެން ނުބަލާނެ!” އޯގާތެރިކަމާއި މަޑުމޮޅި ކަމާއިއެކު ޒީކް ބުނެލިއެވެ. އަދި އަތުގައި ހިފުނު ކަމަށްޓަކައި މައާފަށްއެދުނެވެ. ހާވިލް ޒީކްއަށް ޝުކުރުއަދާކުރަމުން ކާރުން ފޭބުމަށް ދޮރު ހުޅުވާލިއެވެ. ނަމަވެސް އަނެއްކާވެސް ހާވިލް ހުއްޓުވާލީ ޒީކްއެވެ.
“އަދިވެސް ޖަވާބެއް ނުދެމެންނު، އުންމީދުކުރަން އަންނާނެކަމަށް.” ޒީކްގެ ކޮންޓެކްޓް ކާޑް ނަގާ ހާވިލްއަށް ދިއްކޮއްލަމުން ޒީކް ހިނިތުންވެލިއެވެ. ކާރުން ފޭބުމަށްފަހު ޒީކް ދީފައި އޮތް ކާޑަށް ބަލާލިއެވެ.
އެ ކާޑަށް ބަލަހަށްޓައިގެން ދުވާރުމަތީގައި ހާވިލްއަށް ހުރެވުނެވެ. އޭރު ޒީކްގެ ކާރުގޮސް އޮބާލައިފިއެވެ. ހާވިލްގެ ހިތަށް އަންނަނީ ޒީކް އެންމެ ފަހުން އެބުނި ޖުމްލައެވެ. ޒީކް އުންމީދުއެކުރަނީ ހާވިލް ދާނެ ކަމަށެވެ. ނަމަވެސް ހާވިލްއަށް މިކަމުގައި ގޮތެއް ނުނިންމެއެވެ. ބޮޑުދައިތަ ކައިރީގައި ބުނާނީ ކީކޭ ބާވައެވެ. ރޭގަނޑު އެކަނި ތަންތަނަށް ދިއުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ހާވިލް ނުގޮސްފިނަމަ ޒީކްވެސް ދެރަވާނެއެވެ. އާޝިޔާ ވެސް ބުނާނީ ކީކޭބާވައެވެ. ދާނީ އެކަނި ބާވައެވެ. ނޫނީ ކާކު ގޮވައިގެން ބާވައެވެ. ކޮންމެ ގޮތެެއްވިއަސް ހާވިލް އެކަނި ދާކަށް ބޭނުމެއް ނޫނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދާ ޚިޔާލުތަކާއިއެކު ހާވިލް ގޭ ތެރެއަށް ވަނެވެ. ބޮޑުދައިތައާއި މަޝްވަރާކޮށްލުމަށް ވިސްނައިގެންނެވެ.
“މަންމާ ޒީކް މިދަނީ ފެންވަރަން މިހާރު އެއަށް އަށެއް ޖަހަނީ!” މެންދުރުން ފެށިގެން ކެއްކުމުގެ ކަންތަކުގައި މަސްއޫލުވެ އުޅުމަށް ފަހު ޒީކް ބޭނުންވީ އަވަހަށް ފެންވަރާ ރީތިވުމަށެވެ. ނުވައެއް ޖަހަންވާއިރަށް ރައްޓެހިކުދިންތައް އަންނާނެތީއެވެ. އެއަށްވުރެ ބޮޑަށް ޒީކްއަށް މިރޭ ޚާއްސަވާ ސަބަބެއް އެބައޮތެވެ. އެއީ ފުރަތަމަ ފަހަރަށް ޒީކްގެ ގެއަށް ހާވިލް އަންނާނެތީއެވެ. ޒީކްގެ ހިތުގައި ހާވިލްއަށް ދެވިފައިވާ ޚާއްސަކަމަކީ ކީއްވެގެން ދެވިފައިވާ ޚާއްސަކަމެއް ކަމެއްކަން ޚުދު ޒީކްއަށްވެސް ނުވިސްނެއެވެ. އެނގޭހާވެސް ކަމަކީ ހާވިލް އަށް ޒީކްގެ ހިތުގައި ޚާއްސަކަމެއް ދެވިފައިވާކަމެވެ.
އަލަމާރި ހުޅުވާލުމަށްފަހު ޒީކްއަށް އެންމެ ރީތި ހެދުން ހެޔޮވަރުކޮށްލިއެވެ. ޑްރެސިންޓޭބަލްގެ ކުރިމަތީގައި ހުރެ ރީތިވަމުން ދިޔަ ޒީކްގެ ހިތުގައި ޚިޔާލީ ތަސްވީރުތައް ސިފަކުރަމުން ދެއެވެ. އަނެއްބައި ފަހަރު ހިތް ނުތަނަވަސް ވެސް ވެއެވެ. ހާވިލް ނައިސްދާނެތީއެވެ. އެހެން ވެއްޖެނަމަ ޒީކް ވަރަށް ދެރަވާނެއެވެ. ޒީކްގެ ޚިޔާލީ ދުނިޔެއިންް ޒީކް ނެރެލީ ދޮރުގައި މީހަކު ޓަކި ދޭންފެށުމުންނެވެ. އަވަސް އަވަހާ ދޮރު ހުޅުވާލިއެވެ.
“މަންޖެ ހާދަ ފަރިއޭ ދޯ މިރޭ، ހާއްސަކަމެއް އޮތީތަ؟” ސަނާ ސަމާސާކޮށްލިއެވެ.
“ނޫން، އެކަމުވެސް ރީތި ވެގެންނު ހުންނަންވާނީ.” ޒީކް ސަނާގެ ބަސްތައް ހުއްޓުވާލެވޭތޯ މަސައްކަތްކުރިއެވެ. ސަނާ އައިސް އެނދުގައި އިށީނދެލިއެވެ. ޒީކް ރީތިވަމުންދިޔަ މަންޒަރު ބަލަންއިނެވެ.
“ކޮބާތަ މަންމަ؟” ސަނާ އަހާލިއެވެ.
“މަންމަ ވީ ބަދިގެތެރޭގަ، ދޭބަލަ ބަލާލަން.” ޒީކް ބޭނުންވީ ސަނާ އެތަނުން ފޮނުވާލާށެވެ. ގަޑި ބަލަމުން ހުރެ ޒީކް ތައްޔާރުވިއެވެ. އޭރު ނުވައެއް ޖަހައިފިއެވެ. ލޯގަނޑުގެ ކުރިމަތީގައިހުރެ ދެފަހަރަކަށް އެނބުރިލިއެވެ. ހިތާހިތުން މިވަރުން ފުދޭކަމަށް ބުނެލެވުނެވެ.
ކާގޭގެ ތެރޭގައި ހުރި މޭޒުމަތި ހީވަނީ ބޮޑުކޭމަކަށް ތައްޔާރުވެފައި އޮތްހެނެވެ.
އެކި ވައްތަރުގެ ކާއެއްޗެހި އަޅާފައި ހުރި ތަށިތަކުން މުޅި މޭޒުމަތި ވަނީ ފުރިފައެވެ. ވަކިން ކުޑަ މޭޒެއްގައި ބޯ އެއްޗެހި ބަހައްޓާލާފައި ހުއްޓެވެ. މޭޒުގެ ވަށައިގެން ގޮނޑިތައް އަތުރާލާފައި ހުރިއެވެ. ތައްޔާރު ކުރެވެންހުރި އެންމެ ފުރިހަމަޔަށް ކެއުން ހުރީ ތައްޔާރުވެފައެވެ.
ގޭގެ ބޭރު ދޮރުކައިރީގައި ޒީކް ހުއްޓިލައިގެން ހުރިއެވެ. ލައިގެން ހުރި މެރޫން ކުލައިގެ ހެދުމުގައި އަޅާފައިހުރި ރޭނދާތަކުގެ ސަބަބުން ހެދުން ވިދާލަވިދާލާ ހުއްޓެވެ. މާބޮޑު މޭކަޕެއްކޮށްފައި ނެތެއްކަމަކު އެ ދޮންމޫނުގައި ވަނީ އަލިކަމެވެ. ތުންފަތުގައި ހާކާލާފައި ހުރީ އެ މޫނާ އެންމެގުޅޭ ކުލައެވެ. އެ ހުދު ކުލައިގެ ލޮލުގެ ތެރޭގައި ވާ ކަޅިީގެ ސަބަބުން ލޮލުގެ ހުދުކަން އިތުރުވެފައިވާ ކަހަލައެވެ. އިންސިއަކަސް ޖިންނިއަކަސް ޒީކް ފެނިފައި ބަލައިނުލާ ނުދެވޭހާ ވަރަށް މިރޭ ޒީކް ރީއްޗެވެ.
ރައްޓެހިންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ބައެއް ރަހުމަތްތެރިން އައީ ހަދިޔާވެސް ހިފައިގެންނެވެ. ކާގެއަށް މީހުން ފޮނުވުމުގައި ސަނާ ވެސް ހަރަކާތްތެރި ވަމުން ދިޔައެވެ.
“ޒީކް!” ދަމާލާފައި މީހަކު ގޮވާލި އަޑަށް ޒީކް ބަލާލިއެވެ. އޭރު އާޝިޔާ ހުރީ ޒީކް ކައިރީގައެވެ.
“ކޮބާ ހާވިލް؟” އާޝިޔާ ފުރަތަމަވެސް އަހާލީ ހާވިލް އައިސްފިތޯއެވެ. ޒީކްގެ ހިތް ނުތަނަވަސް ވިއެވެ. ޒީކް ހީކޮށްގެންހުރީ ހާވިލް އަންނާނީ އާޝިޔާއާއި އެއްކޮށް ކަމަށެވެ. ޒީކް ގަޑިއަށް ބަލާލިއެވެ. ނުވަގަޑި ފަނަރަ ވެއްޖެއެވެ. ހާވިލް ނޫނީ އެހެންހުރިހާ ރައްޓެހިން އައިސްފިއެވެ. އެމީހުން ކާން ފަށާނީ ޒީކް ދިޔައިމައެވެ. ޒީކް އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. ހާވިލްއަކީ ގަޑިއަށް ފަރުވާތެރި މީހެއްކަން ޒީކްއަށް އެނގެއެވެ. ލަސްވުމުން އޭގެ މާނައަކީ ހާވިލް ނާންނަނީއެވެ. ނޫނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވީއެވެ. ހާވިލް ފޯނުވެސް ގެންގުޅޭނަމަތާއެވެ. ކިތަންމެ ލަސް ވިއަސް ހާވިލްގެ ޚަބަރެއް ބެލޭނެ ގޮތެއް ނެތެވެ. ޒީކް މިލާ މޯޅިވި ކަހަލައެވެ. ކުރިހާ އުންމީދާއި ފެނުނުހާ ޚިޔާލީ މަންޒަރުތައް ބޭކާރުވީއެވެ.
“ޒީކް ހިނގާބަލަ ދެން ފަށަން، އެންމެން އެތިބީ ލަސްވެފަ!” ސަނާ އައިސް ޒީކްގެ އަތުގައި ހިފާ ދަމައިގަތެވެ. އެންމެ ފަހު ފަހަރަށް ޒީކް ބޭރު ބަލާލިއެވެ. އަދި ސަނާ އާއިއެކެ ހިނގައިގަތެވެ. އެވަގުތު ބޭރުން މީހަކު ސަލާން ގޮވާލިއަޑު އިވުނެވެ. ޒީކް ފަސް އެނބުރި ބަލާލިއެވެ. އޭރު ހާވިލް ދޮރު ތެރެއިން ގޯތީގެ ތެރެއަށް ވަންނަނީއެވެ. ޒީކްގެ ހިތް އުފަލުން ފޮޅުނެވެ. އަދި ހާވިލް އާއި ދިމާއަށް ހިނގައިގަތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 މެއި 2021ވާހަކަސިހުރު – ކުރު ވާހަކަ
- 25 ޖޫން 2020ޚަބަރުހާވިލް – ހަވަނަ ބައި
- 17 ޖޫން 2020ވާހަކަހާވިލް – ފަސްވަނަ ބައި
- 11 ޖޫން 2020ވާހަކަހާވިލް – ހަތަރުވަނަ ބައި