ފިލްމީ ތަރިން، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ފިލްމީ ދާއިރާގެ ވާހަކަތައް މީޑިޔާ ތަކަށް ނުވަތަ މީސްމީޑިޔާ އަށް ތިލަކުރަމުން އަންނަނީ ހަމަ އެންމެ ރަނގަޅު ގޮތުގައި ބާވައެވެ؟ ފިލްމީ ދާއިރާ އާއި ގުޅުންހުންނަ ކަންކަން ހަމަ އެކަނި މީސްމީޑިޔާ ބޭނުން ކޮށްގެން ބަދަލުކޮށްލެވިދާނެ ހެއްޔެވެ؟ މީސްމީޑިޔާ ބޭނުންކޮށްގެން ފިލްމީ އެވޯޑެއް ހޯދިދާދެނެ ހެއްޔެވެ؟ މިއީ މީސްމީޑިޔާ އަށް ފިލްމީ ފަންނާނުން ތިލަކޮށްލާ ލިޔުންތަކާއި ކޮށްލާ އަދާހަމަތަކުން އަހަރެންގެ ހިތަށް އަރާ ސުވާލުތަކެކެވެ.
މި ދުވަސްކޮޅަކީ ފިލްމީ ދާއިރާގެ ބައެއް ފަންނާނުން މީސްމީޑިޔާ ބޭނުންކޮށްގެން ޒާތެއްގެ ހަނގުރާމައެއް ކުރަމުން އަންނަ ދުވަސްކޮޅެކޭ ވެސް ބުނެވިދާނެ އެވެ. ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ކުރީކޮޅު ފެނިގެން ދިޔައީ މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ އާއި ޕްރޮޑިއުސަރ/ޑައިރެކްޓަރ އަބްދުލް ފައްތާޙް ގެ ކޯޅުންތަކެކެވެ. ދެގެރި ތެޅެންޏާ ކަށްގަލަށް ބާރުކުރާނޭ ބުނާ ބީދައިން މި ދެންނެވި ދެ ފަންނާނުންގެ ސަޕޯޓަރުންވެސް ގެންދިޔައީ މީސްމީޑިޔާގައި ކުރެވުނު މި ހަނގުރާމައިގައި ބައިވެރިވަމުންނެވެ.
ފައްތާޙް އާއި ނަހޫ ގެ ކޯޅުން ކުޑަތަންކޮޅެއް މައިތިރިވި ހިސާބުން ދެން ފެށުނީ އަނެއް ހަނގުރާމަ އެވެ. އަށްވަނަ ދިވެހި ފިލްމު އެވޯޑް ގެ ނޮމިނޭޝަންތައް އިޢުލާނު ކުރުވުނު ހިސާބުންނެވެ. މިފަހަރު މީސްމީޑިޔާ ގެ އިތުރުން އޮންލައިން މީޑިޔާ ތަކުންވެސް ނޮމިނޭޝަންތައް ބޭއިންސާފުން ކޮށްފައިވާކަމަށް ދޭހަވާ ބީދައިން ޚަބަރުތައް ގެނެސްދީފައި ވެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޖަޖުންގެ ޕެނަލް އަކުން ޖަޖުކޮށްފައިވާ ނޮމިނޭޝަން ތަކެއް މީސްމީޑިޔާ ގައި ކޮށްލާ ޕޯސްޓަކުން ނުވަތަ އަދާހަމައަކުން ބަދަލުކޮށްލެވިދާނެ ހެއްޔެވެ؟
ފިލްމީ ދާއިރާގައި ގިނަދުވަސްތަކެއް ހޭދަކޮށްފައިވާ ބައެއް ފަންނާނުން ދެކޭގޮތުން މީސްމީޑިޔާ ގައި މިކުޅޭ ކުޅިގަނޑަކީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ ކުޅިގަނޑެކެވެ. ދާއިރާގައި ތަޖްރިބާ ހުރި ފިލްމީ ތަރިއެއް ބުނީ އަނގައިން ނުބުނާ މީހުން އަނގައިން ނުބުނެ، ނުވަތަ ނުލިޔެ ތިބެނީކީ އަނގައިން ބުނަން ނޭނގޭތީ ނުވަތަ އަދާހަމައެއް ކޮށްލަން ނޭޭނގޭތީ ނޫންކަމަށެވެ. މި ފަންނާނު ދެކޭގޮތުން ދޭދޭ ފިލްމީ ފަންނާނުން ނުވަތަ ފިލްމީ ފަންނާނުން ކުރާ މަސައްކަތެއްގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑަކާއި ގުޅިގެން މީސްމީޑިޔާ ގައި ޕޯސްޓްތައް ކޮށްގެން އެއްވެސް ރަނގަޅެއް ނުނިކުންނާނެ އެވެ.
ތެދެކެވެ. މިރޭ ބާއްވާ އަށްވަނަ ދިވެހި ފިލްމު އެވޯޑްގެ ނޮޮމިނޭޝަން ތަކާާއި މެދު ސުވާލު އުފެދޭ ފަދަ އެތައް ކަމެއް އެބަހުއްޓެވެ. ފިލްމު ބެލުންތެރިން ގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރާގޮތުން މަޖޫ ގެ އެކްޓިން އެހައި ރަނގަޅެއް ނޫނެވެ. އަދި އެއަށްވުރެން ބޮޑަށް ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޖުމައްޔިލް ނިމާލް ގެ އެކްޓިންގ އެވެ. ޖުމައްޔިލް ގެ އެކްޓިންގ އާއި މެދު ބެލުންތެރިން އެހައި ހިތްހަމަ ނުޖެހޭކަން މިއީ އެންމެން ދަންނަ ހަޤީޤަތެކެވެ.
ޝީލާ ނަޖީބަކީ މޮޅު އެކްޓިންގ އެއް ދައްކަމުން އަންނަ ފަންނާނެއްކަމާއިި މެދު ސުވާލު އުފެއްދެން ނެތް އިރު މިފަހަރުގެ ފިލްމު އެވޯޑްގައި ޝީލާ ނަޖީބް އެކްޓް ކޮށްފައިވާ ތިން ފިލްމެއް ހިމެނުނު އިރު، ޝީލާ ގެ ނަމެއްވެސް ނޮމިނޭޓް ވެފައެއް ނެތެވެ.
ދެން އޮތީ އެންމެ ބާރަށް މީސްމީޑިޔާ ގައި އަޑުތައް ފެތުރުނު 4426 ގެ ވާހަކަ އެކެވެ. މި ފިލްމު ބެލި ގިނަ ބަޔަކު ބުނާގޮތުން ފިލްމުގައި އައްޒަގެ އެކްޓިން ވަރަށް މޮޅެވެ. ނަމަވެސް ޖަޖުންނަށް މި ފިލްމުން ފާހަގަވީ މަޝްހޫރު ޑިޒައިނަރ ރަޒީ ފަހާފައިވާ ހައެއްކަ ޓޮޕް ކޮޅެވެ. އެގޮތުން ރަޒީ ވަނީ ބެސްޓް ކޮސްޓިއުމް ޑިޒައިނަރ އަށް ނޮމިނޭޓް ވެފައެވެ.
އަޑުގަދަ މީހާގެ ރުއް ގިނަ ވާނޭ ބުނާހެން، 4426 ގެ ވާހަކަތައް ދެކެވޭ ހަމަ ކޮންމެ ފަހަރަކުވެސް ނަން މިވަނީ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ އެވެ. ނަމަވެސް މި ފިލްމު ފިލްމަކަށް ވެގެން ގޮސްފައި މިވަނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އަޙްމަދު ސިނާން ގެ ވަރަށް ބުރަ އަދި މޮޅު މަސައްކަތް ތަކެއްވެސް ހިމެނިގެންނެވެ.
ހައިވަކަރު އޮޑި ނަންވާ ބީދައިން މަހްދީ އަހްމަދު ގެ ނަންވެސް މިފަހަރު މިވަނީ ފިލްމު އެވޯޑްގައި އޮރިޖިނަލް ސްކްރީންޕްލޭޔަރ އަށް ނޮމިނޭޓް ވެފައެވެ. ނަމަވެސް މަހްދީ ނޮމިނޭޓް ވެފައިވާ ފިލްމު ތަކުގެ ތެރެއިން ‘ވާށޭ މަށާ އެކީ’ އަކީ އިނގިރޭސި އަދި ހިންދީ ފިލްމެއްގެ ކޮޕީ އެކެވެ. ފިލްމުގެ ސްކްރީންޕްލޭ އޮރިޖަނަލް އެއްޗަކަށް ވާންޖެހޭ ސަބަބަބާއި މެދު ސުވާލު އުފެދެއެވެ. އަނެއްކޮޅުން ‘މިކޮއެ ބައްޕަ ބައޭ ބައޭ’ އަކީ ވެސް އެހެން މީހަކު ލިޔެފައިވާ ސްކްރިޕްޓެއް އަސްލަކަށް ބަލައިގެން މަހްދީ އަހްމަދު ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެހެންކަމުން މިއީވެސް މަހްދީ ގެ އޮރިޖަލް މަސައްކަތަކަށް ވާންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.
ޑިވީ ވިކިޕީޑިއާ ގައި ފިލްމާއި މެދު މަހްދީ އަހްމަދު ދީފައިވާ މަޢުލޫމާތުން އެކަނިވެސް މިއީ މަހްދީ އަހްމަދު ގެ އަމިއްލަ ނުވަތަ އޮރިޖިނަލް މަސައްކަތެއް ނޫންކަމުގެ ހެކިވެސް މިއޮތީ ފެންނާށެވެ.
‘މިކޮއެ ބައްޕަ ބައޭ ބައޭ’ ގެ ވާހަކަތައް ދައްކާއިރު ފިލްމުގެ ފިރިހެން ލީޑްރޯލް ކުޅެފައިވާ މުޙައްމަދު މަނިކް (މަނިކް) ގެ އެކްޓިން ވެސް ހަމަ ގައިމުވެސް ފާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރަށްވުރެން މޮޅެވެ. ނަމަވެސް މަނިކު ގެ ނަންވެސް ނޮމިނޭޝަން ގައި ނެތުން ވެގެން ދިޔައީ ފަންނާނުންނާއި ފިލްމު ބެލުންތެރިންގެ ހިތުގައި އެތަކެއް ސުވާލު މާކެއް ޖެހިގެން ދިޔަ ކަމަކަށެވެ.
އަށްވަނަ ފިލްމު އެވޯޑަށް ޖަޖު ކޮށްފައިވަނީ ޖަޖުންގެ ޕެނަލް އަކުންނެވެ. އެކި ޖަޖުންގެ ޚިޔާލާއި ވިސްނުންވެސް ތަފާތުވާނެތާ އެވެ. ނަމަވެސް ޖަޖުކޮށްފައިވާ މާކްސް ތައް އެއްކޮލުމުން ނިކުންނަ ނަތީޖާއިން ނެރެވުނު ނޮމިނޭޝަންތައް އިއުލާނު ކުރުމާއި އެކު މިވެނި ފިލްމެއް، އެވެނި އެކްޓަރެއް ކަޓްވާލީކަމަށް ބުނެ ސުވާލު އުފެއްދުމަކީ ހަމަޖެހޭ ކަމެއް ބާވައެވެ؟ ނޮމިނޭޝަންތައް ހުރީ އެންމެ ރަނގަޅަށް ނޫންކަމަށްވެސް ވެދާނެ އެވެ. އަހަރެން އެންމެ ހިތް ހަމަ ނުޖެހޭ ގޮތަށް ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް މީސްމީޑިޔާ ގައި އެ މައްސަލަތައް ތިލަކޮށް އެއަށް ފާޑުކިޔައި ހަޖޫ ޖެހުމަކީ ފިލްމީ ފަންނާނުންގެ އަގު ވެއްޓިގެންދާނެ ކަމެއް ކަމަށް ފަންްނާނުން މިއަދު ގަބޫލުކުރާން އެބަޖެހެއެވެ.
އަބަދުވެސް އަހަރެމެން އެންމެން މި ފޮލޯ ކުރަނީ ދުނިޔޭގެ ތަހްޒީބު ގައުމުތަކުގައި ކަންތައްތައް ހިނގާ ގޮތަށް ބަލާފައެވެ. ފިލްމީ ތަރިންވެސް ބަލަނީ ތަހްޒީބު ވެފައިވާ ދުނިޔޭގެ ފަންނުވެރިންނަށެވެ. އެހެންކަމުން މި ދެންނެވި ބޭރުގެ ފަންނާނުން، އެވޯޑްތަކާއި މެދު ހަޖޫ ޖަހައި ފާޑުކިޔަމުންދާ ތަން އަހަރުމެންނަށް ފެނޭތޯ މިއީވެސް ފަންނުވެރިން ވިސްނައިލުން ރަނގަޅު ނުކުތާ އެކެވެ.
ބަސްކޮށާރު: މީސްމީޑިޔާ – ސޯޝަލް މީޑިއާ
އަދާހަމަ – ސްޓޭޓަސް
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!