ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގައި “ނެޕޮޓިޒަމް” އޮންނަ ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ. އެކަމާއި ގުޅިގެން ބޮލީވުޑްގެ ބޮޑެތި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ މައްޗަށް ތުހުމަތުތަކެއް ކޮށް އެތައް ފާޑުކިޔުމެއް ވަނީ ކުރިމަތިވެފައެވެ. މަޝްހޫރު ބައެއް ތަރިންވެސް ވަނީ “ނެޕޮޓިޒަމް” އާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާ ހީނާ ޚާން “އިންޑިޔާ ޓުޑޭ” އަށް ދިން އިންޓަވިއުއެއްގައި ނެޕޮޓިޒަމްއާއި ބެހޭގޮތުން ސުވާލުކުރުމުން ބުނެފައިވެއެވެ.

“އަހަރެންނާ ބެހޭގޮތުން ވާހަކަދައްކާނަމަ، އަހަރެން ޓީވީ ޝޯވތަކުގައި މަސައްކަތްކުރިން، ފިލްމުތަކުގައި މަސައްކަތްކުރިން، ވެބް ސީރީޒްތަކުގައި މަސައްކަތްކުރިން، ވީޑިއޯ ލަވަތައް ކުޅުނިން އަދި މިހާރު މި ޑިޖިޓަލް ފިލްމެއްވެސް މި ކުޅުނީ. އަހަރެން އަހަރެންގެ އެންމެ ބެސްޓް ޕާފޯމެންސް ދެއްކޭތޯ ބަލަން. އެއީ އަހަރެންނަށް އެނގޭ އަހަރެންގެ ހުރިހާ މަސައްކަތެއްގައިވެސް އަހަރެންގެ ބެސްޓް ދައްކައިގެން ނޫނީ މީހަކަށް ފާހަގަ ނުކުރެވޭނެކަން. ބޮޑެތި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ލޮލުގައި އަޅައިގަތުމަށް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ.”

ހީނާވެސް ބުނިގޮތުގައި ފިލްމީ ޢާއިލާއަކަށް ނިސްބަތްވާ ނުވަތަ ދާއިރާގެ މަޝްހޫރު ފަރާތަކާއި ގުޅުމެއް އޮންނަ މީހަކާއި އެފަދަ ފަރާތަކާއި ގުޅުމެއް ނެތް މީހުންނާއި ދޭތެރޭ ތަފާތެއް އެބަހުއްޓެވެ.

“ސްޓާރުންގެ ދަރިން ނޫނީ ފިލްމީ ދާއިރާގެ މީހެއްގެ ގާތްތިމާގެ މީހެއް ވެއްޖެއްޔާ އެމީހުންނަށް ފުރުސަތުތަކެއް އެބައޮވޭ. އެމީހުންގެ އަދި ފިލްމެއް ދެ ފިލްމެއް ނާކާމިޔާބުވެގެން އެމީހުންގެ ކެރިއަރަކަށް އަސަރެއް ނުކުރާނެ. އެކަމަކު އަހަރެން ބޮޑު ފިލްމަކަށް ސޮއިކޮށް އެ ފިލްމު ނުހިނގައިފިއްޔާ ދެން އަހަރެންނަކަށް އިތުރު ފުރުސަތެއް ނުލިބޭނެ. ހަމައެކަނި ތަފާތަކީ އަހަރެމެންނަށް ދެވަނަ ފުރުސަތެއް ނުލިބޭއިރު އެމީހުންނަށް ފުރުސަތުތައް އޮހިއޮހި ހުންނަކަން.” ހީނާ ބުނެފައިވެއެވެ.

ހީނާ ޚާންގެ އެންމެ ފަހުގެ ފިލްމު “އަންލޮކް” ވަނީ މިއަދު ޒީ5 ގައި ރިލީޒްކޮށްފައެވެ. ހީނާގެ އިތުރުން ކުޝަލް ތަންޑަންއާއި ރިޝަބް ސިންހާ އަދި އަދިތީ އާރްޔާ މައިގަނޑު ރޯލުތައް ކުޅެފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ދެބަތުމާ މަންޑަލްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.