“ޑްރީމް ގާލް” ގެ ނަމުން މަޝްހޫރު ބޮލީވުޑް ބަތަލާ ހެމާ މާލިނީއަކީ ބޮލީވުޑްގެ އެންމެ ރީތި އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އެއް ތަރިއެވެ. ހެމާ، ފިލްމު ބަލާ އެތައް ބައެއްގެ ހިތް އަތުލީ ހަމައެކަނި އޭނާގެ ބުރުސޫރައިގެ ރީތިކަމަކުން ނޫނެވެ. އޭނާގެ އެކްޓިންގެ މޮޅުކަމަކީވެސް އޭނާގެ ފޭނުން އެތައް ގުނައަކަށް އިތުރުވި ސަބަބެކެވެ. އޭގެ ތެރޭގައި ބައެއް މަޝްހޫރު ތަރިންވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ތަރިން އޭނާއާއި ކައިވެނި ކުރަންވެސް ބޭނުންވިއެވެ. އޭގެ ތެރެއިން އެކަކަކީ ރާޖް ކުމާރެވެ.

ރާޖް ކުމާރާއި ހެމާ މާލިނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު “ލާލް ޕައްތަރް” އަކީ ފުރަތަމަ ހެމާ ކުޅެން ހަމަޖެހިފައިވާ ފިލްމެއް ނޫނެވެ. އެ ފިލްމު ފުރަތަމަ ކުޅޭގޮތަށް އޮތީ ވިޖަޔަންތިމާލާއެވެ. ނަމަވެސް ރާޖް ބޭނުންވީ ހެމާއާއެކު އެ ފިލްމު ކުޅޭށެވެ. ވިޖަޔަންތިމާލާއަކީ އެހާ މަޝްހޫރު ތަރިއަކަށް ވެފައި ހެމާއަކީ ފިލްމުތަކަށް ވަރަށް އާ މީހަކަށް ވުމުން ރާޖްގެ އެ ނިންމުމާމެދު ފިލްމު އުފެއްދި ފަރާތުން ވަރަށް ހައިރާންވިއެވެ. އަދި ރާޖްގެ އެދުމުގެ މަތިން ހެމާއަށް ފިލްމު ހުށަހެޅިއެވެ. ފުރަތަމަ ހެމާ އެ ފިލްމު ޤަބޫލެއް ނުކުރިއެވެ. ނަމަވެސް ރާޖް ވަރަށް ވާހަކަދައްކައިގެން ހެމާ ފިލްމަށް އެއްބަސްވިއެވެ.

ލާލް ޕައްތަރް (1971) ގެ ޕޯސްޓަރެއް

ފިލްމުގެ މަސައްކަތްކުރަމުން ދިޔައިރު ރާޖް ހެމާއާ ވަކިން ބޮޑަށް ގަޔާވިއެވެ. ފިލްމު ރިލީޒްކުރިތާ ކައިރީ ރާޖް ހެމާއަށް ކައިވެނި ހުށަހެޅިއެވެ. ނަމަވެސް ހެމާ އެކަމަށް އިންކާރުކުރިއެވެ. އަދި ރާޖްއަކީ އޭނަގެ “ޑައި ހާޑް ފޭން” އެއްގެ ގޮތުގައި ސިފަކުރިއެވެ. އެކަން ހިނގި ފަހުން މިއަދާ ހަމައަށްވެސް ރާޖް ކުމާރަކީ ހެމާއަށް އެންމެ ކަމުދާ ފިރިހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

1971 ވަނަ އަހަރު ނުކުތް “ލާލް ޕައްތަރް” އަށްފަހު ހެމާއާއި ރާޖް އެކުގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި “ކުދްރަތު”، “ރާޖް ތިލަކް”، “ޝަރާރާ” އަދި “މޮހައްބަތު ކެ ދުޝްމަން” ހިމެނެއެވެ.

ފަހުން އެތައް ބައެއްގެ ހިތް ހަލާކުކޮށްލާފައި ހެމާ ވަނީ މަޝްހޫރު އެކްޓަރ ދަރްމެންދުރައާއި 1979 ވަނަ އަހަރު ކައިވެނިކޮށްފައެވެ. އަދި އެ ކައިވެންޏަށް 2 އަންހެންކުދިން ލިބިފައިވެއެވެ. އެއީ ބަތަލާ އީޝާ ޑެއޯލްއާއި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އަހާނާ ޑެއޯލްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.