“ކަމެއް ކުރަން ބޭނުން ވަންޏާ ހިތްވަރާއެކު އެ ކަމެއް ކުރެވޭނެ ވިތު ޕޭޝަން.” މިއީ ‘ކޭކު ބައި ހަމް ޕޭޖް‘ގެ ބާނީ ކަމުގައިވާ އެންމެ ފަންސަވީސް އަހަރުގެ މަރްޔަމް ހަމްދާ އަބަދުވެސް ބުނާ އެއްޗެކެވެ. އެއީ އޭނާގެ ހިތުގެ ފުންމިނުން ބުނާ ބަސްތަކެކެވެ. އެ ބަސްތަކަކީ އޭނާ ކޭކު އަޅަން ދަސްކުރިއިރު އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށްޓަކައި އޭނާގެ އަމިއްލަ ނަފްސަށް ދޭ ނަސޭހަތުގެ ބަސްކޮޅެކެވެ.
މަރްޔަމް ހަމްދާ، އާންމު ނަމުންނަމަ ހަމް އަކީ މީހުންނާއި ގުޅޭ އެކުވެރި މަޖާ މިޒާޖެއްގެ މީހެކެވެ. ރައްޓެހިންގެ ތެރެއާއި ރަށުތެރެއަށް ހަމް މަޝްހޫރީ މޮޅަށް ކުރަހާ މީހެއްގެ ގޮތުގައެވެ. ހަމްގެ ސުކޫލު ދައުރުގައި އެއްޗެއް ކުރަހަން ޖެހުނަސް، ޕޯސްޓަރެއް ހަދަން ޖެހުނަސް ގިނަ ކުދިން ހަމްގެ އެހީއަށް އެދެއެވެ. ތަނެއް ޑެކަރޭޓު ކުރިއަސް މެއެވެ. ނަމަވެސް ފޮޓޯ ނެގިފައި ނުވާތީ ގިނަ މަސައްކަތްތައް ވަނީ ނެތިފައެވެ. ކޮންމެއަކަސް ހަމް އަކީ ތަފާތު ހުނަރުތަކެއްގެ ވެރިއެވެ.
2016 ވަނަ އަހަރުގައި ‘ބޭކް އަ ކޭކް’ ގެ ނަމުގައި އޮމަދޫގައި ކުރިއަށް ގެންދިޔަ ބޭސިކް އެންޑް އެޑްވާންސް ކޭކު ކޯސް ހަމް ސިފަކުރަނީ އޭނާގެ ކޭކު އެޅުމުގެ ކެރިއަރގެ ބިންގާ ކަމުގައެވެ. އެ ކޯސް ވެގެންދިޔައީ އޭނާގެ އަތުގައި ހިފި ނަސީބަކަށެވެ. އޭގެ ފަހުން ކޭކުއެޅުން ވެފައި ވަނީ ހަޔާތުގެ މުނިފޫހިފިލުވައިދޭ ބައިވެރިޔާ އަށެވެ.
ކޮންމެ އަކަސް ތުންތުން މަތިން ‘ކޭކު ބައި ހަމް ޕޭޖު’ގެ ވާހަކަ އަހަރެންގެ ކަންފަތަށް އިވޭތާ ގާތްގަނޑަކަށް ތިން އަހަރުވެދާނެއެވެ. އެ ޕޭޖު ބަލާލުމުގެ ޝައުގުވެރިކަން އުފެދުނީ ޖޫން 8 ވަނަ ދުވަހު ހަމަ ރަނގަޅަށްވެސް ހަމް އަޅާ ކޭކުގެ ޖާދޫގައި އަހަރެން ބަނދެވި ގައިދުވުމުންނެވެ. ވާނީވެސް އެހެންނެވެ. ކޭކުގެ ރީތިކަން ފެނިފައި ތަލިން ކުޅު ހިކުނެވެ. ކޭކުގެ ރަހަ ޖެހުމުން ކޭކުގެ މީރުކަމުގެ ޖާދޫގައި އަހަރެން ޖެހުނެވެ.
އެހެންކަމުން ހަމް އާއި މުނިއަވަސްގެ ފަރާތުން އިންޓަރވިއުކޮށްލީމެވެ.
އެންމެ ފުރަތަމަވެސް އަހާލާ ހިތްވަނީ ހާލު ކިހިނެއްހޭ؟
ހަމަ ވަރަށް ބަރާބަރު.
ކިހިނެއް މި ދާއިރަށް ވަދެވުނީ؟
އަބަދުވެސް މީހުން އަޅާފައި ހުންނަ ކޭކު ތައް ފެނޭ … ދެން ފަހުން މީހުން ކައިރީ އަހައިގެން އެއްޗެހި ބަލައިގެން ގޭގަ ކޭކު އަޅަން ފެށީ. ދެން ފަހުން ބޭސިކް އެޑްވާންސް ކޯސް ހެދީ. އެހިސާބުން ދެން އަސްލު ވަދެވުނީ ކޭކު އެޅުމުގެ ތެރެއަށް.
ކޮންކަހަލަ ކޭކެއްތޯ އެންމެ ގިނައިން އަޅަން ލިބެނީ އަދި އެންމެ ސަޕޯޓް ލިބެނީ ކޮންކަހަލަ ކޭކަކަށް ތޯ؟
ބަޓަރ ކޭކު، ޗޮކްލެޓް ކޭކު.
ދަރިފުޅު ގެންގުޅެމުން ކޭކު އަޅަން ކިހިނެއް ޓައިމް މެނޭޖް ކުރަނީ؟
އަސްލު ބުނަން، މިސާލަކަށް މާދަމާއަށް ބޭނުންވަންޏާ މިއަދު ބުނާށޭ. ވާހަކަ އަކީ އެއްދުވަސް ކުރިއަށް ބުނާށޭ އޭރަށް ރޭގަނޑު ކޭކު އަޅަން ބޭނުންވާ ސާމާނު ގަންނަނީ. އޭގެ އަނެއް ދުހު ކޭކު އެޅުމާއި އައިސިނގް އާ ދެންވެސް ޑެކަރޭޓިން އޮންނާނީ. އެއީ ޓައިމް މެނޭޖު ކުރާ ގޮތް.
މިދާއިރާއިން ދަރިފުޅު ފެނިދާނެތޯ؟ އެއްވެސް ޝައުގުވެރިކަމެއް ދަރިފުޅުގެ ހުރޭތޯ މިކަމަށް؟
ދަރިފުޅު ވަރަށް ގިނައިން ބުނާނެ ކޭކު އަޅާ ގަޑީގަ ކޭކު ގިރަން އަދި ޑެކަރޭޓް ކުރަން ދޭން. ދެން މަދުމަދުން ދެން ދަރިފުޅު އަތަށް. އޭނަގެ ހުރޭ ޝައުގު. އޭނަ ބޭނުން ދާއިރާ އަކުން ކުރިއަށް ދެވޭނެ.
ކޭކު އަޅަން ދަސްކުރަން މީހުން އެދޭތޯ؟ އަދި މީހުންނަށް ދަސްކޮށްދެންތޯ؟
އަދި ދަސްކޮށެއް ނުދެން. އެކަމަކު ކޯހެއް ހިނގަން ވިސްނުމެއް އެބަ އޮތް.
ކަސްޓަމާސް ގެ ފަރާތުން ލިބެނީ ކޮންކަހަލަ ފީޑްބެކްތަކެއް؟
އެންމެންވެސް ބުނާނެ ވަރަށް މީރުވެފައި ރީއްޗޭ. ހަމް ކޭކު ވިއްކަނީ ވަރަށް އަގު ހެޔޮކޮށޭ.
ކޭކު އެޅުން ފިޔަވައި އިތުރުކަމެއް ކުރަންތޯ؟
މިވަގުތު ނުކުރަން. އެކަމަކު ކުރިން ހެދުމުގަ މަލާއި އެކި އެއްޗެހި ކުރެހިން. އެކަަމަކު ހެދުމުގަ ކުރަހަދޭންވެސް މިހާރުވެސް ވަރަށް ގިނައިން މީހުން ބުނޭ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހެދުމުގަ ކުރަހަދޭން ފަށާން އެބަ ވިސްނަން.
ކިހާ ވަރެއްގެ ތަރުހީބެއް ލިބޭތޯ؟
ވަރަށް ލިބޭ އޯޑާރސް އެކަމަކު ކުއްލިއަކަށް އެދުވަހުން އެދުވަހަށް ބެނުންވާ އޯޑާރސް ލިބޭތީ ނުނަގަން. އެއީ އަސްލު ހަމްގެ ކޮލިޓީ އެގޮތަށް ކޭކުތަކުން ނުފެނިދާނެތީ. އެކަމަކު މިހާރުވެސް ގިނަވާނީ އެ ގެގޮތަށް އަޅާ ކޭކު.
ކޮންކަހަލަ އޮކޭޝަނަކަށްތޯ އެންމެ ގިނައިން އޯޑާރސް ލިބެނީ؟
ވެޑިން ކޭކަށް. ދެން އެކި ސެލެބްރޭޝަންތަކަށް. ބާރތްޑޭ ކޭކަށް ވަރަށް ގިނައިން އޯޑާރސް ލިބޭ. އެކަމަކު ބާރތްޑޭ އޯޑާރސް ނުނަގަން މިހާރު.
ކީއްވެ ބާރތްޑޭ ކޭކު ނާޅަނީ؟
އުފަންދުވަސް ފާހަގަ ކުރުން އެއީ ރަނގަޅު ކަމަކަށް ނުވާއިރު އެކަން ކުރަން އެއްވެސް ތަރުހީބެއް ލިބޭ ކަހަލަ ކަމެއް ކުރަން ބޭނުން ނުވާތީ ހުއްޓާލީ. ކިތަންމެ އަޅަން ބޭނުންވިޔަސް ހުއްޓާލީ.
ކޭކުގެ އަގުތައް ކިހިނެއް އުޅެނީ؟
އެކި ކޭކު އުޅެނީ އެކި އަގުގަ. ދެން 200 އާ 3000 އާ ދެމެދުގަ އާންމުކޮށް އުޅޭނީ. ދެން އިތުރު މައުލޫމާތު ކޭކް ބައި ހަމް ޕޭޖަށް މެސެޖު ކުރުމުން ލިބޭނެ.
މުނިއަވަސް އާ ދޭތެރޭ ދެކެނީ ކިހިނެއް؟
މުނިއަވަސްގަ ހުންނަ އާޓިކަލްތައް ވަރަށް ކިޔާހިތްވޭ. ވަރަށް ތަފާތު އާޓިކަލްސް ހުރޭ. ދެން މިފުރުސަތުގަ މުނިއަވަސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، މި ފުރުސަތު ދިނީމަ.
ހަމްގެ ކޭކުތަކުގެ ފޮޓޯ ފެނުމުން ކުޅު ދިޔާވެއްޖެ ދޯއެވެ؟ ހަމް ގެ ކޭކުތައް ވަރަށް ތަފާތު ދޯއެވެ. އެންމެ ފަހަރަކު ރަހަ ބެލިއްޖެނަމަ ދެވަނަ ފަހަރަށްވެސް ބޭނުންވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
Masha allah… 👏👏👏❤❤❤
Ham ge cake v meeru.