އިސްލާމްދީނުގެ ޢަދުއްވުން މި ރިވެތި ދީނާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ޓަކައި، ނުވަތަ މި ލޮބުވެތި ދީނުގެ ކަރާމާތް ނަގާލާ ނަން ކިލަނބު ކުރުމަށް ޓަކައި އަބަދުވެސް ފަތުރަމުންދާ އެއް ވާހަކައަކީ އިސްލާމްދީނުގައި އަންހެނުންނާ ފިރިހެނުން ހަމަހަމަ ނޫން ވާހަކައާއި، އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެފައިވާ ވާހަކައާއި، އަންހެނުން ނިކަމެތިކޮށްލާފައިވާ ވާހަކައެވެ.
ދަންނަވަންތޯއެވެ. އަންހެނުންނާ ފިރިހެނުންނަކީ އެއްވެސް ގޮތަކުން ހަމަހަމަ ވާނެ ބައެއް ނޫނެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى އަންހެނުންނާ ފިރިހެނުން އުފައްދަވާ ދެ ޖިންސަށް ވެސް ވަނީ ވަކި ޒިންމާތަކެއް މަތިކުރައްވާފައެވެ. ދެ ޖިންސަށް ވެސް ވަނީ ޚާއްޞަ ކަންތައްތަކެއް ކަނޑައަޅުއްވާފައެވެ. ވަކި ޖިންސަކަށް ޚާއްސަ ކުރައްވާފައިވާ ކަމެއް އަނެއް ޖިންސަކަށް ނެތުމަކީ އެއްވެސް ޙާލެއްގައި ނިކަމެެެެެެތި ވުމެއް ނޫނެވެ. ބައެއް ކަންކަމުގައި ފިރިހެނުން ބާރުވެރި ކުރައްވާފައިވާ ފަދައިން އަނެއްބައި ކަންކަމުގައި އަންހެނުން ވެސް ވަނީ ބާރުވެރި ކުރައްވާފައެވެ.
މާތް ﷲ سُبْحَانَهُ وَتَعَالَى އުފައްދަވާފައިވާ މަޚުލޫޤުންތަކުގެ ތެރެއިން އިންސާނުން ވަނީ މާތް ކުރައްވާފައެވެ. މި މާތް ކުރެއްވުމުގައި ދެ ޖިންސު ވެސް ހަމަހަމަ ވެގެންވެއެވެ. ޙުކުމުތަކާއި، ޘަވާބާއި، އަޛާބު ދެއްވުމުގައި ދެ ޖިންސު ހަމަހަމަ ވެގެންވެއެވެ.
މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. (އަލް އިސްރާ ސޫރަތުގެ 70 ވަނަ އާޔަތް)
ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީކުރައްވާފައިވާ އެހެން އާޔަތެއްގައި ވެއެވެ.
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةًۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. (ސޫރަތުލް ނަޙުލުގެ 97 ވަނަ އާޔަތް)
މުޖުތަމަޢެއް ބިނާކުރުމުގައި ދެ ޖިންސުގެ މީހުންގެ ވެސް ޒިންމާތަކެއް ވަނީ ލައްވާފައެވެ. ފިރިހެނުންނާއި އަންހެނުން ހައްދަވާފައި ވަނީ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިންގެ ގޮތުގައެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (ސޫރަތުލް ތަޢުބާގެ 71 ވަނަ އާޔަތް)
އަންހެނުންގެ ޙައްޤުތަކޭ ކިޔައިގެން އިސްލާމްދީނަށް އިނގިލި ދިމާކުރާ އިރު، ޖާހިލިއްޔަތުގެ ޒަމާނުގައި އަންހެނުންގެ ޙާލަތު ބަލާލުމަކީ ވަރަށް މުހިންމުކަމެކެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބައެއް ނޫނެވެ. އަންހެނުންނާ މެދު ދެކެމުން ދިޔައީ ބާޒާރުގައި ވިއްކާލަން ގެންގުޅޭ އަޅުންގެ ގޮތުގަ އެވެ. ނުވަތަ ޖިންސީ ޣަރީޒާ ފުއްދުމަށް ލައްވާފައިވާ މަޚްލޫޤެއްގެ ގޮތުގައެވެ. ފިރިމަރުވެފައިވާ އަންހެނުންނަކީ ވާރުތަ މުދާގަނޑެއްގެ ގޮތުގައި އެބައިމީހުން ދެކެމުންދިޔައެވެ. މީގެ އިތުރުން ވާރުތަ މުދަލުގެ ޙައްޤުވެރިންނަކީ ހަމައެކަނި ފިރިހެނުން ކަމުގައި އެބައިމީހުން ދެކެއެވެ. އެބައިމީހުންނަށް އަންހެން ކުއްޖަކު ލިބިއްޖެނަމަ އެބައިމީހުން ދެކެނީ ބަދުނަސީބެއްގެ ގޮތުގައެވެ. އަންހެން ދަރިން ލިބިއްޖެނަމަ، އެބައިމީހުން ދިޔައީ ދިރިތިއްބާ އެ މައުސޫމު ތުއްތު ކުދިން ވަޅުލަމުންނެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ سُبْحَانَهُ وَتَعَالَى ވަޙީކުރައްވާފައިވެއެވެ.
وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ. يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِۗ أَلَا سَآءَ مَا يَحْكُمُونَ.
އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ. (ސޫރަތުލް ނަޙުލުގެ 58 އަދި 59 ވަނަ އާޔަތް)
ނަމަވެސް މާތްވެގެންވާ އިސްލާމްދީނުގައި ކަނބަލުންނަށް ވަނީ މަތިވެރި ދަރަޖައެއް ދެއްވާފައެވެ. ކަނބަލުން ރައްކާތެރިކުރައްވާ ޢަދުލުވެރިކަން ވަނީ ޤާއިމުކުރައްވާފައެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَۚ نَصِيبًا مَّفْرُوضًا .
މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ. (ސޫރަތުލް ނިސާގެ 7 ވަނަ އާޔަތް)
ފިރިމީހާ އަށް އަނބިމީހާ އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ވާފަދައިން ފިރިމިހާ އަނބިމީހާ އަށް ވެސް އަދާކުރަަން ޖެހޭ ޙައްޤުތަކެއް ވާކަން ބަޔާންކޮށް މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ.
އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. (ސޫރަތުލް ބަޤަރާގެ 228 ވަނަ އާޔަތް)
މާތް ﷲ سُبْحَانَهُ وَتَعَالَى އަންހެނުންނަށް ވަނީ ވަރަށް މަތިވެރި ނިޢުމަތެއް ދެއްވާފައެވެ. ކޮން ނިޢުމަތެއް ތޯއެވެ؟ އާދެ! އެއީ ދަރިމައިވުމުގެ މަތިވެރި ނިޢުމަތެވެ. މައިވަންތަކަމުގެ ނިޢުމަތެވެ. މައިންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖައެއް ދެއްވާފައިވާ ބައެކެވެ. ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ ހަދީޘްފުޅުން މިކަން ހާމަވެގެންދެއެވެ.
އިމާމް އަބޫ ހުރައިރާ رَضِيَ ٱللّٰهُ عَنْهُ ރިވާކުރައްވާފައިވެއެވެ.
ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ؟” ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ.” އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ.” އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ.” އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ؟” ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ ބައްޕަ އަށެވެ.”
(ސަޙީޙް އަލް ބުޚާރީ: 5626 އަދި ސަޙީޙް މުސްލިމް: 2548)
އިސްލާމްދީނުގައި ބަސްބުނުމުގެ ޙައްގު ވަނީ ކަނބަލުންނަށް ދެއްވާފައެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ގެ މަގަށް ގޮވާލާ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމަށް އެންގެވިއެވެ. ވިޔަފާރި ކުރުމުގެ ޙައްޤު ދެއްވިއެވެ. ވާރުތަ މުދާ ލިބުމުގެ ޙައްޤު ދެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްޤު ދެއްވިއެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްޤު ދެއްވިއެވެ. އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން ވަނީ މަނާކުރައްވާފައެވެ.
އިސްލާމްދީނުގެ މަތިވެރި ރިސާލާތާއިގެން އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وعلى آله وسلم ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނީ ހުރިހާ ޒަމާނަކާއި، ހުރިހާ ތަނަކާއި، ހުރިހާ ވަގުތަކަށް އާންމުވެ ޝާމިލްވެގެންވާ ގޮތުގައެވެ.
އަޅުގަނޑުމެން އިންސާނުންނަށް ލިބެންޖެހޭ ހުރިހާ ޙައްޤެއް އެ ލިބެންވާ މިންވަރަށް މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ ދެއްވާފައެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ކާއިނާތުގެ ވެރި މާތް ﷲ سبحانه وتعالى އެވެ. އެކަލާނގެ ބާވާލެއްވި ޝަރީޢަތުގައިވާ ހުރިހާ ޙުކުމުތަކަކީވެސް އެންމެ ފުރިހަމަ އަދި އެންމެ ރިވެތި ޙުކުމުތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމުތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމުތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކުމަތް ވިސްނައި ނުގަނެވިދާނެއެވެ. އެއީ އެކަލާނގެ ބާވާލެއްވި ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ ނިކަމެތި އިންސާނާގެ ބުއްދީގައިވާ އުނިކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި