ކޮންމެ ޖުމުލައެއްވެސް އުފެދިފައިވަނީ ބަސްތަކަކުންނެވެ. ބަހަކީ، ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އެޤައުމެއްގެ ޤައުމީ ވަންތަކަން ދައްކުވައިދޭ އެއް ނިޝާނެވެ. މިގޮތުން ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށްއުޅޭ ހުރިހާ ލަފުޒުތަކެއް، އެއް ފޮތަކަށް ޖަމާކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެންކަމުން މި މަޒުމޫނުގައި މިބަލައިލަނީ ބަހެއްގެ ޖުމުލައިގައި ހިމެނޭ ފްރޭޒް އާއި ކްލޯޒް އަދި ސެންޓެންސް އަކީ ކޮބައިކަމުގެ މައްޗަށެވެ. މިގޮތުން ޖުމުލައިގެ އޮނިގަނޑަށް ބަލައި ތަފާތު ޖުމުލަތައް ފާހަގަކުރުމަށް މިމަޒުމޫނުގައި އިސްކަންދީފައިވާނެއެވެ. އަދި ނެގުނު ޖުމުލަތައް އެއްކުރުމަށްފަހު ޖުމުލަތައް އެނަލައިޒްކޮށް، އެޖުމުލަތަކުގައި ހިމެނޭ ކްލޯޒްތަަކަށް ބަލައި ޖުމުލައިގެ ވައްތަރު ކަނޑައަޅައިދީފައިވާނެއެވެ. މިގޮތުން ދިރާސާކުރި ޖުމުތަކަށްބަލައި ދިވެހި ބަހުގެ ޖުމުލައިގެ ވައްތަރުތަކާއި ޖުމުލައިގެ ވައްތަރު ކަނޑައެޅުމުގައި ކްލޯޒާއި ފްރޭޒް އަދާކުރާ ދައުރުތައް ދެނެގަނެ ފުރިހަމަ ބަހުސެއް މިމަޒުމޫނުގައި ހުށަހަޅައިދޭނަމެވެ.
ފްރޭޒް (މައިގަނޑު)
ފުރޭޒް ނުވަތަ މައިގަނޑަކީ ޖުމުލައިގެ ބަހާތަކުގެ ތެރެއިން، އިސްބަޔާއި ޚަބަރު ނުހިމެނޭ ގޮތަށް ޖުމްލައިގައި ހިމެނޭ ލަފުޒުތަކުގެ ތެރެއިން ލަފުޒެއްކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. އަދި މިއީ ޖުމުލައެއް އުފެއްދުމަށް ބޭނުންވާ އެންމެ މުހިންމު ބަހާތައް ކަމަށްވެސް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. ޢާއްމުގޮތެއްގައި ޖުމްލައެއް އުފެދެނީ ނަމުގެ މައިގަނޑާއި ކަމުގެ މައިގަނޑެއް އެކުވެގެންނެވެ. އެހެންނަމަވެސް ދިވެހިބަހުގެ ނަމުގެ ޖުމުލައަކަށް ބަލައިފިނަމަ، ފެންނާނީ ނަމުގެ ދެ މައިގަނޑު ނުވަތަ އެއަށްވުރެ ގިނަ ނަމުގެ މައިގަނޑު އެކުވެގެން އުފެދިފައިވާ ޖުމުލަތަކެއްކަމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (2011) ވިދާޅުވެއެވެ.
ނަމުގެ މައިގަނޑަކީ އެ ޖުމްލައެއްގައި ކަމެއް ނުހިމެނޭ ކޮންމެ ޖުމްލައެކެވެ. ނުވަތަ ނަމުގެ މައިގަނޑުގައި ހިމެނޭ ނަމެއް ނުވަތަ ވަޒީފާ އަދާކުރާ އެހެނިހެން ލަފުޒުތަކާއެކުގައި ވާ ލަފުޒުތަކެވެ. މިސާލަކަށް: އެ މީހާ އަހަރެން ފަހަތުން ދުވަނީއެވެ. މިޖުމުލައިގައި ”އެ މީހާ އަހަރެން” މިއީ ނަމުގެ މައިގަނޑެވެ. ކަމުގެ މައިގަނޑުގައި ހިމެނެނީ ކަން އަދި ކަމާއެކުގައި ހިމެނޭ އެހެނިހެން ލަފުޒުތަކެވެ. މިސާލަކަށް: އެ މީހާ އަހަރެން ފަހަތުން ދުވަނީއެވެ. މިޖުމުލައިގައި ” ފަހަތުން ދުވަނީއެވެ.” މިއީ ކަމުގެ މައިގަނޑެވެ.
ކޮންމެ ބަހެއްގައިވެސް ތަފާތު މައިގަނޑުތައް ހުރެއެވެ. މިގޮތުން ދިވެހި ބަހުގައިވެސް ތަފާތު މައިގަނޑުތައް ހިމެނޭކަމަށް ހުސައިން ރަޝީދު އަޙްމަދު (1999) ވިދާޅުވެއެވެ. މީގެތެރޭގައި ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެ ނަން، މަސްދަރު، އިތުރު، އަކުރު، ނަމުގެ މައިގަނޑު (ނމ)، ކަމުގެ މައިގަނޑު (ކމ)، ނަންއިތުރުގެ މައިގަނޑު (ނއމ)، ކަންއިތުރުގެ މައިގަނޑު (ކއމ)، ނަންއިތުރުގެ ނަމުގެ މައިގަނޑު (ނއނމ)، މަސްދަރުގެ މައިގަނޑު (މމ)، އިތުރުގެ މައިގަނޑު (އތމ)، އަދި އަކުރުގެ މައިގަނޑު (އމ) ހިމެނެއެވެ.
ކްލޯޒް (ބަސްކޯޅި)
ކްލޯޒް ނުވަތަ ބަސްކޯޅި އަކީ އިސްބަޔަކާއި ޚަބަރެއް އެކުލެވޭގޮތަށް ގުޅިފައިވާ ލަފުޒުތަކެވެ. ބަސްކޯޅީގެ ތައާރަފުގައި އެޑްވަރަޑް ފިނެގަން (2008) ވިދާޅުވަނީ އެއީ ރެފަރިން އެކްސްޕްރެޝަނަކާއި، ޕްރެޑިކޭޝަނެއް އެކުލެވިގެންވާ ގަވައިދުގެ ޔުނިޓެއް ކަމަށެވެ. އިސްބަޔަކީ ސިންޓެކްސް އިލްމުގައި ބުނެފައިވާ ބަސްކޯޅި ގެ ރެފަރިން އެކްސްޕްރެޝަނެވެ. އަދި ޚަބަރަކީ ސިންޓެކްސް އިލްމުގައި ބުނާ ބަސްކޯޅި ގެ ޕްރެޑިކޭޝަނެވެ. އެހެނީ ރެފަރިން އެކްސްޕްރެޝަނަކީ އެއާ މެދު އެއްޗެއް ބުނެވޭ ބައިކަމަށާއި ޕްރެޑިކޭޝަނަކީ ރެފަރިން އެކްސްޕްރެޝަނާ މެދު ދެވޭ މައުލޫމާތުކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. އަދި މި ދެ ބައި (ރެފަރިން އެކްސްޕްރެޝަނާއި، ޕްރެޑިކޭޝަން) އެކުވެގެން އުފެދޭ ބަސްކޯޅީގައި އޮންނާނީ އެންމެޚިޔާލެއް ނުވަތަ ބުނުމެއް ކަމަށް ޑޭވިޑް ކްރިސްޓަލް (2005) ވިދާޅުވެއެވެ. އެހެންކަމުން އިނގިރޭސި ބަހުގައި ސިންޓެކްސް އިލްމުގައި ބަލާ ބަސްކޯޅި އުފެދިފައި ހުންނަނީ އިސްބަޔާއި ޚަބަރުން ކަން އެނގެއެވެ. އަދި އިނގިރޭސި ބަހުގައި ކޮންމެ ބަސްކޯޅިއެއްގައި ކަމެއް ހިމެނޭނެއެވެ. މިގޮތުން އޭ.އާރު.ދާވޫދު (1987) ބަޔާންކޮށްފައިވާ ގޮތުގައި ބަސްކޯޅީގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ އިންޑިޕެންޑެންޓް (މިނިވަން) ބަސްކޯޅި އާއި ޑިޕެންޑެންޓް (ބަރޯސާވާ) ބަސްކޯޅި ކަމަށެވެ.
މިނިވަން ބަސްކޯޅިއަކީ ވަކިން އޮންނަ އިރު އެއިން ފުރިހަމަ މާނައެއް ދޭހަވާ ބަސްކޯޅިއެވެ. މިފަދަ ބަސްކޯޅީގައި ފުރިހަމަ ހަރަކާތެއް އެކުލެވެއެވެ. ދިވެހި ބަހުގައި ނަމަ ނަމުގެ ޖުމުލައިގައި ފުރިހަމަ ހަރަކާތެއް ހިނގާފަދަ ކަމުގެ ލަފުޒެއް ނުހިމެނެއެވެ. ނަމަވެސް އިތުރު އެހެންބަޔަކާއި ނުލައި، އެބަސް ކޯޅިން ފުރިހަމަ މާނައެއް ދޭހަވާ ނަމަ ، ދިވެހި ބަހުގައި ބަސްކޯޅިއެއް ކަމުގައި ބެލެވިދާނެކަމަށް ޢަބްދުﷲ ޞާދިގު (1995) ވިދާޅުވެއެވެ. މިސާލަކަށް: ހުމާމް ޖަލަށްލީ ފުލުހުންނެވެ. މާދަމާ އަލިބެ އަންނާނެއެވެ.
ބަރޯސާވާ ބަސްކޯޅިއަކީ އެއިން މާނަ ދޭހަކުރުމަށްޓަކައި އެހެން ބަސްކޯޅިއަކަށް ބަރޯސާވާ ބަސްކޯޅިއެވެ. މިސާލަކަށް: އަހަރެންނަށް އޮފީހަށް ދެވުނީ ގަޑިޖެހުނު ފަހުންނެވެ. މި ޖުމުލައިގައި ” އަހަރެންނަށް އޮފީހަށް ދެވުނީ” މިއީ މިނިވަން ބަސްކޯޅި (މބކ) އެކެވެ. ”ގަޑިޖެހުނު ފަހުންނެވެ.” މިއީ ބަރޯސާވާ ބަސްކޯޅި (ބވބކ) އެކެވެ. މިގޮތުން އެޑްވަރަޑް ފިނެގަން (2008) ވިދާޅުވަނީ ޑިޕެންޑެންޓް (ބަރޯސާވާ) ބަސްކޯޅި، އިތުރު ދެބަޔަކަށް ބެހޭ ކަމަށެވެ. އެއީ މެޓްރިކް ކްލޯޒް (އެހީވާ ބަސްކޯޅި ) އާއި އެމްބަޑެޑް ކްލޯޒް (ބާރުދޭ ) ބަސްކޯޅިއެވެ.
އެހީވާ ބަސްކޯޅި އާއި ބާރުދޭ ބަސްކޯޅި ވަކިން އޮންނަ އިރު އެއިން ފުރިހަމަ މާނައެއް ދޭހަނުވާން މެދުވެރިވާ ސަބަބަކީ އެ ބަސްކޯޅި އާއި ގުޅާލެވިފައި އޮންނަ ސަބޯޑިނޭޓަރސް (ގުޅުން ދޭހަކޮށްދޭ އަކުރުތައް) ކަމަށް ވެސް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. ހަމައެއާއެކު ބަސްކޯޅިތަކަކީ ޖުމުލައިގެ އެއް ވައްތަރު އަނެއް ވައްތަރާއި ތަފާތުވުމުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބު ކަމަށް ޑޭވިޑް ކްރިސްޓަލް (2005) ވިދާޅުވެއެވެ. މިގޮތުން އިނގިރޭސި ބަހުގައިނަމަ، ކޮންމެ ބަސްކޯޅިއެއްގައި ކަމެއް ހިމެނެއެވެ. ނަމަވެސް ދިވެހިބަހުގައި މިހެން ވާކަށް ލާޒިމެއް ނޫންކަމަށް ހުސައިން ރަޝީދު އަހުމަދު (1995) ވިދާޅުވެފައިވެއެވެ.
ސެންޓެންސް (ޖުމުލަ)
ސެންޓެންސް ނުވަތަ ޖުމުލައަކީ އެއް ލަފުޒަށް ވުރެ ގިނަ ލަފުޒު އެކުވެގެން، އެ ލަފުޒުތަކުން ފުރިހަމަ މާނައެއް ދޭހަވާ ނަމަ އެއީ ޖުމުލައެއްކަމަށް ހުސައިން ރަޝީދު އަހުމަދު (1999) ވިދާޅުވެއެވެ. މީގެއިތުރުން މީހަކާމެދު، އެއްޗަކާމެދު، ތަނަކާމެދު، ވަގުތަކާމެދު، ނުވަތަ ކަމަކާމެދު ފުރިހަމަ މާނައެއް ދޭހަވާގޮތަށް އަތުރާލެވިފައިވާ ލަފުޒުތަކަކީ ވެސް ޖުމުލައެއްކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (2004) ގައި ބަޔާންކޮށްފައިވެއެވެ. އަދި ޖުމުލައަކީ އެއިން ފުރިހަމަ މާނައެއް ދޭހަވާ އެއްޗެއް ކަމަށް ދިވެހި ބަހުގެ ޤަވައިދު ފޮތްތަކުގައި ބުނެފައިވެއެވެ. މިގޮތުން މުހަންމަދު ޖަމީލު (1979) ލިޔުއްވާ ގޮތުގައި ފުރިހަމަ މާނައެއް ދޭހަވާގޮތަށް އަތުރައިލެވޭ ބަސްތަކަކަށް ނުވަތަ ލަފުޒުތަކަކަށް ޖުމުލައޭ ކިޔައެވެ. ހަމައެއާއެކު ގޮތުގައި ވުމާއެކު މި ހުރިހާ ތައާރަފުތަކުން އެނގުނު ގޮތުގައި ޖުމުލައެއް ނަމަ އެއިން ފުރިހަމަ މާނައެއް ދޭހަވާންޖެހޭނެއެވެ. ފުރިހަމަ މާނައެއް ދޭހަނުވާ ނަމަ ޖުމުލައަކަށް ނުވާނެއެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (2004) ގައި ބަޔާންކޮށްފައިވާގޮތުގައި ޖުމުލަ އުފެދިފައި ހުންނަނީ އިސްބަޔަކާއި ޚަބަރެއް ގެ މައްޗަށެވެ. މިކަން ބަޔާންކުރައްވަމުން މުހަންމަދު ޖަމީލު (1979) ލިޔުއްވާފައިވާ ގޮތުގައި ޖުމުލައެއްގައި ނަމަ މައިގަނޑު ދެބައެއް އޮންނާނެއެވެ. އެއީ އިސްބަޔާއި ޚަބަރެވެ. އިސްބަޔަކީ އެއާ މެދު ޖުމުލައިގައި އެއްޗެއް ބުނެވިފައިވާ ބައެވެ. އަދި ޚަބަރަކީ އިސްބަޔާ މެދު ބުނެފައިވާ ބުނުމެވެ. ނުވަތަ ދެވިފައިވާ މައުލޫމާތެވެ (ދބތޚޤމ،2004). މިގޮތުން ޖުމުލައިގެ މިސާލެއްގެ ގޮތުން އެފަރާތުން ދެއްވާފައިވާ މިސާލަކަށް ބަލައިލާނަމެވެ. “މިއީ މަގޭ ފަންސުރެވެ” މިއީ ޖުމުލައެކެވެ. މި ޖުމުލައިގައި އިސްބަޔަކީ “މިއީ” ކަމަށް ބަޔާންކޮށްފައިވެއެވެ. ޚަބަރަކީ “މަގޭ ފަންސުރެވެ”. އެހެންކަމުން އިސްބަޔާ ޚަބަރެއް އޮތުމުން މި ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ޖުމުލައެއްކަމަށް ދބތޚޤމ،(2004) ގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ހުސައިން ރަޝީދު އަހުމަދު (1999) ވިދާޅުވާ ގޮތުގައި ޖުމުލައިގެ އިސްބަޔާއި، ޚަބަރު ވަކިކުރާނެ ނިޝާންތަކެއް ހުރެއެވެ. ބަލާނެ މިންގަނޑުތަކެއް ހުރެއެވެ. މިގޮތުން ޖުމުލައެއްގެ އިސްބައި ގައި އަބަދުވެސް އޮންނާނީ ނަމެއް ކަމަށް ހުސައިން ރަޝީދު އަހުމަދު (1999) ލިޔުއްވައެވެ. އިތުރަށް ތަފްސީލުކޮށް ދެއްވަމުން ވިދާޅުވެފައި ވަނީ އިސްބައިގައި ނަމެއް، ނުވަތަ ނަމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒުތަކެއް، ނުވަތަ މަސްދަރެއް (ކަމަކަށް ކިޔާ ނަމެއް) ވެސް އޮވެދާނެ ކަމަށެވެ. ޖުމުލައިގެ ޚަބަރާމެދު ހުސައިން ރަޝީދު އަހުމަދު (1999) ވިދާޅުވަނީ ޚަބަރަކީ އިސްބަޔާމެދު ދެވިފައިވާ މައުލޫމާތު ކަމަށް ވުމުން ޖުމުލައިގެ ޚަބަރުގައި އޮންނާނީ ކަމެއް، ނުވަތަ ކަމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒުތަކެކެވެ. އެހެންނަމަވެސް ދިވެހި ބަހުގައި “ކަން” ހިމެނިފައި ނުވާ ޖުމުލަ (ޒަމާން ދޭހަކޮށް ނުދޭ) “ނަމުގެ” ޖުމުލަވެސް ހުން ނާތީ ނަމުގެ ޖުމުލައިގެ ޚަބަރުގައި “ކަމެއް ” ނެތި ވެސް ހިނގައިދާނެ ކަމަށް މުހަންމަދު ޖަމީލު (1979) ލިޔުއްވައެވެ. ވުމާއެކު މި ހުރިހާ ވާހަކަތަކުން ވެސް އެނގިގެންދިޔައީ ޖުމުލައެއްގައި މައިގަނޑު ދެބައި އޮންނަ ކަމެވެ. އެއީ އިސްބަޔާއި، ޚަބަރެވެ. އިސްބައިގައި އޮންނާނީ ނަމެއް، ނުވަތަ ނަމެއް ދޭހަކޮށްދޭ ލަފުޒުތަކެވެ. އަދި ޚަބަރުގައި އޮންނަނީ ނަމެއް، ނުވަތަ ކަމެއް ދޭހަކޮށްދޭ ލަފުޒެއް ނުވަތަ ލަފުޒުތަކެކެވެ.
ޖުމުލައިގައި މިދެންނެވި ބައިތައް ގުޅިގެން އަންނަނީ ވަކި ތަރުތީބަކުން ވަކި އުސޫލަކުންކަމަށް ދބތޚޤމ (2004) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޖުމުލައިގެ ބައިތައް ގުޅުވުމަށް ވަކި ކަހަލަ ފާހަގަތަކެއް ބޭނުންކުރެއެވެ. އެއީ ބަހުގައި ހުންނަ އަކުރު (ވަކިން އޮންނައިރު މާނަ ދޭހަނުކުރެވޭ ލަފުޒު) ތަކެއްކަމަށް ޢަބްދުﷲ ޞާދިގ (1995) ވިދާޅުވެއެވެ. މީގެ ތަފްސީލުގައި ވިދާޅުވަނީ ބައެއް އަކުރުތަކަކީ ޖުމުލައިގެ އެއް ލަފުޒު، އަނެއް ލަފުޒާއި ގުޅުވައިދޭ އަކުރުތަކެވެ. އަނެއްބައި އަކުރުތަކަކީ ޖުމުލައިގައި ހިމެނޭ ކަންކުރާ އާއި، ކަމާއި ގުޅުވައިދޭ އަކުރުތަކެވެ. މިކަން ބަޔާންކޮށް ދބތޚޤމ (2004) ވިދާޅުވަނީ ޖުމުލައިގައި ބޭނުންކުރެވޭ އަކުރުތައް ހަތަރު ބަޔަކަށް ބެހޭ ކަމަށެވެ. އެއީ ގުޅުން ދޭހަކޮށްދޭ އަކުރާއި، ގުޅުވާ އަކުރާއި، ފުރިހަމަކޮށްދޭ އަކުރުގެ އިތުރުން، ތަނާއި ޒަމާނުގެ އަކުރެވެ. މިއިން ކޮންމެ ވައްތަރެއްގެ އަކުރަކީ ވެސް ޖުމުލައިގެ މާނަ ބަދަލުކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިސާލުގައި ވިދާޅުވެފައި ވަނީ “ނަމަވެސް، ވެސް، އިރު” މި ފަދަ އަކުރުތަކަކީ ޖުމުލައިގެ އެއްބައި އަނެއް ބަޔާއި، ގުޅުވައިދޭ އަކުރުތަކެއް ކަމަށެވެ. މީގެއިތުރުން ހުސައިން ރަޝީދު އަހުމަދު (1999) ވިދާޅުވަނީ ޖުމުލައިގެ ބައިތައް ގުޅުވުމަށް ބޭނުންކޮށްފައި ހުންނަ އަކުރުތަކުގެ ތެރެއިން “އީ، އަކީ” މި އަކުރުތަކަކީ ޖުމުލައިގެ އިސްބަޔާއި ޚަބަރު ގުޅުވައިދޭ އަކުރުތަކެވެ. ހަމައެއާއެކު “މުން، ގެން ފައި، ޓަކައި” މިފަދަ އަކުރުތަކަކީ ޖުމުލައިގެ އެއްބައި އަނެއްބަޔާ ދެމެދު ހުރި ގުޅުން ދައްކުވައިދޭ އަކުރުތަކެއް ކަމަށް އަބްދުﷲ ޞާދިގު (1995) ވިދާޅުވެއެވެ. އެހެންކަމުން މިކަމުން އެނގިގެން ދިޔައީ ޖުމުލައިގައި ހިމެނޭ ބައިތައް އެއްބައި އަނެއް ބަޔާއި، ގުޅުވުމަށް ވަކި ކަހަލަ އުސޫލުތަކަކާއި، ފާހަގަތަކެއް ބޭނުންކުރެވޭ ކަމެވެ.
އެޑްވަރަޑް ފިނެގަން (2008) ބަޔާންކޮށްފައިވާ ގޮތުގައި އޮނިގަނޑު ގެ ގޮތުން ބަލާއިރު ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލަ (ސިމްޕަލް ސެންޓެންސް) އާއި، ކޯނި ޖުމުލަ (ކޮމްޕްލެކްސް ސެންޓެންސް) އާއި އެކުވި ޖުމުލަ (ކޯޑިނޭޓްސެންޓެންސް) އެވެ. އެހެންނަމަވެސް ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި (މިސާލަކަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ، 2004) ގައި ބަޔާންކޮށްފައިވަނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުންނަނީ ދެ ވައްތަރެއްގެ ޖުމުލަ ކަމަށެވެ. އެއީ ސާދާ ޖުމުލަ އާއި ކޯނި ޖުމުލައެވެ. އޮނިގަނޑުގެ ގޮތުން ބަލާއިރު މި ދެ ވައްތަރު ނޫން، އެހެން ވައްތަރެއްގެ ޖުމުލަ ދިވެހި ބަހުގައި ހުންނަ ކަމަކަށް ދިވެހި ބަހުގެ އެހެން ގަވައިދު ފޮތެއްގައި ބުނެފައިވާ ކަމަކަށް ނުފެނުނެވެ. އެހެންނަމަވެސް ދިވެހި ބަހުން ލިޔެއުޅޭ ފަހުގެ ބައެއް ލިޔުންތެރިން ދިވެހި ބަހުގައި އެކުވި ޖުމުލަ ހުންނަކަމަށް ވެސް ލިޔެފައި ހުރެއެވެ. މިގޮތުން އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (2011) ލިޔުއްވާފައިވާ ގޮތުގައި ، ދިވެހި ބަހުގައި ވެސް ކުރިން މިދެންނެވި ތިން ވައްތަރުގެ ޖުމުލަ ހުރެއެވެ. ވުމާއެކު ސިންޓެކްސް އިލްމުގައި ޖުމުލައިގެ އޮނިގަނޑު ކަނޑައެޅުމުގައި ގެންގުޅޭ އުސޫލުތަކަކީ ކޮބައިކަން ބަލާލަން ޖެހެއެވެ. އަދި ދިވެހި ބަހަށް ވެސް އެބަހެއްގެ ނުފޫޒު ފޯރާފައިވާ ބަހެއް ކަމުގައިވާ އިނގިރޭސި ބަހުގައި ޖުމުލައިގެ ވައްތަރުތައް ކަނޑައަޅާފައި ހުންނަނީ ކިހިނެއް ކަން ބަލާލުމަށް ރުޖޫއަވާންޖެހެއެވެ. މިގޮތުން އެއްކުރެވުނު މައުލޫމާތުތަކުން އެނގިގެން ދިޔައީ، އޮނިގަނޑުގެ ގޮތުން ބަލާއިރު، ހަތަރު ވައްތަރެއްގެ ޖުމުލަ އިނގިރޭސި ބަހުގައި ހުންނަކަމެވެ. އެއީ ކުރިން މި ދެންނެވި ތިން ވައްތަރު (ސާދާ ޖުމުލަ، ކޯނި ޖުމުލަ އަދި އެކުވި ޖުމުލައި) ގެ އިތުރުން ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލަ ވެސް އިނގިރޭސި ބަހުގައި ހުންނަކަމެވެ. އެހެންކަމުން ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި ކަނޑައަޅާފައިވާ އޮނިގަނޑުތައް ނޫން، އެހެން އޮނިގަނޑަކަށް ފެތޭ ޖުމުލަ ދިވެހި ބަހުގައި ހުރިކަން ނުވަތަ ނެތްކަން ޔަގީންކުރަން ބޭނުންވިއެވެ. އަދި ދިވެހި ބަހުގައި ހުރި ޖުމުލައިގެ އޮނިގަނޑުތައް ތަފާތުވާގޮތަކީ ކޮބައިކަން ދެނެގަތުމަށް އެއްކުރި ޖުމުލަތައް އެނަލައިޒްކޮށްލީމެވެ. މިގޮތުން ޖުމުލައިގެ ވައްތަރުތައް ކަނޑައެޅުމުގައި ތިރީގައިމިވާ ތާވަލްތަކުގައިވާ ޖުމުލަތަކަށް ބަލާށެވެ.
ތާވަލް 1 ގައި އެވަނީ އެއް ކްލޯޒް ހިމެނޭ ޖުމުލަތަކެވެ. އަދި ތާވަލް 2 ގައި މިވަނީ އެއް ކްލޯޒަށްވުރެ ގިނަ ކްލޯޒް ހުރިކަމަށް ބެލެވޭ ޖުމުލަތަކެވެ. އެހެންކަމުން ޖުމުލައިގައި ހިމެނޭ ކްލޯޒްތަކަށްބަލައި ޖުމުލައިގެ ވައްތަރު ކަނޑައަޅާނަމެވެ. އަދި ދިވެހި ބަހުގައި ޖުމުލައިގެ ވައްތަރުތަކާއި ޖުމުލައިގެ ވައްތަރު ކަނޑައެޅުމުގައި ކްލޯޒް އާއި ފްރޭޒް އަދާކުރާ ދައުރުތަކަށްވެސް ބަލައިލާނަމެވެ.
ޖުމުލައިގެ ވައްތަރުތައް
ޖުމުލައިގެ ވައްތަރުތައް ކަނޑައެޅުމުގައި ސިންޓެކްޓިކް އިލްމުގައި ދެކަމަކަށް ބަލައެވެ. އެއީ ޖުމުލައިގެ މަޤްޞަދާއި، ޖުމުލައިގެ އޮނިގަނޑުކަމަށް ގާލްޑް ނެލްސަން (2001) ވިދާޅުވެއެވެ. އޮނިގނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރީ ސާދާ ޖުމުލަ އާއި ކޯނި ޖުމުލަ އެކަންޏެވެ (ދބތޚޤމ، 2004). އެހެންނަމަވެސް އިނގިރޭސި ބަހުގައި ސާދާ ޖުމުލައާއި ކޯނި ޖުމުލައިގެ އިތުރުން އެކުވި ޖުމުލައާއި، ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލަވެސް ހުންނަކަމަށް ގާލްޑް ނެލްސަން (2001) ހާމަކުރައްވައެވެ.
ސާދާ ޖުމުލަ (ސިމްޕަލް ސެންޓެންސް)
ސާދާ ޖުމުލައެއްގައި އޮންނަނީ އިސްބަޔާއި ޚަބަރެއް އެކަނިކަމަށް ދބތޚޤމ (2004) އިން ހާމަކުރައްވައެވެ. ވުމާއެކު މިފަދަ ޖުމުލައެއްގައި އޮންނާނީ ޖުމުލައިގައި އެއާ މެދު އެއްޗެއް ބުނެފައިވާ ނަމަކާއި، އެނަމަށް ދޭ ތަފްސީލެއް އެކަންޏެވެ. މިފަދަ ޖުމުލައިގެ އިސްބައިގައި އޮންނާނީ ނަމެއް، ނަމުގެ މާނަ ދޭހަކޮށްދޭ ލަފުޒުތަކެއް ކަމަށެވެ. އަދި ޚަބަރުގައި އޮންނާނީ އެނަމަށް ދޭ އިތުރު ތަފްސީލުތަކެއްކަމަށް ދބތޚޤމ، 2004) ގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ދިވެހި ބަހުގައި ކަމެއް އެކުލެވިގެން ނުވާ “ނަމުގެ” ޖުމުލަ ހުންނާތީ އެފަދަ ޖުމުލައިގެ ޚަބަރުގައި ނަމެއް، ނުވަތަ ނަމެއްކަން ދޭހަކޮށްދޭ ލަފުޒުތަކެއް ވެސް ހުރެދާނެ ކަމަށް މުހަންމަދު ޖަމީލު (1979) ބަޔާންކުރައްވައެވެ.
ސިންޓެކްސް އިލްމުގައި ބުނާ ގޮތުން ސާދާ ޖުމުލައެއްގައި އޮންނާނީ މިނިވަން އެންމެ ބަސްކޯޅިއެއްކަމަށް އެޑްވަރަޑް ފިނެގަން، (2008) ވިދާޅުވެއެވެ. އެންމެ ޚިޔާލެކެވެ. އަދި އެ ބަސްކޯޅި ވަކިން އޮންނަ އިރު އެއިން ފުރިހަމަ މާނައެއް ދޭހަވާނެއެވެ. އެހެން ބަސްކޯޅިއަކާއި ގުޅޭކަށް ނުޖެހޭނެއެވެ. ގާލްޑް ނެލްސަން (2001) ވިދާޅުވާގޮތުގައި އިނގިރޭސި ބަހުގައި މިފަދަ ޖުމުލައަށް ސިމްޕަލް ސެންޓެންސް އޭ ކިޔައެވެ. ސިމްޕަލް ސެންޓެންސެއް ގެ ވެސް އޮނިގަނޑު އޮންނަނީ ހަމަ މިދެންނެވި އުސޫލުންނެވެ. އޮންނާނީ އެންމެ ބަސްކޯޅިއެކެވެ.
އެޑްވަރަޑް ފިނެގަން (2008) ވިދާޅުވަނީ ޖުމުލައަކީ ސިންޓެކްސް އިލްމުގެ ދިރާސާތަކުގައި އެންމެ މުހިންމު ސަމާލުކަމެއްދޭ އެކަތިމަށެވެ. މިގޮތުން ތާވަލު 1 ގައި އޮތް ފުރަތަމަ ޖުމުލައަށް ބަލައިލާނަމެވެ. އަހަރެންނަކީ ފިޑި މީހެކެވެ.” މި ޖުމުލައިގައި ހިމެނޭ ބަސްކޯޅީގެ އިސްބަޔަކީ “އަހަރެން” އެވެ. ޚަބަރަކީ “ފިޑި މީހެއް ” މިއެވެ. މުހަންމަދު ޖަމީލު (1979) ހާމަކުރައްވާ ގޮތުގައި އިސްބަޔަކީ ޖުމުލައިގައި އެއާމެދު އެއްޗެއް ބުނެވިފައިވާ ބައެވެ. ވުމާއެކު މި ޖުމުލައިގައި ވެސް އިސްބަޔަކީ “އަހަރެން” ކަން އެނގެއެވެ . އެއީ މި ޖުމުލައިގައި އެއްޗެއް ބުނެވިފައި ވަނީ “އަހަރެން” އާއި މެދުގައެވެ. އަދި ރައްދުވީ އެންމެ ފަރާތަކަށް ( އަހަރެން) ކަން އެނގެއެވެ. ހަމައެއާއެކު ޚަބަރަކީ އިސްބަޔާމެދު ދެވޭ މައުލޫމާތެވެ. މި ޖުމުލައިގައި “އަހަރެން” އާއި މެދު ދެވިފައިވާ މައުލޫމާތަކީ ” ފިޑި މީހެއް” މިއެވެ. އެހެންކަމުން މިއީ ޖުމުލައިގެ ޚަބަރެވެ.
ތާވަލް 1 ގެ ދެވަނަ ޖުމުލައަށް ބަލާއިރު ” އައިސާ އާއި އީމާން އުޅެމުންދަނީ އުފާވެރި ދިރިއުޅުމެކެވެ.” މިޖުމުލައިގައި އިސްބަޔަކީ ” އައިސަ އާއި އީމާން” އެވެ. ޚަބަރަކީ ”އުޅެމުންދަނީ އުފާވެރި ދިރިއުޅުމެކެވެ.” މިއެވެ. އެހެންކަމުން މިޖުމުލައިގައި ” އުފާވެރިދިރިއުޅުން އުޅެމުންދާކަން” ދެފަރާތަކަށް ރައްދުވެއެވެ. އަދި މިޖުމުލައިގެ ޚަބަރުގައި ކަމެއް އެކުލެވިގެން ވުމުން މިއީ ކަމުގެ ޖުމުލައެއްކަމަށް ބެލެވެއެވެ. ނަމަވެސް މިޖުމުލައަކީވެސް އެންމެ ކްލޯޒެއް އެކުލެވިގެންވާ ޖުމުލައަކަށްވާތީ މިއީވެސް ސާދާ ޖުމުލައެކެވެ.
ތާވަލް 1 ގެ ތިންވަނަ ޖުމުލައަށް ބަލާއިރު ” ހާލުފޮޅިއަކީ ވަރަށް މަޑު ގިންޏެއްގައި ފިހާ ފޮޅިއެކެވެ.” މިޖުމުލައިގައި ” ހާލުފޮޅި” މިއިީ އިސްބައެވެ. ޚަބަރަކީ ” ވަރަށް މަޑު ގިންޏެއްގައި ފިހާ ފޮޅިއެކެވެ.” އެވެ. އެހެންކަމުން އެއީ މި ޖުމުލައިގައި އެއްޗެއް ބުނެވިފައި ވަނީ “ހާލުފޮޅި” އާއި މެދުގައެވެ. އަދި ރައްދުވީ އެންމެ ފަރާތަކަށް (ހާލުފޮޅި) ކަން އެނގެއެވެ. ހަމައެއާއެކު ޚަބަރަކީ އިސްބަޔާމެދު ދެވޭ މައުލޫމާތެވެ. މި ޖުމުލައިގައި “ހާލުފޮޅި” އާއި މެދު ދެވިފައިވާ މައުލޫމާތަކީ ” ވަރަށް މަޑު ގިންޏެއްގައި ފިހާ ފޮޅިއެކެވެ.” މިއެވެ. އެހެންކަމުން މިއީ ވެސް ޖުމުލައިގެ ޚަބަރެވެ. ހާލުފޮޅިއަކީ ކެއުމަށް ތައްޔާރުކުރާ އެއްޗެކެވެ. އެހެންވުމުން އެއީ ކަމަކަށް ކިޔާ ނަމެކެވެ.(މަސްދަރެކެވެ). އެހެންކަމުން ޖުމުލައިގައި ކަންކުރާއެއް ނޯވެދާނެކަމަށް މުހައްމަދު ޖަމީލު (1979) ލިޔުއްވާފައިވާތީ، މިއީ ސާދާ ޖުމުލައިގެ އޮނިގަނޑަށް ފެތޭ ޖުމުލައެއްކަމަށް ބެލެވިދާނެއެވެ.
ތާވަލު 1 ގައި ވާ 3 ޖުމުލައިގައިވެސް އޮތީ އެންމެ ރެފަރިން އެކްސްޕްރެޝަން (އެންމެ އިސްބައެއް) އަކާއި ، އެންމެ ޕްރެޑިކޭޝަނެއް (އެންމެ ޚަބަރެއް) ކަމަށް ވާތީ އެ ތިން ޖުމުލައިގައި އޮތީ އެންމެ ބަސްކޯޅި އެއްކަން އެނގެއެވެ. މިއިން ކޮންމެ ޖުމުލައެއްގައި ވެސް އޮތް ބަސްކޯޅި މިނިވަނެވެ. މިނިވަން ބަސްކޯޅިއަކީ އެއިން ފުރިހަމަ މާނައެއް ދޭހަކުރެވޭ ބަސްކޯޅިއެއްކަމަށް ޑޭވިޑް ކްރިސްޓަލް (2005) ހާމަކުރައްވައެވެ. އެހެންކަމުން މިއިން ކޮންމެ ބަސްކޯޅިއަކީ ވެސް އެއިން ފުރިހަމަ މާނައެއް ދޭހަކުރެވޭ މިނިވަން ބަސްކޯޅި (އިންޑިޕެންޑެންޓް ކްލޯޒް) އެވެ. މި ޖުމުލަތައް އިނގިރޭސި ބަހުގެ ގަވައިދު ފޮތްތަކުގައި ބުނާ ސިމްޕަލް ސެންޓެންސް ގެ އޮނިގަނޑަށް ވެސް ފެތެއެވެ. އެހެނީ އިނގިރޭސި ބަހުގައި ވެސް ސިމްޕަލް ސެންޓެންސެއް ގައި އޮންނާނީ މިނިވަން އެންމެ ބަސްކޯޅި އެއްކަމަށް ގާލްޑް ނެލްސަން (2001) ބަޔާންކުރައްވައެވެ. އެޑްވަރަޑް ފިނެގަން (2008) ވިދާޅުވާ ގޮތުގައި ޖުމުލައެއްގައި ނަމަ “ކަމެއް ” އޮންނަން ޖެހެއެވެ. އެހެނީ ޖުމުލައެއްގައި މަދުވެގެން މިނިވަން އެއް ބަސްކޯޅި އޮންނާނެއެވެ. އަދި ބަސްކޯޅިއެއްގައި ކަމެއް އޮންނާނެއެވެ. މި ތައާރަފުން ބަލާ ނަމަ ތާވަލު 1 ގައި ހިމެނޭ ޖުމުލަތައް ޖުމުލައަކަށް ނުވާނެއެވެ. އެހެންނަމަވެސް މުހަންމަދު ޖަމީލު (1979) ވިދާޅުވަނީ ކޮންމެވެސް މީހަކާމެދު، އެއްޗަކާމެދު، ތަނަކާމެދު، ނުވަތަ ކަމަކާމެދު ތައާރަފެއް ދެވިފައި ހުންނަ ޖުމުލަވެސް ދިވެހި ބަހުގައި ހުންނަ ކަމަށެވެ. މިގޮތުން ޖުމުލައިގެ އިސްބައިގެ ގޮތުގައި ނަމެއް އޮންނަ ފަދައިން ޚަބަރުގައި ވެސް ނަމެއް އޮންނަކަމަށެވެ. އެހެންކަމުން ކޮންމެ ޖުމުލައެއްގައި ކަމެއް އޮތުން ލާޒިމުނޫން ކަމަށް މުހަންމަދު ޖަމީލު (1979) ލިޔުއްވައެވެ.
އެކުވި ޖުމުލަ (ކޮމްޕައުންޑް ސެންޓެންސް)
އެކުވި ޖުމުލަ ނުވަތަ ކޯޑިނޭޓް ސެންޓެސް އަކީ ވެސް ޖުމުލައިގެ އޮނިގަނޑެއްކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. މި ވައްތަރުގެ ޖުމުލައެއްގައި ވެސް ދެ ބަސްކޯޅި އޮންނަ ކަމަށާއި، ނަމަވެސް އެ ދެ ބަސްކޯޅިއަކީ ވެސް ވަކިވަކިން އޮވެވޭ މިނިވަން ދެ ބަސްކޯޅި ކަމަށް ޑޭވިޑް ކްރިސްޓަލް (2005) ވިދާޅުވެއެވެ. އަދި ކޯނި ޖުމުލައިގައި އޮންނަ ދެ ބަސްކޯޅި ގުޅުވުމަށް ކޯޑިނޭޓަރސް (ގުޅުވާ އަކުރު) ބޭނުންކޮށްފައި ހުންނަ ކަމަށް ވެސް ޑޭވިޑް ކްރިސްޓަލް (2005) ވިދާޅުވެއެވެ. ގުޅުވާއަކުރަކީ (އިރު، ގޮތުން، ނަމަވެސް) މިފަދަ އަކުރުތަކެވެ. ގުޅުވާ އަކުރު ބޭނުންކޮށްގެން ހެދޭ މިފަދަ ޖުމުލައަށް ކޯޑިނޭޓިން ޖުމުލަ އޭވެސް ކިޔައެވެ. މިގޮތުން ތާވަލް 2 ގެ 4 ވަނަ ޖުމުލައިގައި” ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ވިދާޅުވާއިރު، މާމިގިލީގައި އެއާޕޯޓް އެޅުއްވީ ޤާސިމް އެވެ.” މި މިސާލުގައިވާ ދެ ޖުމުލައިގެ ތެރެއިން ފުރަތަމަ ޖުމުލަ ހެދިފައިވަނީ ” ކޮންމެ އަތޮޅެއްގައިވެސް އެއާޕޯޓެއް އަޅުއްވާނެކަމަށް ވިދާޅުވެއެވެ.” ދެވަނަ ޖުމުލައަކީ ” މާމިގިލީގައި އެއާޕޯޓް އެޅުއްވީ ޤާސިމް އެވެ.” މިދެޖުމުލަ ގުޅުވައިދެނީ ”އިރު” މި އަކުރުންނެވެ.
މީގެއިތުރުން އިނގިރޭސި ބަހުގައި ވެސް އެކުވި ޖުމުލަ ހުންނަކަމަށް ގާލްޑް ނެލްސަން (2001) ވިދާޅުވެއެވެ. އެއީ ކޮމްޕައުންޑް ސެންޓެންސް ގެ ނަމުގައެވެ. އިނގިރޭސި ބަހުގައި ހިމެނޭ އެކުވި ޖުމުލައިގައި ވެސް ވަކިވަކިން އޮވެވޭ މިނިވަން ދެ ބަސްކޯޅި އޮންނާނެއެވެ. އަދި މި ދެ ބަސްކޯޅި ގުޅުވުމަށް ކޯޑިނޭޓް ކޮންޖަކްޝަން (ގުޅުވާ އަކުރު) ބޭނުންކޮށްފައި ހުންނަކަމަށް އޭ.އާރު.ދާއޫދު (1987) ވިދާޅުވެއެވެ. އަދި މި ބާވަތުގެ ޖުމުލައިގައި އޮންނަ ދެ ބަސްކޯޅި ވެސް އޮންނާނީ މިނިވަންކަމާއެކު އެއްހަމައެއްގައެވެ. އެހެންކަމުން އެކުވި ޖުމުލައެއްގައި ހިމެނޭ މިނިވަން ދެ ބަސްކޯޅި ވަކިކޮށްލައިގެން އެއިން ވަކިވަކި ދެ ސާދާ ޖުމުލަ (ސިމްޕަލް ސެންޓެންސް) ހެދިދާނެކަމަށް ގާލްޑް ނެލްސަން (2001) ވިދާޅުވެއެވެ. އެހެންނަމަވެސް މިއީ ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި ވަކި ވައްތަރެއްގެ ޖުމުލައެއް ކަމުގައި ކަނޑައަޅައިފައިވާ ޖުމުލައިގެ ވައްތަރެއް ނޫނެވެ. މިގޮތުން ތާވަލް 2 ގައިވާ 5 ވަނަ ޖުމުލައަށް ބަލާއިރު” އެއީ ޅަ ކުންފުންޏެއް ނަމަވެސް ކާމިޔާބު ކުންފުންޏެކެވެ.” މިމިސާލުގައިވެސް މިވަނީ ސާދާ ޖުމުލައިގެ ދެ ޖުމުލައެވެ. މިގޮތުން ފުރަތަމަ ޖުމުލައަކީ” އެއީ ޅަ ކުންފުންޏެވެ.” ދެވަނަ ޖުމުލައަކީ ” ކާމިޔާބު ކުންފުންޏެވެ.” މި ދެޖުމުލަ ގުޅުވުމަށް ބޭނުންކޮށްފައި ވަނީ ” ނަމަވެސް” މިއަ ކުރެވެ. މި ޖުމުލަ ގުޅުވާލުމުން ނުވަތަ އެއްކޮށްލުމުން މި ވަނީ އެކުވި ޖުމުލައަކަށް ބަދަލުވެފައެވެ.
އެހެނަކަމުން ދިވެހިބަހުގެ ގަވައިދު ފޮތްތަކުގައި ވަކި ވައްތަރެއްގެ ޖުމުލައެއް ކަމުގައި ނިންމާފައި ނުވިނަމަވެސް މިއީ ވަކި ބާވަތެއްގެ ވަކި ސިފަތަކެއް އެކުލެވިގެންވާ ޖުމުލަތަކެއް ކަމުގައި ނިންމަންޖެހެއެވެ. މި ވައްތަރުގެ ޖުމުލައިގެ އޮނިގަނޑަކީ މިނިވަން ދެ ބަސްކޯޅި ގުޅުވާ އަ ކުރެއްގެ އެހީގައި ގުޅުވާ ފައި އޮތުމެވެ.
ކޯނީ ޖުމުލަ (ކޮމްޕްލެކްސް ސެންޓެންސް)
އިނގިރޭސި ބަހުގައި ހިމެނޭ ކޯނި ޖުމުލައެއްގައި މިނިވަން ބަސްކޯޅީގެ އިތުރުން މިނިވަން ނުވާ ދެ ބަސްކޯޅި ނުވަތަ ތިން ބަސްކޯޅި ވެސް އޮވެދާނެއެވެ. މިގޮތުން މިސާލަކަށްބަލާއިރު، ކޯނި ޖުމުލައެއްގައި މިނިވަން ބަސްކޯޅީގެ އިތުރުން ބާރުދޭ ބަސްކޯޅިއަކާއި، ބަރޯވާ ބަސްކޯޅިއެއް ވެސް ހިމެނިފައި އޮވެދާނެ ކަމަށް އޭ އާރު ދާއޫދު (1987) ވިދާޅުވެއެވެ. ހަމައެއާއެކު މިނިވަން ބަސްކޯޅިތައް ގުޅުވުމަށް ގުޅުން ދޭހަކޮށްދޭ އަކުރު (ސްބޯޑިނޭޓަރސް) ބޭނުންކޮށްފައި ހުންނަކަމަށް ގާލްޑް ނެލްސަން (2001) ލިޔުއްވައެވެ. އެޑްވަރަޑް ފިނެގަން (2008) ވިދާޅުވާގޮތުގައި މި ބަޔާންކުރި ދެ ވައްތަރުގެ ޖުމުލައިގެ އިތުރުން އެކުވި ޖުމުލަ (ކޯޑިނޭޓް ސެންޓެންސް) އަކީ ވެސް ޖުމުލައިގެ އޮނިގަނޑެކެވެ. މި ވައްތަރުގެ ޖުމުލައެއްގައިވެސް ދެ ބަސްކޯޅި އޮންނަ ކަމަށާއި، ނަމަވެސް އެ ދެ ބަސްކޯޅިއަކީ ވެސް ވަކިވަކިން އޮވެވޭ މިނިވަން ދެ ބަސްކޯޅި ކަމަށް ޑޭވިޑް ކްރިސްޓަލް (2005) ލިޔުއްވައެވެ. އަދި ކޯނި ޖުމުލައިގައި އޮންނަ ދެ ބަސްކޯޅި ގުޅުވުމަށް ކޯޑިނޭޓަރސް (ގުޅުވާ އަކުރު) ބޭނުންކޮށްފައި ހުންނަ ކަމަށް ވެސް ޑޭވިޑް ކްރިސްޓަލް (2005) ބަޔާންކުރައްވައެވެ.
ދިވެހިބަހުގައި އިސްބަޔާއި ޚަބަރުގެ އިތުރަށް “އެހެން އިބާރާތް (ތައް)” ހުންނަ ޖުމުލައަކީ ކޯނި ޖުމުލަކަމަށް ދބތޚޤމ(2004) ބަޔާންކޮށްފައިވެއެވެ. އަދި ކޯނި ޖުމުލައިގައި އިސްބަޔާއި ޚަބަރުގެ އިތުރަށް އޮންނަ “އިބާރާތް (ތައް)” ވަކިން އޮންނަ އިރު އެއިން ފުރިހަމަ މާނައެއް ދޭހަ ނުކުރެވޭނެ ކަމަށް ވެސް ދބތޚޤމ (2004) ގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ތާވަލް 2 ގެ 6 ވަނަ ޖުމުލައަށް ބަލައިލާއިރު ”މުޖުތަބާގެ ހަށިގަނޑު ގެންދިޔައީ އީމާންގެ ގެއަށެވެ.” މިޖުމުލައިގައި މައިގަނޑު ބުނުމަކީ ” މުޖުތަބާގެ ހަށިގަނޑު ގެންދިޔައީ” މިއެވެ. ބާރުދޭ ޖުމުލައަކީ އީމާންގެ ގެއަށެވެ” މިއެވެ. މިގޮތުން ބަލާއިރު މިޖުމުލަގެ މައިގަނޑު ބުނުމުގައި މުޖުތަބާގެ ހަށިގަނޑު” މިއީ އިސްބައި ނުވަތަ ރެފަރިން އެކްސްޕްރެޝަން އެވެ. ” ގެންދިޔައީ” މިއީ ޚަބަރު ނުވަތަ ޕްރެޑިކޭޓް އެވެ. އަދި ބާރުދޭ ޖުމުލައިގައި ”އީމާންގެ ” މިއީ އިސްބަޔެވެ. ”ގެއަށެވެ” މިއީ ޚަބަރެވެ. އިސްބަޔާއި ޚަބަރުގެ އިތުރުން ވަކިން އޮންނައިރު އެއިން ފުރިހަމަ މާނައެއް ދޭހަނުވާ އިބާރާތްތެއް މި ޖުމުލައިގައި އެބަ އޮތެވެ. އެއީ “މުޖުތަބާގެ ހަށިގަނޑު ގެންދިޔައީ” މިއެވެ. މިހެން ބުނުމުން މުޖުތަބާގެ ހަށިގަނޑު ގެންދިޔައީ ކޮންތާކަށް ކަމެށް ނޭގެއެވެ. މިއިބާރާތުން ފުރިހަމަ މާނައެއް ދޭހައެއް ނުވެއެވެ. ވުމާއެކު ކޯނި ޖުމުލައިގައި ހިމެނޭ، އިސްބަޔާއި ޚަބަރުން ފުރިހަމަ މާނައެއް ދޭހަކުރެވޭ އިރު، ފުރިހަމަ މާނައެއް ދޭހަ ނުކުރެވޭ “އެހެން އިބާރާތް (ތައް)” ވެސް ކޯނި ޖުމުލައިގައި ހުންނަކަން އެނގެއެވެ.
އެހެންކަމުން ގަވައިދު ފޮތްތަކުގައި ހުރި ތައާރަފުތަކާއި، ހޯދުންތަކުގެ އަލީގައި ބުނާނަމަ ބުނެވޭނީ ދިވެހި ބަހުގައި ހިމެނޭ ކޯނި ޖުމުލަ އުފެދިފައި ހުންނަނީ ދެ ބަސްކޯޅި އެކުވެގެން ކަމަށެވެ. އަދި ކޮންމެ ބަސްކޯޅިއެއްގައި ރެފަރިން އެކްސްޕްރެޝަނަކާއި، ޕްރެޑިކޭޝަނެއް އޮވެއެވެ. ހަމައެއާއެކު ކޯނި ޖުމުލައިގައި އޮންނަ އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. މިނިވަންނުވުމަށް މެދުވެރިވާ ސަބަބަކީ ބަސްކޯޅީގެ ފަހަތައް ގުޅުން ދޭހަކޮށްދޭ އަކުރެއް ގުޅިފައި އޮތުމެވެ. އެހެންކަމުން މި ބުނި ޝަރުތު ހަމަވާ ކޮންމެ ޖުމުލައަކީ ދިވެހި ބަހުގައި ކޯނި ޖުމުލައެއް ކަމުގައި ބުނެވިދާނެއެވެ.
ކޮމްޕްލެކްސް ކޮމްޕައުންޑް ސެންޓެންސް
މިއީ އިނގިރޭސި ބަހުގައި ހުންނަ ޖުމުލައިގެ ވައްތަރެކެވެ. ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލައިގެ ތަޢާރަފުގެ ގޮތުގައި އޭ އާރު.ދާއޫދު (1987) ހާމަކުރައްވާފައި ވަނީ މި ބާވަތުގެ ޖުމުލައަކީ ތިން ބަސްކޯޅި ނުވަތަ އެއަށްވުރެ ގިނަ ބަސްކޯޅި އެކުގެން އުފެދިފައި ހުންނަ ޖުމުލަ ކަމަށެވެ. މި ވައްތަރުގެ ޖުމުލައިގައި އޮންނަ ބަސްކޯޅިތަކުގެ ތެރެއިން އެއް ދެ ބަސްކޯޅިއަކީ މިނިވަން ދެ ބަސްކޯޅިއެވެ. އެހެން ނަމަވެސް ދެން އޮންނަ ބަސްކޯޅި އަކީ މިނިވަން ބަސްކޯޅިއެއް ނޫނެވެ. ވަކިން އޮވެވޭ ބަސްކޯޅިއެއް ނޫނެވެ. ވުމާއެކު ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލަ ރޫޅާލައިގެން އެއިން ކޯނި ޖުމުލައަކާއި އެކުވި ޖުމުލައެއް އުފެއްދިދާނެ ކަމަށް ގާލްޑް ނެލްސަން (2001) ހާމަކުރައްވައެވެ. މިގޮތުން ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލައިގައި އޮންނަ މިނިވަން ދެ ބަސްކޯޅި ގުޅުވައިގެން އެކުވި ޖުމުލައެއް އުފެއްދޭނެއެވެ. އަދި މިނިވަން ނުވާ ބަސްކޯޅި އާއި މިނިވަން ބަސްކޯޅި ގުޅުވައިގެން ކޯނި ޖުމުލައެއް ވެސް އުފެދޭނެއެވެ. އަދި މިގޮތަށް އުފައްދާ ޖުމުލަތަކުން ފުރިހަމަ މާނަވެސް ދޭހަވާނެއެވެ. އެހެންކަމުން މިއީ ވެސް އޮނިގަނޑުގެ ގޮތުން ބަލާއިރު ޖުމުލައިގެ ވައްތަރެއް ކަމަށް އޭ.އާރު.ދާއޫދު (1987) ލިޔުއްވައެވެ.
ހޯދުނު ހޯދުންތައް
އިސްވެދެންނެވުނު ހޯދުންތަކުން އެނގުނުގޮތުގައި ތިން ވައްތަރެއްގެ އޮނިގަނޑަށް ފެތޭ ޖުމުލަ ދިވެހި ބަހުގައި ހުރިކަން ހާމަވިއެވެ. އޭގެތެރެއިން ފުރަތަމަ ވައްތަރަކީ މިނިވަން އެންމެ ބަސްކޯޅިއެއް އެކުލެވިގެންވާ ޖުމުލައެވެ. އޭގެތެރެއިން ދެ ވައްތަރުގެ ޖުމުލައަކީ ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި ކަނޑައަޅާފައިވާ ދެ ވައްތަރެވެ. އެއީ ސާދާ ޖުމުލަ އާއި ކޯނި ޖުމުލައެވެ. ސާދާ ޖުމުލައަކީ އިސްބަޔާއި ޚަބަރެއް އެކަނި އޮވެގެން އެއިން ފުރިހަމަ މާނައެއް ދޭހަވާ ޖުމުލައެވެ. ކޯނި ޖުމުލައަކީ އިސްބަޔާއި ޚަބަރުގެ އިތުރައް އެހެނިހެން އިބާރާތްތައް ހިމެނިފައި ހުންނަ ޖުމުލައެވެ. މިގޮތުން މި ދިރާސާއިން ހޯދުނު ގޮތުގައި މިނިވަން ބަސްކޯޅިއަކާއި މިނިވަންނުވާ ބަސްކޯޅިއެއް ހިމެނޭ ޖުމުލަތައް ހިމެނެއެވެ. މީގެއިތުރުން ސާދާ ޖުމުލަ އާއި ކޯނި ޖުމުލައަކީ ދިވެހި ގަވައިދު ފޮތްތަކުގައިވެސް ދެ ވައްތަރެއްގެ ޖުމުލަ ކަމުގައި ކަނޑައަޅާފައިވާ ދެ ވައްތަރު ނަމަވެސް މި ދެ ވައްތަރުގެ ޖުމުލައިގެ ތައާރަފުގެ ގޮތުގައި ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި ހުރި ތައާރަފުތަކުގައި ކޮންމެވެސް ވަރެއްގެ އުނިކަމެއް ހުރިކަން ވެސް ފާހަގަކުރެވުނެވެ. ހަމައެއާއެކު ދިވެހި ބަހުގެ ގަވައިދު ފޮތްތަކުގައި ވަކި ވައްތަރެއް ކަމުގައި ކަނޑައަޅާފައި ނުވާ ބާވަތެއްގެ ޖުމުލަ ވެސް ފެނުނެވެ. އެއީ އެކުވި ޖުމުލައެވެ. މިދިރާސާއިން ހޯދުނު ގޮތުގައި އެކުވި ޖުމުލައެއްގައި ނަމަ ދެ ބަސްކޯޅި އޮންނާނެއެވެ. އަދި މި ދެ ބަސްކޯޅި ވެސް ވާންޖެހެނީ މިނިވަން ދެ ބަސްކޯޅިއަށެވެ. އަދި މި ދެ ބަސްކޯޅި ގުޅުވުމަށް ގުޅުވާ އަކުރެއް ބޭނުންކޮށްފައި އޮންނާނެއެވެ. މީގެއިތުރުން އިނގިރޭސި ބަހުގައި ހުންނަ ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލައިގެ އޮނިގަނޑަށް ފެތޭ ޖުމުލަ ދިވެހި ބަހުގައި ހުންނަ ކަމަކަށް މި ހޯދުނު ހޯދުންތަކުން ފެނިފައެއް ނުވެއެވެ. ނަމަވެސް އިތުރު ޖުމްލަތައް ނަގައި ތަންކޮޅެއް ފުޅާކޮށް މިކަން ބަލައި ދިރާސާކުރެވިއްޖެނަމަ ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލައިގެ އޮނިގަނޑަށް ފެތޭ ޖުމުލަތައްވެސް ދިވެހބަހުން ފެނުނަމީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން މިއީ މި ދިރާސާއިން ހޯދުނު ނުވަތަ ފާހަގަ ކުރެވުނު މައިގަނޑު ކަންކަމެވެ.
ނިންމުން އަދި ރިކޮމެންޑޭޝަން
އިސްވެ ބަޔާންކުރެވުނު ކަންކަމުން އެނގުނު ގޮތުގައި ޖުމުލައެއްނަމަ އެއިން ފުރިހަމަ މާނައެއް ދޭހަވަން ޖެހޭނެއެވެ. މިގޮތުން ބަހެއްގައި ހިމެނޭ ވަކިވަކި ލަފުޒުތައް އެތުރި ތަރުތީބުވާ ގޮތުގެ ސަބަބުން ޖުމުލަތައް އުފެދެއެވެ. އަދި ޖުމުލައިގެ ލަފުޒުތައް ގުޅި ތަރުތީބު ވުމުގައި ބަހުގައި ހިމެނޭ އަކުރުތައް މުހިންމު ދައުރެއް އަދާކުރެއެވެ. މިގޮތުން ވަކިވަކި ލަފުޒުތައް، އެއް ލަފުޒު އަނެއް ލަފުޒާއި ގުޅާލުމުން އެއިން މައިގަނޑެއް އުފެދެއެވެ. އަދި ދެ މައިގަނޑެއް އެކުވުމުން އެއިން ބަސްކޯޅި އުފެދެއެވެ. މިގޮތަށް އުފޭދޭ ބަސްކޯޅިތައް އެކުވުމުން ޖުމުލަތައް އުފެދެއެވެ. ބަސްކޯޅިތައް އެމުނި އެކުލެވޭ ގޮތަކުން ޖުމުލައިގެ އޮނިގަނޑު ތަފާތުވެ ތަފާތު ވައްތަރުގެ ޖުމުލަ އުފެދެއެވެ. މިގޮތަށް އުފެދޭ ޖުމުލަތައް ތިން އޮނިގަނޑަކަށް ފެތޭކަމަށް ސިންޓެކްސް އިލްމުގައި ބުނެއެވެ. އެއީ ސާދާ ޖުމުލަ އާއި ކޯނި ޖުމުލަ އާއި އެކުވި ޖުމުލައެވެ. މިއިން ކޮންމެ އޮނިގަނޑެއްގެ މެދުގައި ވެސް ވަރަށް ބޮޑެތި ތަފާތުތައް ހުރެއެވެ. މިގޮތުން ސިންޓެކްސް އިލްމުގައި ބުނާ ގޮތުން ސާދާ ޖުމުލައެއްގައި އޮންނަނީ މިނިވަން އެންމެ ބަސްކޯޅިއެކެވެ. އަދި މިނިވަން ބަސްކޯޅިއަކާއި، މިނިވަންނުވާ ބަސްކޯޅިތައް އެކުވެގެން ކޯނި ޖުމުލަ އުފެދެއެވެ. އަދި ކޯނި ޖުމުލައިގައި ހިމެނޭ މިނިވަން ބަސްކޯޅިއާއި މިނިވަންނުވާ ބަސްކޯޅި ގުޅާލުމަށް ސަބޯޑިނޭޓަރސް (ގުޅުން ދޭހަކޮށްދޭ އަކުރު) މުހިންމު ދައުރެއް އަދާކުރެއެވެ. ހަމައެއާއެކު ކޯ ޑިނޭޓަރ އެއް (ގުޅުވާ އަކުރެއް) ގެ އެހީގައި ވަކިވަކިން އޮވެވޭ މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދެއެވެ.
ތިން ވައްތަރުގެ ޖުމުލަ ހުންނަ ކަމަށް ސިންޓެކްސް އިލްމުގައި ބުނެފައި ވީ ނަމަވެސް އިނގިރޭސި ބަހުގައި ހަތަރު ވައްތަރެއްގެ އޮނިގަނޑަކަށް ފެތޭ ޖުމުލަ ހުންނަކަން އެނގެއެވެ. އެއީ ސިންޓެކްސް އިލްމުގައި ބުނާ ތިން ވައްތަރުގެ އިތުރުން ކޮމްޕްލެކްސް ކޮމްޕައުންޑް ޖުމުލައެވެ. ދިވެހި ބަހުގެގަވައިދު ފޮތްތަކުގައި ވާ ގޮތުން ދިވެހި ބަހުގައި ހުންނަނީ ދެ ވައްތަރެއްގެ އޮނިގަނޑަކަށް ފެތޭ ޖުމުލައެވެ. އެއީ ސާދާ ޖުމުލައާއި، ކޯނި ޖުމުލައެވެ. ވުމާއެކު ދިވެހި ބަހުގައި ސާދާ ޖުމުލަ އާއި ކޯނި ޖުމުލައިގެ އިތުރުން އެހެން ވައްތަރެއްގެ ޖުމުލަ ހުރިކަން ޔަގީންކުރަން ބޭނުންވެއެވެ. މިކަން ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޖުމުލައިގައި ހިމެނޭ ބަސްކޯޅިއަށެވެ. އެއީ ޖުމުލައިގެ އޮނިގަނޑުތައް ތަފާތުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޖުމުލައިގައި ހިމެނޭ ބަސްކޯޅިކަން ހޯދުނު ހޯދުންތަކުން އެގިފައިވާތީއެވެ.
މިދިރާސާ ހެދުމަށް ކުރެވުނު މަސައްކަތުން ދިވެހި ބަހުގައި ހިމެނޭ އަކުރު ތަކަކީ ޖުމުލައިގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ވިސްނެއެވެ. އެހެންކަމުން ދިވެހި ބަހުގައި ހުރި އަކުރުތަކާއި، އަކުރުތަކުގެ ބޭނުން އިތުރަށް ދިރާސާކުރަން ޖެހެއެވެ. މިގޮތުން އެކި އަކުރުތަކުން އަދާކުރަނީ އެކި ދައުރުކަމަށް ވުމީ ވެދާނެކަމެކެވެ. އެހެންކަމުން ދިވެހި ބަހުގައި ހުރި އަކުރުތަކުގެ ދައުކު އިތުރަށް ދިރާސާކޮށް ހޯދަން ޖެހޭކަމަށް ޤަބޫލުކުރެވެއެވެ. މި ދިރާސާ ގެ މަސައްކަތުގައި، ނެގިފައިވާ 6 ޖުމުލަ ރޫޅާލާ، ވަކިވަކި ޖުމުލަތަކުގެ އޮނިގަނޑު ދެނެގަތުމަށް ކުރެވުނު މަސައްކަތުގައި ފާހަގަކުރެވުނު އަނެއް ކަމަކީ ލަފުޒުތައް ވަކިކުރާނެ މިންގަނޑެއް އޮތުމުގެ މުހިންމުކަމެވެ. އެހެންކަމުން ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބަކީ ކޮބައިކަން ހޯދައި އިތުރަށް ދިރާސާކުރަން ޖެހޭކަމަށް ފެނެއެވެ.
ހަވާލާ ލިސްޓް
ހުސައިން ރަޝީދު އަހުމަދު. (1999). ދިވެހި ބަހުގެ ބަސްމަގު .ތަޤްވީމުއްލިސާނުގެ ޝަރަޙަ. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ހުސައިން ރަޝީދު އަހުމަދު. (1995). އިންޑޯ އާރިއަން ބަސްތަކުގެ ތެރެއިން ދިވެހި ބަސް. މާލެ: ރިސާލާ ޕްރެސް.
ބަދުރުއްސަލާމް. (2009). ހިތާމައިގެ ކޮޅެއް ނެތެވެ. ޕޮލިސް ލައިފް،6(2)،ޞ.24،25.
ބަދުރުއްސަލާމް. (2009). ހިތާމައިގެ ކޮޅެއް ނެތެވެ. ޕޮލިސް ލައިފް،12(2)،ޞ.25.
ޢަބްދުﷲ ޞާދިގު. (1995). ބަހުގެ ހަމައިގެ އަތްމަތީ ފޮތް. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (2011). ދިވެހި ބަހުގެ ޖުމުލައާއި، ޖުމުލައިގެ ބާވަތްތަކާއި، ބައިތައް. (ފަންވަތް ޑޮޓް ކޮމް). ނެގީ 03 ނޮވެމްބަރ 1021 ގައި: http://www.fanvai.info/dhivehi/maadhareebas/2142-2011-05-10-13-21-54.htmlއިން.
އަހްމަދު ސާއިލް.(2013، ނޮވެމްބަރ 11). ހާލުފޮޅި، ކުޅުދުއްފުށީގެ ރަމްޒެއް. ސަން އޮންލައިން: http://www.sun.mv/36015
އެޑްވަރަޑް ފިނެގަން. (2008). ލޭންގްއޭޖް އިޓްސް ސްޓަރކްޗަރ އެންޑް ޔޫސް (5th އެޑިޝަން). ޔޫ އެސް އޭ: ހަރކޯޓް ބްރޭސް ކޮލެޖް ޕަބްލިޝަރ.
އޭ އާރު ދާއޫދު. (1987). އެ ސިމްޕަލް ކޯސް އިން ގްރެމަރ އެންޑް ކޮމްޕޮޒިޝަން. ނިއުދިއްލި: އެސް ޗާންޑް އެންޑް ކޮމްޕެނީ ޕވޓ ލމޓ.
މުހަންމަދު ޖަމީލު. (1979). ފިޔަވަޅު 1،2،3، ދިވެހިބަހުގެ ޤަވައިދު. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ގުޅީ ޝަރީފް. (2013). ޤައުމުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ޤާސިމް. ވީކްލީ،20،ޞ.13.
ގާލްޑް ނެލްސަން. (2001). އިންގްލިޝް އެންޑް އެސެންޝިއަލް ގުރެމަރ. ޔޫކޭ: ޓައިލަރ އެންޑް ފްރޭންކިސް ގުރޫޕް.
ސައިފް އަޒުހަރު. (2013). ކާޑެއްދޫ އާއިއެކު ހުވަދޫ ރައްޔިތުންގެ އުންމީދުތައް ވިލާ އެއަރއާއި ގުޅިފައި. ވީކްލީ،20،ޞ.14.
ޑޭވިޑް ކްރިސްޓަލް. (2005). ދަ ކޭމްބްރިޖު އެންސައިކްލޮޕީޑިޔާ އޮފް ލޭންގުއޭޖު (ސެކަންޑް އެޑިޝަން). ޔޫކޭ: ކޭމްބްރިޖު ޔުނިވަރސިޓީ ޕްރެސް.
…………………….
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު