ދޮންބައްޕަގެ ޖިންސީ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު މަރާލުމަށްފަހު ގިފިލި ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ވާހަކަ.
މިއީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކިޔުންތެރިން މިފަދަ ހާދިޘާތަކުން އިބްރަތެއް ހާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. އެންމެންގެ މަސްލަހަތަށްޓަކައި މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވާނީ ސިއްރު ކުރެވިފައެވެ.
އަޅުގަނޑަކީ މާލޭގައި ވަރަށް ވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަޅުގަނޑުގެ މަންމަގެ 07 ދަރިން ތިބެއެވެ. އަޅުގަނޑަކީ މަންމަގެ އެންމެ ދޮށީ އަންހެން ދަރިއެވެ. ކައިވެނިން ބޭރުން ލިބުނު ކުއްޖާއެވެ. އަޅުގަނޑުގެ އުމުރުން 13 ގައި މަންމަ ދިރިއުޅެނީ އަޅުގަނޑާއެކު އަޅުގަނޑުގެ ހަގަށްތިބި 04 ކުދިން ގޮވައިގެން އެންމެ ކޮޓަރި އެއްގެ ތެރޭގައި ވަރަށް ވެސް ދަތިހާލުގައެވެ. 07 ކުދިން ތެރެއިން ދޮށީ ދެ ފިރިހެން ކުދިން އުޅެނީ މަންމައާ ދުރުގައެވެ. އަޅުގަނޑާއެކު 05 ކުދިން ބަލަމުން އަންނަނީ މަންމަގެ ފިރިމީހާ އަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށްގެންނެވެ. މަންމަ މިހާރު ކައިވެނިކޮށްގެން އުޅޭ އަލީ ( ދޮންބައްޕަ) އާއި ކައިވެނި ކުުރުމުގެ ކުރިން ތިންވަނަ ކައިވެންޏަށް ލިބިފައިވާ 02 ކުދިންނަށް އެކުދިންގެ ބައްޕަ ޙަރަދެއް ނުކުރެއެވެ. ޚަރަދު ނުުކުރުމުން އެކުދިންގެ ބައްޕަ އާއި އެކުދިން ހަވާލުކުރިއެވެ. ހަވާލުކުރުމުން ވެސް ބައްޕަ އެކުދިން ނުބަލާ އެހެން ބަޔަކާއި ހަވާލުކުރިއެވެ. މިހެންވުމުން މަންމަ ވަނީ އެ 02 ކުދިން ލޯ އެންޑް ޖެންޑާ އަށް ހަވާލުކޮށްފައެވެ. އޭގެ ފަހުން މަންމަ ދޮންބައްޕަ އާއި ކައިވެނި ކުރުމަށްފަހު 2005 ވަނަ އަހަރުގެ މެދުތެރޭގައި މަންމަ ވަނީ ލޯ އެންޑް ޖެންޑާ އާއި ގުޅިގެން އެކުދިން އަބުރާ މަންމަގެ ކައިރިއަށް ބަދަލުކޮށްފައެވެ. މަންމަ ޤަބޫލުކުރާގޮތުގައި ދޮންބައްޕައަކީ ސިކުނޑީގެ އުނިކަމެއް ހުންނަމީހެކެވެ.
ދޮންބައްޕަ އަކީ ޓެކްސީ ޑްރައިވަރެއްކަމުން މިނޫން އިތުރު އާމްދަނީއެއް މަންމައަކަށް ނުލިބެއެވެ. މަންމަގެ ހާލަތު ހުރިގޮތުން މަންމަގެ ކުރީގެ ފިރިމީހާ ކޮންމެ ދުވަހަކު 100 ރުފިޔާ ގޭގެ ކަންކަންކުރުމަށް ދީހަދައެވެ. އަދި މިއާދައިގެ ދިރިއުޅެމުން ވެސް އެންމެ ހަގު ކުއްޖާ ފިޔަވާ ހުރިހާ ކުދިން ސްކޫލަށް ބަރާބަރަށް ގެންގޮސްހަދައެވެ. މިހުރިހާ ކުދިން ވެސް ސްކޫލަށް ގެންގޮސް ހަދަނީ މަންމައެވެ. ގޭގެ ފެންބިލް ނުދެއްކި އުޅޭތާ މަސް ދުވަސް ވެގެން ދާއިރުވެސް ދެއްކޭނެހާ މާލީ ދަނަވަސްކަމެއް މަންމަގެ ކިބައިގައި ނެތެވެ. ގިނަ ފަހަރަށް ލާރިއެއް ދިއްކޮށްލަނީވެސް މަންމަގެ ގާތް ރައްޓެއްސެކެވެ. އަޅުގަނޑުމެން ގެއަށް ބޭނުންވާ ފެން ގެން ގޮސް ހަދަނީ ގޭކައިރިގަ ހުންނަ މިސްކިތުންނެވެ. މަންމަ ބަލިވެއްޖިއްޔާ ގޭތެރެ ސާފުތާހިރުކޮށް ބަލަހައްޓާނެ އިތުރު މީހަކު ގޭގައި ނުހުރެއެވެ. މި މަސައްކަތްވެސް ކުރަނީ ގިނަ ފަހަރަށް އަޅުގަނޑެވެ. މިކަންމިހެން އޮތްއިރު ވެސް ފަހަކަށްއައިސް ދޮންބައްޕަ އެއްވެސް ވަޒީފާ އަކަށް ނުދެއވެ. ޓެކްސީ ކުރުންވެސް ހުއްޓާލިއެވެ.
މިގޮތުގައި ދުވަސްތެކެއް ފާއިތުވަމުން ގޮސް 2012 ވަނަ އަހަރު މާރިޗް މަހަށް ފެށިއްޖެއެވެ. އެއްދުވަހަކު ދޮންބައްޕަ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެއްދިޔައެވެ. އެކަމަކު ދޮންބައްޕަ އަކީ ދުވަަހަކުވެސް އެކަހަލަ ކަމެއްކުރި މީހެއްކަމަކަށް މަންމަ ޤަބޫލެއްނުކުރެއެވެ. އަނެއްކާވެސް އިތުރު ވާހަކަ އެއް މަންމަގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއީ ދޮންބައްޕަގެ އެއްބަޑު އެއްބަފާ ބޭޭބެ ދައްކަމުން ދިޔަ ވާހަކައެވެ. އޭރު ދޮންބައްޕަ އަޅުގަނޑަށް ޖިންސީ ފުރައްސާރަ ކުރަމުންދެއވެ. މަންމައަށް އިވުުނު ވާހަކައަކީ ދޮންބައްޕަ އަޅުގަނޑާ ބެހޭ ވާހަކައެވެ. އަދި މަންމަ އަޅުގަނޑުގާތު މިވާހަކަތައް އެހުމުން އަޅުގަނޑު ވަރަށް ދެރަވެފައި ދޮންބައްޕަ ޖިންސީ ގޯނާ ކުރާވާހަކަ ބުނީމެވެ. އެކަމަކު ދޮންބައްޕަ އެއީ ދުވަހަކުވެސް އެފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަކަށް މަންމަ ޤަބޫލެއް ނުކުރިއެވެ. އަދި އެވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުދެއްކުމަށް މަންމަ އެދުނެވެ. މަންމަ މިކަން ޤަބޫލު ނުކުރުމުން ދޮންބައްޕައަށް އެދުވަހު ލިބުނީ އިތުރު ހިތްވަރެކެވެ. އެދުވަހުން ފެށިގެން ދޮންބައްޕަގެ އަނިޔާތައް އިތުރަށް ބޮޑުވިއެވެ. މަންމަ ގޭގައި ނޫޅޭ ވަގުތުތައް ބަލާފައި އަޅުގަނޑާމެދު ގަދަކަމުން ޖިންސީ ގޯނާތައް ކުރަމުންދިޔައެވެ. އަދި ޖިސްމާނީ ވަރަށް ގިނަ އަނިޔާތަށްވެސް ކުރަމުން ދިޔައެވެ.
ދުވަސްތައް މާޒީވެ ދެއެވެ. އެއްދުވަހަކު، ދޮންބައްޕަ އަޅުގަނޑާ ގަދަކަމުން ބަދުއަޙްލާޤީ އަމަލު ހިންގަމުންދާކަމުގެ ވާހަކަ ދޮންބައްޕަގެ އާއިލާ މީހެއްގެ ފަރާތުން މަންމައަށް އެނގުނެވެ. ނަމަވެސް މަންމަ ދިޔައީ ދޮންބައްޕަގެ ދިފާއުގައި މިކަން ދޮގުކުރަމުންނެވެ. މަންމަ ބުނަމުން ދިޔައީ ދޮންބައްޕަގެ އާއިލާއިން މަންމަ ދޮންބައްޕައާއި އިނދެގެން ދޮންބައްޕަގެ ގޭގައި އުޅޭތީ އެކަމާ ހިންހަމަނުޖެހިގެން އެމީހުން ހަދައިގެން ދައްކާ ވާހަކަ އެއްކަމުގައެވެ. އަދި ދޮންބައްޕައަކީ ސިކުނޑީގެ މައްސަލަ އުޅޭ މީހެއްކަމަށް މަންމަ ބުންޏެވެ. މަންމަ އަބަދުވެސް ދިޔައީ ދޮންބައްޕަގެ ވާހަކަތައް ޤަބޫލުކުރަމުންނެވެ. މިހުރިހާ ކަމެއް ވެގެން ދާއިރު ވެސް މަންމަ ޤަބޫލުކުރާ ގޮތުގައި މަންމަގެ އެއްވެސް އިހުމާލެއް ނެތެވެ.
އޭގެ ދެ އަހަރު ފަހެވެ. އަޅުގަނޑުގެ ދޮންބައްޕަގެ ފަރާތުން އަޅުގަނޑަށް ޖިންސީ އަނިޔާ ލިބެމުންދާކަން މަންމައަށް މިފަހަރު ޤަބޫލުކުރެވިއްޖެއެވެ. އެއީ އަޅުގަނޑު ދޮންބައްޕަގެ ދަރިއަކަށް ބަލިވެ އިންކަން އެނގުމުންނެވެ. ނަމަވެސް މީހުންނަށް މިކަން އެނގިދާނެތީ އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް މިކަން އެނގުނަ ދީގެން ނުވާނެކަމަށް ބުނެ މަންމަ އަޅުގަނޑަށް އިންޒާރު ދިނެވެ. އަދި ހާލަތު ހުރިގޮތުން ލާރި ނެތުމުން ދަރިފުޅު ވައްޓާ ނުލެވޭނެކަމަށް ބުންޏެވެ. މިވާހަކަތައް ދޮންބައްޕައަށް މަންމަ ކިޔައިދިނެވެ. ދޮންބައްޕައަށް މި ހަބަރު ލިބުމާއެކު މާލަސްތަކެއް ނުވެ، ގެއިން ބޭރަށް ނިކުމެ އުޅުން ދޮންބަޕަ އަޅުގަނޑަށް އެއްކޮށް މަނާކުރިއެވެ. އަދި އަނިޔާކުރަން ފެށިއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އަޅުގަނޑު ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން ކޮޓަރީގައި އޮވެ މަންމައަށް ގޮވީމެވެ. އެވަގުތު ދޮންބައްޕަ ކޮޓަރި ދޮރުމަތީގައި ހުރިތަން ފެނުނެވެ. ދެން ވީގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. އަޅުގަނޑަށް ހޭވެރިކަން ވީއިރު އަޅުގަނޑު އޮތީ ވިހައިގެންނެވެ. ކައިރީގައި ހުރި އެދެއްގައި ވިހޭ ދަރިފުޅު ލެއާއެކު ބާއްވާފައި އޮތެވެ. ރޯއަޑު އިވެއެވެ. އެވަގުތު މަންމަ އަޅުގަނޑުގެ އަތުގައި ހިފައި ނަގައިގެން ގޮސް ފާހާނާތެރެއަށް ވެއްދިއެވެ. އަދި ބަނޑުގައި އޮތް މަސް ބޭރުކޮށްލުމަށްފަހު އަޅުގަނޑު ތާހިރުކޮށްގެ ކޮޓަރިއަށް ވެއްދިއެވެ. އެވަގުތު އަޅުގަނޑު އެދާ ދިމާލަށް ބަލާލީމެވެ. އޭރު އަޅުގަނޑު ވިހޭ ދަރިފުޅުގެ ނިޝާންވެސް ކޮޓަރި ތެރެއިން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ދަރިފުޅާ ބެހޭގޮތުން މަންމަ އާއި ދޮންބައްޕަ އާއި އެއްވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަޅުގަނޑުގެ ގަޔަކުނެތެވެ. ފާހާނާއިން ނިކުމެ ކޮޓަރިއަށް ވަތްއިރު ، ކޮޓަރި ތަރުފާލު މަތީގަ އާއި އަޅުގަނޑު އޮށޯވެގެން އޮތް ގޮދަނޑީގައި ވަރަށް ބޮޑަށް ލޭހޭކިފައި ހުރިތަން ފެނުނެވެ. އަޅުގަނޑަށް އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެވުނީ ވެފައި ހުރި ވަރުބަލިކަމުންނެވެ. އަދި ކޮޓަރިތެރެއަށްވަދެ އޮށޯއޮތުމާއެކު އަޅުގަނޑަށް ނިދިއްޖެއެވެ. ހޭލެވުނީ ކުއްލިޔަކަށް ބަޔަކު މީހުން ގެއަށްވަދެ ވާހަކަ ދައްކާ އަޑަށެވެ. އެވަގުތު އެއީ ފުލުހުންކަން އެނގުނެވެ. އެމީހުން އަޅުގަނޑު ގޮވައިގެން ދިޔައީ ރަށުގެ ސިއްހީ މަރުކަޒަށެވެ. އޭރު އެތަނަށް ވަނީ ރަށުގެ މީހުން އެއްވެފައެވެ. އެތަނުގައި އެއްވެފައިތިބި ރަށު މީހުން ދައްކާ ވާހަކަތައް ސާފުކޮށް އަޅުގަނޑަށް އިވެއެވެ. މި ވާހަކަތަކުގެތެރެއިން ފުރޭނިގެން އައި އަޑެއް އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. އަޅުގަނޑު ވިހޭ ދަރިފުޅު މަރާލުމަށްފަހު ގޭގެ ގިފިލިތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެކަމަށް މީހަކު ބުނި އަޑެވެ. އެހެންނަމަވެސް އަޅުގަނޑަށް އަޅުގަނޑު ވިހޭ ދަރިފުޅަށް ހެދީ ކިހިނެއްކަމެއްވެސް ނޭގެއެވެ. އަދި އެ ދަރިފުޅު ގިފިލިތެރޭގައި ވަޅުލީ ކާކުކަމެއްވެސް ނޭގެއެވެ. އެދުވަހު އަޅުގަނޑަށް ލިބުނު އެދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެކެވެ. އެ ދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެއްކަން އަޅުގަނޑަށް ޤަބުލުކުރެވެނީ، އަޅުގަނޑު ބަލިވެއިންކަން އެނގުނީ އަޅުގަނޑާމެދު ދޮންބައްޕަ ބަދުއަހްލާޤީ އަމަލުު ހިންގާފައިވާތީ އެވެ. އެއީ އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފޮހެލެވޭނެ ދުވަސްތަކެއް ނޫނެވެ. އެ ދުވަސް ހަނދާނުން ނުފިލިއެވެ. ނުވެސް ފިލާނެއެވެ. އެއީ ހިތި މާޒީއެކެވެ.
މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެމްބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނިކަކޮށް މުޖުތަމަޢު އިން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ ބަފައިން މިފަދަ ޢަމަލުތައް ދަރިންނާއި މެދު ނުހިންގުމަށް އަޅުގަނޑުމެން ނަޞޭހަތްތެރިވަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މީހުން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިކަމުގެ ސަބަބުން މިދުނިޔެއިން ނިމިގެންދަނީ ކިތައް ކިތައް މަޢުސޫމް ކުދިންބާވައެވެ.
………………………………………
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު