މިނިސްޓްރީ އޮފް  ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ހުރާ ކައުންސިލް އަދި ހުއްރިއްޔާ ސްޕޯޓްސް ކުލަބު ގުޅިގެން ކ. ހުރާގައި ގާއިމުކުރި “އައުޓްޑޯ” ވޮލީ ކޯޓު ނިންމާލައިފިއެވެ.

މިއީ  ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ގާއިމުކުރި ފުރަތަމަ “އައުޓްޑޯ” ވޮލީ ކޯޓު ކަމަށްވާއިރު، މި ކޯޓުގެ މަސައްކަތަށް އެ މިނިސްޓްރީން ވަނީ ގާތްގަނޑަކަށް ފަސް ލައްކައާ ގާތްކުރާ އަދަދަކަށް ފައިސާ ޚަރަދުކޮށްފައެވެ. އަދި، މި މަސައްކަތުގެ ބާކީ ޚަރަދުތައް ކޮށްފައިވަނީ ހުރާ ކައުންސިލާއި، ހުއްރިއްޔާ ސްޕޯޓްސް ކުލަބުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ވޮލީ  ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރު ރަށްރަށުގައި ވެސް، މިފަދަ ކޯޓުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ވެސް، ކުޅެވޭ ގޮތަށް  ތައްޔާރުކޮށްފައިވާ މި ކޯޓުގެ މަސައްކަތްތައް އިޢުލާންކޮށްގެން ކުރިޔަށް ގެންގޮސްފައިވަނީ ހުރާ ކައުންސިލްގެ ފަރާތުންނެވެ. މި ކޯޓު ގާއިމުކޮށްފައިވަނީ ހުއްރިއްޔާ އަށް އެރަށު ކައުންސިލުން ދޫކޮށްފައިވާ ހުސްބިމުގައި ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހުރާ ކައުންސިލާއި، އެ ރަށުގެ ޒުވާނުންގެ އިތުރުން ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ފޯރުކޮށްދިން  އެހީތެރިކަމަށް މިނިސްޓަރ މަޙްލޫފް ވަނީ  ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ޒުވާނުންގެ މެދުގައި ވޮލީއަކީ ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާއިރު، ވޮލީ ކުރިއެރުވުމަށް މިނިސްޓަރ މަޙްލޫފްގެ އިސް  ނެންގެވުމަށް ޔޫތު މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.