ފިލްމު އުފައްދާ، އެކްޓްކުރާ ހިތްވާ އައު ފަރާތްތަކެއް ފިލްމީ ދާއިރާއަށް ނެރުމުގެ މަޤްޞަދުގައި މަނިކްއާޓްސް ސްޓޫޑިއޯއިން ކުރު ފިލްމު މުބާރާތެއް ބޭއްވުމަށް ނިންމައި އެ މުބާރާތަށް ވީޑިއޯ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިލްމީ ދާއިރާއަށް އަބަދުވެސް އައު ބަޔަކު ނެރުމަށް މަސައްކަތްކުރާ މަނިކްއާޓްސްގެ މަނިކު ބުނީ މިއީ މަނިކްއާޓްސް އިން ބާއްވާ ފުރަތަމަ ކުރު ފިލްމު މުބާރާތް ކަމަށާއި މަޤްޞަދަކީ އައު ފަންނާނުން ދާއިރާއަށް ނެރުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 މިނެޓަށް ވުރެން ކުރުނޫން ކުރު ފިލްމު އުފައްދައި ގޫގަލް ޑްރައިވްއަށް އަޕްލޯޑްކޮށް މަނިކްއާޓްސްގެ އީމެއިލް އެޑްރެސް [email protected] އަށް އަޕްލޯޑްކުރި ވީޑިއޯގެ ލިންކު މި އަހަރު ސެޕްޓެމްބަރު މަހުގެ 30ގެ ކުރިން ހުށައަޅަން ޖެހޭކަމަށް މަނިކްއާޓްސް އިން ބުނެއެވެ.

މުބާރާތުގައި ބައިވެރިކުރާ ކުރު ފިލްމަކީ އޮރިޖިނަލް މަސައްކަތަކަށް ވުމާއި، އެއްވެސް ބަައެއް ނުވަތަ މީހެއްގެ ޙައްޤަކަށް އުނިކަން ނުލިބޭ، އިސްލާމް ދީނުގެ އުސޫލުތަކާއި ދިވެހި ރާއްޖޭގެ ޤާނޫނާއި ޤަވާއިދަށް ފުށުނާރާ ފިލްމަކަށް ވާން ޖެހޭނެ ކަމަށްވެސް މުބާރާތުގެ ޤަވާޢިދުގައި ބުނެއެވެ.

“އެބަޔަކު ބޭނުންވާ ކޮންސެޕްޓަކަށް، މޮބައިލް ފޯނު ނުވަތަ ޑީއެސްއެލްއާރް ކެމެރާ ބޭނުންކޮށްގެން ފިލްމު އުފެއްދިދާނެެ. މުބާރާތަށް ހުށައަޅާ ވީޑިއޯތައް އާއްމުކުރުމަށް ހަމަޖެހިފައިވަނީ މަނިކްއާޓްސްގެ ފޭސްބްކް ޕޭޖްގަ. ހުށައަޅާ ވީޑިއޯތަކަށް ފަނޑިޔާރުން ދޭ މާކްސްގެ އިތުރުން ފޭސްބްކް ލައިކްސް އަދި ޝެއާސްއަށް 20 އިންސައްތަ މާކްސް ދިނުމަށް ނިންމާފައިވޭ.” ކުރު ފިލްމު މުބާރާތުގެ ތަފްސީލަށް ދަމުން މަނިކު ބުންޏެވެ.

މަނިކްއާޓްސްގެ ކުރު ފިލްމު މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ހޮވާލާފައިވަނީ ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލްއެކެވެ. އެގޮތުން މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް، އެކްޓިން އިން ރިޓަޔަރ ކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އަންްހެން އެކްޓްރެސް ނިޢުމާ މުޙައްމަދު، މިއުޒީޝަން އަދި ފިލްމީ ތަރި ޙުސައިން ސޮބާހް، މަޝްހޫރު ހިްޕހޮޕް އާޓިސްޓް ޔެސް-އީ ހިމެނެއެވެ.

މުބާރާތުން 01ވަނަ އަށް ހޮވޭ ކުރު ފިލްމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މަނިކްއާޓްސް އަކީ ފިލްމީ ދާއިރާއަށް އައު ފަންނާނުން ނެރުމާ ވީޑިއޯ ލަވަތަކާ ކުރު ފިލްމުތައް ހަދަމުން އަންނަ ސްޓޫޑިއޯއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.