ބައިނަލްއަޤުވާމީ ފުޓްބޯޅައިގެ މައި އިދާރާ ފީފާ ގެ “ސެންޗުރީ ކުލަބު” ލިސްޓުގައި ހިމެނުނު ފުރަތަަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފު އިމްރާން މުޙައްމަދު ހޯދައިފިއެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު އަދި، ދިވެހިންގެ އެންމެ މަޤްބޫލު އެއް ކުޅިވަރު ޝަހުސިއްޔަތު ކީޕަރު އިމްރާން ވަނީ ގައުމީ ޖާޒީގައި ރަސްމީކޮށް ޖުމުލަ 109 މެޗު ކުޅެފައެވެ. ފީފާ ސެންޗުރީ ކުލަބަކީ ފީފާގެ މެންބަރު ގައުމުތަކުގެ ތެރެއިން ގައުމީ ޓީމަށް 100 މެޗު ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ލިސްޓެކެވެ.

109 މެޗު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ބެލެހެއްޓުމަށް ފަހު، އިމްރާނު ކުޅުން ހުއްޓާލާފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރަން ތާރީޚެއް ދޫކޮށްފައިވާ އިމްރާނު 17 އަހަރު ގައުމީ ޓީމުގައި ހޭދަކުރުމަށް ފަހު،  ރަސްމީކޮށް ރިޓަޔާ ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ރިޓަޔާކުރުމަށް ފަހު، އިމްރާން ބުނެފައިވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނި އެއް ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުންކަމަށެވެ. ގައުމީ ޓީމުން އިމްރާނުގެ ޚިދުމަތަށް ފަހުން އެދުނު ނަމަވެސް އިމްރާން ވަނީ ޒުވާން ގޯލްކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުޅުން ހުއްޓާލަން ނިންމި ނިންމުން ދަމަހައްޓައިފައެވެ.

ކުޅިވަރު ދަނޑުމަތީގައި ލީޑާޝިޕުގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ އިމްރާނަކީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމު ޙާސިލްކޮށްފައިވާ ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.