ވާހަކައަށް ފާޑުކިޔުމަކީ ވާހަކައިން ކިޔާ ތަނެއް އެނަލައިޒްކުރުމެވެ. ނުވަތަ ވާހަކައިން ކިޔާ ތަނެއް އިންޓަޕްރިޓްކުރުމާއެކު މި ދެކަންތަކުގެ ތެރެއިން ލިޔުމަށް އުފެއްދުންތެރިކަމާއެކު ފާޑުކިޔުމެވެ.
އެހެންކަމުން މިމަޒުމޫނުގައި ބަލާލާނީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަލްފާޟިލް އިބްރާހިމް ވަހީދު (ބިންމާ) މިހާރު އޮންލައިންއަށް ލިޔުއްވާފައިވާ ”ދަރިފުޅުގެ އެކުވެރިޔާ” މި ދިގު ވާހައިގެ ޞަފްހާ 12- 13 ލިޔުންކޮޅު އެނަލައިޒްކޮށް އުފެއްދުންތެރިކަމާއެކު ފާޑުކިޔުމަށެވެ. މިގޮތުން މި ލިޔުންކޮޅު ތަފްސީލުކޮށް ، ހޯދުނު ހޯދުންތަކުން މިސާލުދައްކައި، ލިޔުންތެރިޔާގެ ހުށަހެޅުންތަކާއި ނިންމުންތަކަށް ބާރުދޭ ކަންކަމާމެދު ދެކޭގޮތް ހާމަކުރާނަމެވެ. އަދި ލިޔުންތެރިޔާގެ އިބާރާތުން ހެކި ދެއްކުމާއި، އިތުރު ކުރެވިދާނެ ބައެއް އޮތްތޯ ޔަޤީންކޮށްދޭނަމެވެ. އަދި މޮޅު ހިޔާލުތައް ހުށަހަޅައި ޕްރޫފް ރީޑްކޮށްދެވޭތޯ މަސައްކަތްކޮށްލާނަމެވެ.
ވާހަކައިގެ ތީމް ނުވަތަ މަޢުޟޫޢު
ފުރިހަމަ ތީމެއް އެކުލެވޭ ” ދަރިފުޅުގެ އެކުވެރިޔާ” މިވާހަކައަކީ، އުމުރުން 28 އަހަރުގެ އަންހެނަކު އޭނާގެ ހަމަހުގެ އަންހެން ދަރިފުޅު ގޮވައިގެން އިންޑިޔާއަށް ބޭސް ފަރުވާއަށްގޮސް އޭނާގެ ކޮއްކޮއެއް ކިޔަވަން އެކަނި ހުންނަ ބޮޑު ގެއެއްގައި ހުރުމުން މި ކުޑަ އަންހެން ކުއްޖާއަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން އެކުއްޖާގެ މަންމަގެ ހިތުގައި އުފެދޭ ބިރުވެރި އިހުސާސްތަކެކެވެ. އަދި އެނބުރި މާލެ އައުމުންވެސް މި ކުއްޖާގެ ފަރާތުން މިކަންކަން ތަކުރާރުވަމުން ދިއުމެވެ. ނަމަވެސް ވާހަކަ ނިމިގެން އަންނަ އިރު ކަމުގެ ހަޤީޤަތް އެގެމުން ދެއެވެ. އަދި މިކަން ހިނގަން މެދުވެރިވަނީ ކުއްޖާގެ މަންމަ މާބަނޑު ދުވަސްވަރު އޭނާގެ ފިރިމީހާއަށް ޖިންނިއަކަށް ގޯނާ ކުރެވިފައިވުމުންކަން އެނގެއެވެ. ނަމަވެސް މި ތުއްތު ކުއްޖާއާއި އެކު އުޅޭ ޖިންނި ކުއްޖާއަކީ ކަނޑުގެ އަހުލުވެރިއެއްގެ ދަރިއެއްކަމާއި މި މަހްލޫގެ ފަރާތުން މިކުއްޖާއަށް އެއްވެސް ގޯނާއެއް ނުކުރާނެކަން ފަންޑިތަވެރިއެއްގެ ފަރާތުން އެނގުނު ހިސާބުން މި ކުއްޖާގެ މަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ފިލައިގެން ދެއެވެ. މިވާހަކައިންދޭ މެސެޖަކީ، އިންސާނުން ފަދައިން އެހެން މަހްލޫގުންވެސް މި ދުނިޔެމަތީގައި ވާކަމާއި އޭގެތެރޭގައިވެސް ނުބައި މަހްލޫގުންނާއި ރަނގަޅު މަހްލޫގުން ވާކަމާއި ރަނގަޅު ނަމަވެސް އެއިން މަހްލޫޤަކަށް އިންސާނެއްގެ ފަރާތުން ގޯނާއެއް ލިބިއްޖެނަމަ އުދަގޫތަކެއް ކުރިމަތި ވެދާނެކަމެވެ. އަދި އެ މަހްލޫގަކު އިންސާނަކަށް ގޯނާ ނުކުރާހާ ހިނދަކު އެއިން މަހްލޫގެއްގެ ފަރާތުންވެސް އިންސާނަކަށް ގޯނާއެއް ނުކުރާނެ ކަމެވެ.
ހުށަހަޅައިދީފައިވާގޮތް ނުވަތަ ކިޔައިދީފައިވާގޮތް (އުސްލޫބް)
މިވާހަކައިން ނަގާފައިވާ ލިޔުންކޮޅަށް ބަލާއިރު މިވާހަކަ ހުށަހަޅައި ދީފައިވަނީ ފުރަތަމަ މީހާގެ ނަޒަރުން ނެވެ. ފުރަތަމަ މީހާގެ ނަޒަރު ހާމަވަނީ، “އަހަރެން ހަދާގޮތަކީ މަރާނަތު ގައިގައި ބައްދާލަނީ އެވެ. އަހަރެން ފޯނުން ޔާސީން ސޫރަތް ޖަހަން ފެށީމެވެ. ” މިފަދަ ޖުމުލަތަކުންނެވެ. މިވާހަކަ ހުށަހަޅައި ދީފައިވަނީ ވާހަކަދެއްކުމުގެ އާދައިގެ ބަހުރުވައިންނެވެ. ވާހަކައިގެ ބަސްކޮށާރުގައި މިޒަމާނުގައި ވާހަކަދެއްކުމުގައި ބޭނުންނުކުރާ ފުން މާނަ އެކުލެވޭ ބައެއް ބަސްތަކާއި ޖުމުލަތައް ބޭނުންކޮށްފައިވެއެވެ. މިސާލަކަށް، ”އަހަރެންގެ ގަޔަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލިހެން” މި ޖުމުލައިގައި ”ފެންބަނޑިޔާ” މާނަކޮށްފައި އެވަނީ ހިތްބިރުގަތުން ނުވަތަ ސިހިގެން ދިއުން ފަދަ މާނައިގައެވެ. މީގެއިތުރުން މިލިޔުންކޮޅުން ބައެއް ލަފުޒުތައް ކިޔަމުންދާއިރު ތަފާތު މާނައެކުލެވޭ ބަސްކޮށާރުވެސް ބޭނުންކޮށްފައި ވެއެވެ. މިސާލަކަށް: ” ސާކަލްއެއް” މި ލަފުޒަށް ބަލާއިރު ބައެއް ފަހަރު މާނަ ތަފާތު ވެއެވެ. އެއީ ”ސާކަލް” މިހެން އިނގިރޭސި ބަހުން ބުނާނަމަ އެއީ ވައްބުރެކެވެ. ދިވެހިން މާނަ ކުރާނަމަ ސައިކަލް އެކެވެ. ނަމަވެސް މި ވާހަކައިގައި މަނާރު އަކީ ކުޑަ ކުއްޖެއް ކަމަށްވެފައި ކުޑަކުއްޖެއްގެ ބަހުރުވައެއްގެ ގޮތުގައި މި ބަސް ބޭނުންކޮށްފައި އޮތުމުން ވާހަކަ ކިޔަމުން ދާއިރު އެއިން ދޭހަވާ މާނަ އެގެއެވެ. އެހެންނަމަވެސް މަނާރަތު އަކީ ކުޑަކުއްޖެއްކަން ލިޔުމުން ނޭގޭނަމަ ވަރަށް ބޮޑަށް މާނަ ފުށޫ އަރާނެއެވެ. މީގެއިތުރުން ” މިސާލަކަށް، ” އަހަރެންގެ ގަޔަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލިހެން” މި ޖުމުލަ އާއްމުކޮށް ބޭނުންކޮށް އުޅެނީ” މެޔަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލިހެން ”މިގޮތަށެވެ. ނަމަވެސް ލިޔުންތެރިޔާ ”ގަޔަށޭ” ބުނުމުން މީހަކު އޭނާގެ ގަޔަށް ފެންބަނޑިޔަލެއް އޮއްސާލިހެން ހީވުން” މި މާނައިގައި ބޭނުން ކުރެވެއެވެ. ” މެއަށް ފެންބަނޑިޔަލެއް އޮއްސާލިހެން ހީވުން” މިހެން އޮތްނަމަ މާނަ ފުށޫ އެރުން ކުޑަވާނެއެވެ. ސަބަބަކީ މީހެއްގެ ހިތަށް ބިރުވެރިކަން އިހްސާސްކުރެވޭ ހިނދު އެންމެ ފުރަތަމަ ތެޅޭނީ އެމީހާގެ މެއެވެ. ނުވަތަ ހިތެވެ. ގަޔެއް ނުތެޅޭނެއެވެ. އެހެންކަމުން ބައެއްފަހަރު ބައެއްބަހުގައި ބުނާމާނަ ދޭހަކުރަން އުދަގޫވާ ފަހަރު އަންނަކަން ފާހަގަކުރެވިގެންދިޔަ އެވެ.
ކެރެކްޓަރ / ސަޚުޞިއްޔަތު
މިވާހަކައިން ނަގާފައިވާ ލިޔުންކޮޅުގައިވާ ކެރެކްޓަރުންނަށް ބަލާއިރު ވާހަކައިގެ އެންމެ މުހިއްމު ކެރެކްޓަރ އަކީ ފުރަތަމަ ނަޒަރުން ވާހަކަ ކިޔައިދޭ މީހާ ” އަހަރެން” އެވެ. އަހަރެންނަކީ މި ވާހަކައިގައި އެއްވެސް ބަދަލެއް ނާންނަ ކެރެކްޓަރ އެކެވެ. އެހެނީ ވާހަކަ ކިޔައި ނިމޭއިރުވެސް ވާހަކަ ކިޔައިދޭ މީހާ ” އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ. އެއްވަރެއްގައި ހިފެހެއްޓުމޭ ބުނެވެނީ ލިޔުން މުޅި ވާހަކައިގެ ފެށުމާއި މެދުތެރެއާއި އަދި ވާހަކަ ނިމޭއިރުވެސް މި ކެރެކްޓަރ ހުންނަނީ ބިރުގަނެ ސިހުން ލިބިފައެވެ. ނުވަތަ ނަފްސާނީގޮތުން ބިރުގަތްފައެވެ. ނަމަވެސް މުޅި ވާހަކަ ބިނާވެފައިވަނީ ” އަހަރެން” ގެ ދަރިފުޅު ” މަނާރަތު” ކެރެކްޓަރ އަށެވެ. މި ކެރެކްޓަރ އަކީ ޑައިނަމިކް ކެރެކްޓަރ އެކެވެ. އެއީ ދިމާވާ ކަންތައްތަކެއްގެ ސަބަބުން މި ކެރެކްޓަރގެ ކަންކަން ބަދަލުވެގެން ދަނީއެވެ. ދެން އުޅެނީ ވާހަކަ ކިޔައިދޭ މީހާގެ ފިރިމީހާ ފަޔާޒު ކެރެކްޓަރ އެވެ. މުޅި ވާހަކަ އެއްކޮށް ކިޔާލުމުން އެނގެނީ ” ފަޔާޒު” ކެރެކްޓަރ އަކީ ފްލެޓް ކެރެކްޓަރ އެއްކަމެވެ. އެހެނީ މުޅި ވާހަކަ ނިމިގެން ދާއިރުވެސް އޭނާގެ މާގިނަ ކަންތައްތަކެއް ނޭގެއެވެ. އެހެންނަމަވެސް މަނާރަތަށް ނުފެންނަ މަހްލޫގެއްގެ ފަރާތުން ދިމާވާ މިކަންކަން ފަޔާޒުއަށް އެނގޭއިރުވެސް މިކަމަށް ހައްލެއް ގެންނަން ނުވަތަ ފަންޑިތަވެރިއެއް ގާތަށް ދާން ފަޔާޒު އެއްބަސް ނުވާކަން އެނގިގެން ދަނީ ފަޔާޒު އަކީ މި ކަން ޤަބޫލުކުރާ މީހެއް ނޫންކަމެވެ. ނުފެންނަ މަހްލޫޤު ނުވަތަ ޖިންނި މި ލިޔުންކޮޅުގައި ސިފަކޮށްފައި ވަނީ ”ކޮއްކޮ” މި ކެރެކްޓަރ އަށެވެ. މީގެއިތުރުން ފަޔާޒު އާއި ވާހަކަ ކިޔައިދޭ މީހާ (އަހަރެން) އަކީ ވަރަށް ލޯބިން އުޅޭ ދެމީހުންކަމާއި މި ދެމީހުންނަށް މި ވަނީ ކީއްކަން އެނގޭކަން ލިޔުންކޮޅު އިތުރަށް ދިރާސާކޮށްލުމުން އެގިގެންދެއެވެ. ހަމައެހެންމެ މައިދައިތަ އާއި ވާހަކަ ކިޔައިދޭ މީހާ (އަހަރެން) އާއި ގުޅުމެއް ވާކަން އެގެއެވެ. މި ވާހަކައިގައި މައިދައިތައަކީ ރަނގަޅު ބައިކުޅޭ ކެރެކްޓަރ އެކެވެ. މައިދައިތަގެ ބޭނުމަކީ އަނާރަތަށް ދިމާވެގެން އުޅޭ ކަންތައް ހައްލުކުރާނެ މަގެއް ހޯދުމެވެ.
މީގެއިތުރުން ވާހަކަ ކިޔައިދޭ މީހާގެ ފޮރުވިފައިވާ ކަންކަން މައިދައިތަގެ ފަރާތުން ހާމަވަމުންދާކަން މި ލިޔުންކޮޅުން އެގެމުންދެއެވެ. އަދި މައިދައިތައަކީ މަނާރަތުއަށް ދިމާވެފައި ހުރިކަމެއް ތަޖުރިބާކޮށްފައި ހުރި މީހެއްކަން ލިޔުން ކޮޅުގެ ފަހުބައިން އެނގެއެވެ. މިސާލަކަށް، ” މިހާރު އެބަ އެނގޭތާ ތި ކޮޓަރީގަ ކޮންމެވެސް މައްސަލައެއް އެބަ އުޅޭކަން. ” މައިދައިތަ މިގޮތަށް ބުނުމުންނެވެ.
އެހެންނަމަވެސް ވާހަކައިގައި އުފައްދާފައިވާ ކެރެކްޓަރުންނަށް އެއްވެސް ބަދަލެއް ގެނައުމަށް ލިޔުންތެރިޔާ ނުވިސްނާކަން ފާހަގަކުރެވުނެވެ. ސަބަބަކީ، ކެރެކްޓަރ (އަހަރެން) ގެ ދަރިފުޅު މަނާރަތަށް ދިމާވެފައިވާ ހާދިސާއަކީ މި ވާހަކައިގެ މުހިންމު ކަރެކްޓަރ އެއް ކަމަށްވާ ފާއިޒުއަށް އެނގި ހުރެ ފާއިޒު މިކަން ނުވާކަމަކަށް ހަދަން އުޅޭހެން ވާހަކަ ހީވުމެވެ. އަދި ފަޔާޒު ނުރުހޭކަމެއް ކުރުމަށް ވާހަކައިގެ މެއިން ކަރެކްޓަރ ” އަހަރެން” ބޭނުން ނުވާކަން އެނގެއެވެ. ސަބަބަކީ ”އަހަރެން” ފަޔާޒު ދެކެ އިންތިހާއަށް ލޯބި ވުމެވެ. ނަމަވެސް މިވާހަކައިން ނަގާފައިވާ ލިޔުންކޮޅު ދިރާސާކޮށްލުމުން މި ވާހަކައިގައި އުޅޭމީހުން މަދުވުމާއި މިވާކައިގައި އުޅޭ ކޮންމެ ކެރެކްޓަރ އަކީ ތަފާތު ކެރެކްޓަރ އަކަށްވުމުން މިއީ ވާހަކައަށް ލިބިފައިވާ ކުރިއެރުމެއްކަން ފާހަގަކުރަމެވެ.
ދެކެވޭ ވާހަކަ / ޑައިލޮގު
މި ލިޔުންކޮޅުގައި ޑައިލޮގު ގެނެސްދީފައިވަނީ، ބައެއްފަހަރު ލިޔުންގަނޑުގެ ތެރޭގައި ވާހަކަ ކިޔައިދޭ ބީދައިން ނަން ބޭނުންކޮށްގެންނެވެ. މިސާލަކަށް: ” ކޮބައިތަ ކޮއްކޮ؟ މައިދައިތަ އެހިއެވެ.” ، ” ހިނގާ މަންމަގެ ކޮޓަރިއަށް. މައިތައިތަ އަހާލިއެވެ.” މިގޮތަށެވެ.
މި ލިޔުންކޮޅުގައި ބައެއް ފަހަރު ގިނަގޮތްގޮތަށް ޑައިލޮގު ހިމަނާފައިވުމުން ކިޔާމީހާއަށް ވާހަކަދެނެގަންނަން އުނދަގުވާގޮތް ވެއެވެ. އަދި މާ ގިނައިން ނަން ބޭނުން ކުރުމުން ތަކުރާރު ވާހެންވެސް ހީވެއެވެ. ސަބަބަކީ، މިފަދަ ވާހަކައެއް ކިޔަމުންދާއިރު ކިޔުންތެރިން ޝައުޤުއުފެދޭނީ ވާހަކައިގެ ހިމަނާފައިވާ ޑައިލޮގުން ފަސޭހަކަމާއެކު ވާހަކައިގެ ޙާދިޘާ ފަހުމްވަމުން ދާނަމައެވެ.
ވާހަކައިގެ ފުލޯ ނުވަތަ އޮމާންކަން
މި ލިޔުންކޮޅުންވެސް ވާހަކައިގެ ފުލޯ ވަރަށް ބޮޑަށް ހިފެހެއްޓިފައިވާކަން ފާހަގަކޮށްލަމެވެ. އެހެންނަމަވެސް ކުޑަކޮށް ބޮލަށް އުދަގޫވާގޮތެއް ހުރިކަންފާހަގަވިއެވެ. އެގޮތަކީ މަނާރަތުއަށް ޖިންނިއެއްގެ އުދަގޫ ވާއިރުވެސް ފަޔާޒުގެ ބަހެއް މިކަމުގައި ނެތުމާއި، ވާހަކަ ކިޔައިދޭ މީހާ (އަހަރެން) ކިތަންމެ ބިރު ގަތް ނަމަވެސް މިކަމަށް ފަރުވާއެއް ހޯދުމަށް ނޫޅެ ލަސްވެގެން ދިއުމެވެ. މިގޮތުން މަނާރަތު ކައިރިއަށް ކޮއްކޮ އަންނަ ރޭރޭ އަހަރެން މާބޮޑަށް ބިރުގަނެ ހަދާނެ ގޮތް ހުސްވެގެން އުޅޭހެން ހީވުމެވެ. އަދި މީހުން ބުނާ ޔޯލަޔޯލަ ނުވަތަ ތޯތޯ ވާހަކަތަކަށް މާބޮޑަށް އިސްކަން ދީފައި ހުރުމުން ލިޔުންކޮޅު ކިޔަމުން ދާއިރު ބައެއް ފަހަރު ކަމުގެ ހަޤީޤަތް އޮޅި ފޫހިކަމެއް އިހްސާސް ކުރެވެއެވެ. މިސާލަކަށް، ތިރީގައި މިވާ ޕެރެގްރާފަށް ބަލާލާނަމެވެ.
”އަހަރެން ފޯނުން ޔާސީން ސޫރަތް ޖަހަން ފެށީމެވެ. ކުރިން ޖަހަނީ ބަޤަރާ ސޫރަތެވެ. އެ ގޮތް ރަނގަޅު ވާނެކަމަށް މީހަކު ބުނީމައެވެ. އެހެން މީހަކު ބުނި ގޮތުގައި، ރުޤްޔާ ކިޔަވާއިރު ވެސް ބަޤަރާ ސޫރަތުގެ އާޔަތްތަކެއް ކިޔައެވެ. ޖިންނި ގެނައުމަށްޓަކައެވެ. ބަޤަރާ ސޫރަތް އެއްކޮށް ޖަހަން އުޅެންޏާ، އެ ޖަހާ އެއްޗެއް ހުއްޓި ސޫރަތުގެ އަޑު ކެނޑެނީ އެހެންވެކަމަށް ވެއެވެ. ފޯނުވިޔަސް ކޮންޕިއުޓަރުން ވިޔަސް ވެހެވެ. އެއީ ވެސް ތެދެކެވެ. އަހަރެން ކިތަންމެ ފަހަރަކު އެ ކަން ތަޖުރިބާ ކޮށްފީމެވެ. އެ ފަދަ އެހެން ރޭތައް ފަދައިން، އެ ރޭ ވެސް މަނާރަތު އުޅުނީ އެނދުން ފައިބާށެވެ. ”
މި ވާހަކަކޮޅަށް ބަލާއިރު ބައެއް ފަހަރު މިއީ ހަޤީޤަތް ބާއޭވެސް ހިތަށް އަރައެވެ. ސަބަބަކީ މީހުން ކޮންމެ ގޮތަކަށް ބުނިކަމުގައި ވީނަމަވެސް ބައެއް ފަހަރު މިއާ ހިލާފަށްވެސް މިކަން ވާކަމަށް ޤަބޫލުކުރަން ޖެހެއެވެ. އަޅުގަނޑު ދެކޭގޮތުގައި ”ބަޤަރާ ސޫރަތަކަސް އަދި އެހެން ސޫރަތަކަސް އެއްކޮށް ޖެހިޔަސް ނުހުއްޓޭނެއެވެ. ހުއްޓޭނީ އެ ޖަހާ ކޮމްޕިއުޓަރ ނުވަތަ އެހެންވެސް އެއްޗަކަށް މައްސަލައެއް ދިމާވުމުންނެވެ. މިގޮތަށް މިހެން ލިޔެވިފައި ވުމުން މި ވާހަކަ ބަލައިގަންނަންވެސް އުދަގޫވެއެވެ. އެއީ އަޅުގަނޑަކީވެސް މިކަމުގެ ތަޖުރިބާ ލިބިފައި ހުރި މީހަކަށް ވާތީއެވެ. ނަމަވެސް މިއީ ވާހަކަ އިތުރަށް ފޮނިކޮށްލުމަށް ނުވަތަ ކިޔާ މީހުން ހިތް ޖެއްސުމަށް ވާހަކަ ލިޔެފައިވާ ގޮތެއްކަމަށް ނުވަތަ ވާހަކަ ލިޔުނު މީހާއަށް ސިފަ ކުރެވިފައިވާގޮތް ކަމަށްވެސް ވުން އެކަށީގެން ވެއެވެ. އޭގެ ބަދަލުގައި ރުޤުޔާ ކިޔަވާ މީހެއްގެ ކައިރީ އަހައިގެން މިކަން އޮތްގޮތް ބަލައި ހޯދައިގެން މި ބައި ފުރިހަމަ ކުރިނަމަ ވަރަށް ރީތި ވީހެމެވެ. ނަމަވެސް މި ބައި ފުރިހަމަކޮށްފައި ނެތުމަކީ، ވާހަކައިގެ އޮމާންކަން ދެމެހެއްޓުމަށް ލިބިފައިވާ އުނިކަމެކެވެ. މިސަބަބަށްޓަކައި ކިޔުންތެރިން ހީކުރާނީ ހަޤީޤީ ވާހަކައެއް ނަމަވެސް ޤަބޫލުކުރަން ދަތި އިތުރު ކުރުންތަކެއް ވަރަށް ބޮޑަށް މި ވާހަކައިގައި އެކުލެވިގެން ވާކަމެވެ. އެހެންނަމަވެސް ޖުމުލަގޮތެއްގައި ބަލާއިރު މި ލިޔުންކޮޅުގެ ފުލޯ ވިސްނައިގަންނަން ފަސޭހަގޮތަކަށް ގެނެވިފައިވާކަމަށް ފެނެއެވެ. ވީމާ، މި ވާހަކައަކީ ސައިކޮނޮލެޓިކް ތިއަރީ ވަރަށް ބޮޑަށް އެކުލެވޭ ވާހަކައެއްކަން ނަގާފައިވާ ލިޔުންކޮޅުން ސާބިތުވެއެވެ. އެހެނީ ސައިކޮނޮލެޓިކް ތިއަރީ އަކީ ދިމާވާ ކަންތައްތަކެއްގެ ސަބަބުން ކުރާ ނަފްސާނީ އަސަރުތައް ކަމަށްވާއިރު މިވާހަކައިގައި އުޅޭ މަނާރަތުއަށް ދިމާވާ ކަންތައްތަކުގެ ސަބަބުން ވާހަކަ ކިޔައިދޭ މީހާ ” މަނާރަތުގެ މަންމައަށް” އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ސިފަކޮށްފައިވާގޮތް
މި ލިޔުންކޮޅަށް ބަލާއިރު ވަރަށް މޮޅަށް ސިފަކުރުންތައް ގެނެސްފައިވާކަން ފާހަގަކޮށްލަމެވެ. އެގޮތުން މަނާރަތު ނިދާފައި އޮއްވާ ކުރުސި ކިޔުމުން މަނާރަތުއަށް މަޑުން ނޯވެވުމާއި، މަނާރަތު ކައިރިއަށް ކޮއްކޮ އަންނަ ރޭރޭ މަނާރަތު އުޅޭގޮތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދީފައިވެއެވެ. ”ކޮއްކޮ” ސިފަ ކޮށްފައި މިވަނީ މަނާރަތު ކައިރިއަށް ކުޑަކުއްޖެއްގެ ސިފައިގައި އަންނަ ޖިންނި އަށެވެ. ނުވަތަ ނުފެންނަ މަހްލޫޤަށެވެ. އަދި ކޮޓަރިތެރެއިން އަޑެއް އިވުނަސް މަނާރަތުގެ މަންމަ ބިރުން ސިހިގެން ދާގޮތް ސިފަކޮށްދީފައިވެއެވެ. މިގޮތުން ލިޔުންކޮޅުން ބައެއް ތަންތަންކޮޅު ފާހަގަކޮށްލާނަމެވެ. ” ކުއްލިއަކަށް މަނާރަތު ތެދުވިއެވެ. އޭނަ އެ ކުރާ ގޮތަށް ނަމާދުކުރަން ފެށިއެވެ. ސަޖިދައަށް ގޮސްފައި އެދުގައި އިށީނދެލިއެވެ. މަޑުމަޑުން ގުނަން ފެށިއެވެ.” މި ލިޔުންކޮޅަށް ބަލާއިރު މި ލިޔުންކޮޅުން ސިފަވެގެން ދަނީ މަނާރަތު އާއި އަވަލައިގެން އެއުޅޭ ކޮއްކޮ އަކީ ނުވަތަ މަނާރަތު ގާތަށް އަންނަ އެ ޖިންނި އަކީ މުސްލިމު ޖިންނިއެއް ކަމެވެ. މުސްލިމު ޖިންނިއެއްގެ ސިފައެވެ. މީގެއިތުރުން އެހެން ލިޔުންކޮޅަކަށް ބަލައިލާނަމެވެ. ” އުރާ!” އަތްތިލަބަނޑި ޖަހައިލައިފައި، ކަނާ ދިމާލަށް ދެ އަތް ދިއްކޮށްލާފައި މަނާރަތު ބުނެލިއެވެ. ” އުރާ! އުރާ! އަހަރެން ގަޔަށް ހީވީ ފެންބަޑިޔަލެއް އޮއްސާލިހެންނެވެ. ގަތްބިރުން ހަދާނެގޮތެއް ނޭގިގެން އިރުކޮޅަކު އޮއެވުނެވެ. ” މިހެން އޮތުމުން ވާހަކަ ކިޔަމުންދާއިރު އެމަންޒަރު ކައިރިން ފެނި އިޙުސާސް ކުރެވޭވަރަށް މޮޅަށް ސިފަކުރުން ގެނެސްފައިވާކަމަށް ޤަބޫލުކުރެވެއެވެ. އަދި ބައެއް ފަހަރު ވާހަކަ ކިޔަމުންދާއިރު ބިރުން ސިހިގެން ދެއެވެ. އެހެނަސް ވާހަކައިގެ ކެރެކްޓަރުން ސިފަކޮށްދިނުމުގައި މަނާރަތު ސިފަތައް ގެނެސްދީފައި ވީނަމަވެސް ވާހަކައިގެ މުޙިއްމު ކެރެކްޓަރ އެއް ކަމަށްވާ ފާއިޒުގެ ސިފަތައް މި ލިޔުން ކޮޅުގައި ގެނެސްދީފައި ނުވާކަން ފާހަގަކުރެވުނެވެ. އަދި މަނާރަތުއަށް މިހެންވަނީ ދަންވަރު ގަޑީގައި ކަމަށްވެފައި މަނާރަތުގެ ބައްޕަ ފާއިޒު ގޭގައި އުޅޭކަން ނުވަތަ ނޫޅޭކަންވެސް މި ލިޔުން ސާފު ވާގޮތް ނުވުމެވެ. ހަމައެހެންމެ ފަޔާޒުގެ ކެރެޓަރ ވާހަކަ ސިފަކޮށްދީފައިވާލެއް މަދުކަންވެސް ފާހަގަ ކުރެވެއެވެ.
އެހެންނަމަވެސް މި ލިޔުންކޮޅުގެ ކޮންމެ ހިސާބަކަށް ބަލާލި ނަމަވެސް ބިރުވެރި އިހްސާސްތައް ކުރުވައެވެ. ވާހަކަ ކިޔަމުން ދިޔަވަރަކަށް ހިތަށް ވަންނަ ބިރުވެރިކަން ދަނީ އިތުރަށް ބޮޑުވެގެންނެވެ. ދެންވާނެގޮތަކާމެދު ވިސްނާލެވެއެވެ. އަދި ހަމައެހެންމެ އެހާ ކުޑަކުއްޖަކަށް މިފަދަ ކަމެއް ދިމާވުމުން ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭ ބިރުވެރިކަމާ އެއްވަރަށް އެކުއްޖާ އެކަމުން ސަލާމަތްވާނީ ކިހިނެއްކަމާމެދުވެސް ވިސްނޭނެއެވެ. މިސާލަކަށް: ދަންވަރު ގަޑީގައި މަނާރަތުގެ މަންމަ ( އަހަރެން) ކައިރީގައި ހުންނަ އިރުވެސް ނުފެންނަ މަހްލޫގަކާއި ދިމާލަށް ބެލުމާއި އެއާއި މުހާތަބުކޮށް” ކޮއްކޮ” ކިޔައިގެން ވާހަކަ ދެއްކުމުން މައެއްގެ ހިތުގައި އުފެދޭ އިހްސާސްތަކާއި ކަންބޮޑުވުންތައް އިންތިހާއަށް ގޮސްދާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިފަދަ ކަންކަން މަނާރުގެ ކިބައިން ތަކުރާރުކޮށް ފެންނަމުންދާއިރު އަދި މިވާހަކަތައް މަނާރަތުގެ ބައްޕަ ފަޔާޒުއަށް އެގޭއިރުވެސް މަނާރަތުއަށް އިތުރު ފަރުވާއެއް ދިނުމަށް ފަޔާޒު އުޅޭތަން ނުފެނުމުން މިކަމުގެ އަޑީގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާނޭކަމުގެ އިހްސާސް ކުރުވައެވެ. މީގެއިތުރަށް މި ލިޔުންކޮޅުގެ އެންމެ ފަހު ޖުމުލައިން ދެން ވާހަކައިގެ އަނެއްބައި ނުކިޔާ ދޫކޮށް ނުލެވޭ ފަދަ ގޮތަކަށް ސިފަކޮށް ދީފައިވެއެވެ. މިސާލަކަށް، މަ ބޭނުމެއް ނޫން ބިރުގަންނަވާކަށް، އެކަމަކު ތި ކޮއްކޮއާ އެކީގައި މަނާރަތު ހިނގައްޖެއްޔާޔޯ؟” މިގޮތަށެވެ.
ފާހަގަވެގެންދިޔަ އުނިކަންތައްތައް.
މިވާހަކަ ކިޔާލުމުން ފާހަގަވެގެންދިޔައީ މިވާހަކަ ލިޔުނު ލިޔުންތެރިޔާގެ އަތްދަށުން ދޫވެގެންދިޔަ ކަންތައްތަކެއްވެސް ވާކަމެވެ. އެގޮތުން ވާހަކައިގައި ކުރިމަތިކުރުވި މައްސަލަ ޙައްލުކުރަން އެޅި ފިޔަވަޅަކީ އެންމެ ފިޔަވަޅަކަށްވުމުގެ ބަދަލުގައި ޙައްލުކުރަން އެޅިފިޔަވަޅު ތަފާތުކޮށް ދެގޮތަކަށް ހިމަނާލެވުނުނަމަ އިތުރަށް ފުރިހަމަވީހެވެ. ހަމައެއާއެކު ސިފަކުރުން ގެނައުމުގައި މަނާރަތުއަށް ކޮއްކޮ ގެ ސިފައިގައި ފެންނަ މަހްލޫގުގެ ސިފަތައްވެސް މިއަށްވުރެ ބޮޑަށް ހިމަނައިލުން ވަރަށް މުޙިއްމެވެ. އަދި އެންމެ ބޮޑު އުނިކަމެއް ގެ ގޮތުގައި މި ލިޔުންކޮޅުން ފާހަގަކުރެވިގެން ދިޔަ އަނެއްކަމަކީ ދަންވަރު ގަޑީގައި ކޮޓަރީގައި ފާއިޒު އެއްވެސް ވަރަކަށް އުޅޭކަން ނޭގުމެވެ. އަދި އެއާއެކު މިހާބޮޑު ކަންތައްތަކެއް ހިނގާއިރުވެސް މަނާރަތުގެ މަންމަ (އަހަރެން) ބިރުން ހުރެވެސް ފާއިޒުއަށް ނުގުޅާކަމެވެ. ގޭގައި ނެތިއްޔާ ގުޅާކަން އެންގިދާނެއެވެ. އަދި ބިރުން އުޅޭކަން އެންމެ ބޮޑަށް ސިފަކޮށްދެވޭނެ އެއްގޮތަކީ އެގޮތްކަމުގައި ޤަބޫލުކުރެވެއެވެ. ސަބަބަކީ ގިނަފަހަރަށް އަންހެނުންނަކީ ކަމެއް ދިމާވާއިރަށް ފިރިމީހާ ގޭގައި ނެތީވިއްޔާ ބިރުން ހުރެ ފިރިމީހާއަށް ގުޅާ ހަދާ މީހުންނެވެ. މިއީ އަޅުގަނޑަށް މިލިޔުންކޮޅުން ފާހަގަކޮށްލެވުނު އެއް ކަންތަކެވެ. އަނެއްކަމަކީ މިސާލަކަށް، ”މިހާރު އެބަ އެގޭތާ ތި ކޮޓަރީގައި ކޮންމެވެސް މައްސަލައެއް އެބަ އުޅޭކަން. މައިދައިތަ ބުންޏެވެ. ” މިހެން އޮތުމުން މަނާރަތު ކޮޓަރީގައި އުޅޭ މައްސަލައެއް އުޅެނީކަމަށްވެސް އެބަ ދޭހަވެއެވެ. މީގެ ބަދަލުގައި މަނާރަތުއަށް މިކަން ވާކަން ކުރިން މައިދައިތައަށް ނޭގި އޮތުމަކީވެސް އުނިކަމެއްކަމަށް ބެލެވެއެވެ. އޭގެ ބަދަލުގައި މަނާރަތުއަށް ވާގޮތް މައިދައިތައަށް ކޮންމެވެސް ވަރަކަށް އެގިފައި ހުރި ނަމަ އިތުރަށް މިވާހަކަ ރީތިވެ އުނިކަން ފިލައިދާނެކަމަށް ޤަބޫލުކުރެވެއެވެ.
ވާހަކައިގެން ނެގި ބައި ތަހްލީލުކޮށް ހޯދުނު ހޯދުންތަކަށް ވިސްނާއިރު ބައެއްފަހަރު ބައެއްބަހުގައި ބުނާމާނަ ދޭހަކުރަން އުދަގޫވާފަހަރު އަންނަކަން ފާހަގަކުރެވިގެންދިޔަ އެވެ. ނަމަވެސް ވާހަކައިގައި އުޅޭމީހުން މަދުވުމާއި މިވާކައިގައި އުޅޭ ކޮންމެ ކެރެކްޓަރ އަކީ ތަފާތު ކެރެކްޓަރ އަކަށްވުމުން މިއީ ވާހަކައަށް ލިބިފައިވާ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ. ޖުމުލަގޮތެއްގައި ބަލާއިރު މި ލިޔުންކޮޅުގެ ފުލޯ ވިސްނައިގަންނަން ފަސޭހަގޮތަކަށް ގެނެވިފައިވާކަމަށް ފެނެއެވެ. އަދި ވާހަކަ ސިފަކުރުންތައް ގެނެސްފައިވަނީ ކިޔާމީހާގެ ހިތަށް ބިރުވެރިކަން ވަންނަ ގޮތަކަށެވެ. އިހްސާސްތަކާއި ކުޅެލައެވެ. އެހެންނަމަވެސް މަދުން ނަމަވެސް މިވާހައިން އުނި ސިފަތައް ފާހަގަ ކުރެވުނެވެ.
އެހެންކަމުން މިވާހަކައަކީ ފުރަތަމަ މީހާގެ ނަޒަރުން ކިޔާދޭ ވާހަކައަކަށް ވެފައި ލިޔުންތެރިޔާގެ އިހްސާސްތައްވެސް އެކުލެވޭ ވާހަކައެއް ކަމަށް ޤަބޫލުކުރެވެ. ވީމާ، މި ލިޔުންކޮޅު ދިރާސާކޮށްލުމުން އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ މިވާހަކައަކީ ރީތިކޮށް ސިފަކުރުންތައް ގެނެސްދީފައި ހުރި މޮޅު ވާހަކައެއްކަމެވެ.
ރިފަރެންސް
އިބްރާހިމް ވަހީދު.( 2016، އޯގަސްޓް 7). ދަރިފުޅުގެ އެކުވެރިޔާ. ނެގީ:://mihaaru.com/entertainment/4180 ން.
އެޕެންޑިކްސް
ބިންމާ އިބްރާހިމް ވަހީދުގެ ” ދަރިފުޅުގެ އެކުވެރިޔާ” މިވާހަކައިގެ މެދުތެރެއިން (ޞ.12-13 ) އިން ނަގާފައިވާ 500 ލަފުޒުގެ ލިޔުންކޮޅެވެ.
މަނާރަތު އޮތީ ނިދާފައެވެ. ފަހަކަށް އައިސް ކުރުސި ކިޔަންދެން މަނާރަތު މަޑަކުން ނޯވެއެވެ. އުޅޭނީ ތެދުވެގެން ކޮންމެވެސް ކަމެއް ކުރަން ދާށެވެ. ވަރަށް ފަސޭހައިން ޝަހާދަތް ކިޔައެވެ. އަހަރެން ހަދާގޮތަކީ މަރާނަތު ގައިގައި ބައްދައިލަނީއެވެ. ނުދެވޭ ވަރަށް ހިފަހައްޓައިލައިފައި ކުރުސި ކިޔަނީއެވެ. އެ ގޮތަށް ވިޔަސް، ކުރުސި ނުކިޔައެއް ދަރިފުޅު ނުނިންދަވަމެވެ. އެކަމަކު އެ ރޭ ކުރުސި ކިޔަން އަހަރެން ހަނދާން ނެތުނީއެވެ. ދަރިފުޅާ އެކުގައި އޮށޯވެގެން އޮއްވައި އަހަންނަށް ވެސް ނިދުނީއެވެ. މަނާރަތަށް ގޮވާ އަޑު އައިހެން ހީވީ ވަރަށް ދުރުންނެވެ. އެހާ ދުރުން އިވުނު އަޑަކަށް އަހަރެން ސިއްސައިގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އެއީ ވެސް އަހަރެންގެ ޝައްކުބަލިބާއެވެ؟ ވަރަށް ވިސްނައިގެން އަޑުއަހަން އޮތީމެވެ. ކުއްލިއަކަށް މަނާރަތު ތެދުވިއެވެ. އޭނަ އެ ކުރާ ގޮތަށް ނަމާދުކުރަން ފެށިއެވެ. ސަޖިދައަށް ގޮސްފައި އެނދުގައި އިށީނދެލިއެވެ. މަޑުމަޑުން ގުނަން ފެށިއެވެ. އަހަރެންގެ އަތް ނަގައިގެން އަތުގެ އިނގިލިތަކުން، އިނގެރޭސިބަހުންނެވެ. އަހަރެން އަތް ފޮރުވީމެވެ. އެ ހިސާބުން، އަމިއްލަ އަތުން މަނާރަތު ގުނަން ފެށިއެވެ. ހީނގަތެވެ. އެއީ، “ކޮއްކޮ” އަންނަ ރޭރޭގެ ފެށުމެވެ. އެ ހުރިހައި ސަކަރާތެއް މަނާރަތު ޖަހައިފިއްޔާ އެ ރޭ ނިދާނީ ފަތިސްނަމާދަށް ބަންގި ގޮވާ ވަގުތުއެވެ. އަހަރެން ފޯނުން ޔާސީން ސޫރަތް ޖަހަން ފެށީމެވެ. ކުރިން ޖަހަނީ ބަޤަރާ ސޫރަތެވެ. އެ ގޮތް ރަނގަޅުވާނެކަމަށް މީހަކު ބުނީމައެވެ. އެހެން މީހަކު ބުނި ގޮތުގައި، ރުޤްޔާ ކިޔަވާއިރު ވެސް ބަޤަރާ ސޫރަތުގެ އާޔަތްތަކެއް ކިޔައެވެ. ޖިންނި ގެނައުމަށްޓަކައެވެ. ބަޤަރާ ސޫރަތް އެއްކޮށް ޖަހަން އުޅެންޏާ، އެ ޖަހާ އެއްޗެއް ހުއްޓި ސޫރަތުގެ އަޑު ކެނޑެނީ އެހެންވެކަމަށް ވެއެވެ. ފޯނުވިޔަސް ކޮންޕިއުޓަރުން ވިޔަސް ވެހެވެ. އެއީ ވެސް ތެދެކެވެ. އަހަރެން ކިތަންމެ ފަހަރަކު އެ ކަން ތަޖުރިބާ ކޮށްފީމެވެ. އެ ފަދަ އެހެން ރޭތައް ފަދައިން، އެ ރޭ ވެސް މަނާރަތު އުޅުނީ އެނދުން ފައިބާށެވެ. އެ ކަން ކުރިޔަ ނުދިނުމުން އެނދުމައްޗަށް ކޮޅަށް އެރިއެވެ. އޭނަ ބަލާ ކަނާދިމާއަށް، މައްޗަށް ބަލައިލިއެވެ.
“އުރާ!” އަތްތިލަބަޑި ޖަހައިލައިފައި، ކަނާ ދިމާއަށް ދެ އަތް ދިއްކޮށްލައިފައި މަނާރަތު ބުނެލިއެވެ. “އުރާ! އުރާ!”
އަހަރެންގެ ގަޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ގަތް ބިރުން ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު އޮވެވުނެވެ. އަހަންނަށް އެނގެއެވެ. މަނާރަތު ވާހަކަދެއްކީ ފާރަކާ ނޫނެވެ. އޭނަގެ ރައްޓެއްސަކު އެ ތަނުގައި ހުރީއެވެ. އަހަންނަށް ނުފެންނަނީއެވެ.
“ހިނގާ އަވަހަށް ނިދަމާ!” ބިރުގަތްކަން ނާންގަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. “މަންމަ ވާހަކައެއް ކިޔައިދެންތަ؟”
އަހަރެން އެހެން ބުނި ނަމަވެސް، މަޑުމަޑުން ކުރުސި ކިއީމެވެ. މަނާރަތު ގަދަހެދީ ތެދުވާށެވެ. އިރުއިރުކޮޅާ ކަނަށް ބަލާގޮތުން ހީވަނީ އޭނައަށް ގޮވާހެންނެވެ. ގޮވީމައި އެ އަޑަށް ބަލާހެންނެވެ.
“ޔެލޯ!” ކަނަށް ބައިލައިފައި މަނާރަތު ބުނެލިއެވެ. “ޔެލޯ!”
ލަފުޒުތައް ވަކިން ކިޔާތީ މަނާރަތު ބުނަން އުޅެނީ ކީކޭކަމެއް އަހަންނަކަށް ނުވިސްނުނެވެ. ރީނދޫ ކުލައިގެ އެއްވެސް އެއްޗެއް ކޮޓަރިއަކު ނެތެވެ.
“ބަލާބަލަ މިއޮއް ތިއްތި ސާކަލްއެއް،” އޮޅުވައިލަން އަހަރެން މަސައްކަތް ކުރީމެވެ. “މީ ސާކަލްއެއްތަ؟ ނޫނީ ގެއެއްތަ؟”
އަހަރެން ދެއްކީ އެނދުގައި އޮތް ފަލަނގުފޭއްޔެވެ. އޭގައި ހުރި ކުރެހުންތަކެވެ. މަނާރަތު އެއަކަށް ނުބެލިއެވެ. ކޮޅަށް ތެދުވެ ހުރީއެވެ.
“އުރާ!” އަހަންނަށް ބަލައިލައިފައި މަނާރަތު ބުންޏެވެ. “އުރާ!”
ގާތުގައި ހުންނަ މީހެއް ގާތުގައި އުރާކަށް މަނާރަތު ނުބުނާނެއެވެ. އެ ގޮތަށް ބުނާނީ ދުރުގައި ހުންނަ މީހަކަށެވެ. މަނާރަތު އުރައިލައިގެން އަހަރެން ތެދުވީމެވެ. ކިތަންމެ ބިރުގެންފައި ހުއްޓަސް ކޮޓަރިން ނުކުތީމެވެ. މައިދައިތަގެ ކޮޓަރީގެ ރަނގަބީލު ޖެހީމެވެ.
“ކޮއްކޯ!” މަޑުމަޑުން މަނާރަތު ބުނެލި އަޑު އިވުނެވެ.
އަހަރެން ފަހަތެއް ނުބަލަމެވެ. މައިދައިތަ ދޮރު ހުޅުވިއެވެ.
“ކޮއްކޮގެ ކަންތައް މި ރޭ މާ ބޮޑުވެގެން މި އުޅެނީ،” އަހަރެން ބުނީމެވެ. “މަންމަ ހިނގާބަލަ!”
މައިދައިތަޔާ އެކުގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ހޮޅިބުރި ދިއްލީމެވެ.
“ކޮބައިތަ ކޮއްކޮ؟” މައިދައިތަ އެހިއެވެ. އަދި ބުންޏެވެ. “ތި މަންޖެ އެނދުގައި ބާއްވަބަލަ!”
މަނާރަތު ބޭއްވުމުން މައިދައިތަ އައިސް އެ ކިއި އެއްޗެއް ކިއިއެވެ. އަހަންނަށް އަޑު ނީވޭ ވަރަށެވެ. މަނާރަތުގެ މޫނަށް ފުމުނެވެ. ފުމެން ފަށާއިރަށް މަނާރަތު ވަށައިގެން ކަޅި އަނބުރަން ފެށިއެވެ. އެ ހިސާބުން މައިދައިތަ ވެސް ކުޑަކޮށް ބިރުގަތެވެ.
“ހިނގާ މަންމަގެ ކޮޓަރިއަށް.” މައިދައިތަ އެދުނެވެ.
މައިދައިތަގެ ކޮޓަރިއަށް ވަނުމާއެކު މަނާރަތު ހަމަޔަކަށް އެޅުނެވެ. އޭގެ މާނައެއް އަހަރުމެންނަކަށް ނުވިސްނުނެވެ. އެ ރޭ މަނާރަތު ބޭއްވީ މައިދައިތަ ކޮޓަރީގައެވެ. އެ ދަންވަރު ފަޔާޒަށް ގުޅައިގެން މަޝްވަރާ ކުރީމެވެ. ފަންޑިތަހަދާކަށް ފަޔާޒް އެއްބަހެއް ނުވިއެވެ. އަހަރެން ވެސް އެ ގޮތް ބޭނުމެއް ނޫނެވެ. މައިދައިތަގެ ވިސްނުން ކުޑަކޮށް ތަފާތުވިއެވެ.
“ވާ ގޮތް އެބަ ބަލަންޖެހެއެއްނު،” މައިދައިތަ ކަންބޮޑުވެފައި ބުންޏެވެ. “މިހާރު އެބަ އެނގޭތާ ތި ކޮޓަރީގަ ކޮންމެވެސް މައްސަލައެއް އެބަ އުޅޭކަން. މަނާރަތަށް ފަންޑިތަ ހެދުމާ މަ ވެސް ދެކޮޅޭ. އެކަމަކު، މީހަކު ގެނެސް ބަލައިލެވިދާނެއްނު ކިހިނެއްތޯ ވެގެން މި އުޅެނީ؟ އަޅާނުލައި ތިއްބާ ދެން ވާނީ ކިހިނެއްކަމެއް ވެސް ނޭނގޭ. މަ ބޭނުމެއް ނޫން ބިރުގަންނަވާކަށް، އެކަމަކު ތި ކޮއްކޮއަކާ އެކީގަ މަނާރަތު ހިނގައްޖެއްޔާޔޯ؟”
……………………..
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު