ބޮލީވުޑަކީ ހުނަރުވެރި ތަރިން ގިނަ ފިލްމް އިންޑަސްޓްރީއެކެވެ. ބައިނަލްއަޤުވާމީ މަންސަތަކާއި ހުޅަނގުގެ ފިލްމުތަކުގައި މުޅި އިންޑިޔާ ފަޚުރުވެރިވާފަދަ ހުނަރުވެރިކަން ދައްކާފައިވާ ތަރިން ބޮލީވުޑްގައި އެބަތިއްބެވެ. ނަމަވެސް ހޮލީވުޑްގެ ބޮޑެތި ފިލްމުތަކެއް ލިބި، ދޫކޮށްލާފައި ތިބި ތަރިންވެސް އެބަތިއްބެވެ. މިފަހަރުގެ މި ލިސްޓުގައި މި ހިމަނާލަނީ ހޮލީވުޑްގެ ބޮޑެތި ފިލްމުތައް ދޫކޮށްލި ބޮލީވުޑް 7 ތަރިންނެވެ.

 

* ޝާހް ރުކް ޚާން

“ކިންގް ޚާން” އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ތަރީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފޭން ބޭސްއެއް އޮންނަ ތަރިއެކެވެ. ޝާހްއަށް ހޮލީވުޑްގެ މޮޅު ފިލްމެއް ލިބި، ދޫކޮށްލަފާނެކަމަށް ގިނަ ބަޔަކު ހީނުކޮށްފާނެއެވެ. ނަމަވެސް އަނީލް ކަޕޫރް ކުޅުނު ހޮލީވުޑް ފިލްމު “ސްލަމްޑޯގް މިލިއަނަރ” އަކީ ފުރަތަމަ ޝާހްއަށް ލިބުނު ފިލްމެކެވެ. އޭނާ އެ ފިލްމު ދޫކޮށްލި ސަބަބުވެސް އޭނާ ފަހުން ހާމަކުރިއެވެ.

“އަހަރެން އެ ފިލްމު ނުކުޅުނީ އޭގަ ހޯސްޓަކީ މަކަރު ހަދާ މީހެއް. އަހަރެން އޭރު އެ ޝޯވ ހުށަހަޅައިފިން. އެހެންވެ އަހަރެން ހިތަށް އެރީ އަހަރެން އެ ފިލްމު ކުޅެފިއްޔާ މީހުން ހީކޮށްފާނެޔޭ އެ ޝޯވގަވެސް އަހަރެން ކަންތައް ކުރީ އެހެންނޭ. އެއީ ވަރަށް މޮޅު ފިލްމެއް.”

މި ފިލްމު ޝާހްއަށް ހުށަހެޅި

 

* ދީޕިކާ ޕަޑުކޯން

ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް “ފާސްޓް އެންޑް ފިއުރިއަސް” ގެ 7 ވަނަ ފިލްމު ދީޕިކާއަށް ހުށަހެޅިއެވެ. ނަމަވެސް ދީޕިކާ ވަނީ އެ ފުރުސަތު ދޫކޮށްލާފައެވެ. ފަހުން ދީޕިކާ ވަނީ ވިން ޑީސަލްއާއެކު “ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް” ކުޅެފައެވެ.

“އަހަރެން އެ ފިލްމު ދޫކޮށްލެވުނީތީ ރިގްރެޓެއް ނުކުރަން. އޭރު އަހަރެން ދިޔައީ ރާމް-ލީލާ ޝޫޓް ކުރަމުން. ފިލްމުގެ މެދާއި ހިސާބުން އަހަރެންނަށް ފިލްމު ދޫކޮށެއް ނުލެވޭނެ. އެއީ އަހަރެން ފުރަތަމަ މަސައްކަތް ފެށީ ރާމް-ލީލާގެ. ފިލްމަށް ލިބުނު ތަރުޙީބަށް ބަލާފައި ބުނެވޭނީ އަހަރެންނަށް ރާމް-ލީލާގައި ކުރެވުނު ބުރަ މަސައްކަތުގެ އަގު ލިބުނޭ.” ފަހުން ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާ މި ފިލްމު ދޫކޮށްލީ “ރާމް-ލީލާ” ގެ މަސައްކަތް ކުރިއަށް ދާތީ ވަގުތު ދެވެން ނެތުމުން

 

* އިރްފާން ޚާން

މި އަހަރު ނިޔާވި ބޮލީވުޑް އެކްޓަރ އިރްފާން ޚާންއަކީ އެތައް ހޮލީވުޑް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ. ކްރިސްޓޮފާ ނޮލަންގެ “އިންޓަސްޓެލާރ” އަކީ އިރްފާން ދޫކޮށްލި ފިލްމުތަކުން އޭނާ ދޫކޮށްލާނެކަމަށް ހީވެސް ނުކުރެވޭ ފިލްމެކެވެ. އޭނާ އެ ފިލްމު ދޫކޮށްލި ސަބަބުވެސް އޭނާ ހާމަކޮށްފައިވެއެވެ.

“އެމީހުން އަހަރެންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމަކަށް އުއްމީދުކުރޭ. އަހަރެން ޔޫއެސް ގައި ހަތަރު މަސް ވަންދެން ހުންނަން ޖެހޭ. އަހަރެން މަސައްކަތް ކުރިން އަހަރެންގެ ޝެޑިއުލް ހަމަޖައްސާލެވޭތޯ. އަހަރެން ބޭނުންވޭ ‘ދަ ލަންޗްބޮކްސް’ އާއި ‘ޑީ-ޑޭ’ އަށްޓައި މިތާ ހުންނަން. އެކަމަކު އެމީހުން އެ ފުރުސަތެއް ނުދިން. އެހެންވެ އަހަރެން އެ ފިލްމު ދޫކޮށްލީ. އެ ފިލްމު ދޫކޮށްލެވުމުން ރިގްރެޓެއް ނުކުރަން. އެކަމަކު އެއީ ކްރިސްޓޮފާ ނޮލަންގެ ފިލްމެއް ވީމަ، އަހަރެން ބުނާނީ އެއީ އަހަރެންނަށް ނަގަން ޖެހުނު އެންމެ އުނދަގޫ އެއް ޑިޒިޝަންއޭ.”

މި ފިލްމު ދޫކޮށްލުމަކީ އިރްފާންއަށް ނަގަން އެންމެ އުނދަގޫވި އެއް ޑިޒިޝަން

 

* ރިތިކް ރޯޝަން

އައިޝްވާރިޔާ ރާއީ ބައްޗަން މުހިންމު ރޯލެއް ކުޅުނު މަޝްހޫރު ހޮލީވުޑް ފިލްމު “ޕިންކް ޕެންތާ 2” ކުޅެން ލިބުނު ފުރުސަތު ރިތިކް ވަނީ ދޫކޮށްލާފައެވެ. ރިތިކް އެ ފިލްމު ދޫކޮށްލާފައިވަނީ އޭނާގެ ބިޒީ ޝެޑިއުލްއާއި ހެދިއެވެ. ހަރާލްޑް ޒްވާޓް ޑައިރެކްޓްކޮށް 2009 ވަނަ އަހަރު ގެނެސްދިން މި ކޮމެޑީ ފިލްމު ރިތިކަށް ހުށަހެޅިއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ޒޯޔާ އަޚްތަރުގެ އަލަތު ފިލްމު “ލަކް ބައި ޗާންސް” ގައެވެ.

ރިތިކް މި ފިލްމު ދޫކޮށްލީ ވަގުތު ދެވެން ނެތިގެން

 

* ޕްރިޔަންކާ ޗޯޕްރާ

ހޮލީވުޑްގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް ވަނީ ކުރިން ލިބުނު ހޮލީވުޑް ފިލްމެއް ދޫކޮށްލާފައެވެ. ޕީސީގެ ނަމުން މަޝްހޫރު މި ބަތަލާއަށް ހުށަހަޅާފައިވަނީ ތާސެމް ސިންގ ޑައިރެކްޓްކޮށް 2011 ވަނަ އަހަރު ގެނެސްދިން ހިޓް ފިލްމު “އިމޯޓަލްސް” ގެ ރޯލެކެވެ. ނަމަވެސް އޭރު ޕްރިޔަންކާ މަސައްކަތް ކުރަމުން ދިޔަ އެހެން ފިލްމަކާއި އެ ފިލްމުގެ ތާރީޚުތައް ދިމާވާތީ އެ ފިލްމު ދޫކޮށްލީއެވެ.

ޕްރިޔަންކާ މި ފިލްމު ދޫކޮށްލީ އެހެން ފިލްމުތަކާއި ތާރީޚުތައް ދިމާވާތީ ވަގުތު ދެވެން ނެތުމުން

 

* އަކްޝޭ ކުމާރް

ހޮލީވުޑްގެ މަޝްހޫރު ތަރި ވޭން ‘ދަ ރޮކް” ޖޯންސަންއާއެކު ކުޅެލަން ލިބުނު ހޮލީވުޑްގެ ފިލްމެއް ކިލާޅީ އޮފް ދަ ބޮލީވުޑްގެ ނަމުން މަޝްހޫރު އަކްޝޭ ކުމާރް ވަނީ ދޫކޮށްލާފައެވެ. ނަމެއް ހަމަނުޖައްސާ އެ ފިލްމު އަކްޝޭ ދޫކޮށްލީ އޭނާގެ ބޮލީވުޑް ކެރިއަރަށް ވަގުތު ދޭން ބޭނުންވާތީކަމަށް އަކްޝޭ ބުނެފައިވެއެވެ.

އަކްޝޭއާއި ރޮކްގެ ފިލްމަށް ނަމެއް ނުދޭ، އަކްޝޭ ފިލްމު ދޫކޮށްލީ ބޮލީވުޑް ކެރިއަރަށް ފޯކަސްކުރަން

 

* އައިޝްވާރިޔާ ރާއީ ބައްޗަން

ބޮލީވުޑްގެ އެންމެ ރީތި ބަތަލާ އައިޝްވާރިޔާ ރާއީއަކީ ހޮލީވުޑް ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. 2004 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހޮލީވުޑް ފިލްމު “ޓްރޯއީ”ގެ ރޯލެއް އައިޝްވާރިޔާއަށް ހުށަހެޅުމުން އޭނާ ވަނީ އެ ރޯލު ދޫކޮށްލާފައެވެ. ބްރެޑް ޕިޓްއާއެކު ކުޅެލަން ލިބުނު މި ފިލްމު އައިޝްވާރިޔާ ދޫކޮށްލީ އޭގެ ސްކްރިޕްޓް ޑިމާންޑްކުރާ ގައިގޯޅި މަންޒަރުތަކުގެ ސަބަބުންނެވެ. އެފަދަ މަންޒަރުތައް ކުޅެން އޭނާ ކޮމްފޮޓެބްލް ނޫން ވީމައެވެ.

އައިޝްވާރިޔާ މި ފިލްމު ދޫކޮށްލީ ގައިގޯޅި މަންޒަރުތައް ނުކުޅެންވެގެން

 

މީގެ އިތުރުންވެސް ބޮލީވުޑްގެ ބައެއް ތަރިން ހޮލީވުޑްގެ ފިލްމުތައް ދޫކޮށްލާފައި އެބަހުއްޓެވެ. މި ގެނެސްދިނީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު 7 ތަރިންގެ ވާހަކައެވެ

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.