ޒުވާނުންގެ ބޮޑު އާބާދީ އެއް ދިރިއުޅެމުން އަންނަ ޔޫތުސިޓީ ނުވަތަ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހުރިހާ ފުޓްސަލް ދަނޑުތައް ހަލާކުވެ، ކުޅޭނެ ތަނެެއް ނެތިގެން ޒުވާނުން މާޔޫސްވެއްޖެއެވެ.

ފުޓްސަލަށް ޚާއްސަކޮށް ޔޫތު ސިޓީގައި ޖުމުލަ ހަ ދަނޑެއް ވަނީ ގާއިމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޓާފް އަޅާފައި އޮތް ފަސް ދަނޑަކާއި، މެޓް އަޅާފައި އޮތް ދަނޑެކެވެ.  ޔޫތު ސިޓީގެ ފުޓްސަލް ދަނޑުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މުނިއަވަސް އިން އެ ދަނޑުތަކަށް ގޮސް ބެލިބެލުމުން އެ ހުރިހާ ދަނޑުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވުނެވެ.

ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑު / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

އެގޮތުން  ޔޫތު ސިޓީގެ ރެހެންދި ސްކޫލް ކައިރީގައި ގާއިމުކޮށްފައިވާ ދެ ދަނޑުގެ ޓާފް ވަރަށް ބޮޑަށް ހަލާކުވެފައި ވާކަން ފާހަގަކުރެވުނެވެ. އޭގެއިތުރުން، މި ދެ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސު ވެސް ވަނީ ކޮންމެވެސް ވަރަަކަށް ހަލާކުވެ ބާގަނޑު ހެދިފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުގެ ޓާފް ކޮންމެވެސް ވަރަަކަށް ހަލާކުވެފައި ވާއިރު، ބެންޗުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވުނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑު / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

ވަން އަވެނިއު ބިލްޑިންގ ކައިރީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުގެ ޓާފް ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު، ބެންޗު ވެސް ވަނީ ހަލާކުވެފައެވެ. އޭގެއިތުރުން ދަނޑުގެ ތެރޭގައި ގަސްތައް ފަޅާފައިވާކަން ފާހަގަކުރެވުނެވެ.  ޔޫތު ސިޓީގައި އެންމެ ފުރަތަަމަ ގާއިމުކުރި ފުޓްސަލް މެޓް ދަނޑުގެ ފެންސު ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު، ކައިރި ހިސާބުގައި ހުރި ގަސްތައް ބޯވެ، ދަނޑުގެ ތެރެއަށް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި މީގެއިތުރުން،  ޔޫތު ސިޓީގެ ވޯޓަރ ތީމް ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުގެ ޓާފް ވެސް  ކޮންމެވެސް ވަރަަކަށް ހަލާކުވެފައިވާކަން ފާހަގަކުރެވުނެވެ.

ވަން އަވެނިއު ބިލްޑިންގ ކައިރީގައި އޮންނަ ފުޓްސަލް ދަނޑު / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

ޔޫތު ސިޓީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުތަކަކީ  ޔޫތު ސިޓީގެ ޒުވާނުންގެ އިތުރުން މާލޭގެ ޒުވާނުން ވެސް ބޭނުންކުރާ ދަނޑުތަކަކަށް ވެފައި، މިހާރު ކުޅެން ޖެހެނީ ވެލި އޮންނަ ހުސް ޖާގަތަކުގައި ކަމަށް ވުމުން މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ޒުވާނުންގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ފުޓްސަލް މެޓް ދަނޑު / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

ޔޫތު ސިޓީގެ ފުޓްސަލް ދަނޑުތަކުގެ ޙާލަތާއި ގުޅިގެން މުނިއަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން  ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބަޖެޓުން ޚަރަދުކުރުމުގެ ހުއްދަ އަށް އެދި މިހާރު ފައިނޭންސް މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ކަންކަމަށް ޚަރަދުކުރުމުގެ ކުރިން ފައިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ކަމަށާއި، ހުއްދަ ލިބުނުހާ އަވަހަކަށް ފުޓްސަލް ދަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.