ކަސްރަތަށް ދުވުމާއި އެކުގައި ފެތުމަކީވެސް މުހިންމު ކަމެކެވެ. ފެތުމުގެ ސަބަބުން ދުވުމަށް އިތުރު ބުންވަރެއް ލިއްބައިދެއެވެ. ދުވުމުގެ ތަމްރީނުތައް ހެދުމުގައި ފެތުން ހިމަނަން ޖެހެނީ ކީއްވެގެންތޯ ބަލައިލަމާ ހިނގާށެވެ.

1- ފެތުމުން އެކްޓިވް ރިކަވަރީވޭ

ފެތުމަކީ ފެންމަތީގައި އޮވެ ކުރާ ކަސްރަތަކަށްވުމުން، މިއީ ހުޅުހުޅަށް މާ ބުރަކަމެއް ނުޖައްސާ ކަސްރަތެކެވެ. މިއީ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ދުވާ މީހުން ބްރޭކެއް ނަގައި ރިކަވަރީވުމަށް ކޮށްލެވިދާނެ ކަމެކެވެ. ފެތުމުގެ ސަބަބުން މަސްތައް ރިލެކްސްކޮށްދިނުމާއިއެކު، މާ ބުރަކަމެއް ނުޖައްސައި ކަސްރަތު ލިއްބައިދެއެވެ. މޫދަށް ނުވަތަ ޕޫލަށް އެރި އުޅެލުމުން ހަށިގަނޑުގެ މަސްތައް ރިލެކްސްވާކަން އެންމެނަށްވެސް އެނގޭނެއެވެ. ޚާއްޞަކޮށް ފައިގެ މަސްތައް ރިލެކްސްކޮށްދޭނެއެވެ.

2- ފެތުމުން ނޭވާލުން ރަނގަޅުކޮށްދޭ

ފެތުމުގެ ސަބަބުން ނޭވާލާ ގޮތަށް ބަދަލު އާދެއެވެ. ހައިޕޮކްސިއާ (ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ފޮނުވައިދޭ ލެވަލް ދަށަށްދިއުން) އަށް ހަށިގަނޑު ހާނައިދެމުންނެވެ. މިކަމުގެ ބޭނުމަކީ ކޮބާ؟ ހާމަކޮށް ވައި ހިނގާ ތަނެއްގައި ތިބާގެ އެންޑުއަރެންސް (ބަރުދާސްތުކުރުން) ތަރައްގީކޮށްދީ ދުވާ އިރު ނޭވާކުރުވާ މައްސަލަ ކުޑަކޮށްދެއެވެ.

3- ފެތުމުން ދުވުމުގެ ޕާފޮމަންސް ތަރައްޤީވޭ

ފެތުމަކީ ހަށިގަނޑުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ކާޑިއޯވަސްކިއުލަރ ކަސްރަތެކެވެ. އެހެންކަމުން، ހިތް ވަރުގަދަކޮށްދޭނެއެވެ. ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ދުވުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

4- ފެތުމުން މުޅި ހަށިގަނޑު ވަރުގަދަކޮށްދޭ

ފެތުމުގެ ސަބަބުން މުޅި ހަށިގަނޑު ވަރުގަދަކޮށްދެއެވެ. ދުވުމުން މައިގަނޑު ގޮތެއްގައި ވަރުގަދަކޮށްދޭނީ ހަށިގަނޑުގެ އުނގަނޑުން ތިރީ ބައެވެ. ނަމަވެސް، ފެތުމަކީ މުޅި ހަށިގަނޑު އެއްވަރެއްގައި ހިކުމަށް އެންމެ ރަނގަޅު އެއް ކަސްރަތެވެ.

ފެތުމަކީ ބަނޑުގެ މަސްތަކާއި ބުރަކަށީގެ މަސްތައް ވަރުގަދަކޮށްދޭ ކަމެކެވެ. ހަށިގަނޑުގެ މަސްތައް އެހައި ވަރުގަދަ ނޫން މީހަކު ދުވުމުގެ ސަބަބުން ހަށިގަނޑުގެ މަސްގަނޑަށް ގެއްލުން ލިބެއެވެ. ނަމަވެސް ފެތުމުގެ ސަބަބުން މިފަދަ ގެއްލުންތައް ލިބުން ކުޑަކޮށްދެއެވެ.

5- ފެތުމުގެ ސަބަބުން ދުވުމަށް ހުންނަ ޝައުގުވެރިކަން އިތުރުކޮށްދޭ

ކޮންމެ ދުވަހަކު ހަމައެކަނި ދުވުމަށް ވަގުތު ހޭދަކުރުމުން ބައެއް ފަހަރަށް ފޫހިވާގޮތް ވެދާނެއެވެ. އެހެންކަމުން ތަފާތުކަމެއް ކޮށްލުމަށް ފަތާލެވިދާނެއެވެ. މިސާލަކަށް 05ކިލޯމީޓަރަށް ދުވުމަށްފަހު، 15 ނުވަތަ 30 ވަރަކަށް މިނެޓް ފަތާލުމަކީ ހަމަ ގައިމުވެސް ޝައުޤުވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.