ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މުވައްޒަފުން މުސާރައިގެ މައްސަލައިގައި މިއަދު ހުޅުމާލޭގައި މުޒާހަރާ ކޮށްފައިވާއިރު، މީގެ ކުރިންވެސް އެމީހުންގެ ޙައްޤުތައް ހޯދުމަށް އެކިފަހަރުމަތިން އަޑުއުފުލާފައި ވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި، ފުލުހުންގެ ވެހިކަލަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހަކަށް ދީފައިވާ ހަމަލާ / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

ފުލުހުންގެ ވެހިކަލްގެ ފަހަތު ބިއްލޫރިގަނޑު ތަޅާލާފައި / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

މި ނޫހަށް މަޢުލޫމާތު ދެމުން މިއަދު ހިނގި މުޒާހަރާގެ މަންޒަރު ދުށް މީހަކު ބުނިގޮތުގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ސުލްޙަވެރިކަމާއެކު އެމީހުންގެ ހައްގުތައް ހޯދުމަށް އަޑުއުފުލަމުން ދަނިކޮށް، ޙާލަތު ގޯސްވީ އެތަނަށް ފުލުހުން ދިޔަ ފަހުން ހިނގި ކުރިމަތިލުމަކަށް ފަހުގައި ކަމަށެވެ. ބިދޭސީ މުވައްޒަފުންތައް ފުލުހުންނާ ދިމާލަށް އޮށްގަލާ، ދަގަނޑު ޓައްޕާއި، ބާލިދީ ފަދަ ތަކެތި އުކާފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ. މުނިއަވަސް ޓީމުން އެ ސަރަހައްދަށް ދިޔައިރު، މުޒާހަރާ ކުރި ބިދޭސީން ފުލުހުންނާ ދިމާލަށް އުކާފައިވާ ތަކެތި މަގުމަތީގައި ހުއްޓެވެ.

ފުލުހުންނާ ދިމާލަށް އުކާފައިވާ ބައެއް ތަކެތި / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

މުޒާހަރާ ކުރި ބިދޭސީންތައް އެމީހުންގެ ޝުޢޫރުތައް ގަނޑުތަކުގައި ލިޔެ އެމީހުން ތިބި ސައިޓުގައި އެހެން މީހުންނަށް ފެންނާނެހެން ހަރުކޮށްފައި ހުއްޓެވެ. އެ ގަނޑުތަކުގައި ލިޔެފައި ވަނީ އެމީހުންގެ މުސާރަ ދިނުމަށާއި، ވަޒީފާގައި އުޅެން އިތުރަށް ބޭނުންނުވާ ކަމަށާއި، އެމީހުން ގައުމަށް ފޮނުވައި ދިނުމަށެވެ. 

ބިދޭސީން ފާޅުކޮށްފައިވާ ޝުޢޫރުތައް / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

މިހާރު މުޒާހަރާ ހަމަޔަކަށް އަޅުވާފައި ވާއިރު، 41 ބިދޭސީން މިވަގުތާ ހަމައަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބާކީ ތިބި ބިދޭސީ މުވައްޒަފުން އެމީހުން ދިރިއުޅޭ ސައިޓް ތެރޭގައި ތިބިއިރު، އަދިވެސް، ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

ބިދޭސީންގެ ލީޑަރުކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ: ހުސެއިން ޒާއިފް، މުނިއަވަސް

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދީފައިނުވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ކުރި މުޒާހަރާ އަށް ފަހު، ކޮންމެ މީހަކަށް ވެސް 1600  ރުފިޔާ ދީފައިވާކަމަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނެފައިވެއެވެ. ފްލެޓްތަކުގެ މަސައްކަތުގައި ގާތްގަނޑަކަށް 600 މީހުން އުޅޭއިރު، އޭގެތެރެއިން 300 އެއްހާ މީހުން އެ ކުންފުނީގެ ވަޒީފާއިން އަމިއްލައަށް ވަކިވެފައިވާ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ގައުމަށް ދާން ކަމަށާއި، ގިނަ މީހުންގެ ވިސާގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އެމީހާ ބުނެފައިވެއެވެ. އެމީހުން ދިރިއުޅޭ ތަނުގެ ޙާލަތު ވެސް ވަރަށް ދަށް ކަމަށާއި، އަނބިދަރީންނާ، އާއިލާ އަށް ޚަރަދުކުރަން ލާރި ނުފޮނުވޭތީ، އެމީހުން ވެސް ތިބީ ވަރަށް ދަތި ހާލުގައި ކަމަށް ވަރަށް އަސަރާއެކު އެމީހާ ކިޔައިދިނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.